"މަންމާ، އަހަރެން މި ކައިވެންޏަކު ނުހުންނާނަން، އަހަރެން މިކޮޅަށް އައީ ވެސް އައިސްފައި ޝިއުނާ އާއި އިރަމް ސެޓްލް ކޮށްފައި ޑިވޯސް ވާން. މިލައިފުން އަހަރެން ބޭނުންވަނީ ނިކުންނާން. މެރީ ކުރި ފަހުން ޝިއުނާއާއި އަހަންނާ ދެމެދު ނެތް އެއްވެސް ގުޅުމެއް. އެ ދުވަހު ކައިވެނި ކުރީ ވެސް ކޯސް ނިންމާފަ އައިސް ވަކިވާން ނިންމައިގެން،" ލަސްލަހުން މަޑުމަޑުން އިއާން ވާހަކަ ދެއްކި އެވެ.
މީގެ ހަތްމަސްކުރިން އެ ކައިވެނި ކުރި ދުވަހު ވެސް ވިސްނުމުގައި ހުރި ނިންމުންތައް ފުރަތަމަ ފަހަރަށް މީހެއްގެ ކަންފަތަށް އިއްވި އެވެ.
ދެ ލޯ ބޮޑުވެ ބިރުގަތީ އަމިއްލަ ދަރިފުޅާ ދިމާލަށް ބަލަހައްޓައިގެން އިން އާލިޔާ އެކަންޏެއް ނޫނެވެ. ކޮޓަރިން ނުކުމެގެން އައިސްއައިސް ހުރި ޝިއުނާ ވެސް ހުރީ އިއާން މި ދެއްކި ވާހަކަ އަޑުއިވިފައި ހުއްޓިފަ އެވެ. އިވުނު އަޑުން ދެލޯބޮޑުވެ އަނގަ ހުޅުވިފައި ހުރި ޝިއުނާ އަދިވެސް ހަމަ ބަލަހައްޓައިގެން ހުރީ އެވެ.
ޝިއުނާއަކަށް އެ ދެމައިންގެ މޫނެއް ނުފެންނާތީ އާލިޔާ އާއި އިއާންއާ ދޭތެރޭގައި ވެސް ޝިއުނާ އަށް ކުރެވުނީ މުޅިން ކުށްހީ އެކެވެ. ޝިއުނާ އަށް ހީކުރެވުނީ އާލިޔާގެ ރޭވުމަކަށް އިއާން އޭނަ އަށް ލަނޑެއް ދޭން އުޅެނީ ކަމަށެވެ. މިހެން ހީވުމުން ޝިއުނާ ގަސްތުކުރީ އަދި އިތުރަށް އެތަނުގައި މަޑުކޮށްގެން ހުރެ އެ މީހުން ދައްކާ ވާހަކަ އަޑުއެހުމަށެވެ.
"ތިކަން އެނގޭތަ ޝިއުނާ އަށް؟" އާލިޔާ އަށް ލިބުނު ހައިރާން ކަމަށް ފަހު ހަމަޖެހެން މަސައްކަތް ކުރަމުން އާލިޔާ، އޭނަގެ ކަންބޮޑުވުން ހާމަކުރި އެވެ. ޖަވާބުގައި ނޫނެކޭ ބުނުމުގެ ގޮތުން އިއާން ބޯ ހަލުވާލި އެވެ.
"ނަސީބެއްނު ނޭނގި އޮތްކަން، މަންމަ ބުނާ އެއްޗެއް ނިކަން އަޑުއަހާބަލަ، ތި ވިސްނުން ބަދަލުކޮށްލާ އަވަހަށް، ޝިއުނާއާ ވަކިވެއްޖެ ނަމަ އިރަމް އަށް ކިހިނެއް ވާނީ؟ ދަރިން ލިބުނީމަ އަމިއްލަ ނަފްސަށް ވުރެ އިސްކުރަންޖެހޭނީ ދަރިން. އެކަން އިއާން ނޭނގުނީމަ ވެސް އެބައެނގޭ އަދިވެސް ހެޔޮ ވިސްނުން އިއާން އަށް ނުލިބޭކަން. ޝިއުނާއާ ވަކިވާން ވެސް ހިތަށް އަރުވައިގެން ނުވާނެ، ދެ މީހުން އެކުގައި ތިބެގެން އިރަމް ރަނގަޅަށް ބެލޭތޯ ބަލަންވީ، އަމިއްލަ އުފަލަށްވުރެ އިރަމް އިސްކުރަންވީ." އިއާންއާ ދިމާލަށް ރަނގަޅަށް އެނބުރިފައި އާލިޔާ ނަސޭހަތް ދިނެވެ.
މި އަޑުތައް އިއާންއެކޭ އެއްފަދައިން ޝިއުނާ ވެސް އެހިއެވެ. އެ ހިސާބުން ޝިއުނާގެ ހިތް އާލިޔާއާ ދޭތެރޭ ސާފުވި އެވެ. ކަމަކީ ހަމައެކަނި އިއާންގެ ނިންމުމެއްކަން ޔަގީން ވިއެވެ. އެކަމަކު އެހެން އެކަން ކުރާކަށް އިއާން އަށް ލާހިކެއް ނޫނޭ ޝިއުނާގެ ހިތުގައި ޢަޒުމް ކަނޑައެޅީ ހަމަ އެ ސިކުންތުގަ އެވެ.
އެ ހުރިހާ ވާހަކައެއް އާލިޔާ ދެއްކިއިރު ވެސް ދެ އަތް ދެ އަތާ މަހައިގެން ކުރިއަށް ގުދުވެލައިގެން ސޯފާގައި އިން އިއާން ސީދާވެލި އެވެ. އަދި އެއްކަކޫ މައްޗަށް ފައި ނަގަމުން ކުރިން އިންގޮތް ބަދަލުކޮށްލި އެވެ.
"އިއާން، މަންމަ ދެއްކި ވާހަކަ އަޑުއިވުނުތަ؟ ކީއްވެ އެއްޗެއް ނުބުނީ؟" އިއާންގެ އެ ހިމޭންކަމުގެ ސަބަބުން އާލިޔާގެ ހިތުގެ ކަންބޮޑުވުން ބޮޑުވިއެވެ.
"އައިވް ޑިސައިޑެޑް މޮމް،" އިއާން އިނީ އޭނަ ކުރިން ވެސް ނިންމައިގެން ހުރި ގޮތުގައެވެ.
މަންމަ ދެއްކި އެއްވެސް ވާހަކައަކުން ވެސް އިއާންގެ ޚިޔާލު ބަދަލެއް ނުވިއެވެ. އިއާން އިނީ ޝިއުނާއާ ވަކިވުމަށް ކަނޑައަޅައި ނިންމައިގެންނެވެ.
"ޑިސައިޑް ކުރުމަކީ މަތިން ބާވައިލައްވާ އެއްޗެއް ނޫނޭ އިއާން. ތިކަހަލަ ޑިސައިޑަކުންނެއްނު އިއާން އާއި އިއާންގެ ބައްޕަގެ ގުޅުން ކެނޑިފަ މިއޮތީ. އެ ދުވަހު ވެސް އިއާން އަށް އެނގޭނެ ބައްޕަ ދުވަހަކު ވެސް ޝިއުނާގެ ބައްޕައަކަށް މާފެއް ނުކުރާނެކަން. މާފް ކުރިޔަސް ހީސަމާސާކޮށް ލޯބިން ބައްދައި ނެހެދޭނެކަން. އެކަމަކު ވެސް އިއާން އަށް ހަމަ އެންމެ ރަނގަޅުވީއެއްނު ޝިއުނާއާ ރައްޓެހިވެގެން އެތައް އެތައް އަހަރެއް ވަންދެން އުޅެން. އެންމެ ފަހުން މަންމަމެން ލޯކުރިމައްޗަށް މައުސޫމް ކުއްޖަކު ދައްކާފަ ވެސް އިއާން އުޅުނީ ޝިއުނާއާއެކު. މަންމަމެން ތިބީ ކަނު އަނދިރީގައި. އެ ކުއްޖާފަކީރު އަނގަ ބަންދުކޮށްފަ ބަހައްޓާފަ ކުޅުނުހާ ކުޅިވަރެއް އިއާން ކުޅުނީ ޝިއުނާއާއެކު. އެ ކުޅިގަނޑުގައި މަންމަމެން ވެސް ޝާމިލް ކުރަން ނިންމީ ހަމަ އިއާން. އެއީ ހައްތާ ވެސް އިއާންގެ އަމިއްލަ ޑެސިޝަންތައް. މިހާރު ދެން އަދިވެސް އިއާން ނުވޭތަ މަންމަމެންގެ ބަސް އަހާކަށް؟ އިއާންއަކަށް ހިއެއްނުވޭތަ މިހާރު ދެން ފުދޭވަރުވެއްޖެ ކަމަކަށް؟" ކުއްލިއަކަށް އާލިޔާގެ ނުރުހުން އިސްވި އެވެ.
ދަރިފުޅުގެ ސަބަބުން ހިތުގައި އެޅި ވޭންތަކުން މި ހުރިހާ ދުވަހު އޮބަހައްޓައިގެން ހުރި ވާހަކަތަކުން އެތިއެތިކޮޅު ވިޔަސް އިއާން އާ ދިމާލަށް ބުނެލެވިއްޖެ އެވެ.
މި އަޑުތައް އަހަން ކޮޓަރީ ދޮރުކައިރީ ހުރި ޝިއުނާގެ ހިތަށް ސިހުމެއް ލިބުނެވެ. އިއާންގެ މަންމަ އެ ދެއްކި ހުރިހާ ވާހަކައަކީ ވެސް ހަގީގަތް ކަމަށް ވެފައި، އެ ހުރިހާ ކަމެއްގައި ވެސް ފުރިހަމަ މާނައިގައި ޚުދު ޝިއުނާ ކުށްވެރިވާކަން އެނގޭތީ، ސިހުންވި އެވެ. އިއާން އާއި މަންމަ ކައިރިއަށް ދާކަށް ނުކެރުނެވެ. މަޑުމަޑުން ދޮރު ހުޅުވާލާފައި ވަނީ އަލުން ކޮޓަރި ތެރެއަށެވެ. ދޮރު ލެއްޕުނު އަޑު ވެސް ނީވޭވަރަށް ދޮރު ލައްޕާލާފައި ޝިއުނާ އިށީނީ އެނދުގަ އެވެ. އިއާންގެ ނިންމުން ބަދަލުވުމަށް އެދި ހިތާހިތުން އެދިއެދި އިނދެވުނީ އެވެ.
"އިއާން އަށް ކުޑަކޮށް ވެސް އިހްސާސް ކުރެވޭތަ ކިތައް މީހުންގެ ހިތަށް ތަދުކުރެވިއްޖެކަން އިއާންއަށް؟ އިއާން ފެމިލީއަކީ އެއްޗަކަށް ވި ނަމަ މި ދުވަސް މަންމަމެނަށް ނުދެއްކީސް. އިއާން އަށް އެނގޭތަ ބައްޕަގެ ހިތުގައި އިއާން އަށް ޖެއްސުނު ވަރު؟ މަންމަ ދެރަކޮށްލެވުނު ވަރު އިއާން އަށް އަދިވެސް ހަމަ އިހްސާސް ނުވަނީތަ؟"
އެ މައުޟޫ އަށް ވަދެވުނީ ގަސްތަކު ނޫނެވެ. ނަމަވެސް އާލިޔާ އަށް އެ އަސަރުގައި ޖެހިއްޖެ އެވެ. ދަރިފުޅަށް މާފު ކޮށްފީމޭ ހިތާހިތުން ނިންމައިގެން ހުރި ނަމަވެސް، ވަގުތާއި ހާލަތު އައިސް ޖެހުމުން، އެ ވާހަކަތައް އިއާންއާ ދިމާލަށް ދެއްކެމުން ދިޔައީ އާލިޔާގެ ވެސް ގަސްތަކު ނޫނެވެ. ދެވަނަ ފަހަރަށް ވެސް ބޮޑު ހައިޖާނެއްގެ ތެރެއަށް އެ އާއިލާ ވައްޓާލަން އިއާން ރާވައިގެން ހުރިކަން އެނގުމުން ކެތްނުކުރެވިގެން އެ ވާހަކަތައް ދެއްކެނީ އެވެ.
"މަންމަ އަށް ޔަގީނޭ އެއީ އިއާންގެ ކުއްޖެއްކަން. އެކަމަކު އިއާން އަށް އެބައޮތްތަ އަޑުއުފުލާފައި ފަޚުރުވެރިވެފައި އެހެން ބުނެވެން؟ އެނގޭތަ އެ ކުއްޖާފުޅަށް އިއާންގެ ސަބަބުން ލިބިފައި އެހެރަ ނިކަމެތިކަން. މި ދުނިޔެމަތީގައި އެ ކުއްޖާ އުޅެންޖެހޭނީ ބައްޕައެއް ނެތް ކުއްޖެއްގޮތަށް. އިއާންގެ ކުއްޖެއް އެއީ. އެކަމަކު އިއާންގެއެއް ނޫން. މިކަމުގެ ހުރި ބޮޑުމިން އިއާން އަށް އިހްސާސްވޭތަ؟ އިއާންއަކަށް އަދިވެސް ނުވިސްނޭތަ އެއީ އިއާން އުޅެމުން އައި ދިރިއުޅުމުގެ ސަބަބުން ﷲ އިއާންއަށް މެދުވެރިކުރެއްވި ގޮތްކަމެއް؟ މަންމަމެން އިއާން އުޅެން ބޭނުންގޮތަކަށް ދޫކޮށްލީމަ އޭގެ އަދަބު މަންމަމެނަށް ވެސް މި ލިބުނީ. އަލަށް ލިބުނު މާމަ ދަރި އެއީ. ކާފަ ދަރިއަކީ ވެސް އެއީ. އެކަމަކު އެ ކުއްޖާފުޅުގެ މުސްތަގްބަލަށްޓަކައި މަންމަމެން މި ޖެހެނީ ރޯން. ލަދުގަންނަން މި ޖެހެނީ. އުމުރު ދުވަހު ހިތާމަކުރަންޖެހޭނެ އަހަރެމެން އެންމެން، ދެންވެސް. އަދިވެސް އިއާންއަށް ވިސްނޭކަށް ނުވޭތަ؟" އަޑުމަޑުކޮށް ވާހަކަ ދައްކަމުން ދިޔަނަމަވެސް، އާލިޔާގެ އަޑުގައިވެސް ތުރުތުރު އުފެދިއްޖެ އެވެ.
ކިތަންމެ ހިފަހައްޓައިގެން އިން ނަމަވެސް ލޮލުން ކަރުނަ ވެސް ފައިބަން ފެށިއެވެ.
އިއާން ހަމަ އިން ގޮތަށް އިނީ އެވެ. އެހެންނަމަވެސް، ސޯފާގެ އަތްގަނޑުގެ އެހީގައި އުފުލައިގެން އިން އަތާއެކު، މޫނު އިނީ އަނެއްފަރާތަށް އަނބުރާލައިގެންނެވެ. އިއާންގެ ކަންފަތް ރަތްވަމުންދިޔަތަން އާލިޔާއަށް ފެނުނެވެ.
"އިއާން..." އާލިޔާ އޭނަގެ ދަރިފުޅުގެ ސަމާލުކަން އަތުލުމަށް ބޭނުން ވިއެވެ.
އިއާން އިންތަނުން ތެދުވިއެވެ. ދެން މަންމައާ ދިމާލަށް އެނބުރުނެވެ.
"އަހަންނަށް ހެދުނު ގޯސް އެނގޭތީ އެ ގޯހާއެކު އުޅެން ބޭނުން ނުވަނީ ވެސް." އިއާންއަށް ބުނެވުނީ މިވަރަށެވެ. ފެންކަޅިވެފައި ހުރި ލޮލުން ކަރުނަތިއްކެއް ފައިބައިގެން ދިޔައެވެ.
ރޮވިފައި ހިތުގައި ޖެހިފައި އިން މަންމައާ ދިމާލަށް މާފަށް އެދޭ ފަދަ ލޮލަކުން ބަލަހައްޓައިގެން ހުރި އިއާންގެ މޫނު ފެނިފައި އާލިޔާގެ ހިތް ކުދިކުދިވި ކަހަލައެވެ. އިއާންގެ ޒުވާން މޫނުމަތިން އެހާބޮޑު ވޭނެއްގެ އަސަރު އެނޫނީ ދުވަހަކު ވެސް އާލިޔާ ނުދެކެއެވެ.
އިއާންއަށް އެހާ އަސަރެއް ކުރީ ކޮންކަމަކުން ބާވައެވެ؟ މަންމަގެ "އަޑުލުމުގެ" ސަބަބުން ހެއްޔެވެ؟ މަންމަމެން ހިތުގަ ޖެއްސުނީމަ ހެއްޔެވެ؟ އައިލާ އަށް ހުތުރު ނަމެއް ލިބުނީތީ ހެއްޔެވެ؟ ނޫނީ ޝިއުނާއާ ހެދި ހެއްޔެވެ؟ ނޫނީ އިރަމްއަށް ޓަކައި ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟ ޝިއުނާއާއި އިއާންގެ ގުޅުމާ ދެކޮޅަށް ވެސް އެއްކޮޅަށް ވެސް މިއަދާ ހަމައަށްވެސް އިއާން ވާހަކައެއް ދައްކައިފައެއް ނުވެއެވެ. ބުނިއެއްޗެއް ވިއްޔާ އެ ބުނީ އަލަށެވެ. އިއާން އެބުނި "ގޯހަކީ" ކާކު ބާވައެވެ؟ ޝިއުނާ ބާވައެވެ؟ ނޫނީ އިރަމް ފެނުމުން އިއާން އަށް އެ ހަގީގަތާ ކުރިމަތިލާން އުނދަގޫ ވަނީ ބާވައެވެ؟ ނޫނީ އެ ކައިވެނި ބާވައެވެ؟
އިއާންގެ މޫނުން ފެންނަން ހުރި ވޭނުގެ އަސްލަކީ ކޮބައިކަމެއް އާލިޔާއަށް ވިސްނައިގަންނާކަށް އެހާ ފަސޭހައެއް ނުވިއެވެ. އެތަކެއް ސުވާލު ހިތަށް އަރާފައިބަފައިބާ ހުއްޓާ، އިއާން ހިނގައިގަތީ ދުރަށެވެ. މަޑު ހިނގުމެއްގައި ގޮސް އެއްފަރާތުގައި ހުރި ކުޑަ ކޮޓަރިއަށް އިއާން ވަދެއްޖެއެވެ. ސިޓިންރޫމްގައި އާލިޔާ އެކަނި ވެއްޖެއެވެ. މުޅި ގޭތެރޭގައި ހިމޭންކަމެވެ.
އިއާންއާ ދޭތެރޭ ވިސްނާލަން އިރުގަނޑަކު އާލިޔާ އިނެވެ. އިރުކޮޅަކުން އިއާން ނުކުންނާނެ ކަމަށް ވެސް ހީކުރެވުނެވެ. ޝިއުނާ ވެސް ކޮބައިބާވައޭ ހިތަށް އެރީ މާ ފަހުންނެވެ. އިންތަނުން ތެދުވެފައި ޝިއުނާއާއި ކުޑަ ދަރިފުޅު ތިބި ކޮޓަރީ ދޮރުގައި އާލިޔާ ގޮސް ޓަކި ޖެހިއެވެ. ފުރަތަމަ ޓަތްކާއެކު އެތެރެއިން ޝިއުނާ ދޮރު ހުޅުވިއެވެ.
"ނިދަނީތަ؟" ހިނިތުންވާން މަސައްކަތް ކުރަމުން ޝިއުނާކުރެން އާލިޔާ އަހާލިއެވެ. ނަމަވެސް ލޯ އަމާޒުވެފައި ހުރީ ކުޑަ އެނދުގައި އޮތް ލޯބި ލޯބި ކުއްޖާއަށެވެ.
"ނޫން... އިރަމް..." ޝިއުނާ އުޅުނީ އިރަމް ރޯތީ ހުރީ ކަމަށް ބުނުމަށެވެ. ނަމަވެސް އެ ޖުމްލައިގެ މެދާއި ހަމައަށް ވެސް ނުގެންދެވުނެވެ. އޭނަ ބުނާ އެއްޗަކަށް ސަމާލުކަމެއް ނެތި އާލިޔާ ގޮސް ކުޑަ އެނދު ކައިރިއަށް ހުއްޓުނުތަން ފެނިފައި ޝިއުނާ އިތުރު ވާހަކައެއް ނުދައްކާ ހުއްޓާލައިފި އެވެ.
އިރަމްގެ ފަންފަން އިސްތަށިކޮޅުގައި އަސަރާއެކު އާލިޔާ ފިރުމަމުން ދިޔަތަން ފިލްމީ މަންޒަރެއް ބަލަން ހުރި ފަދައިން ޝިއުނާ ބަލަމުން ދިޔައެވެ. އާލިޔާގެ ހިތަށް އަރާފައިބަނީ ކީކޭކަން އެނގޭނެ ނަމައޭ ޝިއުނާގެ ހިތަށް އެރިއެވެ.
** ** **
މެންދުރު ފަސްވީފަހުން އީމާ ގެއަށް މިއަދު ޔާނާ ދިޔައީ ކޮންމެ ގޮތެއް ހަދައިގެން ވިޔަސް ގެއިން ބޭރަށް އީމާ ގެންދިއުމަށް ގަސްތު ކޮށްގެންނެވެ. އިންޑިޔާއިން އައިފަހުން މިހާރު ދެ ހަފްތާއަށްވުރެ ގިނަދުވަސް ވީއިރު ވެސް އެއްވެސް ގޮތަކަށް ގެއިން ބޭރަށް ނުކުންނަ ޚިޔާލު ވެސް އީމާ ނުކުރަނީއެވެ.
އެންމެ ފަހުން ކިޔަ ކިޔައިގެން އީމާ ގެއިން ނެރެވުނުއިރު އެ ދުވަހުގެ އިރު އޮއްސެނީއެވެ.
"ދެން މި މާލޭގައި އެބައޮތްތަ މީހަކު މާ ވަރަކުން ހިނގަންދާނެ ތަނެއް..؟" ހިތާ ދެކޮޅަށް ވިޔަސް ޔާނާއާއެކު ގެއިން ނުކުމެގެން ހިނގައިގަތްއިރު އީމާގެ މޫނުމަތީގައި ހިނިތުންވުމެއް ހުއްޓެވެ. ޔާނާގެ ގޮތްދޫނުކުރުމުގެ ސަބަބުން ވަރަށް ގިނަ ފަހަރަށް ޔާނާއަކީ ކަންކަން ކާމިޔާބު ކުރާ މީހެއްކަން އީމާ ދަނެއެވެ.
"ނޭނގޭތަ، އެއޮތްބޮޑު ހުޅުމާލެ އެއީ އަހަރެމެން ކަހަލަ މީހުންނަށް ސަރުކާރުން ހަދާދީފަ އޮތް ތަނެކޭ." އީމާގެ އުޅަނބޮށްޓާ ދިމާލުން އަތް ލައްވައި ދަތިއަޅުވާހެން ހިފަހައްޓަމުން ޔާނާ ބުނެލިއެވެ.
"ހުޅުމާލެ...؟ ނުދާނަން މަށެއް، ރޭވާން އެ އުޅެނީ ވެސް." ހަމަ ވަގުތުން އީމާ ހުއްޓުނެވެ.
"ސާބަހޭ، ތިއީ ރޭގަނޑަކު ބޭރަށް ނުދާ މީހެއްވިއްޔަ، ދާންވާނީ. ދޮންތަމެން އެންމެންވެއްޖެ ބާބެކިޔު ހަދަންއެކޮޅަށް ގޮސް، ހިނގާ ގޮސް މަޖާކޮށްލާފަ އަންނަން." ކުރިން ޔާނާ އެ ވާހަކަ ނުބުނީ ވެސް ހުޅުމާލެއޭ ބުނެފިއްޔާ ދާން އީމާ އިންކާރުކޮށްފާނެތީ އެވެ.
"ހުޅުމާލެއަކަށް ނޫން އެކަމަކު..." ދާކަށް އީމާ ހަމަ ހިލާ ބޭނުމެއް ނުވިއެވެ.
"ނޫނެކޭ، ތިހެން ގޭގަ އޮންނަތާ ކޮން ދުވަހެއް. ބަލާ މީހާއަށް ވެފަ ހުރި ގޮތް. އަދި ދުނިޔޭގަ ހުންނަން ޖެހޭ އެބަ. ބައްޕަ ވެސް މަންމަ ވެސް ބަލަން މިހާރު ހުރީ ޔޫ އޮންލީ. އަމިއްލަ އަށް ހަމަޖެހިގެން ދޯ އެހެން ކަމެއް ކުރެވޭނީ. ޕްލީޒް ހިނގާ. ވަރަށް އަވަހަށް އަންނާނީއޭ." އަވަހަކަށް އަންނާކަށް ޔާނާގެ ވިސްނުމުގައި ނެތް ނަމަވެސް ބޭނުން ވަނީ އީމާ ގެންދާށެވެ.
ޔާނާގެ އެ ވާހަކައަށް އީމާ އެއްޗެއް ނުބުނެއެވެ. ވިސްނާލަން ހުރި ކަހަލައެވެ.
"ހިނގާ ދާން... ޕްލީޒް." ޔާނާ އަނެއްކާ ވެސް އެދުނެވެ.
އީމާ އޭނަގެ އެކުވެރިޔާ އަށް ލޯ އަޅާލިއެވެ. ދެން އެކުގައި ހިނގައިގަތެވެ. އުފަލުން ޔާނާ ހީގަތެވެ. އީމާ ވެސް ހީލިއެވެ. ތުއްތު ތުއްތުއިރުއްސުރެ އެންމެ ގާތް އެ ދެ އެކުވެރިންނަކީ އެކަކު އަނެކަކުގެ ނުރުހުމާ ކުރިމަތިލާން ބޭނުން ނުވާ ދެ އެކުވެރިންނެވެ. ކޮންމެފަދަ ހާލެއްގައި އުޅެމުން ވެސް އެކަކު އަނެކެއްގެ ފަރާތުން ހަމަޖެހުމާއި ހިތްވަރު ހޯދާ ދެ އެކުވެރިންނެވެ.
ޔާނާގެ އާއިލާއާ އެކު ބޭއްވުނު ބާބެކިޔު ވެގެން ދިޔައީ ޔާނާ ބުނިހެން ވަރަށް މަޖާ ވަރަށް ސަކަރާތް ބޮޑު ތިން ހަތަރު ގަޑިއިރެވެ. އެތަނަށް އާދެވުނު ކަމަށްޓަކައި އީމާ ވެސް ފަހުން އުފާކުރި އެވެ.
"އެހެންވެޔޭ އަހަރެން ބުނީ އޭރު ވެސް އަންނާށޭ. ކިހާ ސަޅި." ފޮނިވެލާފައި ޔާނާ އައިސް އީމާ ކައިރީ ކުނާ މަތީގައި އިށީނީ އީމާއަތަށް ކޯކް ތަށްޓެއް ދެމުންނެވެ.
"އޯކޭ އޯކޭ..." އީމާ ވެސް އެއްބަސްވި އެވެ.
ބާބެކިޔުގެ ހުރިހާ ކަމެއް ނިމި ގާތްގަނޑަކަށްހެން ތަން ސާފުކޮށް ވެސް ނިމިއްޖެއެވެ. ގިނަ މީހުން ގެއަށް ވެސް ހިިނގައްޖެ އެވެ. ޔާނާގެ ދޮންތައާއި ޅިޔަނު އާއި އަދިވެސް ތިމާގެ ކުއްޖެއް ފިޔަވައި އިތުރު މީހަކު ނެތެވެ. އީމާ އާއި ޔާނާ ތިބީ އަދިވެސް އިށީނދެލައިގެން ވާހަކައިގަ އެވެ.
"އަހަރެން އެބަ ގަސްތުކުރަން ބޭރަށް ދާން." ކުއްލިއަކަށް އީމާ ބުނެލިއެވެ.
"ކޮންތާކަށް؟ ކާކާއެކު؟ ކޮން އިރަކުން؟" އެއްފަހަރާ ޔާނާގެ ސުވާލުތައް އައުމުން އީމާއަށް ހެވުނެވެ.
"ކިޔަވަން. މެލޭ ކަހަލަ ތަނަކަށް. މާލޭގައި ކިޔަވަން ހުންނަ ހިތެއް ނެތް މިހާރު،" އީމާ ވާހަކަ ދައްކަމުން ދިޔައީ މަޑުމަޑުންނެވެ.
"ކޮން އިރަކުން ދާން ތި އުޅެނީ؟" އީމާގެ މޫނުމަތިން ފެންނަން ހުރި ސީރިއަސްކަމަށް ބަލަން އިނދެ ޔާނާ ވެސް އެހިއެވެ.
"ދެން ވީ އެންމެ އަވަހަކަށް، އޯގަސްޓްގަ ލޯން ސްކީމް ހުޅުވާނެ. އެބަ ހިތަށް އަރާ އެޕްލައި ކުރަން. ކިހިނެއްވާނެ؟" އީމާ އޭނަގެ އެކުވެރިޔާގެ ޚިޔާލަކަށް އަހާލިއެވެ.
"ދެން އަހަނީ ކީއްކުރަން، ތިހިރީ ހުރިހާ ކަމެއްވެސް ވިސްނާފައެއްނު، އޭމް ހެޕީ ތި ގޮތަށް ވިސްނީތީ." ޔާނާ ބުނީ އެވަރަށެވެ.
ކުރިޔަށް އޮތީ އޯގަސްޓް މަހެވެ. އާހިލްގެ ވަކިވެ ދިއުމުގެ ސަބަބުން އީމާއަށް ވެފަހުރި ގޮތް ޔާނާއަށް އެނގެއެވެ. ދުވަސްކޮޅަކަށް އެ ގެއާއި އެ މާހައުލާއި ދުރަށް ދިއުމަކީ އީމާއަށް ކޮންމެހެން ވެސް ބޭނުންވެފައި ހުރި ކަމެއް ކަމަށް ޔާނާއަށް ވިސްނުނެވެ. ފަހަރުގައި އީމާ އެގޮތަށް ވިސްނީ ވެސް އެހެންވެ ކަމަށްވެދާނެއޭ ޔާނާގެ ހިތަށް އެރިއެވެ.
"އެޕްލައި ކުރަންވީ ދޯ؟" ހީވަނީ އީމާއަށް އަދިވެސް ވަކި ގޮތެއް ނުނިންމިފައި އޮތްހެނެވެ.
"އާނ ހަމަ ކުރަންވީ. އެކަމަކު އަދި ޑިގްރީ ނުނިމެއެއްނު. އެއްއަހަރެއްނު އަދި މިވީ،" ޔާނާ ވިސްނާލިއެވެ.
"ނިމުނު ހިސާބުންނޭ ފަށާނީ... ޗޮއިސްތައް ބައިވަރު އޮންނާނެ އެ ތަންތަނުގައި،" އީމާ ހުރީ ކޮންމެ ގޮތަކަށް ވިޔަސް ދާން ކަހަލައެވެ.
"އެހެންވިއްޔާ އޯކޭ. ތިއީ ހަމަ ރަނގަޅުކަމެއް. ހިނގާ ތިކަން ކުރަމާ ދޯ؟" އީމާގެ އަތްތިލައިގައި ހިފައި ބާރުކޮށްލަމުން ޔާނާ ހިތްވަރު ދިނެވެ.
"އޯކޭ..." އީމާ ވެސް އެގޮތާ އެއްބަސްވިއެވެ.
** ** **
އިއާން އޭނަ އުޅޭ ކޮޓަރިން ނުކުމެފައި ސިޓިންރޫމް ބަލާލިއެވެ. މުޅިތަނުގައިވެސް ދިއްލާފައި ހުރީ ބަދިގޭގައި ދިއްލާފައި ހުރި ފަނޑު އަލިދޭ ބޮކި އެކަންޏެވެ. އިއާން ފާރުގައި ހުރި ގަޑިއަށް ބަލާލިއެވެ. ރޭގަނޑުން އެގާރަ ގަޑި ފަންސާސްފަހެއް ވީއެވެ. ޝިއުނާ ނިދީބާއޭ އިއާން ހިތަށް އެރިއެވެ.
މަޑުމަޑުން ގޮސް ޝިއުނާ އުޅޭ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ބޮޑު އެނދުގެ މެދުގައި ހުރަހަށް ޝިއުނާ އޮތެވެ. ކައިރީގައި ޖެހިފައި ކުޑަކުޑަ އިރަމް އޮތެވެ. ދެމައިންވެސް ތިބީ ނިދާފައެވެ.
"ޝިއު...ޝިއު، އާދެބަލަ ބޭރަށް." ޝިއުނާގެ ކަކުލުގައި މަޑުމަޑުން އަތްޖައްސާލާފައި އިއާން ގޮވާލިއެވެ. ޝިއުނާ ލޯ ހުޅުވުމުން އަތުގެ އިޝާރާތުން ބޭރަށް އައުމަށް ބުނެފައި އިއާން ނުކުތެވެ.
މަޑު ފިޔަވަޅުތަކެއްގައި އިއާން ގޮސް އިށީނީ ސިޓިންރޫމް ސޯފާގަ އެވެ. މާ ގިނައިރެއް ވެސް ނުވެއެވެ. ޝިއުނާ ވެސް އައިސް އިއާންގެ ފުރަގަހުން ސޯފާ ކައިރިއަށް ހުއްޓުނެވެ.
"އިށީނދެބަލަ..." އިށީނދެ އިން ސޯފާގެ އަނެއްކޮޅަށް އިޝާރާތްކޮށްލަމުން އިއާން އެދުނެވެ. އިތުރު އެއްޗެއް ވެސް ނުބުނެ ޝިއުނާ ވެސް ގޮސް އިށީނދެއްޖެއެވެ.
"ބަލިވެތަ ތި އުޅެނީ؟" މީގެ ދެރޭ ކުރިން މަންމަ ދިޔަފަހުން ޝިއުނާ މާ ބަސްމަދުކަމަށް ފާހަގަ ކުރެވޭތީ އިއާން ހިތަށް އަރާ ހުންނަނީ ޝިއުނާ ބަލިވެ އުޅޭ ކަމަށެވެ. އެއްވެސް ކަމެއްގައި އޭނައާ ދިމާލަށް ވާހަކައެއް ޝިއުނާ ނުދައްކަ އެވެ. އެއްވެސް ކަމެއްގައި ދެބަހެއް ވެސް ނުވެއެވެ. ދެކޮޅެއް ވެސް ނުހަދައެވެ. އެކަން އޮތީ އިއާންއަށް ވަރަށް ބޮޑަށް ފާހަގަ ކުރެވިފައެވެ. ނަމަވެސް ދެ މީހުން ދިމާވާ ވަގުތުތައް މަދުކަމުން އަދި އޮތީ އަހާނުލެވި އެވެ.
"ނޫން..." އިއާން އާ ދިމާލަށް ބަލާ ވެސް ނުލާއިނދެ ޝިއުނާ ބުނެލި އެވެ.
"ދެން ކިހިނެއްވީ މާ ބަސްމަދުވެފަ ތި ހުންނަނީ؟ ކަމެއް ވީތަ؟" ސޯފާގެ ލެނގޭ ތަނުގައި އެއް އަތް އަޅުވާލައިގެން އެއްކަކޫ މައްޗަށް ފައި އަރުވައިގެން އިން އިއާން އިނީ ވަރަށް ހަމަޖެހިލައިގެންނެވެ. އެއްވެސް ހާސްކަމެއް ނެތިއެވެ.
"ނުވޭ ކަމެއް..." ކަމެއްވީކަމަށް ހެދެން ކިތަންމެ ބޭނުންނުވެ ހުރި ނަމަވެސް، އޭނަ ބިރުން އުޅުނު ވަގުތު އައިސް ޖެހުނީކަން ޝިއުނާއަށް އެނގުނެވެ.
"އޯކޭ.." އިރުކޮޅެއްގެ ހިމޭންކަމެއް ވެރިވެގެން ދިޔައެވެ.
"ވާހަކައެއް ދައްކާލަންވެގެން އަސްލު މި ގޮވީ..." މިހެން ބުނެފައި ޝިއުނާގެ މޫނަށް އިއާން ބަލާލިއެވެ. ޝިއުނާ ވެސް އިއާންއާއި ދިމާލަށް ބަލާލިއެވެ. އިރުގަނޑަކު ދެ މީހުން ވެސް އެކަކު އަނެކަކާ ދިމާލަށް ބަލަން ތިއްބެވެ.
"އަސްލު އަހަރެމެން ކީއްތަ މި ކުރަނީ؟ ޝިއު ވިސްނާލިންތަ؟." އިއާންގެ އަޑުގައި ހުރީ މާޔޫސީ އާއި ހިތާމަ އެވެ.
"މިގޮތަށް އަސްލު އަހަރެމެން ދެ މީހުން އުޅެގެން ހަމަޖެހުމެއް ނުލިބޭ އަހަރެމެން ކުރެން އެކަކަށް ވެސް، މި ނޫންގޮތެއް ހޯދަންވެއްޖެ އަސްލު. އަސްލު މި ލައިފް އަހަރެމެން ދެ މީހުންކުރެން މީހަކަށް ވެސް ވޯތުއެއް ނޫން. މި ލައިފުން ލިބޭ އެއްޗެއް ނެތް، އެކަމަކު ކޮންމެ ދުވަހަކުވެސް އުނިވާ ބައިވަރު ކަންކަން އެބަހުރި.." ކުރިން އިން ގޮތް ބަދަލުކޮށްލާފައި އިއާން ވާހަކަ ދައްކަން ފެށިއެވެ. އަދި ވަކި ހިސާބަކުން ހުއްޓާ ވެސް ލައިފި އެވެ. ޝިއުނާ ހަމަ ބަލަހައްޓައިގެން އިނީ އެވެ.
ވާހަކަ މެދުކަނޑާލާފައި ތެދުވި އިއާން ފާރާއި ދިމާލަށް ގޮސް ސިޓިންރޫމްގެ މެދުގައި އޮންނަ ބޮޑު ލައިޓް ދިއްލިއެވެ. ދެން އެނބުރި އައިސް އަލުން އިށީނެވެ.
"މިއީ އަސްލު ދިރިއުޅުމެއް ނޫން، ކައިވެންޏެއް ވެސް ނޫން..." އަލުން ވާހަކަ ދައްކަން އިއާން ފެށީ ވަރަށް ތައްޔާރުވެގެންނެވެ.
"ދެން ކޯޗެއް؟" އިއާންގެ ވާހަކަ ހުއްޓުނީ ޝިއުނާ ކުރި މި ސުވާލުންނެވެ. އިއާން އަށް ލިބުނީ ބޮޑު ސިހުމެކެވެ. އެހެންނަމަވެސް ހަމަ އެހާމެ އަވަހަށް އިއާން ހަމަޖެހިލިއެވެ. ޝިއުނާ ބޭނުންވާ ގޮތަށް ބޭނުންވާ މިންވަރަކަށް އެ ވާހަކަ ދައްކަން އިއާން ގަސްތު ކުރިއެވެ. ޝިއުނާ އަށް ނޭނގޭ އެއްޗެއް އޮތިއްޔާ ބުނެދޭން އިއާން ނިންމިއެވެ.
"މިއީ އަސްލު އަދަބެއް. އަހަރެމެން އެކަކު އަނެކަކަށް ވެސް ދޭ އަދަބެއް، ކޮން ކަމަކަށް ޓަކައިތަ އަހަރެމެން މެރީކޮށްގެން މި އުޅެނީ. މެރީ ކުރުމަކުން ޕެޗް އެޅުނު ތަނެއް ނެތް. ވީ ފައިދާއެއް ވެސް ނެތް. ވީ އާ ކިލިން އަސް. އޮން އަވާ އޮއުން،" އިއާން އެ ދެ މީހުންގެ ހަޔާތުގެ މައްޗަށް އިންސާފު ކުރިއެވެ.
"ފައިދާއަށް ތަ އިއާން ހުރިހާ ކަމެއް ކުރަނީ؟ އިއާން އަކަށް..." ނުރުހިފައި ޝިއުނާ ވާހަކަ ދައްކަން ފެށިއެވެ.
"ޕްލީޒް، ހުތުރުކޮށް ވާހަކަ ދައްކާ ޒުވާބަކަށް ދާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެމެންގެ ކުށް އަހަރެމެން ގަބޫލުނުކޮށް ދެން ކުރާނެ މީހަކު ނާންނާނެ. ކުށް ގަބޫލުކުރަން އަހަރެން. ޝިއުވެސް ގަބޫލުކުރަން ޖެހޭނެ."
އެ ވާހަކަ ދައްކަން ފަށާތަނުން ޝިއުނާގެ ރުޅިއާއި ކުރިމަތިލާންޖެހޭނެކަން އިއާން އަށް އެނގޭތީ އެކަމަށް އިއާން ތައްޔާރުވާތާ ދެތިން ދުވަސްވެއްޖެއެވެ. އެ ވާހަކަ ދައްކާނެ އެންމެ މުނާސަބު ވަގުތަކާ އެންމެ އެކަށީގެންވާ ގޮތަކަށް އިއާން ހުރީ ބަލަބަލަ އެވެ. އެ ދެ މީހުންގެ ވަކިވުން ހުތުރުކޮށް ގެންދާކަށް އިއާން ގަސްތެއް ނުކުރެއެވެ.
"އަހަރެމެންނަށް އެކަކު އަނެކަކަށް ކޮންމެ އެއްޗެއް ވެސް ބުނެވިދާނެ. ކިއިދާނެ ކިތަންމެ ޑީގްރޭޑް އެއްޗެއް ވެސް. އެކަމަކު ދެޓްސް ނޮޓް ވަޓް އައި ވޯންޓް... ޝިއު ވެސް ވިސްނާލަބަލަ، އަހަރެމެން މެރީކުރީ ކީއްވެގެން؟ ކޮންކަމަކަށްޓަކައި؟ އެކަމަކު އެއީ ނުބައި ވިސްނުމެއް. އެއީ އަހަރެމެންނަށް ހެދުނު ގޯހެއް،. އިރަމްގެ ހަގީގަތް ބަދަލުވެދާނެ ކަމަށް އޭރު އަހަރެމެންނަށް ހީކުރެވުނީ އެއީ ގޯހެއް..." އިއާންއަށް ކޮށްފައި އިން އަސަރުން އަޑު ބަރުވަމުން ދިޔައެވެ. އަމިއްލަ އަށް އަމިއްލަ ދިރިއުޅުން ހަލާކުކުރެވުނު މޮޔަ އިއާން އަށް ކިތަންމެ ރަނގަޅަކަށް ވެސް އިނީ އިހްސާސްވެފަ އެވެ.
އަނގައިން ވެސް ނުބުނެ ސޯފާގައި ލެނގިލައިގެން އިން ޝިއުނާ އިނީ ކުޑަކޮށް އިސްތިރިކޮށްގެންނެވެ. އިރުއިރުކޮޅާ ލޯ ފޮހެލައެވެ. އިރުއިރުކޮޅާ ނޭފަތް ދަމާލައެވެ.
އިއާންގެ ހިތުގައި ޝިއުނާއަށްޓަކައި ހަމްދަރްދީ އުފެދުނެވެ. އެއީ އެއްއިރެއްގައި އޭނަ އިންތިހާއަށް ލޯބިވި އަންހެންކުއްޖާ އެވެ. އޭރެކޭ އެއްވަރަށް މިހާރު ވެސް ރީއްޗެވެ. ފުރިހަމަ އެވެ.
އެކަމަކު، ޝިއުނާއާ އެކު އެއްފުރާޅެއްގެ ދަށުގައި ދެނެއް އިއާން އަށް ކެތްނުވާނެކަން ޚުދު އިއާން އަށް އެނގެއެވެ. އެހެން އުޅެން ޖެހުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީ މާ ބޮޑަށެވެ. ތިމާގެ ކުށް ތިމާއަށް ގަބޫލު ކުރެވުނު ނަމަވެސް ރެޔާ ދުވާލު އެތަކެއްފަހަރު ޝިއުނާ ފެނުމުން އިހްސާސްކުރެވެނީ މާ ބޮޑު ވޭނެކެވެ. ދުވަހެއް ދުވަހަކަށް ނާއުއްމީދުވެ ދުނިޔެއިން ދާން ހިތް އެދެވެނީ މާ ބޮޑަށެވެ. ކުރެވުނު ކުށާއި އަމިއްލަ ދަރިއަކު ނަހަލާލު ގޮތުގައި ދުނިޔެއަށް ގެނެވުނުކަމުގެ ކުށުން ހިތާއި ނަފްސު ކަޅިވެ އަތްފައިން ގޯހެއް ހެދިދާނެތީ އިއާން ބިރުގަނެއެވެ.
ތެދެކެވެ. އިރެއްގައި އިންތިހާއަށް ޝިއުނާއަށް ހިތް އެދުނެވެ. އެހެންނަމަވެސް މިހާރު އިންސާނިއްޔަތުކަމާއި ހަމްދަރްދީ ފިޔަވައި އިތުރު އެއްޗެއް ޝިއުނާއަށްޓަކައި އިއާންގެ ހިތުގައި ނެތެވެ. އިޝްޤީ ލޯތްބެއްގެ އަސަރުވެސް ނެތެވެ. މި ވާހަކަ ދުލުން ޝިއުނާ ކައިރީ އޭނައަށް ބުނެވޭކަށް ނެތެވެ. އެކަމަކު އެއީ ހަގީގަތެވެ.
"އަހަރެމެން ދެ މީހުންނަށް ވެސް އެންމެ ރަނގަޅުވާނީ އަހަރެމެން ދެ މީހުން ވަކިވުން." އެތައް އިރެއްވީއިރު ވެސް ޝިއުނާ އަނގައިން ނުބުނުމުން އިއާން މަޑުމަޑުން ބުނެލިއެވެ.
އެއާއެކު ސިއްސައިގެން ގޮސްފައި އިއާންއާ ދިމާލަށް ޝިއުނާ ބަލާލިއެވެ. ދެ މީހުންގެ ވެސް ހަތަރުކަޅި ހަމަވި އެވެ. ޝިއުނާގެ ބޮޑުރީތި ލޯ ފުރިގެން ކަރުނަތައް ފައިބަނީއެވެ. އެއާ ޚިލާފަށް އިއާންގެ ލޮލުގައި ކަރުނައިގެ ތެތްކަމެއް ވެސް އަދި އެހެން އަސަރެއް ވެސް ނެތެވެ. އިއާންއެކޭ ޕްލާސްޓިކް މާސްކެއް އަޅައިގެން އިން މީހެކޭ އެއްފަދައެވެ. އެއްވެސް އަސަރެއް އެ މޫނުން ޝިއުނާއަކަށް ނުފެނެއެވެ.
"ޝިއުއަށް އެއްވެސް ދެރަގޮތެއް ހަދާކަށް ނޫން މިހެން މިނިންމީ، މިއީ އެންމެ ރަނގަޅުގޮތް، އަހަރެމެން ދެ މީހުންނަށް ވެސް. އިރަމްއަށް ވެސް. ޝިއު ވިސްނާލައިފިއްޔާ އެނގޭނެ އެކަން." އިއާން އަދިވެސް ވިސްނައިދެމުން ދިޔައެވެ.
ޝިއުނާއަށް ބަހެއް ނުބުނެވެއެވެ. މިއީ އަންނާނެ ވަގުތެއްކަން މީގެ ދެތިން ދުވަސް ކުރީއްސުރެން ޝިއުނާ އަށް އެނގެއެވެ. އޭރުއްސުރެން ރޮއިރޮއި ވެސް ލޮލުން ކަރުނަ ނުހިކުނީތީ ޝިއުނާ އަށް އުނދަގޫވިއެވެ.
"އަހަރެމެން ދެ މީހުން ވަކިވިޔަސް، ހުރިހާ ގޮތަކުން ވެސް ޝިއުއަށް އަހަރެން އެހީތެރިކަން ލިބޭނެ. އެކަމާ ފަހަރެއްގައި ވެސް ޝައްކު ނުކުރާތި..." ދިމާ މޫނަށް ބަލަން އިނދެ އިއާން އެ ވާހަކަ އެ ދައްކާ ގޮތުން، އިއާންގެ ހިތެއް ނެތީބާވައޭ ޝިއުނާ ހިތަށް އެރިއެވެ. އޭނަ ދެކެ ކުރިން އިއާންވީ ލޯބިވަނީ ކޮންތަނަކަށް ބާވައޭ ހިތާހިތާ ސުވާލުކޮށްލެވުނެވެ.
"އިރަމްގެ ހުރިހާ ކަމެއް އަހަރެން ހަވާލުކުރާނީ ޝިއުއާ... ތިއީ އިރަމްގެ މަންމަ. އިރަމް ބަލަން ވާނީ އިރަމްގެ މަންމަ." އިއާންގެ މި ލަފުޒުތަކުން ޝިއުނާގެ ނޭވާ އެތެރޭގައި ތާށިވި ކަހަލައެވެ. އޭނަ ބޭނުން ނުވި ގޮތަށް އިރަމް ވެސް ބޭނުން ނުވަނީ ހެއްޔެވެ؟ އެ ދަރިފުޅު ވެސް ރީތި ގޮތުގައި "އެއްލާލަނީ" ހެއްޔެވެ؟
ނުނިމޭ