26 Aug 2021

By: Ahmed Jaishan

މި ހަފްތާ ބަންދުގައި ބަލާނެ ވަރަށް ބައިވަރު ފިލްމުތައް އެބަހުއްޓެވެ. ސްޓްރީމިން ސާވިސް ނެޓްފްލިކްސް އިން މި ހަފްތާ އެކަނި ވެސް ގިނަ ފިލްމުތަކެއް ވަނީ ނެރެފަ އެވެ. މި ހަފްތާގެ ރިލީޒްތަކުގެ ތެރޭގައި އެންމެ ބޮޑަށް ހިމެނެނީ ނެޓްފްލިކްސްގެ ބޮޑު ފްރެންޗައިޒް "ދަ ވިޗާ"ގެ ސްޕިން އޮފް ޕްރީކުއެލް އެވެ. އެނިމޭޝަން ފިލްމެއްގެ ގޮތުގައި ނެރެފައިވާ އެ ފިލްމުގެ އިތުރުން މި ހަފްތާ ބަންދުގައި ބަލާ ފިލްމުތަކުގެ ލިސްޓަށް ދެން އިތުރު ކުރާނީ ތުރިލާ ފިލްމެކެވެ.

ދަ ވިޗާ: ނައިޓްމެއާ އޮފް ދަ ވުލްފް

ނައިޓްމެއާ އޮފް ދަ ވުލްފް އަކީ ނެޓްފްލިކްސްގެ ވިޗާ ސީރީޒް އާ ގުޅިފައިވާ ފިލްމެކެވެ. އެނިމޭޝަން ފިލްމެއްގެ ގޮތުގައި ނެރެފައިވާ ފިލްމަކީ ދަ ވިޗާގެ ގެރަލްޓުގެ މާ ކުރިން ހިންގާފައިވާ ކަންތައްތަކެއް ދައްކުވައިދޭ އެނިމޭޝަން އެކެވެ. މި ފިލްމުގައި ލީޑް ކެރެކްޓަރަކަށް ފެންނާނީ ގެރަލްޓުގެ ޓީޗަރު އަދި ކުރީގެ ވިޗާއެއް ކަމަށްވާ ވެސެމީއަ އެވެ. ފިލްމުގައި މުއްސަނދި އާއިލާއެއްގެ އަންހެން ދަރިއެއް ކަމަށްވާ ލެޝެން ސަލާމަތް ކުރާ ހިސާބުން ވެސެމީއަ އަށް ދިމާވާ ކަންތައް ފިލްމުން ފެންނާނެ އެވެ. މި ފިލްމުގައި ފެނިގެންދާނީ އެކި ކަހަލަ ޖަނަވާރުތަކާއި އިންސާނުން ގުޅިގެން ހުރިހާ ވިޗާތަކެއް މަރަން އުޅޭ މަންޒަރެވެ. އަދި އެ މަސައްކަތްތައް ވަރަށް ބޮޑަށް ކާމިޔާބުވާ ތަން ވެސް ފެނިގެންދާނެ އެވެ.

މި ނެޓްފްލިކްސް އޮރިޖިނަލް އެނިމޭޝަން މިހާރު ސްޓްރީމް ކުރެވޭނެ އެވެ.

އޯޕެން ޔޯ އައިސް

އޯޕެން ޔޯ އައިސް އަކީ ނެޓްފްލިކްސް އިން ދާދި ފަހުން ނެރުނު ޕޮލިޝް ތުރިލާ އެކެވެ. މި ފިލްމުގައި ލީޑް ރޯލުން ފެންނާނީ ޖޫލިއާ ނަމަކަށް ކިޔާ ކެރެކްޓަރެކެވެ. މި ހުރިހާ ކަމެއް ފެށެނީ ޖޫލިއާ އޭނާގެ އާއިލާއާއެކު ކާރެއްގައި ދަތުރުކުރަނިކޮށް އެކްސިޑެންޓެއް ވާ ފަހުންނެވެ. އެކްސިޑެންޓުގައި ޖޫލިއާގެ މަންމަ އާއި ބައްޕަ މަރުވެ އެވެ. އަދި އެހާ ހިސާބުން ޖޫލިއާއަށް ހުންނަނީ އެމްނީޝިއާ ވެސް ޖެހިފަ އެވެ. އެމްނީޝިއާ އާ ގުޅިގެން ޖޫލިއާ ފަރުވާ ހޯދުމަށް ހާއްސަ ކްލިނިކަކަށް ދެ އެވެ. ކްލިނިކަށް ދިޔުމުގެ ދުވަސްކޮޅެއް ފަހުން އޭނާ އަށް ބިރުވެރި ހުވަފެންތަކެއް ފެންނަން ފަށަ އެވެ. އަދި ހުވަފެން ތަކަކީ އެ ކްލިނިކުގެ ތެރޭގައި ވަމުންދާ ކަމުގެ އިހުސާސް ކުރެވެން ފެށުމުން އެކަމުގެ ހަގީގަތް ހޯދަން ޖޫލިއާ މަސައްކަތް ކުރެ އެވެ. އަދި ކްލިނިކުގެ ތެރޭގައި ފޮރުވިފައިވާ ބިރުވެރި އެތައް ސިއްރުތަކެއް ފަޅާ އަރައިގެން ދާ ތަން ވެސް އޯޕެން ޔޯ އައިސް އިން ފެންނާނެ އެވެ.

އޯޕެން ޔޯ އައިސް ވެސް މިހާރު ނެޓް ފްލިކްސް އިން ސްޓްރީމް ކޮށްލެވޭނެ އެވެ.

ހޮލީވުޑް ފިލްމު

Popular