26 Mar 2021

ޖަމްޝީދާގެ ހާއްސަކަން އެންމެ ފޮޓޯއަކުން

މިއީ މި ހަފުތާގައި ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯއެއް. މިއީ ކާކު ނަގާފައިވާ ފޮޓޯއެއް ކަމެއް އެނގޭކަށް ނެތް

މިއީ މި ހަފުތާގައި ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯއެއް. މިއީ ކާކު ނަގާފައިވާ ފޮޓޯއެއް ކަމެއް އެނގޭކަށް ނެތް

ޖަމްޝީދާ އަހުމަދު ފިލްމީ ދާއިރާ އަށް ނުކުމެ ހިތްތައް ފަތަހަކުރީ "ނުދާށެ ދޫކޮށްފައި ލޯބިވާ" އޭ ކިޔައިފަ އެވެ. މަގުބޫލު ލަވަކިޔުންތެރިޔާ އަބްދުއްސަމީއުގެ މި ލަވަ އަށް 1996 ވަނަ އަހަރު ކުޅުނު ވީޑިއޯ ލަވައިން ޖަމްޝީދާ ފިލްމީ ދާއިރާ އަށް ނުކުމެ ހޯދި ކުއްލި މަޝްހޫރުކަމަށް ފަހު އޭނާ ވަނީ ދާއިރާ އިން ގެއްލިފަ އެވެ.

"ދޯ" އަށް އެންމެ ފަހުން ޖަމްޝީދާއާ ވާހަކަ ދައްކާލެވުނީ ވެސް އޯގަސްޓް 6، 2019 ގަ އެވެ. ރާއްޖޭން ބޭރުގައި ދިރިއުޅޭ ޖަމްޝީދާ މާލެ އައިސް އުޅެފައި ފުރަން ތައްޔާރުވަމުން ދަނިކޮށް ފޯނުން ލިބުނު ކުރު އިންޓަވިއު ވެސް ކިޔުންތެރިންނަށް ވަރަށް ހާއްސަވި އެވެ. އެއީ މުޅި އަހަރަށް ބަލާއިރު ވެސް "ދޯ" ގެ ކިޔުންތެރިންގެ އެންމެ މަގުބޫލު އެއް ލިޔުމެވެ.

މި ހަފުތާގައި ސޯޝަލް މީޑިއާގައި ދައުރުވި، ޖަމްޝީދާގެ ރަން ޒަމާނުގެ ފޮޓޯއަކާ އެކު އަނެއްކާވެސް އޭނާގެ ވާހަކަ ދައްކާ މީހުން ގިނަވީ އެވެ. އޭނާ ހުރީ ފެހި ކުލައިގެ ދިވެހި ލިބާހެއްގައި، ފައްޓަރުބައި އަޅާލައިގެންނެވެ. މިއީ ކާކު ނެގި ފޮޓޯއެއް ކަމެއް ސޯޝަލް މީޑިއާގައި އެނގޭކަށް ނެތެވެ. ފޮޓޯގެ ހައްގު، ފެޝަން ޝޯއެއްގައި ނަގާފައިވާ މި ފޮޓޯގެ ވެރި ފަރާތަށެވެ.

ކުރިން ދިން އިންޓަވިއުގައި ޖަމްޝީދާ ބުނީ "ނުދާށެ ދޫކޮށްފައި ލޯބިވާ" އަކީ ވަރަށް ލަދުން ހުރެ ކުޅުނު ލަވައެއް ކަމަށެވެ.

"އެ ލަވަ ކުޅުނީ ރައްޓެއްސަކު ބުނެގެން. އަސްލު މަޖަލަކަށް ކުރި ކަމެއް. ދެން އެކަމަކު ފަހުން ގިނަ ޗާންސްތައް ލިބެން ފެށީމަ ކުޅުނީ. އޭރު އެއްވެސް ޓްރެއިނެއް ވެސް ނޯވޭ. ޑައިރެކްޓަރުން ބުނާ ގޮތަށް ކުރަނީ. އެމީހުން ހިތްހަމަޖެހޭ ވަރަށް،" އެންމެންނަށް ޖަމްޝީދާ ފެނި ލޯބި ލިބުނު ދާއިރާގެ ފެށުން އޭނާ ކިޔައިދިނެވެ.

މި ލަވަ އަށް ފަހު އޭނާ އެންމެ ފުރަތަމަ ފިލްމެއް ކުޅުނީ 1997 ވަނަ އަހަރު އެވެ. އެއީ ޑައިރެކްޓަރު އަމްޖަދު އިބްރާހިމްގެ "ލޯބީގެ އަނިޔާ" އެވެ. އަދި ފަހުން ފިލްމީ އެކި މަސައްކަތްތަކާއި އިސްތިހާރުތައް ވެސް ކުޅުނެވެ. ރާއްޖޭގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ މަސައްކަތްތައް އޭނާ އަށް ލިބުނެވެ.

މިހާރު މި މަސައްކަތާ މާ ދުރުގައި އެ ހުރީ 16 ފިލްމާއި 80 އަށް ވުރެ ގިނަ ވީޑިއޯ ލަވަ އަދި އެކި ޑްރާމާ ސިލްސިލާތައް ވެސް ކުޅެ، އާންމު ހިދުމަތުގެ އެވޯޑު ވެސް 2004 ވަނަ އަހަރު ހޯދައިފަ އެވެ.

ކައިވެންޏަށް ފަހު ދަރިއަކު ލިބުނު ހިސާބުން ފިލްމީ މަސައްކަތާ ދުރުވެ ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކޮށް މިހާރު ޖަމްޝީދާ އުޅެނީ ފިލްމީ މަސައްކަތުގެ ޚަބަރެއް ވެސް ބަލައިނުލައި ވިޔަފާރީގެ ތެރޭގަ އެވެ. ރާއްޖޭގެ ރިސޯޓްތަކަށް ތަރުކާރީ އާއި މޭވާ ސަޕްލައިކުރާ ވިޔަފާރިއެއް ސްރީ ލަންކާގައި ފަށައި އޭގެ ފަހުން މެލޭޝިއާ އަށް ދިރިއުޅުން ބަދަލުކޮށް އެތަނުގައި ވަނީ މަސައްކަތް ފުޅާކޮށްފަ އެވެ.

އޭނާ އެންމެ ފަހުން ދިން ކުރު އިންޓަވިއުގައި ބުނީ މިހާރު ދިވެހި ފިލްމީ ދާއިރާގައި އަލަށް މަސައްކަތްކުރާ ގިނަ މީހުން ނޭނގޭ ކަމަށެވެ. އޭނާ ބުނެދިނީ މިހާރު އެ ދާއިރާއާ ހުރި ދުރުމިނެވެ.

ސޯޝަލް މީޑިއާ ދިވެހި ފިލްމް އިންޑަސްޓްރީ

Popular