"މަންމަގެ ޚަބަރު ބަލާލިންތަ؟ އާހިލް ނެތީމަ މަންމަ ވަރަށް އެކަނިވާނެ." ވަރުދެރަ އަޑަކުން ސައިފް ބުނެލިއެވެ.
"އަންނާނަން ބައްޕައަށް ކާލާނެ އެއްޗެއް ހިފައިގެން." އީމާ އިންތަނުން ތެދުވީ ކަރުނަތައް ނުހިފެހެއްޓިގެންނެވެ. މަންމަ އެކަންޏެއް ނޫނެވެ. އާހިލްގެ ވަކިވުން ޚުދު އީމާ ވެސް މުޅިން އެކަނިކޮށްފި އެވެ.
އީމާއަށް ބައްޕަ ކޮޓަރިން ނުކުމެގެން ގޮސް ދެވުނީ ސިޑިއާ ހަމައަށެވެ. ބަޑިފަޅައިގެން ދިޔައެވެ. ގިސްލެވުމަކާ އެކު ސިޑިބުޑަށް ތިރިވެވުނެވެ.
އާހިލްގެ ފުރާނަ ﷲ ގެންދެވިތާ މިއަދަށް މިއީ ފަސް ވަނަ ދުވަހެވެ. ނަމަވެސް ހިތުގައި އަޅާ ވޭން ދެންމެ ލިބުނު ވޭނެއް ފަދައެވެ.
ދުވާލަކު ދެ ފަހަރު ކީމޯ ދިނުމުގެ ސަބަބުން އިންތިހާ އަށް ވޭންއަޅަމުން ދިޔަ ހަށިގަނޑަކާއެކު ބަލި ޙާލުގައި އޮތް އީމާގެ ކޮއްކޮގެ ޙާލު ދަށްވެ ކީމޯ ވެސް ނުދެވޭހާ ބަލިވިތާ ވީ އެންމެ ތިން ދުވަހެވެ. އެ ނިކަމެތި ހަށިގަނޑުން ﷲ ފުރާނަ ގެންދެވީ އޭގެ ހަތަރު ވަނައަށް ވީ ދުވަހުއެވެ. މަޑުމައިތިރިކަމާއި ހިމޭންކަން ވެރިވެފައި އޮތް ހޮސްޕިޓަލްގެ އެ ކޮޓަރިތެރެ އަށް އާހިލްގެ ފަހު ނޭވާލީކަން ވެސް ބަޔަކަށް ނޭނގުނެވެ. އެ ހަށިގަނޑުގައި ހަރަކާތެއް ނެތް ކަމާއި ފިނިކަމެއް ހުރިކަން ފާހަގަ ކުރެވުނީ ވެސް ފަސްވަރަކަށް މިނެޓް ވީ ފަހުންނެވެ. އާހިލްއާ ދޭތެރޭ ޑޮކްޓަރުން އުއްމީދު ކަނޑާލި ދުވަހު އީމާއަށް ފުރައިގެން އެކޮޅަށް ނުދެވުނު ނަމަ އާހިލްއާ ވާހަކަ ދައްކާލައި ފިރުމާލާ ހަދާލާނެ ފުރުސަތު ވެސް އީމާއަށް ނުލިބުނީހެވެ.
އާހިލް ވަޅުލުމުގެ ހުރިހާ ކަމެއް ނިންމާފައި އީމާމެން މާލެ އައީ ރޭގެ ދަންވަރު ފްލައިޓުންނެވެ. މާލެ އައިފަހުން މަންމަ ކޮޓަރިއަކުން ނުނުކުމެއެވެ. ބައްޕަ އޮންނަނީ އާދައިގެ މަތިން ތިރީ ކޮޓަރީގައެވެ. ކިތަންމެ ވަރުބަލިވެފައި ހުރި ނަމަވެސް، އީމާ މުޅި ރޭ ހޭދަކުރީ ވެސް މަންމަ އާއި ބައްޕަގެ ޙާލު ބެލުމުގައެވެ.
** ** **
މެލޭޝިޔާ މަގުން އަންނަ އިއާންގެ ދެމަފިރިންނާއި ދަރިފުޅު ބަލާ އާލިޔާ އާއި ޢިލްމާ އައިސް އެއާޕޯޓްގައި ތިބޭތާ އިރުގަނޑެއް ވެއްޖެއެވެ. އެއްލި ކަޅިއަކުން ޢިލްމާއަށް ބަޔަކު ފެނިގެން އާލިޔާއަށް އިޝާރާތް ކޮށްލިއެވެ.
"ކާކު....؟" އާލިޔާއަށް އަހާލެވުނެވެ.
"ޝިއުނާގެ މީހުން... އޭނަ މަންމަ ވެސް ބައްޕަ ވެސް އެބަހުރި." ވައި އަޑަކުން ޢިލްމާ ޖަވާބު ދިނެވެ.
"އަޅާނުލާ..." އާލިޔާގެ މާ ބޮޑު ޝައުގެއް އެ މީހުންނަކަށް ނެތެވެ.
ޝިއުނާ އަކީ އާލިޔާގެ ދަރިފުޅުގެ އަންހެނުން ކަމަށް ވާތީ ޝިއުނާއާއި އޭނައާ ދެމެދުގައި ގާތް ގުޅުމެއް އުފައްދާނެއެވެ. އެހެންނަމަވެސް އެއީ ހަމައެކަނި ޝިއުނާއާއެވެ. ޝިއުނާގެ ބޮޑު އާއިލާއަކަށް ނޫނެވެ. މިއީ އާލިޔާ ކަނޑައަޅާފައިވާ ގޮތެވެ. އެނޫން ގޮތަކަށް އެކަން ވެދާނެޔެކޭ އަދިއެއް އާލިޔާގެ ހިތެއް ނުބުނެއެވެ.
މާގިނައިރުތަކެއް ނުވިއެވެ. މެލޭޝިޔާ ނަސްލުގެ ދެތިން މީހެއްގެ ފަހަތުން އިއާން އަންނަތަން އާލިޔާއަށް ފެނުނެވެ. އޭނަގެ ލޯބިވާ ފިރިހެން ދަރިފުޅު ނުފެންނަތާ ހަތްވަރަކަށް މަސްވީފަހުން ފެނުނު ވަގުތު އާލިޔާގެ ހިތް ލޯބިން ފުރިގެން އައެވެ. ކުރިން ނުހުންނަފަދަ ހަރުދަނާ ގޮތެއް އިއާންގެ މޫނުން އާލިޔާއަށް ފެނުނެވެ. ބައްޕައަކަށް ވުމުން އައި ބަދަލެއްކަމަށް އާލިޔާ ނިންމިއެވެ.
އާލިޔާގެ ނަޒަރު އިއާންގެ މޫނުން ނެއްޓުނީ އިއާންގެ މޫނަށް ހިނިތުންވުމެއް ވެރިވިތަން ފެނިފައެވެ. އިއާންގެ ކުރީގައި ތިބެގެން އަންނަ މީހުންގެ ނިވަލުން ނެއްޓި ކުރިޔަށް އައިއިރު އެ ހިނިތުންވުން އިއާން އެ ދިނީ ކާކަށްކަން ފެނުނެވެ. ހިނިތުންވެފައި އިއާން ބަލަމުން ދިޔައީ އިއާންގެ އުރުގައި އިން ކުޑަކުޑަ ކުއްޖާއަށެވެ. އެ ތުއްތު ކުއްޖާގެ މޫނު ނުފެނުނު ނަމަވެސް ތުއްތު ތުއްތު އަތަކުން އިއާންގެ ދަތްދޮޅީގައި ޖައްސަން މަސައްކަތް ކުރާތަން އާލިޔާއަށް ފެނުނެވެ.
"އޯވ، އަޅެ ލޯބި...." އާލިޔާ ކައިރީގައި ހުރި ޢިލްމާއަށް އެ މަންޒަރު ފެނިފައި ލޯބިން ދެއަތް ޖޯޑުކޮށްލާފައި ބުނެލެވުނެވެ.
"ދަރިފުޅާ...." ޓާމިނަލްއިން ބޭރަށް ނިކުތް އިއާން އާއި ދިމާލަށް ހިނގައިގަންނަމުން އާލިޔާ އޭނަގެ ދަރިފުޅަށް ލޯބިން ގޮވާލިއެވެ. އިއާންވެސް ކަނާތްފަރާތުން އުރާލައިގެން ހުރި ދަރިފުޅު ވާތްފަރާތަށް ބަދަލުކޮށްލާފައި އަވަސް ހަރަކާތަކާއެކު އޭނަގެ ކަނައަތް މަންމައާ ދިމާލަށް ދިއްކުރިއެވެ. މަންމަގެ ކޮނޑުގައި އަތުން ވަށާލައި ގަޔާއި ކައިރިކޮށްލިއެވެ. އެތަކެއް މަސްވަންދެން ދުރުގައި ހުރެފައި އައި ދަރިފުޅުގެ ބުރަކަށިން އަތްވަށާލާ ފިރުމަމުން އަނެއްއަތުން އެ ދަރިފުޅުގެ މޭގައި އާލިޔާ ވެސް ފިރުމާލިއެވެ. އެ ދަރިފުޅަށްޓަކައި އާލިޔާގެ ހިތުގައި ދެވިފައި އޮންނަ މަޤާމް އިހްސާސް ވުމުން، އެ ދަރިފުޅު ނެތް ދުނިޔެއެއްގައި އާލިޔާއަކަށް ނުއުޅެވޭނެކަން އެ ވަގުތު ވެސް އާލިޔާ ހިތަށް އެރިއެވެ. އެއާއެކު އާލިޔާގެ ލޯ ފެންކަޅިވިއެވެ. އިއާންއަށް އެތަން ފެނުމާއެކު މަންމަގެ ހިތުގެ އަޑު އިވުނުކަހަލައެވެ. އިހުނަށްވުރެން ގަޔާ ކައިރިކޮށްލާފައި މަންމަގެ ބޮލުގައި އިއާން ބޮސްދިނެވެ.
އިއާންގެ އެ ޙަރަކާތުން އާލިޔާއަށް ހައިރާންކަމެއް ލިބުނެވެ. އެއީ އޭނަގެ ދަރިފުޅުގެ ކިބައިން ފެނުނު އާ ޙަރަކާތެކެވެ. އާލިޔާ އުފާކުރިއެވެ.
"ދޫނީ...." ޝިއުނާއާ ސަލާމް ކޮށްލާފައި، އިއާންގެ އުރުގައި އިން ފުށްގަނޑެއް ފަދަ ލޯބި ކުޑަކުޑަ އަންހެންކުއްޖާ އުރާލަން އާލިޔާ ވެސް އަތްދިއްކުރިއެވެ.
"އިރަމް... ދޫނީ..." ޢިލްމާވެސް ކުރިއަށް ޖެހި އިއާންގެ އުރުގައި އިން ކުއްޖާ އުރާލެވޭތޯ އުޅުނެވެ. ނަމަވެސް ހަތަރުމަހުގެ އިރަމް ޢިލްމާގާތަށް ދާކަށް ބޭނުމެއް ނުވިއެވެ. މިމަންޒަރު ފެނިފައި އިއާންގާތަށް ހިނިއައެވެ. "ތިއްތަ ޖެހޭނީ އަދި ކުޑަދުވަސްކޮޅަކު މަޑުކޮށްލަން...." އިއާންގެ ރީތި ހިނިތުންވުމުން ހީލާފަ މިހެން ބުނެލިވަގުތު ކުއްލިއަކަށް އިރަމްވެސް ހީލިއެވެ. ހީވީ ބައްޕަގެ އެ ބަހާއި އެއްބަސްވުމުގެ ގޮތުން އެއްޗެއް ބުނެލިހެންނެވެ.
"މާޝާ ﷲ... ގާލް އަކަށްވިޔަސް އިއާންގެ ލޯ، އިއާންގެ ޑިމްޕަލް، ހަމަ ސޭމް ސްމައިލް..." އިރަމް ދެކެ ލޯބިން ގޮސް ޢިލްމާއަށް ހަމަ ބެލެނީއެވެ.
މި މަންޒަރު ބަލަން ތިބި ޝިއުނާގެ ޢާއިލާ މީހުން ތިބީ އާލިޔާމެން ކައިރިއަށް އަންނަން ނުކެރިފައެވެ. އެކަން އެނގުމުން ޝިއުނާ ގޮސް މަންމައާއި ބައްޕަ ކައިރިއަށް ހުއްޓުނެވެ.
އާލިޔާއާއި ޢިލްމާ ތިބީ ދެންވެސް އިއާން ކައިރީގައެވެ.
"ދަރިފުޅު ދޭބަލަ އެ މީހުންނާ ވެސް ވާހަކަ ދައްކާލަން، އިރަމް ގޮވައިގެން ދޭ..." އާލިޔާ އަދާކުރީ ވާޖިބެކެވެ. އެއީ އިރަމްގެ މާމައާއި ކާފައެވެ. އެ ކުއްޖާއާ ބައްދަލު ކުރުމުގެ ހައްގު އެ މީހުންނަށް އޮންނަން ވާނެއެވެ. ހަމަ އެ ވަގުތު ޝިއުނާ އައިސް ހުއްޓުނެވެ. އިއާން ވަގުތުގެ ބޭނުން ހިފިއެވެ. ޝިއުނާ އަތަށް ދަރިފުޅު ދީފައި، ދަބަސްތަކުގައި އިއާން ހިފިއެވެ. އެދެމަފިރިންގެ ދެމެދުގައި ލޮލުގެ ޙަރަކާތެއް ބަދަލުކުރެވުނުތަން އާލިޔާއާއި އިލްމާ ވެސް ދުށްޓެވެ. އޭގެ މާނަ ވެސް އެނގުނެވެ. އަދި އެއީ އާލިޔާމެން އެއްޗެއް ބުނަން ޖެހޭތަނެއް ނޫންކަން ވެސް ވިސްނައިގަނެވުނެވެ.
ޝިއުނާ ހިނގައިގަތީ އިރަމް ގޮވައިގެން ޝިއުނާގެ އާއިލާގެ މީހުން ގާތަށެވެ. އިއަން ހިނގައިގަތީ ދަބަސްތައް ހިފައިގެން ފެރީއަށް ދާ މަގުންނެވެ. އާލިޔާއާއި ޢިލްމާ ވެސް ހިމޭންކަމާއެކު އިއާންގެ ފަހަތުން ހިނގައިގަތީއެވެ. ތަންކޮޅަކަށް ގޮސްފައި ބަލާލިއިރު ޝިއުނާ ވެސް ޝިއުނާގެ ޢާއިލާ މީހުންނާއެކު އެ މީހުން ފަހަތުން އާދެއެވެ. އިއާން އާއި ޝިއުނާއަށް ދަރިއަކު ލިބުނު ނަމަވެސް އެ ދެމެދުގައި އޮތް ގުޅުން އޮތީ ކިހިނެއްކަން ވިސްނައިގަންނާކަށް އާލިޔާ އާއި ޢިލްމާއަށް އުނދަގުލެއް ނުވިއެވެ.
** ** **
"އިއާންގެ މަންމަމެން ކިތަންމެ ރުޅިއަޔަސް އެ ޙަގީގަތް ޖެހޭނީ ގަބޫލުކުރަން، އެއީ އަހަރެންގެ މަންމަމެން، އެމީހުންވެސް ބޭނުންވޭ އިރަމްއާއި ގާތްކަމެއް އުފައްދަން" ދަރިފުޅު ނިންދަވާފައި ކުޑަ އެނދުގައި ބާއްވާފައި އައިސް ކާމޭޒުމަތީގައި ހުރި ތަށިތައް ނަގައި ސާފުކުރަން ހުރި ޝިއުނާ ވާހަކަ ދައްކަމުން ދިޔައީ ސިޓިންރޫމް ސޯފާގައި އިން އިއާންއާއެވެ.
"ނުބުނަމެއްނު ނުގެންދާށޭ." އިއާން ހަމައެކަނި ބުނެލީ އެވަރަށެވެ.
"އާނ ނުއެއް ބުނޭ، އެކަމަކު ގެންގޮސްފައި އަންނަ ކޮންމެ ފަހަރަކު އިއާން ވެސް އިއާން މަންމަމެން ވެސް ތިބެނީ ހިތްހަމަނުޖެހިފައި،" ޝިއުނާ ހުރީ ސިންކުގައި ހުރި ތަށިތައް ދޮންނާށެވެ.
އިއާން އެ ދިމާލަށް ބެލިއެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް ނުބުނާން އިއާން ގަސްތުކުރިއެވެ. އެ ވާހަކަ އަކީ ދައްކާ ދައްކާ ކޮޅަކުން ނުލި ވާހަކައެކެވެ. މާލެ އައި ފަހުން ތިން ހަފުތާވެއްޖެއެވެ. ކޮންމެ ދުވަހަކީ އެ ވާހަކަ ދައްކަން ޖެހޭ ދުވަހަކަށް އޮންނަނީ ވެފައެވެ. އެކަމަކު އަނެއްކާވެސް އަނެއް ދުވަހު އެ މައްސަލަ ޝިއުނާ ނަގައެވެ.
ޝިއުނާ ބޭނުންވަނީ ތަނެއް ކުއްޔަށް ހިފައިގެން ހުރުމުގެ ބަދަލުގައި އިއާންގެ ގޭގައި އިއާންއާއެކު ދިރިއުޅުމަށެވެ. ފައިސާ ޚަރަދުވަނީ ބޭކާރުގޮތުގަޔޭ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ޝިއުނާ މައްސަލަ ބޮޑުކުރަމުން ދަނީ އެކަން ނުވެގެންނެވެ. ކޮންމެ ކޮންމެ ފަހަރަކު ޝިއުނާ އެހެން ނުބުނި ނަމަވެސް ޝިއުނާ ހުރިހާ ބަހަނާއެއް އެ ނަގަނީ އެ މަގުސަދުގައިކަން އިއާންއަށް އެނގެއެވެ.
އެއީވާނެ ކަމެއް ނޫންކަމަށް ރީތިކޮށް ކިތަންމެ ދުވަހަކު ވެސް ވިސްނައި ދެވިއްޖެއެވެ. އޭނަގެ ކުށަށް މަންމަ މަޢާފް ކުރި ނަމަވެސް ބައްޕަ އޭނަ ބަލައިގަންނަން ނެތްކަމަށް އިއާން ކިތަންމެ ފަހަރަކު ވެސް ބުނެފިއެވެ.
ބައްޕަގެ އެއްބަނޑު އެއްބަފާ ކޮއްކޮއާ ދޭތެރޭ ޝިއުނާގެ ބައްޕައަށް ކަންތައް ކުރެވިފަ އޮތް ގޮތުން ޝިއުނާގެ ބައްޕައަށް މާފު ނުކުރެވިގެން އުޅެނިކޮށް އަމިއްލަ ދަރިފުޅު ވެސް އެ ޢާއިލާގެ މަޅީގައި ޖެހެވުނުކަމުގެ ހިތި ހަގީގަތް އަދިވެސް އިއާންގެ ބައްޕައަކަށް ގަބޫލު ނުކުރެވެއެވެ. އެކަމަށް ނަގާނީ ކިހާ ވަގުތެއްކަމެއް އިއާންއަށް ނޭނގޭ ކަމަށާއި، ކިތަންމެ ގިނަ ޒަމާނެއް ނެގިޔަސް ބައްޕަގެ ރުހުމާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރާނެކަމަށް އިއާން ކިތަންމެ ފަހަރަކު ވެސް ޝިއުނާ ކައިރީ ބުނެފިއެވެ. ކިތަންމެ ޒަމާނެއްވިޔަސް ބައްޕަގެ މަޢާފް ގަދަކަމުން ހޯދަން މަސައްކަތް ކުރާވަރަށްވުރެ ޚުދު ތިމާގެ ކުށް ބޮޑުކަމުގެ އިހްސާސް އިއާންއަށް ކުރެވެއެވެ.
"އަހަރެމެންގެ ވެސް އެހެރީ ހަދާފަ، އެއް ފްލޯ އަހަންނަށް ވެސް އެބަހުރި، ނުޖެހޭ ކޮންމެހެން ކުއްޔަށް މިހެން އުޅޭކަށް، އަހަރެން ދެކެ އެހާ ނުރުހުންވެފަ ތިބި ބަޔެއް ކައިރިއަށް ދާކަށް އަހަންނެއް ވެސް ބޭނުމެއް ނޫން، އެކަމަކު އިއާންއަށް ދެވެންޖެހޭނެ ދޯ އަހަރެންނާއި ކުއްޖާ ދާތަނަކަށް. ކީއްވެ އިއާންއަށް އެކަން ނުވަނީ؟" އިއްޔެ ވެސް ޝިއުނާ ބުނީ އެހެންނެވެ. އިއްޔެވެސް ޝިއުނާ ބޭނުންވީ ވަގުތުން ދާށެވެ. މިއަދު ވެސް ޝިއުނާގެ ވިސްނުން އެހެރީ އެހެންކަން އިއާންއަށް ޔަގީނެވެ.
ޝިއުނާ އެހެން އެކިޔަނީ ވެސް ޝިއުނާގެ ގެއަށްދިއުމަށްވުރެ އިއާން ޚިޔާރު ކުރާނީ އަމިއްލަ ގެއަށް ދިއުންކަން ޝިއުނާއަށް އެނގޭތީއެވެ. ޝިއުނާގެ އެ މަކަރު އިއާންއަށް ވިސްނެއެވެ. އިއާން އެއްޗެއް ބުނަން ބޭނުން ނުވާ އެންމެ ބޮޑު ސަބަބަކީ ވެސް އެއީއެވެ.
"އަސްލު ވެސް އަހަރެން ބޭނުމެއް ނޫން މިހެން ކުއްޔަށް އުޅޭކަށް، އަހަރެން ބޭނުންވަނީ ގެއަށް ދާން، އިއާންއަކަށް އުނދަގުލެއް ނުވާނެ، އަހަންނަށް އުނދަގޫ އެކަނިމާއެކަނި މިހެން އުޅެން، ގޭގަ އަހަރެން ހުންނަ ނަމަ ދައްތަމެން ކޮއްކޮމެން އެހީވާނެ، މަންމަވެސް އެހެރީ، މިތާގަ އެކަނިމާއެކަނި ގިނަވަގުތު އަހަރެން މި އިންނަންޖެހެނީ، އިއާންއަށްގެއަށް ވަދެވޭކަމަކަށް ނުވޭ ނިދަން ނޫނީ." އަތްފޮހެން ހުރި ފޮތިގަނޑާއެކު އައިސް އިއާން ކުރިމަތީހުރި ސޯފާގައި އިށީނދެފައި ޝިއުނާ ގަދަބަހުން ބުނެލިއެވެ.
"އަހަންނެއް ނުދާނެ ޝިއުނާ ގެއަކަށް، ވަރަށް ގިނައިން ބުނެވިއްޖެ މިހެން." ޝިއުނާ ވާހަކަ ދައްކާ ނިމެންދެން ބަލަހައްޓައިގެން އިނދެފަ ކުޑަހިނދުކޮޅަކަށް އިއާން ވިސްނިއެވެ. ދެން ޖަވާބު ދީފައި ތެދުވެއްޖެއެވެ. އަދި ގޮސް އެދެމަފިރިންނަށް ކަނޑައަޅާފައި ހުރި ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ.
ހުރިހާ ކަމެއް ހަމަވީއޭ ޝިއުނާ ހިތަށް އެރިއެވެ. އައި ރުޅީގައި ޝިއުނާއަށް ރޮއިގަނެވުނެވެ.
** ** **
"ދަރިފުޅާ ގޭގަތަ ތި އުޅެނީ، މަންމަ ވަރަށްބޮޑު ވާހަކައެއް ދައްކާލަންވެފަ މިހުންނަނީ." ޝިއުނާގެ ވާހަކަތައް އިތުރަށް އަޑުނާހާންވެގެން ގޮސް ކޮޓަރިއަށް ވަން އިއާންއަށް އެވަގުތު އައި ކޯލް ނެގުމުން އާލިޔާ އެދުނެވެ.
"ކޮންވާހަކައެއް މަންމާ، މަންމަ އަންނަންވީނު މިކޮޅަށް." ޝިއުނާގެ ސަބަބުން ބޮލަށް ހާސްކަން ވެރިވެފައި ހުރި ނަމަވެސް މަންމައާއި ވާހަކަ ދެއްކިއިރު ހަމަޖެހޭގޮތް އިއާން ދެއްކިއެވެ.
"ޝިއުނާ ކޮބާ، އެބައުޅޭތަ؟" އާލިޔާ އެހިއެވެ.
"އެބައުޅޭ ސިޓިންރޫމްގަ." މަންމަ ދައްކަން އެ އުޅެނީ އަނެއްކާ ޝިއުނާގެ ވާހަކައެއްބާވައޭ އިއާން ހިތަށް އެރިއެވެ.
"މަންމަ މިދަނީ އެހެންވީމަ، ތި ދެކުދިންވެސް ތިބީމަ މި ވާހަކަ ދެއްކޭނީ." މަންމަގެ މި އެދުމަށް އާނއެކޭ ބުނެފައި އިއާންވެސް ފޯން ބޭއްވިއެވެ.
އަނެއްކާ މަންމަ ދައްކަން އެ އުޅެނީ ކޮންފަދަ ވާހަކައެއްބާވައޭ އިއާން ހިތާހިތާ ވިސްނާލިއެވެ. ދެން ގޮސް އެ ކޮޓަރީގައި ހުރި ބޮޑު ސޯފާގައި އިއާން އިށީނދެލިއެވެ.
ޝިއުނާއާއި އޭނަގެ ސަބަބުން މަންމަގެ ހިތް ހަލާކުވެފައި ހުރި ނަމަވެސް، އަދި ޢާއިލީ ގުޅުން ކެނޑި ހީނަރުވި ނަމަވެސް، އޭނަގެ ދަރިފުޅު ދުނިޔެއަށް އުފަންވީއްސުރެން، އެމީހުންނާއި ދޭތެރޭގައި މަންމަ ކަންތައް ބަހައްޓަނީ ވީ އެންމެ ރަނގަޅަކަށްކަން އިއާންއަށް އެނގެއެވެ. މަންމަގެ ކޮންމެ ކަމެއްވެސް މަންމަ ރާވަނީ އެދެމީހުންނަކީ ދެމަފިރިންގޮތަށް ދެކިގެންކަން އިއާންއަށް އެނގެއެވެ. މަންމަގެ އެ ހެޔޮކަމަށްޓަކައި އިއާން ޝުކުރުވެރިވެއެވެ. އެހެންނަމަވެސް މަންމަމެނަށް އެމީހުންގެ ކައިވެނީގެ ހަގީގަތުން އެނގެނީ ކިހާ މިންވަރެއް ބާވައެވެ.
ތެދެކެވެ. އެއީ މީހުންގެ ލޯތަކަށް ދެމަފިރިންނެވެ. ކުޑަކުޑަ ލޯބިލޯބި އަންހެންކުއްޖެއްގެ މަންމައަކާއި ބައްޕައެކެވެ. އެކަމަކު އެއީ އެމީހުންގެ ޙަޔާތުގެ ހުރިހާ ޙަގީގަތެއް ނޫނެވެ.
އިއާންއާއި ޝިއުނާގެ ކައިވެނީގެ ކުރިން އެދެމެދުގައި އުފެދުނު އެގާތްކަމުގެ ފަހަކުން އެދެމެދުގައި އެއްވެސް ގާތްކަމެއް ނެތެވެ. ރަހްމަތްތެރިޔަކު ފަދައިން ހުރިހާ ކަމެއްގައިވެސް އިއާންގެ އެހީތެރިކަމާއި އެއްބާރުލުން ދެއެވެ. އެއަށްވުރެ އިތުރު ގުޅުމެއް އެދެމެދުގައި ނެތެވެ.
ކައިވެނިކޮށްގެން އެހަފުތާގައި އެއްކޮޓަރީގައި ނިދިކަމަށްވިޔަސް، މެލޭޝިޔާއަށް ޝިއުނާ ދިޔަފަހުން އެ ގުޅުން ވެސް ދުރުވިއެވެ. މިފަހަރު އައިއިރު އެ ދެމަފިރިންނަށްޓަކައި މަންމަ ބޮޑު ކޮޓަރިއެއް ހަދައި ޑަބަލް ބެޑާ އެއްޗެހި ބަހައްޓައި ފުރިހަމަކޮށްފައި ހުރި ނަމަވެސް އެންމެ ރެއަކުވެސް އިއާން އެ ކޮޓަރިއަކު އަދި ނުނިދައެވެ. އިއާންގެ ކޮޓަރިއަކީ މި ކުޑަ ކޮޓަރިއެވެ. އިއާންގެ އެނދަނީ މި ސޯފާއެވެ. އަމިއްލަ މަސައްކަތް ކުރަންކަމަށް ބުނެ ވަކި ކޮޓަރިއެއް ހަދައި އެތަނަށް އިއާން އެއްޗެހި ހޯދަނީ އެއީ އިއާން އުޅޭތަން ކަމަށްވާތީއެވެ. ޝިއުނާއަށާއި ދަރިފުޅަށް ބޮޑު ކޮޓަރި ދީފައި އިއާން އުޅެނީ އެކޮޓަރީގައެވެ. ވަކިންނެވެ. ޝިއުނާ އާއި ދުރުގައެވެ.
އެކަމަކު މިއީ ޚުދު އިއާންގެ މަންމަމެނަށް ވެސް އިއާން ސިއްރުކޮށްފައި އޮތް ކަމެކެވެ. މަންމަ އެ ދައްކަން އަންނަ ވާހަކައަކީ އަނެއްކާ މިކަމާއި ގުޅުމެއް ހުރި ވާހަކައެއްބާއޭ އިއާން ހިތަށް އެރިއެވެ. މަންމައަށް އެކަން އެނގުނީ ބާވައެވެ. އެކަމަކު އެކަން ސިއްރުކުރުމަށް ޝިއުނާއަށް ވެސް އޭނަ އޮތީ އަންގާފައެވެ. އެހެން ނޫނަސް އޭނަ އެކަމަށް ނެއެދުނު ނަމަވެސް ޚުދު ޝިއުނާ ވެސް އެކަން މީހަކަށް ނާންގާނެކަން އިއާންއަށް ޔަގީންވެސް ވެއެވެ.
** ** **
ފެންވަރާލައިގެން އިއާން ނުކުތްއިރު ސިޓިންރޫމްގައި މަންމަ އިން އަޑު އިއާންއަށް އިވުނެވެ.
އަވަސްއަވަސްކޮށްލައިގެން އިއާން ވެސް އެތަނަށް ނުކުތެވެ.
"މަންމަ އެކަނިތަ ތިއައީ." މަންމަ ކައިރީ އިށީންނަމުން އިއާން އެހިއެވެ. އެބައަންނަމޭ ބުނެފައި ޝިއުނާ ތެދުވެގެން ދިޔައީ ކޮޓަރިއަށެވެ.
"މަންމަ އެކަނި މިއައީ ބޮޑުވާހަކައެއް ދައްކަންވެގެން، ދަރިފުޅު ވާނެ މިފަހަރު މަންމަގެ ބަސް އަހަން އިނގޭ، މަންމަ ގަސްތުކުރަނީ އެހުރިހާ ކަމެއް ހަނދާން ނައްތާލަން. އެހެންވީމަ ދަރިފުޅު ވެސް އާފެށުމަކުން ފަށަން މަންމަ ބޭނުންވަނީ." އާލިޔާ ވާހަކަ ދައްކަން ފެށީ މަޑުމަޑުންނެވެ.
އިއާން އެއްޗެއް ނުބުނެއެވެ. މަންމައަށް ބަލަން އިނދެ ބޯޖަހާލީ ޔަގީންކަން ދެމުންނެވެ.
"މަންމަ ހުރިހާކަމެއްވެސް ހަމަޖައްސައިފިން، އިއާންއާއި ޝިއުނާ އަލުން ކައިވެނި ކުރަން ކޮންމެހެން ވެސް ޖެހޭ، ވަރިކޮށްފަ އަލުން އިންނަން ޖެހޭނީ، މިކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް މަންމަ މިހާރު ރާވައި ހަމަޖައްސާފަ ހުންނާނީ، ދަރިފުޅު ބުނަންވީ ހަމައެކަނި ދުވަހެއް، އޭރަށް ދެންހުރި ކަންތައް ވެސް މަންމަ ކުރިއަށް ގެންދާނަން." އޯގާތެރި ކަމާއެކު މަންމަ ދައްކަމުން ދިޔަ ވާހަކައިން އިއާންއަށް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.
މަންމަ އެދެއްކީ އޭނަ ހީކުރިކަހަލަ ވާހަކައެއް ނޫނެވެ. ވީ ކީއްބާވައެވެ؟ މަންމަ އަމިއްލަ ނަފްސު ކުށްވެރި ކުރަނީ ނޫންބާވައެވެ؟ މަންމަ ކައިރީ ޝިއުނާ ވާހަކައެއް ދެއްކީ ބާވައެވެ؟ ވީ ކީއްބާވައެވެ؟ ތެދެކެވެ. އެދެމީހުންގެ ކައިވެންޏަކީ ޙަލާލު ކައިވެންޏެއް ނޫނެވެ. އެކަން އޭނައަށް މިހާރު އެނގެއެވެ. އެކައިވެނި ކުރުން އެއީ ގޯހެއްކަންވެސް މިހާރު އިއާންއަށް އެނގެއެވެ. އެކަމަކު އެ ދުވަހު ޝިޢުނާގެ ބަނޑުގައި އޮތް ދަރިފުޅަށްޓަކައި އެކައިވެނި ކުރީއެވެ. އެއީ ކައިވެންޏެއް ކުރެވޭނެ ޙާލަތެއް ނޫންކަން އެނގޭއިރު ވެސް ލޯތަކަށް ސިއްރު ކުރަމުން އެ ކައިވެނި ކުރީ އޭރު ހަދާނެ އެހެން ގޮތެއް ނުވިސްނިގެންނެވެ. ނޭނގިގެންނެވެ. އޭނަގެ ދަރިއަކަށް ޝިއުނާ ބަލިވެ އިނީމައެވެ.
އެކަމަކު އެ ދުވަހު ގޮތް ހުސް ވިޔަސް މިއަދަކު އޭނައަކަށް ގޮތެއް ހުހެއް ނުވެއެވެ. އެދުވަހު އޭނައަށް ނުވިސްނުނު ނަމަވެސް މިއަދު އޭނައަށް ހެވާ ނުބައި ވިސްނެއެވެ. ދެނެއް މަންމަމެންނަށް ހިތްދަތިކަމެއް ދިނުމަކީ އޭނަ ކުރާނެ ކަމެއް ނޫނެވެ. އެއީ އޭނަ މާ ކުރިން ކަނޑައަޅާފައި އޮތް ޢަޒުމެކެވެ. މަންމަ އެކަންކަމާ ދެން ކަންބޮޑުވާކަށް ނުޖައްސާނެއެވެ. އޭނަ މާލެ އައީވެސް ރޭވުމެއް ރާވައިގެންނެވެ. ރޭވުމެއްގެ މަތިންނެވެ. ވަކި ގޮތަކަށް ދިރިއުޅުމުގެ ޕްލޭން ކުރަހައިގެންނެވެ. އެއްވެސް މީހަކާ އެކަންކަމާ އޭނަ މަޝްވަރާ ނުކުރި ނަމަވެސް އޭނަ ހަދަންވީގޮތް އޭނައަށް އެނގެއެވެ.
"މަންމަ ކަންބޮޑުނުވޭ، އިރާދަކުރެއްވިއްޔާ ދުވަހަކު ވެސް ދެނެއް މަންމައަށް ހިތްދަތިކަމެއް ނުދޭނަން." މަންމަގެ އަތްތިލައިގައި ހިފައި ބާރުކޮށްލަމުން އިއާން ބުނެލީ އޭނަގެ ހިތަށާއި ސިކުނޑިއަށް އައި ވާހަކަތަކާއި ބަލާފައި ވަރަށް ކުޑަ މިންވަރެކެވެ.
"މަންމަ ކަންބޮޑެއް ނުވެއޭ، އެކަމަކު ތިގޮތަށް ތިބެ ތި ކައިވެނީގައި ހޭދަވާ ކޮންމެ ދުވަހަކީ ހާދަ ބޮޑު ފާފައެކޭ ދަރިފުޅާ، ދަރިފުޅަށް އެކަން އަންގައިނުދެވުނީތީ މަންމަ މިއަދު ދެރަވަނީ." އާލިޔާގެ މޫނު ހިތާމައިން އޮއްސުނެވެ.
"މިހާރު އެނގޭ މަންމާ އެކަން، މަންމަ ދެރަނުވޭ، އެއީ އަހަންނަށް ކުރެވުނު ކުށެއް، އެހުރިހާ ކުށެއް އެއީ އަހަރެންނަށް ކުރެވުނު ކުށް، އެކަމުގައި މަންމަހިތާމަ ކުރަން ޖެހުނު ކަމަށްޓަކައި ކޮންމެ ދުވަހަކުވެސް މަޢާފަށް އެދެން، އެކަމުގައި މަންމަ ގިލްޓީވާކަށް ދެނެއް ނުޖައްސާނަން މަންމާ." އިއާން ޔަގީންކަން ދިނެވެ.
"މަންމަ ވަރަށް އުފާވެއްޖެ ދަރިފުޅުވެސް މަންމައާ އެއްގޮތަކަށް ވިސްނާފަ އޮތީމަ، ވަރަށް ރަނގަޅަށް މި ދިމާވީ އެހެންވީމަ، މަންމަ ހީކުރީ ދަރިފުޅަށް ވިސްނައިދޭން ވަރަށް ޖެހޭނެކަމަށް، އެހެންވީމަ ކޮން ދުވަހެއް ހަމަޖައްސާނީ؟" އާލިޔާގެ ހިތަށް ލުއެއް ލިބުނެވެ.
"ފަހަރެއްގެ އަހަރެންގެ ވިސްނުންތަފާތުވެސް ވެދާނެ މަންމާ، އެކަމަކު އެއީ އެންމެންނަށް ވެސް ހުރި ރަނގަޅު ގޮތް." އިއާން އުއްމީދުކުރީ އޭނަގެ ވާހަކައިގެ މާނަ މަންމައަށް ވިސްނޭނެ ކަމަށެވެ.
"އެހެންވީމައޭ މަންމަ މި އުފާވީ، އަވަހަށް ދެކުދިން ވާހަކަ ދައްކާފައި ކައިވެނި ކުރާނެ ދުވަހެއް ކަނޑައަޅަންވީ، ޝިއުނާއަށް ގޮވާބަލަ." އާލިޔާގެ ހުރިހާ ފިކުރެއް ދުރުވި ކަހަލައެވެ. އެކަމަކު އިއާން ބުނި އެއްޗެއް މަންމައަށް ވިސްނުނު ނަމަ އެހާ ބޮޑު ހަމަޖެހުމެއް މަންމައަށް ނުލިބޭނެކަން އިއާންއަށް އެނގެއެވެ.
"މަންމާ، އަހަރެން މި ކައިވެންޏަކު ނުހުންނާނަން، އަހަރެން މިކޮޅަށް އައީ ވެސް އައިސްފައި ޝިއުނާ އާއި އިރަމް ސެޓްލް ކޮށްފަ ޑިވޯސްވާން، މިލައިފުން އަހަރެން ބޭނުންވަނީ ނިކުންނާން، މެރީ ކުރިފަހުން ޝިއުނާއާއި އަހަންނާ ދެމެދުގަ ނެތް އެއްވެސް ގުޅުމެއް، އެދުވަހު ކައިވެނި ކުރީ ވެސް ކޯސް ނިންމާފަ އައިސް ވަކިވާން ނިންމައިގެން." ލަސްލަހުން މަޑުމަޑުން އިއާން ވާހަކަ ދެއްކިއެވެ. މީގެ ހަތްމަސްކުރިން އެ ކައިވެނި ކުރިދުވަހު ވެސް ވިސްނުމުގައި ހުރި ނިންމުންތައް ފުރަތަމަ ފަހަރަށް އިއާން ހާމަ ކުރިއެވެ.
ދެލޯބޮޑުވެ ބިރުގަތީ އަމިއްލަ ދަރިފުޅާއި ދިމާލަށް ބަލަހައްޓައިގެން އިން އާލިޔާ އެކަންޏެއް ނޫނެވެ. ކޮޓަރިން ނުކުމެގެން އައިސްއައިސް ހުރި ޝިއުނާ ވެސް ހުރީ އިއާން މި ދެއްކި ވާހަކަ އަޑުއިވިފައި ހުއްޓިފައެވެ.
(ނުނިމޭ)