23 Sep 2017

ގަސްތަަކާނުލާ

ގަސްތަަކާނުލާ

އަންގާރަ ދުވަހާ ގުޅޭ

"ކުޑަބެއަށް ކިހިނެއް ވީތަ މިއަދު..." ދާން ހިނގައިގަތް އީމާއަށް މުހާތަބްކޮށް ޔާނާ އަހާލިއެވެ. ސައިފް އަކީ ޔާނާއާ ދެބެންގެ ދެދަރި ބޭބެއެކެވެ.

ޔާނާގެ ސުވާލާއެކު އީމާ އެނބުރުނެވެ. ހަތަރުކަޅި ހަމަވީ ސައިފްއާއެވެ.

"އިހަށް އިނދޭ. މަ އަންނާނަން." އީމާ ދިޔައީއެވެ. ޔާނާ އެނބުރުނީ ސައިފްއާ ދިމާލަށެވެ.

އީމާ މައްޗަށް ދިޔައިރު ސިޓިންރޫމްގައި އެއްވެސް މީހަކު ނެތެވެ. މާ ގިނަ ބަޔަކު އުޅޭގެއެއް ނޫނެވެ. މަންމައާއި ކޮއްކޮ ފެންނަން ނެތިއްޔާ އެ މީހުން ވާނީ ކޮޓަރީގައެވެ.

އީމާ ގަސްތުކުރީ އަޅާވެސް ނުލާ ބައްޕައަށް ކާއެއްޗެއް ހެދުމަށެވެ. ރެއަށް ކާ ގަޑި ވެސް ހުރީ ޖެހިފައެވެ. ހަދާއިރު ރަނގަޅު އެއްޗެއް ހަދަން އީމާ ގަސްތުކުރިއެވެ.

ސިޓިންރޫމްގެ އެއްކަނެއްގައި ހުންނަ ގޯޅިގަނޑަކީ އެ މީހުންގެ ބަދިގެއެވެ. ތަނުގެ ކުލައަކީ މުޅިގޭގައި ވެސް ހުންނަ ފަދައިން ހުދުކުލަ ކަމަށްވިޔަސް ބަދިގެތެރެ ހީވަނީ ދުންބަދިގެއެއް ހެންނެވެ. ފާރުތަކުގައި ކުލަކޮޅެއް ނުލާ ތަނުގައި ސާފުނުކޮށްނުކޮށް ހުންނަނީ ރަތްވެފައެވެ.

ކިތަންމެ އަވަސް އަވަހަކަށް އެ ބަދިގެއަށް ވަންނަން ޖެހުނަސް އީމާގެ ލޮލުގައި އެކަން އަޅައިނުގަންނަ ދުވަހެއް ނުދެއެވެ. އެއީ އޭނަ ސާފުކުރިއްޔާ ނޫނީ ސާފުނުކުރާ ބަދިގެއެކެވެ. އެ ބަދިގޭގެ ކުލަ ބަދަލުކުރުމަކީ އޭނައަށް ވާނެ ކަމެއް ނޫނެވެ. މި ހަފުތާ މި ހުސްވީ އޭނައަށް އެތަން ސާފު ވެސް ނުކޮށް ކަމުން އެއްޗެއްގަ އަތްލާން ވެސް ކެރޭވަރަށްވުރެ އެއްޗިހި ވަނީ ތަތްވެފައެވެ.

އިނގިލިތަކުގެ ކޮޅުން ހިފާފައި ތެލިތަކުގެ މަތި ނަގާ އީމާ ބަލާލިއެވެ. ރިހަތެލި ހުރީ ރިހަ ކެއްކި ތެއްޔަށް ބަދަލުވެފައެވެ. ބަތް ތެލި ހުރީ ބަތް ކައްކާ ތެއްޔަށް ބަދަލުވެފައެވެ. ތަވާ ހުރީ ކުޅިމަސްހެދި ތަވާއަށް ބަދަލުވެފައެވެ. އެއްވެސް ތެއްޔެއްގައި ސުވައެއްގެ މިންވަރު ވެސް ބާކީއެއް ނެތެވެ. ހުރީ ހުސްވެފައެވެ. ދޮންނަން ވެފައެވެ. އެކަމަކު ދޮންނާނެ އަތެއް ނެތިފައެވެ.

އީމާ ގަޑިބަލާލިއެވެ. ރޭގަނޑުން ހަތްގަޑި ސާޅީސް ވަނީ އެވެ. އާހިލް ހުންނާނީ މިހާއިރުވާއިރު ކައިގެންނެވެ. މަންމަގެ ކެއުމާއި ދޭތެރޭ އޭނަ ނުވިސްނައެވެ. މަންމަ ކެޔަސް ނުކެޔަސް އަދި މިރޭ ތަނަކަށް އޯޑަރުކޮށްގެން ކާއެއްޗެހި ނުކައިފިއްޔާ އެއީ މަންމައަށް ވެސް ނުވާނެއެވެ. އެހާ ވެސް ރަނގަޅަށް އެކަން އީމާއަށް ޔަގީންވާތީ އެކަމާ އީމާ ކުޑަވެސް ކަންބޮޑެއް ނުވިއެވެ.

އަތުކުރީގައި އޮތް ގަޑި ނަގާ ފްރިޖްމަތީގައި ބާއްވާފައި އީމާ އުޅެގަތީ އެއްޗެއް ތައްޔާރު ކުރުމަށެވެ. ބައްޕައަށް ކާންދޭންވެއްޖެ ނަމަ ގިނަ ދުވަސްދުވަހު އީމާއަށް ޖެހޭ ހާލަކީ އެއީއެވެ. ބައްޕައަށްޓަކައޭ ކިޔާފައި ދުވަހަކު ވެސް މަންމަ ކާއެއްޗެއް ނުބަހައްޓާނެއެވެ.

އަތުބުރު އަވަސްކޮށްފައި ފުށްމޮޑެގެން ރޮށިފިހުމުގެ މަސައްކަތް ކުރަމުން ދިޔަ އީމާގެ ހިތުގައި މިފަހަރު ވެސް ހިނގައިގަތީ އަބަދުވެސް ހިނގާ ސުވާލުތަކެވެ. ބައްޕަ ދެކެ އެ މަންމަ އެހާ ރުޅި އަންނަ ސަބަބަކީ އަޅެ ކޮބައިބާވައެވެ؟ ބައްޕައަށް​ ނުހިނގެނީ މިވޭތުވެދިޔަ ނުވައަހަރުގެ ތެރޭގައިތާއެވެ. އޭގެ ކުރިން ގައިމު ވެސް މަންމައަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް ބައްޕަ ހުންނާނީ ހޯދައިދީފައިތާއެވެ. ބައްޕައަކީ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏެއް ހިންގަމުން އައި މީހެކެވެ. ފައިސާ ވެސް ލިބޭނެތާއެވެ. ބައްޕައަކީ ދީލަތި ހިތެއްގެ ވެރިއެކެވެ. ނުދީ ނުހުންނާނެކަން އީމާއަށް ޔަގީނެވެ. އެކަމަކު ވެސް އެ ދެމަފިރިންގެ މައްސަލައަކީ ކޮބައިކަމެއް އީމާއަކަށް ނުވިސްނެއެވެ.

ރޮށިފިހެ ނިންމާފައި ގުނާލިއިރު ފަނަރަ ރޮށި އޮތެވެ. އީމާ ހިތްހަމަޖެހުނެވެ. ބައްޕައާއެކު ޔާނާއަށް ވެސް ކެވޭނެއެވެ. އޭނައަށް ވެސް ކެވޭނެއެވެ.

މާގިނައިރެއް ނުވެ ތަށިތައް ހިފައިގެން ބައްޕަގެ ކޮޓަރިޔަށް އީމާ ދިޔައެވެ.

"ހާދަ ފާސްޓޭ ދޯ،" އެ ކޮޓަރީގަ ހުރި ކުޑަމޭޒުމަތީ މަސްހުންޏާ ރޮށްޓާ އެކު ތަށިތައް އަތުރާލިތަން ބަލަން އިނދެފައި ޔާނާއަށް ބުނެވުނެވެ.

އެ އެއްޗެހި އީމާ އެ ތައްޔާރުކޮށްލިލެއް އަވަސްކަމުން ސައިފް ވެސް ހައިރާން ވިއެވެ.

"މިއީ ދެން އެހާވަރުކަމެއްތަ؟ އަވަހަށް މިކޮޅަށް ޖެހިލާ. ބައްޕަ ވާނެ މިރޭ ރަނގަޅަށް ކާން. ބައްޕައަށް އެންމެ މީރު ވަޅޯމަހު މަސްހުނިމިއީ." އީމާގެ މި ބުނުމަށް ސައިފް ހީލިއެވެ.

ޔާނާ ވެސް ގޮނޑި ކައިރިކޮށްލައިގެން ކެއުމާއިގެން އުޅެގަތެވެ.

ހިތްހަމަޖެހުމާ އެކު ސައިފް ކެޔެވެ. އެ ޅަ ދެ އަންހެންކުދިން ދައްކާ މޮޅު ވާހަކަތައް އަޑުއަހަމުން އެ ވާހަކަތަކުގައި ބައިވެރިވަމުން ކައި ނިމުނުއިރު ސައިފްއަށް އޭނަގެ ގައިގައި އަޅާވޭން ވެސް އިހްސާސްކުރަން އިނީ ހަނދާން ނެތިފައެވެ.

ބައްޕައަށް ކާންދިނުމުގެ ކަންތައް ނިމުމުން ތަށިތައް ހިފައިގެން މައްޗަށް އީމާ އެރިއިރު އީމާއާއަށް އެހީވުމުގެ ގޮތުން އެ ތަށިތަކުން އެއްބައި ހިފައިގެން ޔާނާ ވެސް މައްޗަށް އެރިއެވެ.

"ކޮބާ މިގޭ މީހުން...." ބަދިގޭގެ ސިންކުކައިރީ އެ ތަށިތައް ބަހައްޓަމުން ވައި އަޑުން ޔާނާ އަހާލިއެވެ.

"މަންމަ ކޮބައިކަމެއް ނޭނގެ. ކޮއްކޮ އިންނާނެ ކޮޓަރީގަ. އަހަންނެއް އަދި ބަލައެއް ވެސް ނުލަން. ނޭނގެ." އީމާ ވެސް ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ.

ޔާނާ ވަކި އެއްޗެއް ނުބުނެއެވެ. އީމާ އުޅެންޖެހިފައިވާ ހާލާމެދު ޔާނާ އަބަދުވެސް ކަންބޮޑުވެއެވެ. އެހެނަސް އެއީ އެ މީހުންނަށް ބަދަލުކުރެވެން ނެތް ހާލަތްތަކެއްކަން ވެސް ޔާނާ ދަނެއެވެ. އެ މީހުންނަކީ އަދި ޅަކުދިންކަމަށްވާތީ އާއިލާގެ އެފަދަ މައްސަލަތަކަށް ބަސްކިޔޭވަރެއް އެ މީހުން ނުވާކަން ޚުދު ޔާނާ ވެސް ގަބޫލު ކުރެއެވެ.

"ގުޅާނަން އިރުކޮޅަކުން އިނގޭ...." ތަށިތައް ދޮވެ، ތެލިތައް ދޮވެ ބަދިގެތެރެ އެކަށް ސާފުކޮށްފައި ނިމިގެން އީމާ އަންނަންދެން އޭނަގެ ކޮޓަރީގައި އިން ޔާނާ އޭނަގެ ފޯންކޯލް ނިންމާލިއެވެ.

"ހޫން....އެއްކަލަ ކޯލް ދޯ. ކާކާތަ ތި ވާހަކަ ދައްކަނީ އަޅެ މިހާރަކަށް އައިސް."

އިރުތަކެއްވަންދެން ތަށިތަކާއި ތެލިތައް ދޮންނަން އުޅެފައި އައިސް ވަން އީމާ ފުރަތަމަ ވެސް ބެލީ އަތުގައި ލޯޝަންކޮޅެއް ލެވޭތޯއެވެ.

"އެވެސް މީހެއް." ނުގޮތަކަށް ޔާނާ ހީލިއެވެ.

"އަހަންނަށް އެނގޭނެ ކޮންމެވެސް އިރަކުން. އޭރަށް ވެސް ކިޔާނެ އެއްޗެއް ހޯދައިގެން ހުންނާތި." އީމާ ވެސް އޭނަގެ އެކުވެރިޔާއާ ދިމާކޮށްލިއެވެ.

"ކޮންމެފަހަރަކު މަޅިއަކުން ސަލާމަތް ނުވެވިގެން އުޅެންޖެހޭ ހާލު ހަމަ ހަނދާނެއް ނުހުރޭދޯ." ޔާނާ ވާހަކަ ދައްކާނީ އަބަދުވެސް ކޮންމެވެސް ފައިސާގަނޑަކާކަން އީމާ ދަނެއެވެ. އެކަމުގައި އީމާގެ މައްސަލައެއް އޮތީކީ ވެސް ނޫނެވެ. މައްސަލައަކަށް ވަނީ ޔާނާއަށް އެ މީސްމީހުންގެ ފަރާތުން ސަލާމަތް ނުވެވިގެން ތެޅެންޖެހޭ ތެޅުންތަކެވެ.

"މިއީ އެކަހަލަ ކަމެއް ނޫނޭ. އަހަރެން އެންމެ ފުރަތަމަ ދުވަހު ވެސް އޮންނާނީ އޭނައަށް ކިޔާދީފަ. އޭނަ ވެސް އެ ގޮތާ ގަބޫލުވީމަ...." ޔާނާގެ ހުޝިޔާރުކަމަކީ އީމާއަށް ސިއްރެއް ވެސް ނޫނެވެ.

"ތިހެން އަބަދުވެސް އެ މީހުންނަށް އެނގެއެއްނު. އެކަމަކު ވަނީ އެހެންތަ؟ ބަލަ ފިރިހެނުން ވާނީ ފިރިހެނުންނަށް. ނުލިބޭހާ ހިނދަކު ޝަރުތުތައް ގަބޫލުކުރާނެ. ޔަގީންކަން ލިބުމާއެކު އެ މީހުންގެ ހަގީގަތް ފެންނަން ފަށާނެ. ކިތަންމެ ވަރަކަށް އާނއެކޭ. އޯކޭއޭ ބުންޏަސް މި ނޫންގޮތެއް ވެފަ އެބައޮތްތަ؟" އީމާ އޭނަގެ ފޯން ހފައިގެން އެނދުގައި އޮށޯވެލިއެވެ.

"އާނ. އިންތި އެހެރީނު....އިންތިއެއް ނޫޅޭ އެހެންކަމެއް ބޭނުންވެގެނެއް." ޔާނާ އަވަހަށް ހަނދާންކޮށްދިނެވެ.

އީމާ ހީގަތެވެ.

"އިންތި އެއީ ބަލިމީހެއް. އެހެންވެ އެއީ...." އީމާ މިހެން ބުނުމާއެކު ޔާނާގެ ވެސް ހުނުންގަނޑު ދިޔައީ ފަޅައިގެންނެވެ.

ޔާނާ މަސައްކަތް ކުރަނީ ހުޅުމާލޭގައި ހުންނަ ކްލައުޑް ނައިން ގައެވެ. އެއީ ފައިތިލަ މަސާޖްކޮށްދޭ ތަނެކެވެ. ޒުވާން ތިރީސް އަންހެންކުދިންނާ އެކު ހިންގާ އެތަނަކީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު ފެންވަރު ރަނގަޅަށް ހަދާފައިވާ ތަނެކެވެ. ޚިދުމަތުގެ އަގުބޮޑު އެތަނަކީ ރާއްޖޭގައި ވެސް ހުރި އެފަދަ ހަމައެކަނި ތަނެވެ.

"ހެވޭ ދެން. އަހަރެންނަށް ސަޅިކޮށް އުޅެވެންޏާ އަހަންނަށް ހެޔޮ،" ހީހީ ވަރުބަލިވީފަހުން އެންމެ ފަހުން ޔާނާ ބުނެލިއެވެ.

"އޯކޭ އެކަމަކު ވިސްނައިގެން އުޅޭތި." އީމާ އޭނަގެ ފޯނުން ހުޅުވާލި އެފްބީ އާއި ވައިބާ އަދި އިންސްޓަގްރާމްގެ ތެރެއަށް ފީނައިގަންނަމުން ބުނެލިއެވެ.

"ތިއެއް ނޫނޭ. ބުނެބަލަ. ކުޑަބެއަށް ކީއްތަވީ މިއަދު. އަނެއްކާ ވެސް ކުޑަބެދައްތަ ކަންތައްގަނޑެއް ހިންގާލީތަ؟" ޔާނާ އަދިވެސް އެ ހުންނަނީ އެ ވާހަކަ އަހާހިތުންނެވެ.

"އަހަންނަށް ގެއަށް އާދެވުނީ ހަމަ ކިރިޔާ. ޑިއުޓީ ނިންމާފަ އައިސްވަންއިރު އިވޭ މަންމަ ހަޅޭއްލަވާއަޑު. މަންމަ ހުރީ މަތީގަ. އަޑުއިވުމާއެކު މަށަށް އެނގިއްޖެ ކަންތައްގަނޑެއް ހިންގާލީކަން. ބައްޕަ ކައިރިޔަށް ދިޔައިރު ބައްޕައެއް ނެތެއްނު ފެންނާކަށް. އަހަންނަކަށް ނޭނގުނު ވީގޮތް ވެސް...." އީމާގެ ވާހަކަ މިހިސާބަށް ދިއުމުން ޔާނާއަށް ވެސް އޮތްތަނުން ތެދުވެވިއްޖެއެވެ.

"އަސްލު އަހަރެން ހީކުރީ އެ އުޅޭ ސަލީމް ލައްވާ ބައްޕަ މައްޗަށް ގެނުވީކަމަށް. ދެ ދުވަހަކު އެހެން ވެސް ހަދައިފިއްޔާ. އެހެންވެ ކޮޓަރި ރަނގަޅަށް ނުބަލާ އަހަރެން އެރީ މައްޗަށް. މައްޗަކު ވެސް ނެތީމަ އަނެއްކާ ތިރިޔަށް އައިސް ބެލިއިރު ބައްޕަ އިން ގޮނޑީގައި. ފާހާނާއިން ނުކުމެފަ އިނީ... ބައްޕަ އިނީ ރޮވިފަ. މިވީގޮތަކީ ސަލީމް މިއަދު ނާންނާތީ ބައްޕަ ބުނީޔޯ މަންމަ ކައިރީ ތިމަންނާ ފެންވަރަން ފެންކޮޅެއް ހޫނުކޮށްލަދޭށޭ. ފެންކޮޅު ހޫނުކޮށްގެން ގެންދިޔައީމަ ބައްޕަ ބުނީޔޯ ފެންވަރަން އެހީވެދީބަލާށޭ. އެހިސާބުން މި ގޯސްވީ. މަންމަ ބޭނުމެއް ނުވި އެކަން ކޮށްދޭކަށް. ބައްޕައަށް ބަވައިގަތީ. ބަވަ ބަވާފަ މަންމަ ދިޔައީ. ބައްޕަ އެކަނި ފެންވަރަށް ވަދެ އުޅެނިކޮށް ވެއްޓި ޖެހުނީ......" އީމާ ކިޔައިދިނެވެ.

"ނަސީބެއް ކުޑަބެއަށް އަމިއްލައަށް ކަންތައްތައް ކޮށްލެވޭކަން ވެސް. އެހެންނޫން ނަމަ...." ޔާނާ އޭނަގެ ކަންބޮޑުވުން ހާމަކުރިއެވެ.

އީމާ އެއްޗެއް ނުބުނި ނަމަވެސް އީމާގެ ހިތަށް ވެސް އެއްޗެހިތަކެއް އެރިއެވެ.

"ދެން ނުބަލަންތަ ސަލީމް ކޮބައިތޯއެއް. މިހާރު އޭނައަށް ނާދެވޭ ދުވަސްތައް ދޯ ގިނަވަނީ."

އީމާގެ ހުރިހާ ކަމެއް ވެސް ޔާނާއާ ހިއްސާކުރާތީ އެ ގޭގެ ކަންކަމާ ޔާނާ ވެސް އީމާއާ ވާހަކަ ދައްކަނީ ހުރަހެއްގެ އިހްސާސް ނެތިއެވެ.

"އަހަންނެއް އަދިއެއް ނުބަލަން. އޭނަގެ ކަންތައް މިހާރު ވަރަށް ބޮޑުވެއްޖެ. މީހަކު ހޯދަންވީކަންނޭނގެ އަނެއްކާވެސް...." އެއީ މި އަހަރު ވެސް ގެނެވުނު ތިން ވަނަ މީހާއެވެ.

އަވަސް އަވަހަށް މީހުން ބަދަލުވާތީ އެކަމާ ބައްޕައަށް އުނދަގޫވާކަން އީމާ ވެސް ދަނެއެވެ. އެއީ ވާނެގޮތްކަން ވެސް އީމާ ގަބޫލުކުރެއެވެ. އެކަމަކު ބޮޑު މުސާރަ ދީފައި، ހަމަ އެކަނި ބައްޕަގެ ކާގަޑިޔަށާއި ފެންވަރާ ގަޑިޔަށް އަންނަން މީހަކު ބަހައްޓާފައި ހުންނައިރު އެވަރު ވެސް ނުކޮށްދެވެންޏާ ނަމެއްގައި އެ މީހަކު ބެހެއްޓުމުގެ ބޭނުމެއް ވެސް އީމާއަކަށް ނެތެވެ.

"އާނ ދެން ބޭނުމެއް ނެތް މީހަކަށް މަހަކު ފަސްހާސްރުފިޔާ ދިނުމަށްވުރެ ރަނގަޅުވާނެ ވެލިއު ކުރާ މީހަކަށް އެ ދިނަސް." އޮތްތަނުން ތެދުވެ ޑްރެސިން ޓޭބަލް ކައިރިއަށް ހުއްޓި ދަބަހުން ލިޕްސްޓިކް ނަގާ ޔާނާ ފެށީ އޭނަގެ މޭކަޕް ރީތިކޮށްލާށެވެ.

"ތަނަކަށް ދާންތަ ތިދަނީ....؟" ޔާނާ ރީތިވާތީ އީމާ އަހާލިއެވެ.

"ކޮފީއަކަށް ޖައްސާލަން އެބަޖެހޭ..." އީމާގެ ފުނަލެއް ނަގާ ބޮލުގައި ހިންގާލަމުން ޔާނާ މިހެން ބުނިއިރު ޔާނާގެ މޫނުގައި ހުރި ގޮތްދެއްކުން އީމާއަށް ފެނުނެވެ.

"ކޮފީ ދޯ... ގޮސްލާ ގޮސްލާ. އެކަމަކު ތިއީ ކޮފީ ބޯމީހެއްތަ،" މިފަހަރު ވެސް ޔާނާއާ އީމާ ދިމާކޮށްލީއެވެ.

"އެންމެންވެސް ކިޔަނީ އެހެންނެއްނު. ބޯއިފްރެންޑާ މީޓްކޮށްލަން ވިޔަސް މިހާރު ކިޔަނީ އެހެންނޭ..." ޔާނާގެ މި ވާހަކައަށް ތާއީދުކޮށް އީމާ ވެސް ބޯޖަހާލިއެވެ.

ޔާނާ ހިނގައްޖެއެވެ. އީމާ ގުޅީ އޭނަގެ ބައްޕަ ބަލަހައްޓަން އޭނަ ހަމަޖައްސާފައި ހުންނަ ސަލީމް މިއާ އަށެވެ.

"ސަލީމްއަށް އަންނަން ތިހާ އުނދަގުލިއްޔާ ބުނީމަ އެހެން މީހަކު ހޯދަން ވެސް އެނގޭނީ." ސަލީމްއަށް ނާދެވެނީ ކީއްވެކަން އަންގައިދިނުމުގެ ގޮތުން ސަލީމް ދެއްކިހާ ވާހަކައެއް އަޑުއަހަން އިނދެފައި އީމާ މިހެން ބުނެލީ ހިތްހަމަނުޖެހިފައެވެ.

ސަލީމް ކިތަންމެ ވާހަކައެއް ދެއްކިޔަސް އޭގައި އޮށްޓަރެއް ހުރި ވާހަކައެއް ނެތެވެ. އުޒުރެއް ނެތެވެ. އޭނަގެ އަމިއްލަ ކަންތައްތަކުގައި މަޝްއޫލު ވުމުގެ ސަބަބުން ހަނދާން ނެތުމާއި ނިދުމާއި ނާދެވުނީކަމަށް އެ ބުނި ބުނުންތަކަކީ މުސާރައަކާއެކު ޒިންމާއެއް ހަވާލުކޮށްފަ ހުރި މީހަކު ދައްކަން ޖެހޭނެ ވާހަކަތަކެއް ކަމަކަށް އީމާއަށް ހަމަ ގަބޫލު ނުކުރެވުނެވެ.

މާދަމާ އަންނާނެ ކަމަށް ބުނެފައި ސަލީމް އެ ދެއްކި ވާހަކަތައް އަޑުއަހާފައި ފޯން ބޭއްވި އީމާ ރަނގަޅަށް އެނދުގައި ދެމިލިއެވެ.

އީމާއަށް ލިބިފައިވާ އާއިލާއާ ދޭތެރޭގައި ފިކުރު ކުރެވެމުން ދިޔައީ އީމާގެ އިޚްތިޔާރަކާއި ނުލައެވެ. އީމާ އަކީ އޭނަގެ އުމުރަށްވުރެ ބޮޑު މަސްއޫލިއްޔަތުތަކެއް ބޮލުގައި އަޅައިގެން އުޅެންޖެހިފައިވާ އަންހެން ކުއްޖެކެވެ.

ސިއްސައިގެން ގޮސް ކައްޓެއްހެން އީމާއަށް އެތެދުވެވުނީ ގަދަ ނިންޖަކަށްފަހު ކުއްލިއަކަށެވެ. ހޫނުވެގެން ގޮސް ދާހިތްލާ ފޯވެފައެވެ. ގަޑިބަލާލިއިރު ރޭގަނޑުން ދިހަގަޑިބައިވީއެވެ. ޔާނާ ދިއުމުން އެ އޮތް ގޮތަށް އޮއްވާ އީމާއަށް ނިދުނީއެވެ. ޑިއުޓީއެއް ނެތް ރެއަކަށްވިކަން ނަސީބެކޭ އީމާގެ ހިތަށް އެރިއެވެ. އެހެން ނޫންނަމަ އޭނަގެ ދުވަސް މިރޭ ދިޔައީހެވެ.

ތެދުވެގެން ގޮސް ކޮޓަރި ދޮރުހުޅުވާފައި ސިޓިންރޫމަށް ނަޒަރު ހިންގާލީ ހަމަ އެއްވެސް އަޑެއްބަޑެއް ނީވޭތީއެވެ. ހީވީ ރަނގަޅަށެވެ. އެއްވެސް މީހަކު އެތަނުގައި ނެތެވެ. އެކަމަކު ޓީވީ ހުރީ ހުޅުވާފައެވެ. އަޅުވާފައި ހުރީ ސްޓާ ޕްލަސްއެވެ. މާނައަކީ މަންމަ ހޭލާ އެބަ އުޅެއެވެ.

އިތުރަށް މަޑުކުރުމެއް ނެތި އީމާ އެނބުރުނީ ކޮޓަރިއަށް ވަނުމަށެވެ. ނަމަވެސް ހަމަ ކުއްލިއަކަށް ހުއްޓެވުނީ އާހިލްމަތިން ހަނދާން ވެފައެވެ. މިރޭ ގެއަށް އައިފަހުން އާހިލް އާއި އަދި އެއްފަހަރު ވެސް އޭނައަށް ވާހަކަ ނުދެއްކެއޭ ހިތަށް އެރުމުން އާހިލްގެ ކޮޓަރިއާއި ދިމާލަށް އީމާ ހިނގައިގަތެވެ. ދެކޮޅު ބަލަމުންނެވެ. މަންމައަށް ފެނިދާނެތީ ކަންބޮޑުވެ ހުރެގެންނެވެ. އީމާ ގޮސް ތަޅުގައި ހިފާލިއިރު އާހިލްގެ ކޮޓަރި ހުރީ އާއްމުކޮށް ވެސް ހުންނަ ފަދައިން ތަޅުނުލައެވެ. ވަރަށް މަޑުމަޑުން އީމާ ދޮރު ހުޅުވާލިއެވެ. ކޮޓަރިތެރޭގައި އޮތީ މަޑުފެހިކުލައިގެ ބޮކި އަލިކަމެކެވެ. ފަންކާ ހުރީ އެންމެ ބާރު ކޮށްފައެވެ.

އާހިލްގެ އެނދުގައި އާހިލް އޮތެވެ. އެތެރެއަށް ވަދެ ދޮރު ލައްޕާފައި އީމާ ގޮސް އާހިލްގެ މަގަތަށް ހުއްޓި ބަލާލިއެވެ. އާހިލް އޮތީ ބޮލާއެކުގައި ފޮތިގަނޑު އަޅައިގެންނެވެ.

"އާއްކޮ....އާއްކޮ....ނިދާފަތަ؟" އާހިލްގެ އަތްކަމަށް ލަފާވާ ދިމާލުގައި މަޑުމަޑުން ޖަހާލަމުން އީމާ ގޮވާލީ ސިއްރުވެރި އަޑަކުންނެވެ.

"ހޫމް...." ފޮތިގަނޑުގެ ދަށުން ޖަވާބު ލިބުނެވެ. ހަމަ ވަގުތުންނެވެ.

އީމާއަށް ހެވުނުވަރުން އަނގަމަތީ އަތްއެޅުނެވެ. އަނެއްކާ ވެސް ދޮރާއި ދިމާލަށް ބަލާލެވުނީ މަންމަ ދެކެ ގަންނަ ބިރަކުންނެވެ.

"ނިދާފަ އޮންނަ މީހުންނަށް ވާހަކަ ދެއްކޭތަ؟ ތެދުވެބަލަ... ކައިފިންތަ؟" އަނެއްކާ ވެސް އީމާ އެހިއެވެ.

"ހޫމް...." މިފަހަރު ވެސް އެއް ޖަވާބެކެވެ.

"ދޮންތަ ހޯދިން ދޯ. ދޮންތައަށް ނިދުނީޔޭ އިނގޭ."

އާހިލްގެ ކާ ގަޑިއަށް އާހިލް އަބަދުވެސް އީމާ ހޯދައެވެ. މިރޭ ވެސް ވަކި އިސްތިސްނާއެއް ނުވާނެކަން އީމާއަށް އެނގެއެވެ.

މިފަހަރު އާހިލްގެ ޖަވާބެއް ނުލިބުނެވެ. އަޑެއް ވެސް ގޮއްވާނުލިއެވެ.

"މަންމަ އެއްޗެއް ބުނީތަ؟" އަދިވެސް ގުދުވެގެން އޮތް އީމާ އަނެއްކާ އަނެއް ސުވާލު ވެސް ކުރިއެވެ.

ހިމޭން​ކަމެވެ. އިތުރު ޖަވާބެއް ނުލިބުނެވެ. "އާއްކޮ....." އީމާއަށް އެއްޗެއް ހީވެއްޖެއެވެ.

އަވަހަށް ގޮސް އީމާ ލައިޓް ޖައްސައިފިއެވެ. ދެން އައިސް އާހިލްއަށް އަނެއްކާ ވެސް ގޮވަން ފެށިއެވެ.

ތެދުވުމުގެ ގަސްތެއް އާހިލްގެ ނެތް ކަހަލައެވެ. ދޫކޮށްފައި ދިއުމުގެ ގަސްތެއް އީމާގެ ވެސް ނެތެވެ. ދިއުމުގެ ބަދަލުގައި އެނދުގެ މަގަތުން އިށީނދެ، އާހިލްގެ މޫނާއެކު އަޅާފައި އޮތް ފޮތިގަނޑު ނަގަން އުޅެގަތެވެ.

އާހިލްގެ ނޭފަތް ދެމުމެއްގެ އަޑުއިވުން ވެގެން ދިޔައީ އީމާގެ ހުރިހާ ކެތްތެރިކަމެއް އެއްފަރާތަށް ޖައްސާލެވުނު އަޑަކަށެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އާހިލްގެ ފޮތިގަނޑު ނަގާފައި އީމާ ބަލާލިއެވެ.

އީމާއަށް ހީވީ ރަނގަޅަށެވެ. އާހިލް ރޮނީއެވެ.

"ކިހިނެއްވީ އާއްކޮ. ކަމެއްވީތަ..." މޫނު ނުދައްކާންވެގެން އާހިލް އުޅޭތީ ގުދުވެގެން އާހިލްގެ މޫނު ފެނޭތޯ އީމާ ބެލިއެވެ.

"ބުނެބަލަ ދޮންތަ ކައިރީ. އާއްކޮއަށް އެނގެއެއްނު އާއްކޮއަށް ރޮވެންޏާ ދޮންތައަށް ދެރަވާނެކަން... ބުނެބަލަ..." އާހިލްގެ ލޯބި މޫނުކޮޅުގައި ހިފައި އީމާއާއިވީ ކޮޅަށް އަނބުރާލެވޭތޯ އީމާ ބެލިއެވެ.

އެހެންނަމަވެސް އާހިލްގެ ގަދަ ދެއްކުމުގެ ސަބަބުން އެކަން ނުވިއެވެ.

"ދޮންތަ ގޮސް މަންމަ ކައިރިން އަހަންވީތަ...؟

" އާހިލް އަށް ވެގެން އުޅޭ އެއްޗެއް އާހިލްގެ އަނގައިން ބުނާނެ އެންމެ ފަސޭހަ ހުއްޖަތުގެ ބޭނުން އީމާ ކުރިއެވެ.

"ދޮންތައަކީ މަންމަގެ ކުއްޖެއް ނޫނަސް އާއްކޮ އަކީ މަންމަގެ ކުއްޖެއްނު... ދެން ކީއްވެ މަންމަ އާއްކޮ ދެކެ އެހާ ރުޅި އަންނަނީ..." ކުއްލިއަކަށް އީމާއަށް ކުރިމަތިލަމުން އާއްކޮ ބުނެލިއެވެ.

ރޮވިފައި ހުރި އަޑަކުންނެވެ. ގިސްލުމަކާ އެކުގައެވެ. ކަރުނުން ރަތްވެފައިހުރި ލޮލަކާ އެކުގައެވެ.

(ނުނިމޭ)

ދިގު ވާހަކަ

Popular