By: Ahmed Jaishan
ފިލްމު ފެށިގެން ނިމެންދެން އެންމެ ހިނދުކޮޅަކަށް ވެސް ފޫހި ނުވެ ބަލައިލެވޭ ގޮތަށް ފިލްމެއް ހެދުމަކީ ވަރަށް މޮޅު ކަމެކެވެ. މާވެލްގެ އާ ސުޕަހީރޯ އޮރިޖިނަލް ސްޓޯރީ "ޝަންގް ޗީ އެންޑް ދަ ލެޖެންޑް އޮފް ދަ ޓެން ރިންގްސް" އިން ވަނީ އެކަން ކާމިޔާބުކޮށްފަ އެވެ. ގާތްގަނޑަކަށް ދެ ގަޑިއިރާއި 20 މިނެޓުގެ މި ފިލްމުގެ ވިޝުއަލްތަކުން ފެށިގެން އެކްޝަން އާއި ސްޓޯރީލައިން އާއި ހުރިހާ އެއްޗެއް ވެސް ވަރަށް ރީއްޗެވެ.
މާވެލް އިން ސުޕަހީރޯ ކެރެކްޓާތަކުގެ ތެރެއިން އެންމެ ފުރަތަމަ އޭޝިއަން ސުޕަހީރޯގެ ފެށުން މިއޮތީ ވަރުގަދަކޮށް ގެނެސްދީފަ އެވެ.
ސިމޫ ލިއު (ޝަންގް ޗީ / ޝޯން)
މެންގައާ ޖޭންގް (ޝޫ ޝިއަލިން)
ފްލޯރިއަން މަންޓަނޫ (ރޭޒާ ފިސްޓް)
ބެނެޑިކްޓް ވޮންގް (ވޮންގް)
ބެން ކިންގްސްލީ (ޓްރެވާ ސްލެޓަރީ)
ޑައިރެކްޝަން: ޑެސްޓިން ޑެނިއެލް ކްރެޓަން
ސްކްރީންޕްލޭ: ޑޭވް ކެލަހެމް
ސިނެމެޓޮގްރަފީ: ވިލިއަމް ޕޯޕް
ޝަންގް ޗީ އަކީ މާވެލް ކޮމިކް ކެރެކްޓާތަކުގެ ތެރެއިން ގިނަ ފަހަރަށް އެހާ ބޮޑު ސަމާލުކަމެއް ނުދެވޭ ކެރެކްޓަރެކެވެ. ނަމަވެސް މާވެލް ސިނެމޭޓިކް ޔުނިވާސް އަށް ޝަންގް ޗީ ތައާރަފުކުރުމުން މިއޮތީ އޭނާގެ މުހިއްމުކަން ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ޝަންގް ޗީ ފިލްމު ފެށުމާ ހަމައަށް މާވެލް އިން ދިޔައީ "ހައިޕް" އިތުރުކުރަމުންނެވެ. ފިލްމަށް ބޮޑެތި އުއްމީދުތަކާ އެކު ދިޔައިރު ކަންބޮޑުވެދާނެ ކަންތައްތައް ވެސް ހުއްޓެވެ. ހޮލީވުޑަކީ އީސްޓް އޭޝިއާގެ ސަގާފަތްތަކާއި އާދަކާދަ ދެއްކުމުގައި އެހާ މޮޅު ބައެއް ނޫނެވެ. އެ ކަންބޮޑުވުންތަކާ އެކު ފިލްމަށް ދިޔަ ނަމަވެސް މި ފިލްމު ވެގެން ދިޔައީ ހީކުރި ވަރަށް ވުރެ ވެސް ރަނގަޅު ފިލްމަކަށެވެ.
.
ފިލްމުގެ ޓްރެއިލާތައް ފިލްމަކަށް އިންސާފެއް ނުކުރެ އެވެ. އެއަށްވުރެ ފިލްމުގެ ވާހަކަ އާއި ހުރިހާ ކަމެއް ވެސް ވަރުގަދަ އެވެ.
ފިލްމު ފެށެނީ ޝަންގް ޗީ އަކުންނެއް ނޫނެވެ. ފިލްމު ފެށެނީ އޭނާގެ ބައްޕަ ޝޫ ވެންވޫ އަށް މީގެ އެތައް ހާސް އަހަރެއް ކުރިން އާދަޔާ ހިލާފު ބާރުތަކެއް ލިބިފައިވާ ތަނޑިތަކެއް ނުވަތަ ރިންގުތަކެއް ލިބޭ ހިސާބުންނެވެ. އެ ރިންގުތަކާ އެކު ވެންވޫ އަށް އާދަޔާ ހިލާފު ބާރުތަކާއި އުމުރުން ދުވަސް ނުވެ އަދި މަރު ނުވެ ހުރުމުގެ ބާރުތައް ލިބެ އެވެ. އެހާ ހިސާބުން ވެންވޫ ފެންނަނީ ވިލަންއެއްގެ ގޮތުގަ އެވެ. "ޓެން ރިންގްސް" ނަމަކަށް ކިޔާ ހާއްސަ ލަޝްކަރެއް އުފައްދައި ވެންވޫ، ދުނިޔޭގެ ތާރީހަށް ބަދަލު ގެނެސް އެންމެ ވަރުގަދަ އެކަކަށް ވެ އެވެ. ނަމަވެސް މި ހުރިހާ ކަމެއް ބަދަލުވެގެން ދަނީ ޓާ ލޯ ނަމަކަށް ކިޔާ އަވަށެއް އޭނާ ހޯދަން އުޅުމުގެ ތެރޭގަ އެވެ.
ޓާ ލޯގައި އާދަޔާ ހިލާފު ޖަނަވާރުތަކެއް އުޅޭ ކަމަށް މައުލޫމާތު ލިބި، އެތަނުން އިތުރަށް ބާރުތައް ހޯދަން ވެންވޫ ދެ އެވެ. ނަމަވެސް ވެންވޫގެ މަސައްކަތް ހުއްޓުވަނީ ޔިންގް ލީ އެވެ. ޔިންގް ލީގެ ފަރާތުން ވެންވޫ އަށް މުޅިން ތަފާތު އާ ނަޒަރަކުން ދުނިޔެ ފެނުނެވެ. އަދި ދެމީހުން ދެމެދުގައި ލޯބި އުފެދި ދެމީހުންގެ ކުރީގެ ހަޔާތް ދޫކޮށްލަ އެވެ.
ދެމީހުން ކައިވެނިކޮށްގެން ލިބެނީ ޝަންގް ޗީ އާއި ޝިއަލިން އެވެ. ކުޑަކުޑަ އާއިލާ އުފަލުގައި އުޅެނިކޮށް ހުރިހާ ކަމެއް ބަދަލުވަނީ ޝަންގް ޗީގެ މަންމަ މަރާލާ ހިސާބުންނެވެ. އެހާ ހިސާބުން ބައްޕަ ކުރީގެ ގޮތަށް ބަދަލުވެ އެވެ. އަދި ވެންވޫ، ޝަންގް ޗީ އެސާސިން އަކަށް ހަދަން ޓްރެއިން ކުރުވަ އެވެ. އަދި ޝިއަލިން ހުންނަނީ އެކަކު ވެސް ނެތި ބާކީ ވެފަ އެވެ. ވެންވޫ އޭނާގެ ދަރިފުޅު ޓްރެއިން ކުރުވަނީ، ޔިންގް ލީ މަރާލި މީހުން މަރާލުމަށް ފޮނުވާށެވެ. އަދި އުމުރުން އެންމެ 14 އަހަރުގައި ޝަންގް ޗީ ފޮނުވަނީ އެމެރިކާއަށް އެމީހުން މަރާލާށެވެ.
ޝަންގް ޗީ އާއި އޭނާގެ ކޮއްކޮ ޝިއަލިން
ފިލްމުގައި ދެން ފެނިގެންދާނީ ޝަންގް އާދައިގެ ދިރިއުޅުމެއްގައި ބައްޕަ އާ ފިލައިގެން އެމެރިކާގައި އުޅޭ ތަނެވެ. ޝޯންގެ ނަމުގައި އެމެރިކާގައި އުޅޭއިރު ކޭޓީ ނަމަކަށް ކިޔާ އޭނާގެ އެކުވެރިއެއް ހުރެ އެވެ. ދެމީހުން އެކަކު އަނެއްކަކަށް އެނގޭތާ 15 އަހަރު ވެފައިވާއިރު ދެމީހުން ވެސް މަސައްކަތް ކުރަނީ އެއް ތަނެއްގަ އެވެ.
ޝޯން ފިލައިގެން އުޅުނު ދިރިއުޅުން ބަދަލުވަނީ ބަޔަކު އޭނާ މަރާލަން އުޅޭ ހިސާބުންނެވެ. އެ މީހުން ޝޯން މަރާލަން އުޅެނީ ބަހެއްގެ ތެރޭގަ އެވެ. މި މުޅި ސީކުއެންސް އަކީ ވަރަށް ރީއްޗަށް ތައްޔާރުކޮށްފައިވާ ސީކުއެންސް އެކެވެ. މުޅި ފިލްމުގައި ވެސް ހިމެނޭ އެކި އެކްޝަން ސީންތަކަކީ ވަރަށް ރީތިކޮށް ތައްޔާރުކޮށްފައިވާ ސީންތަކެކެވެ. މާޝަލް އާޓްސް ބޭނުންކޮށްގެން ނިންމާފައިވާ ފައިޓް ސީންތަކަކީ ވަރަށް "ފްލުއިޑް"، އަވަސް އަދި އެހާ ސާފު މޫވްތަކެކެވެ. މުޅި ފިލްމުތަކުން ވެސް މި ތީމް ފެންނާނެ އެވެ.
ޝަންގް ޗީގެ ފަހަތުން އެ އުޅެނީ އޭނާ ބައްޕަ ފޮނުވި މީހުންތަކެއްކަން އެނގޭ ހިސާބުން ކޭޓީ އާއެކު ދެމީހުން ޗައިނާއަށް ދެ އެވެ. ޗައިނާއަށް ދަނީ އޭނާގެ ކޮއްކޮ ޝިއަލިން ފޮނުވާފައިވާ ސިޓީއަކާ ގުޅިގެންނެވެ. ޗައިނާއަށް ދިޔުމުން ޝިއަލިން ސިޓީއެއް ނުފޮނުވާކަން އެނގެ އެވެ. އަދި ވެންވޫގެ މީހުން ވެގެން ޝަންގް ޗީ އާއި ޝިއަލިން އަތުލައިގެން އޭނާގެ ބައްޕަ ގާތަށް ގެންދެ އެވެ.
ދެމީހުންގެ ތެރެއިން އެކަކު ވެސް އެމީހުންގެ ބައްޕަ އާ ދިމާ ނުވާތާ އެތައް އަހަރެއް ވެއްޖެ އެވެ. އަދި ބައްޕަ އާ ދިމާވުމުން އެނގެނީ ވެންވޫ އުޅެނީ އޭނާގެ އަންހެނުން، ޝަންގް ޗީގެ މަންމަ، އަނބުރާ ގެނައުމަށް މަސައްކަތް ކުރާށެވެ.
.
އާދަޔާ ހިލާފު ބާރެއް، ވެންވޫ އަށް ނުފޫޒު ފޯރުވައިގެން އޭނާގެ އަންހެނުންގެ އަޑުން އެހީއަށް ގޮވާތީ ވެންވޫ އަށް އެއްވެސް ކަމެއް ސާފެއް ނޫނެވެ. މިހާރު ވެންވޫ އަށް ހަމައެކަނި ފެންނަނީ އޭނާގެ އަންހެނުން ސަލާމަތްކުރުމެވެ. އޭނާގެ ދަރިން ވެސް މިހާރު ނުފެނެ އެވެ.
.
ޝަންގް ޗީ ހާއްސަ ވާ ސަބަބަކީ މިއީ އެވެ. ސުޕަހީރޯ ފިލްމުތަކުގައި ގިނަ ފަހަރަށް ގެންގުޅޭނީ "ކްލޯން" ވިލަން އެކެވެ. އެއީ ލީޑް ކެރެކްޓަރުގެ ހުރިހާ ކަމެއް އިދިކޮޅަށް ހުންނަ ކެރެކްޓަރެކެވެ. މިފަދަ ވިލަން ކަންތައް ކުރަނީ ވަކި ސަބަބެއް އޮވެގެނެއް ނޫނެވެ. މިފަދަ ވިލަންގެ މައިގަނޑު މަގުސަދަކީ ސުޕަހީރޯގެ ކެރެކްޓަރު ވަރުގަދަ ކުރުން އެކަންޏެވެ.
ނަމަވެސް ވެންވޫގެ އަމަލުތައް އުފެދިފައިވަނީ ނަފުރަތުގެ ސަބަބަކުންނެއް ނޫނެވެ. ނަމަވެސް އޭނާގެ އަންހެނުން ދެކެ ވާ ލޯތްބެއްގެ ސަބަބުން އޭނާ ހޯދަން ބޭނުންވާތީ އެވެ. މިއާއެކު ވެންވޫ އޭނާގެ އަންހެނުން ހޯދުމަށް ކުރާ ކަންތައްތަކަކީ ގޯސް ކަންތަކަށް ވި ނަމަވެސް އެ އަމަލުތައް ކުރާ ސަބަބަކީ ގަބޫލުކުރެވޭ އަމަލުތަކެކެވެ. ވެންވޫ ރަނގަޅު ވިލަން އަކަށް ވަނީ އޭނާއަކީ ސީދާ ވިލަން އަކަށް ނުވާތީ އެވެ.
.
ފިލްމުގެ ސިނެމެޓޮގްރަފީ އަކީ ވެސް ވަރަށް ވަރުގަދަ އެއް ޕޮއިންޓެވެ. އޮސްޓްރޭލިއާގައި ޝޫޓުކުރި ނަމަވެސް ޗައިނާގެ "އެސެންސް" ފެންނާނެ ގޮތަށް ތައްޔާރުކޮށްފައިވާ ސެޓުތަކާއި ސީޖީއައި ފިލްމާ ވަރަށް ގުޅެ އެވެ. އަދި ފިލްމުގެ ސީޖީއައި އަކީ ވަރަށް ވަގުތު ހުސްކޮށްފައިވާ ކަމެއް ކަން އެނގެ އެވެ. ފިލްމުގެ ފަހު ތަޅާލުންގަނޑުގައި ފެންގަނޑުތައް ބޭނުންކޮށްގެން ގިނަ ސީޖީއައި ހަދާފައިވާ ކަމަކީ އެކަމުގެ ހެއްކެކެވެ. އެ މަންޒަރުތަކުން ފެންގަނޑު ވަރަށް ވެސް ހަގީގަތާ އެއްގޮތަށް ގެނެސްފައިވާތީ އެއީ ބުރަ މަސައްކަތް ކަން އެނގެ އެވެ. ސަބަބަކީ ފެނަކީ ސީޖީއައި އިން ރެންޑާ ކުރުން އެންމެ އުނދަގު އެކައްޗެވެ.
.
މުޅި ފިލްމުގެ ތީމާ އެ ފިލްމުގެ ސައުންޑް ސްކޯ އަދި މިއުޒިކް ވެސް ވަރަށް ގުޅެ އެވެ. އެގޮތުން ޗައިނީ ފޯކް މިއުޒިކް އާއި ހޮލީވުޑް މިއުޒިކް އެއްކޮށް ހަދާފައިވާ ސްކޯ އަކީ ޝަންގް ޗީގެ އަސްލާ ވަރަށް ގުޅޭ މިއުޒިކެވެ.
.
އެހެންވީމާ މާވެލްގެ ފޭނުން ނޫނަސް، ސުޕަހީރޯ އޮރިޖިން ފިލްމުތަކަށް ލޯބި ކުރާ މީހުންނަށް ޝަންގް ޗީއަކީ ބަލާލަން ވަރަށް ރަނގަޅުވާނެ ފިލްމެކެވެ.