5 Aug 2021

By: Ahmed Jaishan

މި ހަފްތާ ބަންދު ފިލްމު ބަލާ މީހުންނަށް ބޮޑު ހަފްތާއަކަށް ވާނެ އެވެ. ޑީސީގެ ބޮޑު ބަޖެޓު ފިލްމު ސުސައިޑް ސްކޮޑް މާދަމާ ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު އެޗްބީއޯ މެކްސް އިން މާދަމާ މެންދުރު ފަހުން ފެށިގެން ސްޓްރީމް ކޮށްލެވޭނެ އެވެ. އެ ފިލްމު ބެލުމުގެ ކުރިން ހަފްތާ ބަންދުގައި ބަލައިލާނެ އިތުރު ތިން ފިލްމެއް އެބައޮތެވެ. އެއީ އެކްޝަން ފިލްމަކާއި ޑްރާމާ އަދި ޑޮކިއުމެންޓަރީ ފިލްމެކެވެ.

ޓްވިސްޓް

ޗާލްސް ޑިކެންސްގެ އޮލިވާ ޓްވިސްޓް ޒަމާނީކޮށް ބަދަލުކޮށްލައި ނެރުނު ފިލްމު ޓްވިސްޓް އަކީ އެކްޝަން ފިލްމެކެވެ. ފިލްމުގައި ފެންނާނީ ޓޮމް ނަމަކަށް ކިޔާ ގްރެފީޓީ އާޓިސްޓެއްގެ ވާހަކަ އެވެ. ގްރެފިޓީއަށް ކުރީން ވެސް ލޯބި ކުރި ނަމަވެސް އެކަން އާންމު ކަމަކަށް ވަނީ އޭނާގެ މަންމަގެ މަރަށް ފަހުގަ އެވެ. ޓޮމް ގްރެފިޓީގެ ތެރޭގައި އުޅެނިކޮށް އެއް ރެއަކު ދިމާވަނީ ފެގިން ނަމަކަށް ކިޔާ މީހަކު ހިންގާ ގޭންގަކާ އެވެ. އެ ގޭންގުގެ ތެރެއަށް ވަދެ އުޅެނިކޮށް ރެޑް ނަމަކަށް ކިޔާ އަންހެން ކުއްޖަކާ ދިމާވެ އެވެ. ގޭންގު ތެރޭގައި ދެމީހުންގެ ގުޅުން ވަރުގަދަވެ ހުރިހާ ކަމެއް ވެސް ޓޮމް އަށް އާ ލައިފްސްޓައިލް ކަމުގޮސްފި އެވެ. ނަމަވެސް ހުރިހާ ކަމެއް ގޯސްވަނީ ބޮޑު އާޓް ޕީސްއެއް ވަގަށް ނެގުމުގެ ތެރޭގައި ހުރިހާ ކަމެއް ގޭންގަށް ގޯސްވާ ހިސާބުންނެވެ. މިހާ ހިސާބުން ގޭންގު ފަހަތުން ޕޮލިހުން ވެސް އުޅެ އެވެ. ދެން ޓޮމް މަސައްކަތް ކުރަން ޖެހޭނީ ރަނގަޅު ގޮތް ހިޔާރު ކުރުމަށެވެ.

މި ފިލްމު އެމެޒޯން ޕްރައިމް އިން ސްޓްރީމް ކުރެވޭނެ އެވެ.

ރައިޑް ދަ އީގަލް

ކޮމެޑީގެ ރަހަތަށް ހިމެނޭ ރައިޑް ދަ އީގަލް އަކީ އާއިލާ ޑްރާމާ ފިލްކެވެ. ފިލްމުގައި ލީޑް ކެރެކްޓަރަކަށް ފެންނާނީ ލެއިފް އެވެ. ފިލްމު ފެށޭނީ ލެއިފްގެ މަންމަ މަރުވާ ހިސާބުންނެވެ. ލެއިފް އާއި އޭނާގެ މަންމަ އެއް އިރެއްގައި ވެސް ގާތެއް ނޫނެވެ. ނަމަވެސް އޭނާގެ މަންމަ މަރުވަމުން ވަނީ އޭނާއަށް މުދާތަކެއް ވާރުތަ ވާ ކަމަށް ހަމަޖައްސާފަ އެވެ. ނަމަވެސް އެ މުދާތައް ވާރުތަ ވަނީ ވަކި ޝަރުތުތަކެއްގެ މަތީންނެވެ. އެގޮތުން މަންމަގެ ހުރިހާ މުދަލެއް ލިބުމުގެ ކުރިން ލެއިފް ޖެހޭނީ އޭނާ މަންމަ ކަނޑައަޅާފައިވާ ޓު ޑޫ ލިސްޓެއް ފުރިހަމަ ކުރާށެވެ. އެ ލިސްޓުގައި ހިމެނޭ ވަރަށް ބޯހަމަނުޖެހޭ އެތައް ކަމެއް ލެއިފް އަށް ކުރަން ޖެހެ އެވެ. ލެއިފް އާއެކު އެ ދަތުރުގައި އުޅޭނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ނޯރާ އެވެ.

އެ ފިލްމު މިހާރު ވީޑިއޯ އޮން ޑިމާންޑް ކޮށް ސްޓްރީމް ކުރެވޭނެ އެވެ.

އެނެމީ އޮފް ދަ ސްޓޭޓް

ޑޮކިއުމެންޓްރީ ފިލްމު އެނެމީ އޮފް ދަ ސްޓޭޓް އަކީ އެމެރިކާގެ ސީއައިއޭގެ ތެރޭގައި ހިނގާފައިވާ ގާނޫނާ ހިލާފު އަދި އެތައް ގޯސް އަމަލުތަކެއްގެ މައްޗަށް އަލިއަޅުވާލާ ފިލްމެކެވެ. އެމެރިކާގެ ކުރީގެ އެއާ ނޭޝަނަލް ގާޑް އިންޓެލިޖެންސް އެނަލިސިޓުގެ މަގާމުގައި މަސައްކަތް ކޮށްފައިވާ މެޓް ޑީހާޓް އަކީ މި ފިލްމުގެ މައިގަނޑު ވާހަކަ އަލިއަޅުވާލާ މީހާ އެވެ. އެންމެ ފުރަތަމަ މެޓް އާ ދެކޮޅަށް ސީއައިއޭ އިން މައްސަލަ ޖައްސައި އޭނާ ޖަލަށް ލަނީ އޭނާ އަތުގައި ކުޑަކުދިންގެ ފޮޓޯތަކެއް ހުރި ކަމަށް ބުނެ އެވެ. ނަމަވެސް ފަހުން އެނގިގެން ދަނީ އެކަމަކީ ސީއައިއޭގެ ފަތިފުށް ސަލާމަތްކުރަށް ކުރި ކަމެއް ކަމަށެވެ. އެގޮތަށް ސީއައިއޭ އިން ކަންތައް ކުރަނީ މެޓްގެ އަތުގައި ސީއައިއޭގެ ގޯސް އަމަލުތަކާ ގުޅޭ ބައިވަރު ޑޮކިއުމަންޓްތަކެއް ހުރުމުންނެވެ.

މި ފިލްމު ވެސް ވީޑިއޯ އޮން ޑިމާންޑް ކޮށް ޑައުންލޯޑު ކުރެވޭނެ އެވެ.

ހޮލީވުޑް ފިލްމު

Popular