25 Nov 2020

ބިރުވެރި ވާހަކަ: އާ މޫނުތަކެއް

15 އެޕިސޯޑް ހިމެނޭ މި ސީރީޒް ޕްރިމިއާކުރާ ދުވަހެއް އަދި ހާމައެއް ނުކުރޭ

15 އެޕިސޯޑް ހިމެނޭ މި ސީރީޒް ޕްރިމިއާކުރާ ދުވަހެއް އަދި ހާމައެއް ނުކުރޭ

By: Ifraz Ali

ސައިކޮލޮޖިކަލް ތުރިލާއަކާއި އެކްޝަން ތުރިލާއަކަށް ފަހު، މިހާރު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) އަމާޒުހިފައިފައި ހުރީ ބިރުވެރި ޖޯންރާގެ މަސައްކަތަކަށެވެ. މިއީ "ބިރުވެރި ވާހަކަ" ގެ ނަމުގައި، އިއްލެގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "އައިފިލްމްސް" އިން ގެނެސްދޭ 15 އެޕިސޯޑްގެ ސީރީޒެކެވެ. މިހާރު ޝޫޓިންތައް ފަށައިގެން ކުރިއަށް ގެންދާ މި ސީރީޒްގެ ކޮންމެ އެޕިސޯޑެއްގައި ދައްކައިދޭނީ ތަފާތު ވާހަކައެކެވެ.

އައިފިލްމްސްގެ "ބިރުވެރި ވާހަކަ" ސީރީޒް ޝޫޓިންގެ ތެރެއިން.-- ފޮޓޯ: އައިފިލްމްސް

ކާސްޓުގައި ވަރަށް ގިނަ އާ އެކްޓަރުން ހިމަނައިގެން ގެނެސްދޭ މި ސީރީޒްގެ ތިން ވަނަ އެޕިސޯޑްގެ މަސައްކަތް ނިންމައި، ހަތަރު ވަނަ އެޕިސޯޑްގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

"ކާސްޓުގައި ހިމެނޭ ގިނަ ކުދިންނަކީ އޮޑިޝަނުން ހޮވިގެން ފުރުސަތު ދީފައި ތިބި ކުދިން. އަދި މަޝްހޫރު ބައެއް އެކްޓަރުން ވެސް ބައެއް އެޕިސޯޑްތަކުން ފެންނާނެ،" އިއްލެ ޑައިރެކްޓުކުރާ މި ސީރީޒަށް ކާސްޓުން ނެގުމަށް އޮޑިޝަނެއް ބޭއްވި ކަމަށް އިއްލެ ބުންޏެވެ.

އައިފިލްމްސްގެ "ބިރުވެރި ވާހަކަ" ސީރީޒްގައި ފެންނާނެ އެކްޓްރެސް، މަރިޔަމް ވަހީދާ.-- ފޮޓޯ: އައިފިލްމްސް

އައިފިލްމްސްގެ އިންސްޓަ ސްޓޯރީތަކުން ފެންނަ ގޮތުގައި މި ސީރީޒްގެ އެޕިސޯޑްތަކުން ފެންނަ ބައެއް އެކްޓަރުންގެ ތެރޭގައި ބައިސްކޯފްގެ "އެހެނަސް" އިން މަޝްހޫރުވި ޝާރާ އާދަމް އާއި މަރިޔަމް ވަހީދާ، އިއްލެގެ ކުރިއަށް އޮތް ފިލްމު "ނީނާ" އިން ތައާރަފު ވާނެ އެކްޓަރު ޝަރަފް އަބްދުﷲ އަދި މަރިޔަމް ޝަކީލާ ވެސް މި ސީރީޒްގައި މަސައްކަތް ކުރެ އެވެ.

އައިފިލްމްސްގެ "ބިރުވެރި ވާހަކަ" ސީރީޒް ޝޫޓިންގެ ތެރެއިން.-- ފޮޓޯ: އައިފިލްމްސް

"މި ސީރީޒްގެ ކޮންސެޕްޓާއި ސްޓޯރީލައިނާ އެއްޗެހި ވަރަށް ތަފާތު ވާނެ، އެއީ އަދި ކޮންމެ އެޕިސޯޑެއްގައި ވަކި ވާހަކައެއް ގެނެސްދިން ކަމަށް ވިޔަސް. އަދި ހިޔެއް ނުވޭ ރާއްޖޭގައި މިގޮތަށް ސީރީޒެއް ހަދައިފައި ވާނެހެނެއް،" އިއްލެ ބުންޏެވެ.

"ކޮންމެ އެޕިސޯޑަކަށް ބޭނުންވާ ހާއްސަ މޭކަޕް އާއި ވިޝުއަލްސްތައް ގެނެސްދޭން ޖެހޭތީ، މީގެ ކޮންމެ އެޕިސޯޑެއްގެ ނަގަން ހަފުތާއެއްވަރު އެބަ ހޭދަވޭ،" މިދިޔަ މަހު ޝޫޓިންތައް ފެށި ސީރީޒާއި ބެހޭގޮތުން އިއްލެ ބުންޏެވެ.

އައިފިލްމްސްގެ "ބިރުވެރި ވާހަކަ" ސީރީޒް ޝޫޓިންގެ ތެރެއިން.-- ފޮޓޯ: އައިފިލްމްސް

މި ސީރީޒްގެ މޭކަޕްގެ މަސައްކަތް ކުރަނީ އިއްލެއާ އެކު ކުރިން ވެސް އޭނާގެ ފިލްމުތަކުގައި މަސައްކަތްކޮށް، ވަރަށް ފުރިހަމަ މަސައްކަތްތަކެއް ދައްކާލައިފައިވާ މޭކަޕް އާޓިސްޓް، ރުތުބާ އަހުމަދު އެވެ.

އިއްލެ ޑައިރެކްޓުކުރާ މި ސީރީޒްގެ ހުރިހާ އެޕިސޯޑެއްގެ ކޮންސެޕްޓް ލިޔުނީ އޭނާ އަމިއްލަ އަށެވެ. މީގެ ތެރެއިން ދެ އެޕިސޯޑެއް ލިޔުނީ ހޫދު އިބްރާހިމް އެވެ.

އައިފިލްމްސްގެ "ބިރުވެރި ވާހަކަ" ސީރީޒްގެ އެކްޓްރެސްއެއް ކަމަށްވާ ޝަރާ އާދަމް.-- ފޮޓޯ: އައިފިލްމްސް

އޯކޭޒް އިންކް އިން ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރާ މި ސީރީޒް ކެމެރާ ކުރީ އިސްމާއިލް މުނައްވަރު އެވެ. ޑްރޯން ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރީ އަހްމަދު ޒިފާފް އެވެ. އަދި މިއުޒިކް ހެދީ ހުސެއިން ތައުފީގު އެވެ.

މި ސީރީޒް ޕްރިމިއާކުރާ ދުވަހަކާއި ސްޓްރީމް ކުރާ ޕްލެޓްފޯމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ ޓީވީ ސިލްސިލާ

Popular