30 Jun 2020

By: Ifraz Ali

ރާހީ އަނިލް ބާވް އާއި އަނަންދު ގާންދީ ޑައިރެކްޓުކޮށް، 2018ގައި ގެނެސްދިން ފިތްކަނޑައިގެންދާ ވަރުގެ ބިރުވެރި ފިލްމެއް ކަމަށްވާ "ތުންބާޑް" އާ ވާދަކޮށްލެވޭ ވަރުގެ ބިރުވެރި ފިލްމެއް އަދިވެސް ބޮލީވުޑަށް ނާންނަ ކަމަށް ކުރިން ވެސް ބުނީމެވެ. އެކަމަކު ނެޓްފްލިކްސް އާއި ބޮލީވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރުމާގެ އަމިއްލަ ޕްރޮޑަކްޝަން "ކްލީން ސްލޭޓް ފިލްމްޒް" ގުޅިގެން، ނިމުނު ހަފުތާގައި ވަނީ އެ ފިލްމާ ވާދަކުރެވޭ ފެންވަރުގެ ވަރުގަދަ ފިލްމެއް އުފައްދައި، ސްޓްރީމިން އަށް ދޫކޮށްލައިފަ އެވެ.

ފިލްމުގެ ނަމަކީ "ބުލްބުލް" އެވެ. ޖަންގައްޔެއްގެ ތެރޭގައި އުޅޭ، "ފައި ފުރަގަހަށް" ހުންނަ ހަންޑިއެއްގެ ވާހަކަ އެވެ. މާ ބޮޑު ބިރުވެރި ކަމެއް ނެތަސް، މީގައި ދޭ މެސެޖާއި ދައްކާ މަންޒަރުތަކުން މިއީ މާ ތަފާތު ބިރުވެރި ފިލްމެކެވެ.

ގަޑިއިރަކާއި 34 މިނެޓުގެ މި ފިލްމު ބަލަމުންދިޔައިރު، ކުޑަ ހިނދުކޮޅަކަށް ވެސް މެދުކަނޑާނުލައި ބަލަން އިނދެވުމުން، މިއީ މޮޅު ފިލްމެއްކަން ޔަގީން ވެއްޖެ އެވެ. މުޅިން އާ ޑައިރެކްޓަރެއް ކަމަށްވާ އަންވިތާ ދަތު ގެނެސްދިން، މި ފިލްމުގެ ވަގުތު ދިޔަ ގޮތް ވެސް ނޭނގުނެވެ. ސްކްރީންރައިޓަރެއް އަދި ލިރިސިސްޓެއްގެ ގޮތުގައި ކުރިން މަޝްހޫރު އަންވިތާ ވަނީ އަނުކްޝާގެ ކުރީގެ ބިރުވެރި ފިލްމު "ޕަރީ" އާއި ކަންގަނާ ރަނާއުތުގެ "ކުއީން" ގެ ޑައިލޮގުތައް ލިޔެފަ އެވެ.

🚨 ސްޕޮއިލާ އެލާޓް 🚨

މި ފިލްމުގައި ވަނީ ކިހިނެއް؟

އަންވިތާ ސްކްރީޕްލޭ ވެސް ލިޔުނު "ބުލްބުލް" އަކީ ތަފާތު ބިރުވެރި ފިލްމެކޭ މި ބުނީ މިއީ ހަންޑިއެއްގެ ވާހަކައަކަށް ވީ ނަމަވެސް، މީގެ އަސްލު ބިރުވެރިކަން ގުޅިފައި ވަނީ ހަމައެކަނި އޭނާއާ ނޫން ވީމަ އެވެ. އަދި ޖިންނިއަކާ ވެސް ނޫނެވެ. މީގެ އަސްލު ބިރުވެރިކަން ގުޅިފައި ވަނީ މުޖުތަމައުގެ ތެރޭގައި އަންހެނުންނަށް ކުރިމަތިވެފައިވާ ބައެއް އަނިޔާތަކާއި ފިރިހެނުންގެ ފަރާތުން އަންހެނުންނަށް ލިބޭ އަނިޔާތަކަށެވެ.

"ބުލްބުލް" ގެ ޓްރެއިލާ.

ފިލްމު ފެށެނީ 1881 ވަނަ އަހަރު، އިންޑިއާގެ ބެންގަލޫރުންނެވެ. ބުލްބުލް ކިޔާ ކުޑަކުއްޖަކާ، ބަޅީ ޓާކުރް (ރާހުލް ބޯސް) ކިޔާ ބޮޑު ފިރިހެނަކާ ދެވަ އެވެ. ކައިވެނި ކުރުވައިގެން އެ ފިރިހެން މީހާގެ ރަށަށް އެނބުރި ދާ ފަހުން، ބުލްބުލް އާއި ބަޅީ ޓާކުރްގެ ކޮއްކޮ، ސަތިޔާއާ ދެމެދުގައި ހާއްސަ ގުޅުމެއް އުފެދެ އެވެ. އެ ގުޅުން މާ ހާއްސަވީ އުމުރުގެ ގޮތުން އެމީހުންގެ ފަރަގު ކުޑަ ވީމަ ކަމަށް ދައްކަ އެވެ.

އެ ރަށުގެ ޖަންގަލީގެ ބޯ ގަސްތަކުގެ ތެރޭގައި "ފައި ފުރަގަހަށް" ހުންނަ ހަންޑިއެއް އުޅޭ ވާހަކަ ބުލްބުލް އަށް ފުރަތަމަ ކިޔައިދެނީ ވެސް ސަތިޔާ އެވެ.

ކައިވެނީގެ 20 އަހަރު ފަސް ދައްކާއިރު، ބުލްބުލް (ޓްރިޕްތީ ދިމްރީ) އާއި ސަތިޔާ (އަވީނާޝް ތިވާރީ) އާ ދެމެދު މާ ހާއްސަ ގުޅުމެއް އޮންނަނީ އުފެދިފަ އެވެ. މިކަމާއި ހިތްހަމަނުޖެހި ބުލްބުލްގެ ފިރިމީހާ، ބަޅީ ޓާކުރް ސަތިޔާ ލަންޑަނަށް ފުރުވާލަ އެވެ. އޭނާ ފޮނުވާލަނީ ކިޔަވަން ދާށޭ ކިޔައިފަ އެވެ.

"ބުލްބުލް" ގެ މަންޒަރެއްގައި ޓްރިޕްތީ ދިމްރީ.

ކިޔަވައި ނިންމައިގެން، ސަތިޔާ ލަންޑަނުން އެނބުރި އަންނަނީ އޭގެ ފަސް އަހަރު ފަހުންނެވެ. އޭނާ އަންނަ ހިސާބުން ދިމާވާ ކަންތައްތައް ދެން ދައްކަ އެވެ. އޭރު ބުލްބުލް ހުންނަނީ ވަރަށް ބޮޑަށް ބަދަލުވެ އެވެ. އަދި އެއީ "ފައި ފުރަގަހަށް" ހުންނަ ހަންޑި، އެ ރަށުގެ ވަރަށް ގިނަ ފިރިހެނުން މަރާ ދުވަސްވަރެކެވެ. މިކަމުގެ ހަގީގަތް ހޯދަން ސަތިޔާ އުޅެ އެވެ. އެ ވާހަކަތައް އޭނާ އަށް މިހާރު ގަބޫލު ނުކުރެވޭތީ އެވެ.

ފިލްމުގެ ވަކި ހިސާބަކުން، މި ފިލްމުގައި ދެން ވާނީ ކިހިނެއް ކަމާއި އަދި މީގެ އަސްލު ވާހަކަ ކޮންމެ ވެސް ވަރަކަށް ބޮލު ތެރޭގައި ތަސްވީރުކޮށްލެވުނެވެ. އަދި ކަން ވެގެން ދިޔައީ ވެސް ހަމަ ސިފަކުރެވުނު ގޮތަށެވެ. އެހެން ނަމަވެސް، އެ ވަރުން ވެސް، ފިލްމު ނިމެންދެން ފޫހިކަމެއް ނެތި ބަލަން އިނދެވުނު ސަބަބަކީ ފިލްމު ގެނެސްދީފައިވާލެއް މޮޅުވުމުން ކަމަށް ބަލަމެވެ.

"ބުލްބުލް" ގެ މަންޒަރެއްގައި އަވީނާޝް ތިވާރީ (ވ-2) އާއި ޕަރަމްބްރަތާ ޗަޓަރްޖީ (ވ-1).--

ސްކްރީންޕްލޭ، ޑައިރެކްޝަން އަދި ޕްރޮޑަކްޝަނަށް ތައުރީފު

އަނުކްޝާގެ އަމިއްލަ ޕްރޮޑަކްޝަނުން މިހާތަނަށް ގެނެސްދިން ހުރިހާ މަސައްކަތެއް ވެސް ވަރަށް ރީއްޗެވެ. ހާއްސަކޮށް އެންމެފަހުން އެމެޒޯން އިން ގެނެސްދިން ކްރައިމް ޑްރާމާ "ޕާޓަލް ލޮކް" އަކީ މާސްޓަޕީސްއެކެވެ. އެހެންވެ، މި ފިލްމަށް ކުރި އުއްމީދު ވެސް ވަރަށް ބޮޑުވި އެވެ. އެންމެ ކަމުނުދިޔަ ނަމަވެސް، ގިނަ ބަޔަކު ބަލައިގަތް އޭނާގެ ކުރީގެ ބިރުވެރި ފިލްމު "ޕަރީ" ގެ ސަބަބުން ވެސް މި ފިލްމަށް އުއްމީދުތައް ކުރެވުނެވެ.

އަންވިތާ މި ފިލްމުގެ ސްކްރީންޕްލޭ އަތުރާފައި އޮތް ގޮތާއި، ފިލްމު ފަށައިގެން ނިމެންދެން މީގެ ކޮންމެ ކެރެކްޓާއަކަށް ގެނައި ބަދަލުތައް، އޭނާގެ މޮޅު ޑައިރެކްޝަނުން ދައްކައިދިން ގޮތަކީ ފިލްމު ފުރިހަމަވުމުގެ އެންމެ ބޮޑު އެއް ސަބަބެވެ. އިމްތިޔާޒް އަލީ މިދިޔަ އަހަރު ގެނެސްދިން ބޮލީވުޑްގެ ބޮޑު ފުލޮޕް ލޯބީގެ ފިލްމު "ލައިލާ މަޖްނޫ" އިން ތައާރަފުވި، ޓްރިޕްތީ އާއި އަވީނާޝް އަށް އެމީހުންގެ އަސްލު ހުނަރު ދައްކާލަން ލިބުނު މިއީ ރަނގަޅު ފުރުސަތެކެވެ.

މި ދެ ތަރިންގެ އިތުރުން ޕައޯލީ ދާމް އާއި ރާހުލް ބޯސް ގެ ނަން ވެސް ފާހަގަކުރަން ޖެހެ އެވެ. ޕައޯލީ އާއި ރާހުލް ވެސް ފެނުނީ ވަރަށް ވަސަޓައިލް ކެރެކްޓާ އަކުންނެވެ.

"ބުލްބުލް" ގެ މަންޒަރެއްގައި ރާހުލް ބޯސް އާއި ޕައޯލީ ދާމް.

ވަރަށް ގިނަ ފިލްމުތަކަށް، ހާއްސަކޮށް ބޮލީވުޑްގެ ފަހުގެ ގިނަ އާޓް ފިލްމުތަކަށް މިއުޒިކް ކޮމްޕޯޒްކޮށްދިން އަމިތު ތުރިވޭދީގެ މިއުޒިކާއި އަންވިތާގެ ޑައިރެކްޝަނާއި ސިދާތު ދީވާންގެ މޮޅު ސިނެމަޓޯގްރެފީ އާއި ފިލްމުގެ ވީއެފްއެކްސް އާއި ސެޓާއި މޭކަޕް އަދި ކޮސްޓިއުމް ގުޅިގެން އައިރު، ބަލާ މީހަކަށް މިއީ ވަރަށް ލޮލަށް، ބޮލަށް ފަސޭހަ މަންޒަރުތަކެކެވެ. މި ފިލްމުގެ ޓައިޓަލް ސީކުއެންސްގެ މިއުޒިކް އާއި ވީއެފްއެކްސާ އަކީ ވެސް ބޮލީވުޑްގައި އަދި އެވަރުގެ ނެތް ފަދަ މަސައްކަތެކެވެ.

ފިލްމު ރިވިއު ބޮލީވުޑް ޓީވީ ސިލްސިލާ

Popular