By: Ahmed Jaishan
އަހަރުގެ ފަހުކޮޅާ ދިމާކޮށް ހޮލީވުޑްގެ ބޮޑެތި ޕްރޮޖެކްޓުތައް އޮތީ މިހާރު އަތުރާލައިފަ އެވެ. ސިނަމާތަކަށް ގޮސް މިހާރު ބޮޑެތި ފިލްމުތައް ބަލައިލުމުގެ ފުރުސަތު އޮތަސް ހަފްތާ ބަންދު ގޭގައި ބަލާނެ ރީތި ފިލްމުތައް އަދި ވެސް އެބަހުއްޓެވެ. މި ހަފްތާ ބަންދަށް ޖަޕަނީސް ތުރިލާ ފިލްމަކާއި ހޮލީވުޑް ބިރުވެރި ފިލްމެއް ހިމަނާލާށެވެ.
ޖަޕަނީސް ފިލްމުތަކުގެ ތެރޭގައި މުޅިން ތަފާތު އެކި ކަހަލަ ޕްލޮޓުގެ ފިލްމުތައް ހިމެނެ އެވެ. އޭގެތެރޭގައި ހިމެނޭ އެއް ފިލްމަކީ ތުރިލާ ފިލްމު "ވައިފް އޮފް އަ ސްޕައި" އެވެ. ރޮޓެން ޓޮމާޓޯސްގައި ސައްތައިން ސައްތަ ލިބިފައިވާ މި ފިލްމު ސެޓުކޮށްފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރަށެވެ. ފިލްމުގެ ލީޑް ކެރެކްޓަރަކީ ސަތޯކޯ އެވެ. ސަތޯކޯގެ ކުރިން ފިލްމުން ފެންނާނީ ފިލްމު މޭކަރެއް ކަމަށްވާ ޔުސާކޫ އެވެ. އޭނާ ފެންނާނީ ދެވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ކުރިންނެވެ. އެ ދުވަސްވަރު ޔުސާކޫ އަށް ގޯސް ކަންތައްތަކެއް ފެނެ އެވެ. އެކަންތައް ފިލްމުކޮށް ޔުސާކޫ ރައްކާ ކުރެ އެވެ. ދެން އެއް ދުވަހެއްގައި ސަތޯކޯގެ ކުޑައިރުގެ އެކުވެރިއެއް އޭނާއާ ބައްދަލުކުރެ އެވެ. އަދި އޭނާ ބުނާގޮތުން، އޭނާގެ ފިރިމީހާ ޔަސޫކާ އަކީ އެމެރިކާގެ ސްޕައި އެކެވެ. ސަތޯކޯ ދެން އުޅޭނީ އެ ވާހަކައިގެ ހަގީގަތް ހޯދުމަށެވެ.
މި ފިލްމު ވީޑިއޯ އޮން ޑިމާންޑުކޮށް މިހާރު ގަނެވޭނެ އެވެ.
ބިރުވެރި ފިލްމު ދަ ނައިޓް ހައުސްގައި ލީޑް ރޯލުން ފެންނާނީ ބެތު އެވެ. ބެތުގެ ފިރިމީހާ ވަނީ ދާދި ފަހުން މަރުވެފަ އެވެ. އޭނާގެ ފިރިމީހާގެ ހަނދާނުގައި ހަމައެކަނި އޮތް އެއްޗަކީ އޭނާ ދީފައިވާ ލޭކް ހައުސްއެކެވެ. ބެތު އޭނާގެ ފިރިމީހާގެ މަރުގެ ހިތާމައިން އަރައިގަތުމަށް ދުވަސްތައް ހޭދަކުރަނީ އެ ގޭގަ އެވެ. ނަމަވެސް މިހާރު އެ ގޭގައި ނިދާ ކޮންމެ ރެއަކު ފާޑެއްގެ ހުވަފެންތަކެއް ފެނެ އެވެ. ހިޔަންޏެއް ފަދަ އެއްޗެއް އޭނާގެ ފަހަތުން އުޅޭ ތަން އޭނާ އަށް ފެނެ އެވެ. ދެން ހާލަތު ގޯސްވާން ފަށައި އޭނާ އަށް ފެންނަނީ ހުވަފެނެއް ކަމެއް އަދި ހަގީގަތެއް ކަމެއް ވެސް ވަކި ނުވާ ހިސާބަށް ކަންތައް ދެ އެވެ. ދެން ދުވާލުގަޑީގައި ބެތު މަސައްކަތް ކުރަނީ އެކަމުގެ ހަގީގަތެއް ހޯދާށެވެ.
މި ފިލްމު ވެސް ވީޑިއޯ އޮން ޑިމާންޑްކޮށް ގަނެލެވޭނެ އެވެ.