24 Nov 2021

By: Ahmed Jaishan

ފިލްމެއްގެ ރަހަ ހެޔޮވަރުކޮށް އޭގައި ކޮންފްލިކްޓް އުފައްދައި ފޫހި ފިލުވައިދޭ އެންމެ ބޮޑު ކެރެކްޓާ އަކީ ވިލަން އެވެ. ދިވެހި ފިލްމު އިންޑަސްޓްރީގެ ތާރީހުގައި ވެސް ވަނީ ވަރުގަދަ ވިލަނުން ފެނިފަ އެވެ.

މިއީ ދިވެހި ސިނަމާގައި މި ފަހަކަށް ފެނުނު ފިލްމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ވިލަނުންނަށް ހާއްސަ ސެގްމެންޓެކެވެ. މި ހަފްތާ ހާއްސަވަނީ ވާސަޓައިލް އެކްޓަރު ފާތިމަތު އާޒިފާ (އަޒޫ) އަށެވެ.

އަޒޫ އިންޑަސްޓްރީއަށް ނުކުތީ 2009 ވަނަ އަހަރު ނެރުނު ތްރިލާ ފިލްމު "ހެޕީ ބާތުޑޭ" އާ އެކުގަ އެވެ. އޭގެ ކުރީން ވެސް އަޒޫއަކީ ކެމެރާއަށް ފަރިތަ އެކްޓަރެކެވެ. ބައެއް ޓީވީ ޑްރާމާތަކުން ވެސް އަޒޫވަނީ އޭގެ ކުރިން ފެނިފަ އެވެ.

އިންޑަސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުނު އިރު އަޒޫ ވަނީ ތަފާތު އެކި ރޯލުތަކުން ފެނިފަ އެވެ. ގިނައިން ސަޕޯޓިން ރޯލުތަކުން އޭނާ ފެނުނަސް މި ފަހުން ވަނީ ވަރަށް ތަފާތު ރޯލުތަކުން ފެނިފަ އެވެ. އެއިން އެންމެ ފާހަގަކޮށްލެވޭ ރޯލަކީ އޭނާގެ ވިލަން ރޯލުތަކެވެ.

ވިލަންގެ ރޯލުތަކަށް ކުޅަދާނަ އާޒިފާ. -- ފޮޓޯ: މިހާރު

ވިލަންގެ ރޯލަކުން އެންމެ އަޒޫ އެންމެ މޮޅަށް ފެނުނު އެއް ފިލްމަކީ 2017 ވަނަ އަހަރު ނެރުނު ފާތުމަތު ނަހުލާގެ "ބޮސް" އެވެ. ފިލްމުގެ ލީޑް އެކްޓަރުންގެ ބަދަލުގައި ގިނަ ބަޔަކު ދެއްކީ ވިލަންގެ ރޯލުން ފެނުނު އަޒޫގެ ވާހަކަ އެވެ.

ބޮސް ގައި އަޒޫ ކުޅެފައިވަނީ "ޖޫން" ނަމަށް ކިޔާ ކެރެކްޓަރެއްގެ ރޯލެވެ. ގިނަ ބަޔަކަށް ޖޫންގެ ކެރެކްޓާ ދެކެ އާދެވުނީ އާދައިގެ ރުޅިއެއް ނޫނެވެ. އޭނާގެ ރޯލު އަޒޫ ކުޅެލީ އެހާ "ކޮންވިންސިން" ކޮށެވެ.

ބޮސްގެ އިތުރުން ވެސް އަޒޫ ވަނީ އެކި ފިލްމުތަކުން ވިލަންގެ ރޯލުން ފެނިފަ އެވެ. "ނޯޓީ40" ގައި ވެސް އޭނާ ވަނީ ވިލަން އެއްގެ ރޯލު ކުޅެފަ އެވެ. އޭގައި ވެސް އަޒޫ ވަނީ އޭނާ އަކީ ކޮންމެ ކަހަލަ ރޯލަކަށް ވެސް ފިޓު އެކްޓަރެއްކަން ސާބިތު ކޮށްދީފަ އެވެ.

*******

ކަވަ ފޮޓޯ: މަސްރަހު

ދިވެހި ފިލްމް އިންޑަސްޓްރީ އެކްޓްކުރުން ސިނަމާ

Popular