17 Aug 2022

By: Ahmed Jaishan

ސެލެބްރިޓީންގެ މެދުގައި ހިނގާ ހަމަނުޖެހުމަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބެ އެވެ. ރާއްޖޭގެ ތަރީންގެ ދެމެދުގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު އެއް ހަމަނުޖެހުމަކީ ނެށުންތެރިޔާ ސުނީތާ އަލީ އާއި އެކްޓަރު ނިއުމާ މުހައްމަދާއި ބައެއް އެކްޓަރުންނާ މެދު ހިނގި ހަމަނުޖެހުމެވެ.

ބައެއްގެ ފާޑު ކިޔުމަކަށް އަޑުއެހުމެއް ނެތި ސުނީތާ އެންމެ ޕަބްލިކްކޮށް ވާހަކަ ދައްކަމުން ދިޔައީ އޭނާ އަކީ އެކްޓަރު ޕްރިޔަންކާ ޗޯޕްރާގެ ބޮޑު ފޭނެއް ކަމަށް ބުނެ އެވެ. އެންމެ ފަހުން 2014 ވަނަ އަހަރުގެ ފަހުކޮޅު ސުނީތާ ވަނީ ފުރަތަމަ ފަހަރަށް ޕްރިޔަންކާއާ ބައްދަލު ވެސް ވެފަ އެވެ.

ނަމަވެސް އޭގެ ދުވަސްކޮޅެއް ކުރީން ދައުރުވާން ފެށީ ދިވެހި ތަރީންތަކެއްގެ އޯޑިއޯއެކެވެ. މަޝްހޫރު ގިނަ ތަރީންތަކެއް އެ އޯޑިއޯގައި ހިމެނޭއިރު ގިނަ ބަޔަކަށް ފާހަގަކުރެވުނީ ނިއުމާ އެވެ. މި އޯޑިއޯގައި ސުނީތާއަށް ވަރަށް ހުތުރުކޮށް ބަސްތައް ރައްދުކޮށް މަލާމާތްކުރެ އެވެ.

އޯޑިއޯ ލީކުވުމާ އެކު ގިނަ ބަޔަކު ސުނީތާއާ އެއްކޮޅަށް އަރައި އޭނާއަށް ސަޕޯޓުކުރަން ފެށި އެވެ. ނަމަވެސް އޯޑިއޯއާ ގުޅޭގޮތުން އެއްވެސް ތަރިއަކު އެއްޗެކޭ ނުބުނެ އެވެ. ސުނީތާ ގާތުން މާފަށް އެދުމަށް ނިއުމާގެ ފޭނުން ވެސް ގޮވާލި އެވެ. ނަމަވެސް އެއިން އެކަކު ވެސް އާންމުކޮށް މާފަށް އެދިފައެއް ނުވެ އެވެ.

އޯޑިއޯއަށް ފަހު ސުނީތާ މިއިން އެއްވެސް ތަރިއަކާ އެކު ނުވެސް ފެނެ އެވެ. ނަމަވެސް ދާދިފަހުން ނިއުމާ ވަނީ ސުނީތާއާ އެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ލައިފަ އެވެ.

މި ސެލްފީގެ ކެޕްޝަނަކަށް ނިއުމާ ލިޔެފައި އޮތީ "ސުނީ އާއެކު ވަގުތު ކޮޅެއް" ކަމަށެވެ. މި ފޮޓޯއާ ބެހޭ ގޮތުން ނިއުމާ އަދި ސުނީޔާ ވެސް އަދި އެއްވެސް އެއްޗެކޭ ނުބުނެ އެވެ. ސުނީތާއާ ސުވާލުކުރުމުން ވެސް އެކަމާ ވާހަކައެއް ނުދެއްކި އެވެ.

އެހެންވީމާ ދެ މީހުންގެ އޮތް ހަމަނުޖެހުން އެއްފަރާތްކޮށްފައި އެކަން ހަނދާން ނައްތާލީ ހެއްޔެވެ؟

ނިއުމާ މުހައްމަދު ސެލެބްރިޓީން ސުނީތާ އަލީ

Popular