23 May 2020

By: Ifraz Ali

ދިވެހިންގެ މެދުގައި ވެސް އެންމެ މަގުބޫލު ސްޕެނިޝް ޑްރާމާ "މަނީ ހައިސްޓް" ގެ އެންމެ ހާއްސަ އެއް ކެރެކްޓާ، ނައިރޯބީ (އެކްޓްރެސް އެލްބާ ފްލޯރިސް) އެންމެ ފަހު ސީޒަންގައި ވަނީ މަރުވެފަ އެވެ. ނައިރޯބީ މަރުވުމުން އެކަމުގެ ހިތާމާގައި ފޭނުން ތިއްބައި، އޭނާ މީގެ އަހަރުތަކެއް ކުރިން ކުޅުނު ފިލްމަކަށް މިހާރު ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފަ އެވެ.

ހާއްސަކޮށް މި ފިލްމުގައި އޭނާ އިންޑިއާ މީހެއްގެ ރޯލު ކުޅުމުންނެވެ.

މީގެ ހަތް އަހަރު ކުރިން ނުކުތް، މި ސްޕެނިޝް ފިލްމަށް ކިޔަނީ "ވިންސެންޓޭ ފެރާރް" އެވެ. އެލްބާ ކުޅުނީ ޓެލުގޫ އަންހެނެއްގެ ރޯލެވެ. މި ފިލްމުގައި އޭނާ ފެނުނު ބައެއް މަންޒަރުތައް ވަނީ ވައިރަލްވެފަ އެވެ. އަދި މި ފިލްމުގައި އޭނާ ވާހަކަދައްކަނީ ވެސް ޓެލުގޫ ބަހުންނެވެ.

ކޮންމެ ކަހަލަ ރޯލެއް ލިބުނު ނަމަވެސް، އެލްބާގެ މޮޅުކަން ފެންނަ ކަމަށް ބުނެ ބައެއް ފޭނުން އަންނަނީ އޭނާ އަށް ތައުރީފު އޮއްސަމުންނެވެ.

ސްޕެނިޝް ފިލްމު "ވިންސެންޓޭ ފެރާރް" ގައި އެލްބާ ކުޅުނު ބައެއް މަންޒަރުތައް.

އެލްބާ އަކީ "މަނީ ހައިސްޓް" ގެ ފުރަތަމަ ސީޒަނުން ފަށައިގެން ވެސް އެ ޑްރާމާގެ މުހިންމު ކެރެކްޓާއެކެވެ. އެކަމަކު އެންމެ ފަހުން ސީޒަންގައި އޭނާ މަރުވެފައި ވާތީ، ކުރިއަށް އޮތް ސީޒަންތަކުގައި އޭނާ ނުފެންނާ އެވެ. އެކަމަކު ބައެއް ފޭނުން ބުނަނީ މި ޑްރާމާގެ ހުރިހާ ސީޒަނެއްގައި ވެސް އާންމުކޮށް ދައްކާ "ފުލްޝްބެކް" މަންޒަރުތަކުން އަދިވެސް އޭނާ ފެނުމުގެ ފުރުސަތު އެބަ އޮތެވެ.

ސްޕެއިން ފިލްމު

Popular