7 Jan 2021

By: Ifraz Ali

އެމެރިކާގެ ރިއަލިޓީ ޓީވީގެ ރާނީ ކިމް ކާޑޭޝިއަން ވެސްޓް، އޭނާގެ ހަތް އަހަރުވީ ކައިވެނި ރޫޅާލައި، ރެޕް އާޓިސްޓް ކާންޔޭ ވެސްޓް ގާތުން ވަރިވާން ނިންމި ޚަބަރަކީ ގިނަ ބަޔަކަށް މާ ބޮޑު ހައިރާންކަމެއް ގެނުވި ކަމެކޭ ބުނެވޭކަށް ނެތެވެ. އެއީ ހަމަ ކޮންމެ ވަގުތަކު ވެސް ވެދާނެ ކަމެއްކަން ގިނަ ބަޔަކު ތިބީ ގަބޫލުކޮށްގެންނެވެ. --- މީޑިއާ ރިޕޯޓުތައް ބުނަނީ ކިމް އަށް މިހާރު "ފުދިއްޖެ" ކަމަށެވެ. އޭނާ ދެން ކާންޔޭ ބޭނުމެއްނުވެ އެވެ.

ކާންޔޭ، 43، ގާތުން ވަރިވާން ނިންމައި، ކިމް، 40، މިހާރު ވަނީ އެކަން ކުރަން ވަކީލެއް ވެސް ހަމަޖައްސައިފަ އެވެ.

View this post on Instagram

A post shared by Kim Kardashian West (@kimkardashian)

އެ ދެމަފިރިންގެ ކައިވެނީގެ ރަމްޒު ކަމަށްވާ، ކަންޔޭ އަޅުވައިދިން ކައިވެނީގެ އަނގޮޓި ކިމް އިނގިލީގައި ނާޅާތާ ވެސް މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އަދި މި ނިމުނު ޗުއްޓީ ދުވަސްތަކުގައި ކާޑޭޝިއަންގެ އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން ނުގޮސް، ކާންޔޭ އޭނާގެ ދުވަސްތައް ހޭދަކުރީ އޭނާގެ 14 މިލިއަން ޑޮލަރުގެ އަގުހުރި ޔޯމިން ރޭންޗުގަ އެވެ. އަދި އޭނާ އެގޮތަށް ކަންތައް ކުރީ ކިމްގެ އެދުމަށް ކަމަށް ވެސް ވެ އެވެ. އެއީ އެ ދެމަފިރިންގެ ވަރީގެ ކަންތައް ނިމެންދެން ދެ މީހުން ދުރުގައި ތިބުމަށެވެ.

ޕޭޖް ސިކްސް އިން ސިއްރު ފަރާތަކާއި ހަވާލާދީ ރިޕޯޓްކުރި ގޮތުގައި ކާންޔޭ އަކީ ނަފްސާނީ ގިނަ މައްސަލަތަކެއް ހުރި މީހެކެވެ. އަދި މިދިޔަ ދުވަސްތަކުގައި އެކަމުން އަރިގަތުމަށް ކިމް، އޭނާއަށް ވަރަށް ބޮޑަށް އެހީވެފައިވާ ކަމަށް ވެސް ވެ އެވެ.

View this post on Instagram

A post shared by Kim Kardashian West (@kimkardashian)

"ކިމް ހުރީ ބާ އެގްޒާމް ނިންމައިފައި ލޯޔަރަކަށް ވުމުގެ އުއްމީދުގައި، އެއީ ޖަލުތަކުގެ ހާލަތު ބަދަލުކުރަން އޭނާ ހިންގާ ކެމްޕެއިންނަށް ތައްޔާރުވުމަށް. އެކަމަކު ކާންޔޭ ދައްކަނީ ރައީސް ކަމަށް ކުރިމަތިލާ ވާހަކަ އާއި އަދިވެސް މޮޔަ ވާހަކަތައް. އެހެންވެ، މިހާރު ކިމް އަށް ކެތްނުވާވަރު ވެއްޖެ،" ޕޭކް ސިކްސް އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެ އެވެ.

ކާންޔޭގެ ދެމަފިރިން ވަރިވާން ނިންމި އިތުރު ސަބަބެއް ކަމަށް އަޑުއަރާފައި ވަނީ، ކިމް އާއި އޭނާގެ އާއިލާގެ ރިއަލިޓީ ޓީވީ ދުނިޔޭގައި އިތުރަށް އުޅެން ކާންޔޭ ބޭނުންނުވުމެވެ. ކިމްގެ މަންމަ، ކްރިސް ޖެނާ އަށް ވެސް ކާންޔޭ ވަނީ ތަފާތު ތުހުމަތުތައް ކޮށްފަ އެވެ. އެއީ ކްރިސް އިސްވެހުރެ، އެ އާއިލާގެ މީހުން އޭނާ ނަފުސާނީ ފަރުވާ ހޯދާ ހޮސްޕިޓަލަކަށް ފޮނުވާލަން އުޅޭ ކަމަށް ތުހުމަތުކޮށެވެ.

View this post on Instagram

A post shared by Kim Kardashian West (@kimkardashian)

ކިމް ވަރިކުރަން އުޅޭ ކަމަށް ބުނެ މިދިޔަ ޖުލައި މަހު ވެސް ކާންޔޭ ޓުވީޓެއް ކުރި އެވެ. އޭގެ ދުވަސްތަކެއް ފަހުން ދެން ފެނުނީ ކިމްގެ 40 ވަނަ އުފަންދުވަސް ފާހަގަކުރަން ޓަހިޓީގައި ބޭއްވި އެއް މިލިއަން ޑޮލަރުގެ އަގުހުރި ޗުއްޓީ ދަތުރުންނެވެ. އެކަމަކު އެ ދަތުރުގައި ވެސް ކާންޔޭ އުޅުނީ ކާޑޭޝިއަން އާއިލާގެ މެމްބަރުންނާ ވަރަށް ދުރުންނެވެ.

ވަރީގެ ވާހަކަ ދެކެވޭއިރު، އެ ދެމަފިރިން އެކީގައި އިމާރާތްކުރި ކެލަބަސަސް ހައުސްގެ މިލްކުވެރިކަން ހޯދުމަށް ކިމް އުޅޭ ކަމަށް ވެސް އަޑުފެތުރިފައިވެ އެވެ. އެ އިމާރާތް ހުރި ބިމަކީ ކިމްގެ މިލްކެކެވެ. އެކަމަކު އެ ގެ އިމާރާތްކުރީ ދެމަފިރިން ވެސް ހިއްސާވެގެންނެވެ.

View this post on Instagram

A post shared by Kim Kardashian West (@kimkardashian)

ކާންޔޭ އާއި ކިމް ކައިވެނިކުރީ 2014 ގަ އެވެ. ދެމަފިރިންނަށް ހަތަރު ކުދިން ލިބިފައިވެ އެވެ.

މިއީ ކާންޔޭގެ އަލަތު ކައިވެނި ނަމަވެސް، ކިމް ވަނީ ކުރިން ދެ މީހަކާ އިނދެފަ އެވެ. ކިމް އެންމެ ފުރަތަމަ ކައިވެނި ކުރީ ލިރިސިސްޓް ޑޭމަން ތޯމަސްއާ އެވެ އެ ކައިވެނި 2004 ގައި ރޫޅުނީ ހަތަރު އަހަރުވީ ފަހުންނެވެ. އޭގެ ފަހުން ކިމް 2011 ގައި ކައިވެނިކުރީ އެމެރިކާގެ ބާސްކެޓް ތަރި ކްރިސް ހަމްފްރިސްއާ އެވެ. އެ ކައިވެނި ރޫޅުނީ 2013 ގަ އެވެ.

ރިއަލިޓީ ޝޯ ކިމް ކާޑޭޝިއަން ކާޑޭޝިއަން

Popular