By: Ahmed Jaishan
މާވެލް އިން ނެރޭ ކޮންމެ ފިލްމަކީ ބޮޑެތި ހިޓުތަކަށް ވާނެ ކަމުގެ ޔަގީންކަން އޮންނަ ފިލްމުތަކެވެ. ބެލުންތެރިންގެ އިތުރުން ކްރިޓީކުންނަށް ވެސް ގިނަ ފަހަރަށް މާވެލްގެ ފިލްމުތަށް ވަރަށް ކަމުދެ އެވެ. އަދި މާވެލް ޔުނިވާސްގެ އާ ސުޕަހީރޯތަކުގެ މުޅިން އާ ފިލްމު "އިޓާނަލްސް" އިއުލާނު ކުރުމުން އެތައް ބައެއްގެ އުއްމީދު ހުރީ މި ފިލްމު ވެސް ވެގެން ދާނީ ބޮޑު ހިޓަކަށެވެ.
ފިލްމު އެޅުވުމުގެ ކުރިން ފިލްމުގެ ހައިޕް ވަރަށް ބޮޑުވި އެވެ. ހީ ވެސް ނުކުރާ ވަރަށް ގިނަ ބައެއްގެ އުއްމީދުތައް އޮތީ އެ ފިލްމަށެވެ. ނަމަވެސް އެންމެ ފަހުން ފިލްމު އެޅުވުމުން ރިވިއުތައް އަތުވެއްޖެ އެވެ. ރިވިއުތައް ވަރަށް ގޯހެވެ. މިއީ މާވެލްގެ އެންމެ ގޯސް ފިލްމު ކަމަށް ވެސް އެތައް ބަޔަކު އެބަ ކިޔަ އެވެ. މިވީ ކިހިނެއް ހެއްޔެވެ؟
.
އިޓާނަލްސް އަކީ މާވެލް އިން މި ފަހުން ނެރޭ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އެއް ފިލްމެވެ. ފިލްމުގައި އޭ ލިސްޓު ގިނަ ތަރިންތައް ހިމެނޭއިރު އޮސްކާ އެވޯޑް ކާމިޔާބުކުރި ކްލޯއީ ޖާއޯ، ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖެއްސުމުން ފިލްމަށް އޮތް އުއްމީދުތައް އެތައް ގުނައެއް އިތުރުވެގެން ދިޔަ އެވެ. އަދި ފިލްމުގެ ޓްރެއިލާތަކުން ވެސް ފިލްމު ވަރަށް ވަރުގަދަވާނެ ކަމުގެ އިޝާރާތްތައް ކުރި އެވެ.
އެކަމަކު މި ހުރިހާ ކަމެއް ފެނަށް ދިޔައީ ކްރިޓީކުންނަށް ފިލްމު ދެއްކި ހިސާބުންނެވެ. ގިނަ ބަޔަކަށް ފިލްމު ހަމަ އެއްގޮތަކަށް ވެސް ކަމަކު ނުދިޔަ އެވެ. ރޮޓެން ޓޮމާޓޯ ލިސްޓުގެ ކްރިޓީކުންގެ ރިވިއުއަށް އެ ފިލްމަށް ލިބިފައިވަނީ އެންމެ 33 ޕަސެންޓެވެ. އެއީ މިހާތަނަށް މާވެލްގެ ފިލްމަކަށް ލިބުނު އެންމެ ދަށް އަދަދެވެ. މި ހުރިހާ ކަމެއްގެ ވެސް ހަމައެކަނި އުފާވެރި ހަބަރަކީ އޯޑިއެންސްގެ ބަލައިގަތުމެވެ. އޯޑިއެންސުންގެ ރިވިއުގައި ފިލްމަށް 81 ޕަސެންޓް ވަނީ ލިބިފަ އެވެ. މިއީ ވަރަށް ބޮޑު ފަރަގެކެވެ. މާވެލްގެ ފިލްމަކަށް މިހެން މިވީ ކީއްވެ ހެއްޔެވެ؟
ކްރިޓީކުންގެ އެންމެ ބޮޑު އެއް މައްސަލައަކީ އިޓާނަލްސްގެ ކެރެކްޓަރުންތަކުގެ މައްސަލަ އެވެ. ހުރިހާ ކެރެކްޓަރުން ވެސް ޑިވިލޮޕްކޮށްފައިވާ މިންވަރު ވަރަށް ކުޑަ އެވެ. ޖާއޯ އަކީ ވަރަށް ފުރިހަމައަށް ކެރެކްޓަރުން ސްކްރީނަށް ގެނައުމަށް ފާހަގަކުރެވޭ ޑައިރެކްޓަރެކެވެ. އެކަން ފިލްމުން ވެސް ފެނިގެން ދެ އެވެ. ހުރިހާ ކެރެކްޓަރުން ވެސް ވަރަށް "ތްރީ ޑައިމެންޝަން" އެވެ. އަދި އެއްވެސް ހާލަތެއްގައި ކެރެކްޓަރުތައް ފޭކު ހެނެއް ހިޔެއް ނުވެ އެވެ. ނަމަވެސް ފިލްމު އުނދަގު ވެގެންދިޔައީ މާ ގިނަ އާ ކެރެކްޓަރުންތަކެއް ހިމެނުމެވެ. ގިނަ ކެރެކްޓަރުންތަކަކަށް އަލި އަޅުވާލަން ޖެހުމުގެ ސަބަބުން ހުރިހާ ކެރެކްޓަރުންނަށް ދެވެންވާ ސްކްރީންޓައިމް ނުދެވި ކެރެކްޓަރުތަކުގެ ފުރިހަމަ ކަމަށް އުނިކަން ވަނީ އައިސްފަ އެވެ. ކެރެކްޓަރުތައް ފުރިހަމަ ނުވުމަކީ ފިލްމުގެ އެންމެ ބޮޑު ބަލި ފައެވެ.
.
އޭގެ އިތުރުން ފިލްމުގެ ޓްރެއިލާ އާ އެއްވަރަށް ފިލްމުގައި އެކި ކަހަލަ އެކްޝަން ނެތުމަކީ ވެސް ފިލްމު ގޯސް ކަމަށް ބުނާ އެއް ސަބަބެވެ. ކްރިޓީކުން އުއްމީދު ކުރި ވަރަށް ވުރެ ފިލްމު މާ ބޮޑަށް "ތާފަނާ" ކަމަށް އެތައް ކްރިޓީކުން ބުނެ އެވެ.
ކޮންމެއަކަސް އިޓާނަލްސް ވެފައި މިއޮތީ އެތައް އުއްމީދުތަކަކަށް ފެން އަޅާލި ފިލްމަކަށެވެ. އެއީ ކްރިޓީކުން ދެކޭގޮތެވެ. ނަމަވެސް ފޭނުންގެ ވިސްނުން މިކަމާ ތަފާތު ކަމަށް ބުނެ އެވެ. ރާއްޖޭގައި ވެސް އިޓާނަލްސް މިހާރު ވަނީ އަޅުވަން ފަށާފަ އެވެ. ދިވެހި މާވެލް ފޭނުންގެ ހިޔާލުތައް މި ފިލްމަށް ހުރީ ކިހިނެއް ހެއްޔެވެ؟