21 Sep 2020

ބޮލީވުޑްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަނޫރާގު ކަޝިޔަޕުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށް އެ މައްސަލަ ބަލައި ދިނުމަށް އިންޑިއާގެ ބަތަލާއަކު އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ގޮވާލައިފިއެވެ. "ބްލެކް ފްރައިޑޭ" އަދި "ގޭންގްސް އޮފް ވަސެޕޫރް" ގެ ޑައިރެކްޓަރާ ދެކޮޅަށް މި ތުހުމަތުތަކާ އެކު ނުކުމެފައި ވަނީ އޭނާއާ އެކު "ބޮމްބޭ ވެލްވެޓް" ގައި މަސައްކަތްކުރި ބަތަލާއެއް ކަމުގައިވާ ޕަޔާލް ޖޯޝް އެވެ.

ނަމަވެސް އަމިއްލަ ވަކީލު މެދުވެރިކޮށް މިއަދު ނެރުނު ބަޔާނެއްގައި ކަޝިޔަޕު ވަނީ ޕަޔާލްގެ ތުހުމަތަށް އިންކާރުކޮށް އޭނާގެ ވާހަކަ ދޮގުކޮށްފައެވެ. އަދި "މީޓޫ" މޫވްމަންޓްގެ ނަމުގައި ދޮގު ހަދައި މީހުންގެ އަބުރު ކަތިލަމުންދާ ދިއުން ކުށްވެރިކޮށް ހިތާމަކުރާ ކަމަށް ބުނެފައިވެއެވެ.

މި ތުހުމަތުތަކާ ގުޅިގެން އަނޫރާގްގެ ކުރީގެ އަންހެނުން އަދި ބަތަލާ ކަލްކީ ކިކްލަން ވެސް ވަނީ ތުހުމަތުތައް ދޮގުކޮށް ކަޝިޔަޕްގެ ދިފާއުގައި ވާހަކަ ދައްކައިފައެވެ. އަދި ޑައިރެކްޓަރާ އެކު ކުރިން މަސައްކަތްކޮށްފައިވާ ގިނަ އެކްޓަރުންތަކެއް އޭނާއާ އެއްކޮޅަށް ނުކުމެ ވާހަކަ ދައްކަމުން އަންނައިރު ބައެއް މީހުން ބުނަނީ މިއީ އިންޑިއާގެ ސިޔާސީ މަސްރަހުގައި އޮތް ޝަހުސު ކަތިލުމުގެ ވަބާއެއްގެ ތެރެއިން ބަޔަކު މީހުން ގަސްދުގައި ކުރަމުން ގެންދާ ކަމެއް ކަމަށެވެ.

އަނޫރާގަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށް އެ މައްސަލަ ބަލަން ބޮޑުވަޒީރު މޯދީ އަށް ގޮވާލާފައިވާއިރު އަނޫރާގަކީ މޯދީގެ ސަރުކާރަށް ފާޅުގައި ފާޑުކިޔާ ސެލެބްރިޓީންގެ ތެރޭގައި ހިމެނޭ ނުފޫޒުގަދަ ފަރާތެކެވެ.

ރާމް ގޯޕާލް ވަރުމާ 1998 ވަނަ އަހަރު ގެނެސްދިން މަޝްހޫރު ފިލްމު "ސަތުޔާ" ލިޔެގެން ބޮލީވުޑްގެ ސަމާލުކަން އަތުލި ކަޝިޔަޕަށް އިންޑިއާ އާއި ދުނިޔޭގެ ސަމާލުކަން ލިބިގެން ދިޔައީ އޭނާ ލިޔެ ޑައިރެކްޓްކުރި "ގޭންގްސް އޮފް ވަސެޕޫރް" އިންނެވެ. އެއަށް ފަހު މަޝްހޫރު ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށް ޕްރޮޑިއުސްކޮށްފައިވާއިރު އޭނާ އަކީ ނެޓްފްލިކްސް އިން އުފެއްދި އިންޑިއާގެ ފުރަތަމަ ސީރީޒް "ސެކްރެޑް ގޭމްސް" ގެ ވެސް އެއް ޑައިރެކްޓަރެވެ.

Popular