31 Jul 2020

ދިލް ބެޗާރާ: ހުއްޓާނުލައި ރޯން އިންނަ ވަރުގެ ފިލްމެއް ނޫން

ސުޝާންތުގެ އެންމެ ފަހު ހަނދާނަކަށް ބަލައިލަން ކަމުދޭ

ސުޝާންތުގެ އެންމެ ފަހު ހަނދާނަކަށް ބަލައިލަން ކަމުދޭ

By: Ifraz Ali

ބަލައި މި ނިންމާލީ ބޮލީވުޑްގައި މިހާރު އެންމެ "ހިޓު" ވެގެން އުޅޭ ރޮމޭންޓިކް ޑްރާމާ "ދިލް ބެޗާރާ" އެވެ؛ ބަޔަކު މި ފިލްމު ބަލައިގެން، ހުއްޓާނުލައި ރޯން ތިބި ކަމަށް ބުނުމުން ހުރި ވަރެއް ބަލަން ވެސް ބޭނުންވީ އެވެ. އަދި މީގެ މަހެއް ކުރިން ވަކިވެގެން ދިޔަ، ކެރިއަރުގައި ކުރި ހޯދަމުން ދިޔަ ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގު ރާޖްޕޫތުގެ އެންމެ ފަހުގެ ހަނދާނަކަށްޓަކައި ކޮންމެހެން ވެސް މި ފިލްމު ބަލަން ޖެހުނީ އެވެ. ސުޝާންތުގެ ހަނދާންތައް މާ ބޮޑަށް ވެސް މި ފިލްމުން އާކޮށްދިނެވެ. އަދި ވަރަށް އަސަރުކުރާ ކަހަލަ ބައިތަކެއް ވެސް ދެއްކި އެވެ. އެކަމަކު މިއީ ފަށައިގެން ނިމެންދެން، މީހަކު ރޯން އިންނަން ޖެހޭ ވަރުގެ ފިލްމެކޭ ބުނެވެން ނެތްކަން ޔަގީންކޮށްދެމެވެ.

ސުޝާންތާ އެކު އެކްޓްރެސް ސަންޖަނާ ސާންގީ ލީޑު ކުޅުނު "ދިލް ބެޗާރާ" ގެނެސްދިނީ އެމެރިކާގެ ވާހަކަ ލިޔުންތެރިޔާ ޖޯން ގްރީންގެ އެންމެ މަޝްހޫރު އެއް ވާހަކަ ކަމަށްވާ "ދި ފޯލްޓް އިން އަވާ ސްޓާސް" އަށް ބިނާކޮށް، ބޮލީވުޑްގެ ރަހަގަނޑު އެއްކޮށްލައިގެންނެވެ. ވާހަކައިގެ އަސްލު ނުގެއްލޭ ގޮތަށް ކުދި ބަދަލުތައް ވެސް ގެނެސްފައި އެބަހުއްޓެވެ. ހަމަ މި ނަމުގައި، 2014 ވަނަ އަހަރު ހޮލީވުޑުން ގެނެސްދިން ފިލްމު ވެސް ވަރަށް ހިޓުވި އެވެ. މި ވާހަކައިގެ ބޮލީވުޑް އެޑަޕްޓޭޝަންގެ ގޮތުގައި ގެނެސްދިން މި ފިލްމަކީ ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާގެ އަލަތު ޑައިރެކްޝަނެވެ.

🚨 ސްޕޮއިލާ އެލާޓް 🚨

މި ފިލްމުގައި ދައްކަނީ ސަޕޯޓް ގްރޫޕަކުން ދިމާވާ، ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންދާ ދެމީހެއްގެ ދެމެދުގައި ހާއްސަ ގުޅުމެއް އުފެދި، އޭގެ ފަހުން ދިމާވާ ކަންތައްތަކެވެ. އެ ދެމީހުންގެ މެދުގައި އުފެދޭ ލޯބީގެ ގުޅުމެވެ. ސުޝާންތު ކުޅެނީ އިމެނުއެލް ރާޖްކުރާމް ޖޫނިއާ (މޭނީ) ގެ ރޯލެވެ. ކެންސަރު ބަލީގައި އެއް ފައި ބުރިކޮށްލަން ޖެހުމުން އޭނާ ހިނގައި އުޅެނީ ޕްލާސްޓިކް ފައެއްގެ އެހީގަ އެވެ. އަދި އޭނާ އަކީ ދެކުނު އިންޑިއާގެ އެކްޓަރު ރަންޖީކާންތުގެ ބޮޑު ފޭނެކެވެ. -- ސަންޖަނާ ކުޅެނީ ކިޒީ ބާސޫގެ ރޯލެވެ. ތައިރޮޑް ކެންސަރާ ހަނގުރާމަ ކުރަމުންދާ ކިޒީ ނޭވާލަނީ އޮކްސިޖަން ސިލިންޑަރެއްގެ އެހީގަ އެވެ.

"ދިލް ބެޗާރާ"ގެ ޓްރެއިލާ.

ކިޒީ އަކީ އަބީމަންނިޔު ވީރް ސިންހު (ސައިފް އަލީ ޚާން) ގެ ފޭނެކެވެ. އަބީމަންނިޔުގެ ލަވައެއް ފުރިހަމަ ނުކޮށް އޮތީމަ، އެ ލަވައިގައި ދެން ވަނީ ކިހިނެއްތޯ އެނގެން އޭނާ އަބަދު ވެސް ބޭނުންވެ އެވެ. އެކަމަކު އަބީމަންނިޔު އުޅޭ ތަނެއް ނޭނގުމުން އެ ސަބަބުން އޮންނަނީ ނުހޯދި އެވެ. އަދި ކިޒީ އެ ސަބަބު ހޯދާކަށް ވެސް ކުރިން ނޫޅެ އެވެ. އެކަމަކު މެނީއާ ދިމާވެ، އެ ލަވައިގެ ވާހަކަ އޭނާ ކައިރީގައި ދެއްކުމުން، އަބީމަންނިޔު ހުރިތަނެއް ހޯދައިދެ އެވެ. އަދި އަބީމަންނިއުގެ ދައުވަތަކަށް، އެ ލަވަ ނުނިންމާ އޮތް ސަބަބުން ހޯދުމަށްޓަކައި އޭނާއާ ބައްދަލުކުރުމަށް ކިޒީ އާއި މޭނީ ޕެރިސް އަށް ވެސް ދެ އެވެ. އެއްކޮށް ސްޕޮއިލް ނުކޮށްލައި ބުނާ ނަމަ، ފިލްމުގައި މައިގަނޑު ގޮތެއްގައި ވަނީ މިހެންނެވެ.

އޭގެ ފަހުން ދިމާވާ އަސަރުގަދަ ކަންތައްތަކެއް ދައްކަ އެވެ. -- އެކަމަކު ތެދަށް ބުނަންޏާ ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ފިލްމެއްގައި ވެސް މިއަށް ވުރެ އަސަރުގަދަވެފައި، ފަށައިގެން ނިމެންދެން ހުއްޓާނުލާ ރޯން އިނދެވިދާނެ އެވެ. މިސާލަކަށް، އެކްޓްރެސް މަރިޔަމް އައްޒަ އުޅުނު ނަހުލާގެ "ބޮސް" އޭ ބުނަމާ ހެއްޔެވެ. -- މި ފިލްމުގައި އަސަރުގަދަ ކަމަށް ފާހަގަކުރެވުނީ ސުޝާންތަށް ނިސްބަތްކޮށް، މަރާ ގުޅޭ ގޮތުން ބޭނުންކޮށްފައި ހުރި ބައެއް ޑައިލޮގުތަކެވެ. އެ އެއްޗެހި ބުނާ އަޑުއިވުނީމަ "ޓްރިގާ" ވެދާނެ އެވެ. އަދި ފިލްމު ނިމޭއިރު ސުޝާންތަށް ވާގޮތުން ވެސް ދެރަވެދާނެ އެވެ.

އެކަމަކު ފިލްމުގެ ވާހަކަ އަތުރާއިފައި އޮތް ގޮތުންނާއި މަންޒަރު ބަދަލުވެގެން އަންނަ ގޮތުން، ދެރަވާންޖެހޭ ތަންތަނުން ވެސް ވަކި ހިސާބަކުން އެ އަސަރު ކެނޑިގެން ދެ އެވެ. އާންމުކޮށް ބޮލީވުޑްގައި އެކަކަށް ވުރެ ގިނަ ސްކްރީންރައިޓަރުން ގެނެސްދޭ ސްކްރީންޕްލޭތައް ވަރަށް ފީކަޅާވެ އެވެ. ޝަޝަންކު ކައިތަން އަދި ސުޕްރޯތިމް ސެންގުޕްތާގެ ސްކްރީންޕްލޭ އަށް ވެސް މިވީ ހަމަ އެހެންނެވެ.

ސުޝާންތު އާއި ސަންޖަނާގެ ޖޯޑު ވެސް ވަރަށް ގުޅެ އެވެ. މި ފިލްމު ހަމައެކަނި ބަލަންޖެހޭ ސަބަބުތަކެއް ކަމަށް ފާހަގަވީ ސުޝާންތުގެ ހަނދާން އާކޮށްލައި، އޮސްކާ އެވޯޑް ކާމިޔާބުކުރި އިންޑިއާގެ ފުރަތަމަ މިއުޒިކް ކޮމްޕޯޒާ، އޭ އާރް ރަހުމާންގެ ވަރަށް ފުރިހަމަ ލަވަތަކެއް އަޑުއަހާލަން ލިބުނީމަ އެވެ. އެއީ ފިލްމު ފޫހިވިޔަސް، މާ އަވަސް އަރުވާލައިގެން ނިންމާލާފައި އޮތްހެން ހީވާ، އެއް ގަޑިއިރާއި 41 މިނެޓުގެ މި ފިލްމު ބަލަން އިނދެވިދާނެ ބައެއް ސަބަބުތަކެކެވެ.

އައިއެމްބީޑީގައި މި ފިލްމަށް 9.3/10 ރޭޓިނެއް އަދި ރޮޓެން ޓޮމާޓޯގައި 80 ޕަސެންޓުގެ ރޭޓިންނެއް ދީފައި އޮތް ނަމަވެސް، އެއީ މި ފިލްމު މާ މޮޅުވެގެން ދީފައި އޮތް ރޭޓިންނެއް ނޫން ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވެސް ބުނެފައިވެ އެވެ؛ އެއީ ސުޝާންތު އަށް ދިން ޓްރިބިއުޓެއް ކަމަށް ބެލިދާނެ އެވެ. އަދި އިންޑިއާގެ މަޝްހޫރު ގިނަ ފިލްމީ ކްރިޓިކުން ވަނީ މި ފިލްމު ރިވިއު ވެސް ނުކުރަން ނިންމައިފަ އެވެ. ރިވިއު ކުރި ކްރިޓިކުން ވެސް ދިނީ ސުޝަންތު އަށް ޓްރިބިއުޓެކެވެ.

ފިލްމު ރިވިއު ބޮލީވުޑް

Popular