23 Nov 2020

ޕްރިންސެސް ޑަޔާނާގެ ރޯލާއެކު އެމާ ކޯރިންގެ ނަން ގުގުމަނީ

އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ޕްރިންސެސް ޑަޔާނާ އާއި ފިރިކަލުން ޕްރިންސް ޗާލްސްގެ ކައިވެނީގެ ވާހަކަތައް ތާރީޚުގައި ކަން ހިނގި ގޮތަށް ގެނެސްދީފައި ނުވުމުން.

އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ޕްރިންސެސް ޑަޔާނާ އާއި ފިރިކަލުން ޕްރިންސް ޗާލްސްގެ ކައިވެނީގެ ވާހަކަތައް ތާރީޚުގައި ކަން ހިނގި ގޮތަށް ގެނެސްދީފައި ނުވުމުން.

By: Ifraz Ali

އިނގިރޭސިވިލާތުގެ ޝާހީ އާއިލާއަށް ނިސްބަތްކޮށް، ނެޓްފްލިކްސް އިން ގެނެސްދެމުން އަންނަ މަގުބޫލު އިނގިރޭސި ޕީރިއަޑް ޑްރާމާ "ދި ކްރައުން"، އާ ސީޒަންގައި ދައްކަނީ 70ގެ އަހަރުތަކުން ފެށިގެން، 90ގެ ކުރީކޮޅާ ދެމެދު އެ އާއިލާގެ ތެރޭގައި ހިނގާ ތަފާތު ކަންކަމެވެ. ޕްރިންސް ޗާލްސް އާއި ޕްރިންސެސް ޑަޔާނާގެ ކައިވެނީގެ ވާހަކަތަކަށް، ބޮޑަށް ސަމާލުކަން ދީފައިވާ މި ސީޒަންގައި ޑަޔާނާގެ ރޯލު ކުޅުނީ އެމާ ކޯރިން އެވެ. އަދި ޗާލްސްގެ ރޯލު ކުޅުނީ ޖޯޝް އޯ ކޯނާ އެވެ.

ޕްރިންސެސް ޑަޔާނާގެ ކައިވެނި ހަފުލާގެ މަންޒަރުތައް ނެގުމަށް، އެމާ ކޯރިން ޑަޔާނާ ތުރުކުރެއްވި ކަހަލަ ވެޑިން ޑްރެސްއެއްގައި.-- ފޮޓޯ: ނެޓްފްލިކްސް

ކުރިން މާ ބޮޑު ފިލްމީ މަސައްކަތްތަކެއް ކޮށްފައި ނުވާ، 24 އަހަރުގެ އެކްޓްރެސް، ކޯރިން ކުޅުނު ޑަޔާނާގެ ރޯލަށް ތައުރީފާއި ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ. އަދި އާ ސީޒަން ޕްރިމިއާ ކުރުމާ އެކު ކޯރިންގެ ނަން ބޮޑެތި ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި ގުގުމަނުން އަންނަތާ ވެސް މިހާރު ހަފުތާއެއް ވެއްޖެ އެވެ.

އިނގިރޭސި ތާރީޚާއި ސިޔާސީ ޗަރުކޭސް ހިމަނައިގެން ގެނެސްދޭ މި ސީރީޒަކީ، ފެށިގެން މިހާތަނަށް އައިރު ކޮންމެ ސީޒަނެއްގައި ވެސް ވަރަށް ގިނަ ފާޑުކިޔުންތައް ލިބިފައިވާ ޑްރާމާއެކެވެ. ގިނަ ފަހަރަށް އެ ފާޑުކިޔުންތައް އަމާޒުވެފައި ވަނީ ސީދާ ތާރީޚުގައި ކަން ހިނގި ގޮތަށް ނުގެނެސްދީގެންނެވެ. އެކަމަކު މި ސީރީޒްގެ އުފެއްދުންތެރިޔާ ޕީޓާ މޯގަން ބުނެފައި ވަނީ މި ޑްރާމާ ފުރަތަމަ ފެށީ ވެސް، މީގެ ވާހަކަ ގެނެސްދޭނީ ޝާހީ އާއިލާގައި ކަންކަން ވަމުން އައި ގޮތަށް ބަލައި، އެމީހުންގެ އަމިއްލަ ހިޔާލުތައް ވެސް ހިމަނައިގެން ކަމަށް ބުނެފައިވާނެ ކަމަށެވެ.

ޕްރިންސް ޗާލްސް އާއި ޕްރިންސެސް ޑަޔާނާ އަދި "ދި ކްރައުން" ގައި ޕްރިންސް ޗާލްސްގެ ރޯލު ކުޅޭ ޖޯޝް އޯ ކޯނާ އާއި ޕްރިންސެސް ޑަޔާނާގެ ރޯލު ކުޅޭ އެމާ ކޯރިން.

ޑަޔާނާގެ ރޯލާ އެކު ކޯރިން "ބޭނުންވި" ސަމާލުކަން

އެމެރިކާގެ މަޝްހޫރު ޓޯކް ޝޯއެއް ކަމަށްވާ "ޓެމްރޮން ހޯލް ޝޯ" ގައި ވާހަކަދައްކަމުން ކޯރިން ބުނެފައި ވަނީ މި ރޯލާ އެކު އޭނާ ބޭނުންވި ސަމާލުކަން ލިބިފައިވާ ކަމަށެވެ. އަސްލު ދިރިއުޅުމުގައި ޑަޔާނާ އަކީ ވެސް ވަރަށް ގިނަ ބައެއް ސަމާލުކަން ލިބުނު ޝަހުސިއްޔަތަކަށް ވުމުން، މި ރޯލާ އެކު އޭނާއަށް ވެސް ހަމަ އެ ތަޖުރިބާ ކުރެވުން ފަދަ ކަމަށެވެ.

ޕްރިންސެސް ޑަޔާނާ އަދި "ދި ކްރައުން" ގައި ޕްރިންސެސް ޑަޔާނާގެ ރޯލު ކުޅޭ އެމާ ކޯރިން.

"އަހަރެން ވަރަށް ހަނދާންވޭ މި ރޯލު އަހަންނަށް ލިބުމާއެކު ޑައިރެކްޓަރަކު ބުނި އެއްޗެއް. އޭނާ ބުނީ މިހާރު އަދި ކުރިއަށް އޮތް ތަނުގައި ވެސް ކުއްލިއަކަށް ނޫސްތަކުގައި އަހަރެންގެ ވާހަކަ ލިޔެ، މީހުންގެ އަހަރެންގެ ފޮޓޯނަގާއި އަހަންނަށް ހާއްސަ ސަމާލުކަމެއް ދޭނެއޭ. އަދި އޭރަށް އަހަރެން ވަރަށް ބޮޑަށް ހާސްވެ ބިރު ވެސް ގަންނާނެއޭ. އެ ކަން ކަމަށް ހޭނެއްޗޭ، އެއީ ޑަޔާނާ އަށް ވެސް މިކަންކަން އިހުސާސް ކުރެވިފައި ވާނީ ހަމަ މި ގޮތަށް ކަމަށް ވާތީއޭ،" ކޯރިން ބުންޏެވެ.

އެމާ ކޯރިން، "ޓެމްރޮން ހޯލް ޝޯ" އަށް ދިން އިންޓަވިއު.

ތާރީޚާ ދިމާނުވާ ވާހަކަތަކަށް ކޯރިންގެ ރައްދު

ތާރީޚީ ކަންކަމާއި ގުޅުވައިގެން ގެނެސްދޭ އެހެން ސީރީޒްތަކާ އެއްފަދައިން "ދި ކްރައުން" ވެސް ގެނެސްދެނީ އަސްލު ވާހަކައަށް ބައެއް ހިޔާލީ ކަންކަން އިތުރުކޮށްގެންނެވެ. މިސާލަކަށް ފަހު ސީޒަންގެ އެޕިސޯޑެއްގައި ވަނީ ޝާހީ ގަނޑުވަރު، ބަކިންހަމް ޕެލެސްގައި ހުންނަ ރާނީ އެލިޒެބަތުގެ ކޮޓަރިކޮޅަށް ވަގަށް ވަތް މީހެއްގެ ވާހަކަ ގެނެސްދީފަ އެވެ. އެއީ އަސްލު ހިނގި ހާދިސާއެކެވެ. އެކަމަކު މި ސީރީޒްގައި އެ ވާހަކަ ގެނެސްދީފައި ވަނީ އަސްލު ހާދިސާގައި އެކަން ހިނގި ގޮތާއި ތަފާތު ގޮތަކަށެވެ. ރާނީ އާއި އެ މީހާއާ ދެމެދު ދެކެވޭ ވާހަކަތަކެއް ދައްކަ އެވެ.

"ދި ކްރައުން" ސީޒަން ހަތަރެއްގެ ޓްރެއިލާ.

ސީޒަން ހަތަރެއްގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި ކަމަކަށްވީ ޕްރިންސެސް ޑަޔާނާއާ ކައިވެނި ބައްލަވައިގެން އުޅުއްވަމުން، އެކަމަނާގެ ފިރިކަލުން ޕްރިންސް ޗާލްސް، ކަމިލާ ޕާކާއާ އެކު ބޭއްވި ނަހަމަ ގުޅުމުގެ ވާހަކަތައް ތާރީޚާ ދިމާވާ ގޮތަށް ގެނެސްދީފައި ނުވުމެވެ. މި ހުރިހާ ވާހަކަތަކެއްގެ ރައްދުގައި ކޯރިން ބުނެފައި ވަނީ ތާރީޚާ ގުޅޭ ކަމަކަށް ވުމުން ބައެއްގެ ކަންބޮޑުވުންތަކެއް ހުންނާނެ ކަން ގަބޫލުކުރާކަމަށާއި އެކަމަކު މި ސީރީޒަކީ "ހިޔާލީ" ވާހަކައެއް ކަން މި ބަލާ އެންމެނަށް ވެސް އެނގެންޖެހޭނެ ކަމަށެވެ.

ޓީވީ ސިލްސިލާ ޝާހީ އާއިލާ

Popular