20 May 2020

By: Ifraz Ali

މި ދުވަސްވަރު ވަރަށް ގިނަ އާ ޓީވީ ސީރީޒްތައް އެބަ ނުކުމެވެ. މީގެ ތެރެއިން ގިނަ ޝޯތަކަށް ވަރަށް ބޮޑު ތަރުހީބެއް ވެސް އަންނަނީ ލިބެމުންނެވެ. އެހެންވެ މި ބެލީ މިހާރު ބަލާނެ ބައެއް ޓީވީ ސީރީޒްތަކުގެ ލިސްޓެއް ތައްޔާރުކޮށްލެވޭތޯ އެވެ. މި ލިސްޓުގައި މި ހުރީ އައިއެމްބީޑީ އާއި ރޮޓެން ޓޮމާޓޯގައި ހުރި އެންމެ މަތީ ރޭޓިންތަކުގެ ސީރީޒްތަކާއި ބައެއް އަމިއްލަ ފޭވަރިޓްސްތަކެވެ.

ޑެޑް ޓު މީ

"ޑެޑް ޓު މީ" ސީޒަން ދޭއްގެ ޓްރެއިލާ.

މިހާރު އެންމެ ރޭޓިން މަތި ސީރީޒަކީ މި އެވެ. ދެ ސީޒަނެއް ހިމެނޭ، ޑާކް ކޮމެޑީ ކްރައިމް މި ސީރީޒްގެ އާ ސީޒަން ނެޓްފްލިކްސް އިން ސްޓްރީމިން އަށް ދޫކޮށްލީ ވަރަށް ފަހުންނެވެ. މި ސީރީޒްގައި ދައްކަނީ ހުވަފަތްވެފައިވާ އަންހެނަކު، ހިޓް އެންޑް ރަން ކާރު އެކްސިޑެންޓެއްގައި އޭނާގެ ފިރިމީހާ މަރާލި މީހާ ހޯދުމަށް އުޅޭ އުޅުމުގެ ތެރޭގައި ދިމާވާ ތަފާތު މީހެއްގެ ސަބަބުން އޭނާގެ ދިރިއުޅުމަށް އަންނަ ބަދަލުތަކެވެ.

އައި ނޯ ދިސް މަޗް އިޒް ޓްރޫ

"އައި ނޯ ދިސް މަޗް އިޒް ޓްރޫ" ގެ ޓްރެއިލާ.

އެޗްބީއޯގެ މި ސީރީޒްގައި ދައްކަނީ 20 ވަނަ ގަރުނުގައި ހިނގާ ކަމެކެވެ. ވަރަށް ވައްތަރު އެއްމާބަނޑު ދެބެއިންގެ ދިރިއުޅުމުގައި އެމީހުނަށް ލިބޭ ދޯކާ އާއި އެމީހުން ވާ ގުރުބާނީތަކާއި އަދި މައާފުކުރުމުގެ ތަފާތު ވާހަކައެކެވެ. ޖުމްލަ ހަތަރު އެޕިސޯޑް ހިމެނޭ މި ސީރީޒްގެ ދެ އެޕިސޯޑެއް މިހާރު ވަނީ ދައްކާފަ އެވެ. ލީޑުން ފެންނަނީ މާކް ރަފުލޯ އާއި ޖޫލިއެޓް ލުވިސް އެވެ.

އިން ޓު ދި ނައިޓް

"އިން ޓު ދި ނައިޓް" ގެ ޓްރެއިލާ.

ޕޯސްޓް އެޕޮކްލިޕްޓިކް ޕިކްޝަންގެ މި ފްރެންޗް ޑްރާމާގައި ދައްކަނީ ކުއްލިއަކަށް އިރުގެ ހޫނު އިންތިހާއަށް ގަދަވެ އިންސާނުންނަށް ދުނިޔޭގެ ދިރިނޫޅެވޭ ވަރުވާ ތަނެވެ. އެކަމަކު މި ކާރިސާއިން ސަލަމާތްވާ އިންސާނުން ތިބެނީ މަތިންދާބޯޓެއްގަ އެވެ. އިރުން ލިބޭ ހޫނުން ސަލާމަތްވުމަށް، ރައްކާތެރި މާހައުލެއް ހޯދަން އެމީހުންނަށް ޖެހެނީ ރޭގަނޑު ދަތުރުތައް ކުރާށެވެ. ނެޓްފްލިކްސްގެ މި ޑްރާމާގައި ހަ އެޕިސޯޑެއް ހިމެނެ އެވެ.

ލިޓުލް އެމެރިކާ

"ލިޓުލް އެމެރިކާ" ގެ ޓްރެއިލާ.

އެޕަލް ޓީވީ ޕްލަސްގެ މި އެންތޮލޮޖީ ސީރީޒްގައި ދައްކަނީ އެމެރިކާ އަށް ދިރިއުޅުން ބަދަލުކޮށްފައިވާ އެހެން ގައުމުތަކުގެ މީހުންގެ ދިރިއުޅުމާއި ގުޅޭ މަޖާ، ލޯބީގެ، އަސަރުގަދަ، އުފާވެރި އަދި ހައިރާންވާ ކަހަލަ ވާހަކަތަކެވެ. މީގެ އަށް އެޕިސޯޑެއް ބަލައިލަން ލިބޭނެ އެވެ.

ކްރެޝް ލޭންޑިން އޮން ޔޫ

"ކްރެޝް ލޭންޑިން އޮން ޔޫ" ގެ ޓްރެއިލާ.

ނެޓްފްލިކްސް މިހާރު އެންމެ ހިނގާ ކޮރެއާ ޑްރާމާތަކުގެ ތެރޭގައި މި ސީރީޒް ހިމެނެ އެވެ. ދެކުނު ކޮރެއާގެ ވިޔަފާރީވެރި އަންހެނަކު ޕެރަގްލައިޑިންއެއް އުދުއްސަނިކޮށް އެކްސިޑެންޓެއްވެ، އުތުރު ކޮރެއާގެ ފަސްގަނޑަށް ވެއްޓެ އެވެ. އެ ހިސާބުން އޭނާއާ ދިމާވާ އުތުރު ކޮރެއާގެ ސިފައިންގެ މީހަކު ރައްކާތެރިކަމާ އެކު އޭނާ އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރާ މަސައްކަތް ދައްކަ އެވެ. ދެ ކޮރެއާގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައި އޮންނަ ހަމަނުޖެހުމުގެ ސަބަބުން އެއީ ފަސޭހަ ކަމަކަށް ނުވެ އެވެ. މި ކަންތަކުގެ ތެރޭގައި އުޅެނިކޮށް އެ ދެމީހުނަށް އެކަކު އަނެކަކު ދެކެ ލޯބިވެވެ އެވެ.

ހޮލީވުޑް

"ހޮލީވުޑް" ގެ ޓްރެއިލާ.

ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު، ހޮލީވުޑްގެ ކާމިޔާބު އެކްޓަރުންނާއި ފިލްމު އުފެއްދުންތެރިންނަށް ވުމަށް މަސައްކަތް ކުރާ ބަޔަކު، އެމީހުންގެ އެ ހުވަފެން ހަގީގަތަކަށް ހެދުމަށް އުނދަގޫ ދަތުރެއް ކުރެ އެވެ. ނެޓްފްލިކްސް އިން ސްޓްރީމް ކުރެވޭ، އެމެރިކާގެ ސްކްރީންރައިޓާ ރަޔަން މާފީގެ މި ސީރީޒްގައި ހަތް އެޕިސޯޑް ހިމެނެ އެވެ.

އައުޓާ ބޭންކްސް

"އައުޓާ ބޭންކްސް" ޓްރެއިލާ.

ފުރާވާރުގެ ހަތަރު ގާތް އެކުވެރިން އެތަނުން އެކަކުގެ ބައްޕަ ގެއްލުމުން، އޭނާގެ ބައްޕައާ ގުޅުން އޮންނަ ހަޒާނާތަކެއް ހޯދުމަށް ކުރާ ދަތުރެކެވެ. މިހާރު ނެޓްފްލިކްސް އިން މި ސީރީޒް ބަލައިލެވޭނެ އެވެ.

ޕާޓަލް ލޮކް

"ޕާޓަލް ލޮކް" ގެ ޓްރެއިލާ.

އެމެޒޯން ޕްރައިމް ވީޑިއޯގެ މި ސީރީޒް ހާއްސަ ވަނީ އިންޑިއާގެ އާދައިގެ ފުލުހަކު ހަވާލުވާ ބޮޑު އޮޕަރޭޝަނެއްގެ މައްޗަށެވެ. މަޝްހޫރު ނޫސްވެރިއަކު މަރާލުމުގެ މަސައްކަތަކާ ހަވާލުވާ ހަތަރު މީހެއްގެ ކުރީގެ ވާހަކަތަކާއި ސިޔާސީ ކަންތައްތަކެއް ފަހަތުގައި އޮވެގެން ހިންގާ ބޮޑު އެޖެންޑާއެއް މި ސީރިޒްގައި ދައްކައިދެ އެވެ. މި ސީރީޒްގައި ކިޔައިދޭ އަނެއް ވާހަކަ އަކީ އިންސާނުން ދުނިޔެ މަތީގައި ބެހިފައިވާ ތިން ގިންތި އާއި އޭގެ ގުޅުންތައް ހިނގާ ގޮތެވެ. މިއީ މަޝްހޫރު އެކްޓްރެސް އަނުޝްކާ ޝަރްމާގެ ޕްރޮޑަކްޝަން ހައުސްގެ އަލަތު ސީރީޒް އެވެ. މި ސީރީޒްއަށް އިންޑިއާގެ ވެބް ސީރީޒް އޯޑިއަންސްގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ފުރަތަމަ ސީޒަންގެ ކާމިޔާބީއާ އެކު މިހާރު ދެ ވަނަ ސީޒަންގެ މަސައްކަތްތައް ވެސް ފަށާފައިވާ ކަމަށްވެ އެވެ.

ހޮލީވުޑް އެޕަލް ޓީވީ ސިލްސިލާ

Popular