23 Dec 2017

ގަސްތަކާނުލާ

ގަސްތަކާނުލާ

By: Ismail Naseer

ޑިސެމްބަރު 19 ވަނަ ދުވަހާ ގުޅޭ

"އިރަމްގެ ހުރިހާ ކަމެއް އަހަރެން ހަވާލުކުރާނީ ޝިއުއާ... ތިއީ އިރަމްގެ މަންމަ، އިރަމް ބަލަން ވާނީ އިރަމްގެ މަންމަ." އިއާންގެ މި ލަފުޒުތަކުން ޝިއުނާގެ ނޭވާ އެތެރޭގައި ތާށިވި ކަހަލައެވެ. އޭނަ ބޭނުން ނުވި ގޮތަށް އިރަމް ވެސް ބޭނުން ނުވަނީ ހެއްޔެވެ؟ އެ ދަރިފުޅު ވެސް ރީތި ގޮތުގައި "އެއްލާލަނީ" ހެއްޔެވެ؟

"އިއާންއަށް އިރަމް ވެސް މުހިއްމު ނުވީތަ ހަމަ؟" ލިބުނު ހިތްދަތި ކަމުގެ ސަބަބުން ޝިއުނާއަށް އެއްޗެއް ބުނެވުނީ ވެސް ވަރަށް ލަހުންނެވެ.

އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އިއާންއަށް ލެވުނީ ފުން ނޭވާއެކެވެ. ރަނގަޅަކަށް ކަމެއް ކުރިޔަސް އަންހެނެއްގެ ހިތް ރުއްސުމަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ދަތި ކަމެކޭ މީހުން އެބުނަނީ ތެދެކޭ އިއާންގެ ހިތަށް އެރިއެވެ.

"މުހިއްމު ވާކަމަށް ވާނީ ބޭބީއަކު މަންމައާ ވަކިކުރަން މަސައްކަތް ކުރުން ކަމަށްވަންޏާ އޯކޭ. އެހެން ހެދިދާނެ އަހަންނަށް. މަންމަ ބަލާފާނެ އިރަމް. ޝިއު ހަމަ ދާންވީ އިރަމް ބަހައްޓާފައި. އަހަރެންގެ ހަމަ އެއްވެސް މައްސަލައެއް ނެތް. އެގޮތްތަ ބޭނުންވަނީ؟" ޝިއުނާ އާއި އިރަމް ހަވާލުކުރަން އިއާން ނިންމި ސަބަބު އަންގައިދޭން އިއާން ވާހަކަ ދެއްކީ އޭގެ އަސަރު އެންމެ ފަސޭހައިން ކުރާނެ ގޮތަށެވެ.

އެ ވާހަކަ އަޑު އަހާފައި ޝިއުނާގެ ހިތް ބިރުގަތެވެ. އެބުނި ގޮތަށް އެކަން އިއާން ކޮށްފާނެކަމާ މެދަކު ޝިއުނާއަށް ޝައްކެއް ވެސް ނެތެވެ.

"އެކަމަކު އެގޮތް ބޭނުން ވަންޏާ ވެސް މިރޭ ބުނަން ވާނެ. މިރޭ އެކަމަށް ގޮތެއް ނިންމަންވާނެ." ޝިއުނާ ބޭނުން ވާހަކައަކަށް އިއާން ދިޔައީ ފުރުސަތު ހުޅުވަމުންނެވެ. ނަމަވެސް ޝިއުނާއަށް ވާހަކައެއް ނުދެއްކެއެވެ.

އެއަށްވުރެ ބޮޑަށް ޝިއުނާ އިންނަނީ ހައިރާން ކަމެއްގައެވެ. އޭނަ ދެކެ އިއާން ވީ ލޯތްބާއި ކޯހަށް ފުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އެ ގުޅުން އިއާން ކަނޑާލިގޮތާއި، އޭނަ ބަނޑުބޮޑުކަން އެނގިގެން ކައިވެނި ކުރަން ޖެހުނު ހިސާބުން ފެށިގެން އިއާން އަށް އައި ބަދަލުތައް ޝިއުނާގެ ހަނދާނަށް އަންނަމުން ދިޔައެވެ. އޮހޭ ކޮންމެ ކަރުނަ ތިއްކަކާއެކު، މާޒީގެ ފޮނި ހަނދާނެއް ފައިތިލަދަށަށް އޮބެމުން ވަޅުޖެހެމުން ދިޔައެވެ.

"ބޭނުންގޮތެއް ބުނޭ. އެގޮތަކަށް ހަދައިދެވޭތޯ ބަލާނަން." ހިމޭންކަމުގެ ތެރެއިން އިއާންގެ އަޑު އިވިގެން ދިޔައެވެ. ޝިއުނާ އެއްވެސް އެއްޗެއް ނުބުނެއެވެ. އިނީއެވެ. ބުނަން އޮތީ ވެސް ކޯއްޗެއް ހެއްޔެވެ. އިއާން ނިންމައިގެން ހުރި ގޮތް ކުރީ ރެއަކު އޭނައަށް އޮތީ އަޑު އިވިފައެވެ.

ޝިއުނާއަށް ވެސް އެނގެއެވެ. އެ މީހުންގެ މެދުގައި ލިޔެކިޔުންތަކުން ދެވިފައި އޮތް ރަސްމީ ގުޅުން ފިޔަވައި އެހެން ގުޅުމެއް ނެތެވެ. އެ ގުޅުން ވެސް އިއާން އެ މަސައްކަތް ކުރަނީ ކަނޑާލާށެވެ.

"ޝިއު ބޭނުންވާ އެއްވެސް ކަމެއް އޮތިއްޔާ ބުނަންވީ ހަމަ، ލީގަލް ހުރިހާ ލިޔުންތަކެއް އަހަރެން ހުންނާނީ ހަމަޖައްސާފައި. ހޯމަ ދުވަހަށް ގަޑިއެއް ލިބިފަ އިންނާނީ ވެސް. އެހާތަނަށް ހުރިހާ ކަމެއް ހަމަޖައްސަންވާނެ. އަންގާރަ ނޫނީ ބުދައިގައި މިތަން ދޫކޮށްލަން އަހަރެން ބޭނުންވާނެ... ސޯ..." ޝިއުނާގެ ދިރިއުޅުމުގެ މާދަމާއާ ދޭތެރޭގައި ހުރިހާ ނިންމުމެއް އިއާން އިނީ ނިންމައިގެންނެވެ. ކިޔައިދެމުން ދިޔައީ ހިތުދަސްވެފައި ހުރި ފިލާވަޅެއް ފަދައިންނެވެ. އެހާ ބޮޑު ހިތްދަތިކަމެއް ދެމުން ވެސް ތަކުރާރުކޮށް އަހަމުން އެ ދަނީ ބޭނުންކަމެއް އޮތްތޯ އެވެ. އިއާންއެކޭ ހިތެއް ނެތް މީހެކޭ އެއްގޮތެވެ.

ޝިއުނާއަށް އަޑުއަހަން އިނދެވުނީ ހައިރާން ކަމާއެކުގަ އެވެ. އިއާން އެކަންކަން ތައްޔާރުކުރާތާ ވީ ކިހާ ދުވަހެއް ހެއްޔެވެ؟ ކޮންއިރަކު ހެއްޔެވެ؟ އެ ވަކި ކޮޓަރީގައި އިނދެގެން ބިޒްނަސްއޭ ކިޔާފައި އިއާން ކުރަނީ މި މަސައްކަތްތައް ހެއްޔެވެ؟

އިއާން އެތައް އެތައް ވާހަކައެއް ދެއްކިއެވެ. ބައެއް ވާހަކަތައް ޝިއުނާ އަށް އަޑެއް ވެސް ނީވުނެވެ. އިއާން ދައްކާ ވާހަކައަކަށް ވުރެ ބޮޑަށް އިނދެވުނީ އިއާންއާ ދޭތެރޭ ވިސްނާށެވެ.

"އެންމެ ރަނގަޅު. ވިސްނާލާފައި ބުނާތި އެއްވެސް ކަމެއް އޮތިއްޔާ. ޝިއު ވަކި އެއްޗެއް ނުބުނަންޏާ އަހަރެން ރާވާފައި އޮތްގޮތަށް ހުރިހާ ކަމެއް ދާނެ..." އިއާންގެ ރާގު ހުރި ގޮތުން، ދައްކަން އޮތް ހުރިހާ ވާހަކައެއް އިއާން ދައްކައި ނިންމާލިހެން ޝިއުނާއަށް ހީވިއެވެ. ދެން އިއާން ތެދުވެގެން ދާނީ ކަން ނޭނގެއެވެ. ޝިއުނާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ.

ކުރިން ސޯފާގައި ލެނގިގެން އިން އިއާން ހަށިގަނޑު ސީދާކޮށްލިއެވެ. ލައިގެން އިން ޖީންސް މަތީން ފައިގެ ފަލަމަސްގަނޑުގައި ދެ އަތުގައި ހުރި އެއްޗެއް ފޮހެލާ ފަދައަކުން ދެ ފަހަރަކު އަތް ކާއްތާލިއެވެ. ދެން އެ ދެއަތް ފައިމަތީގައި ވިއްދައި ހަށިގަނޑެއް ބާރެއްލިއެވެ. ފުން ނޭވާއަކާ އެކު ކޮޅަށް ތެދުވީ އޭގެ ފަހުންނެވެ. ލައިގެން އިން މަޑުފެހި ކުލައިގެ ޓީޝާޓުގެ އެއްއަރިމަތިން ހިފައި ވަކި މާނައެއް ނެތް ގޮތަކަށް ރީތިކޮށްލިއެވެ.

އެއީ ކޮން ހާސްކަމެއްގެ އަސަރުތައް ބާވައެވެ؟ އިއާން ކަންބޮޑުވަނީ ކޮންކަމަކާ ހެއްޔެވެ؟ ދައްކަން ބޭނުންވާހަކައެއް ދައްކާ ނިންމައިފިއެވެ. އޭނައަށް އިތުރަށް ދޭނެ ހިތްދަތި ޚަބަރެއް އަދިވެސް އިއާންގެ އަތުގައި އޮތީ ހެއްޔެވެ؟ ދިޔައިމަ ވީ ނޫން ހެއްޔެވެ؟ ބަލަން އިން ޝިއުނާގެ ހިތުގައި ސުވާލުތަކެއް އުފެދެމުން ދިޔައެވެ.

އިއާންގެ އެންމެ ކުޑަ ހަރަކާތަށް ވެސް ފަރުވާތެރިކަމާއެކު ބަލަން އިން ޝިއުނާގެ ހިތުގައި ވަކިވަކިން އިއާންގެ ހަރަކާތްތައް ހަރުލިއެވެ. އިއާން އެ ތެދުވީ ދާންކަން އެނގޭތީ ހަތަރުކަޅި ވެސް ޝިއުނާ ހަމައެއް ނުކުރެއެވެ. މަޑުމަޑުން އިނީއެވެ.

"އޯކޭ....؟" އެންމެ ފަހުން އިއާންގެ އަނގައިން އެހެން ބުނެފިއެވެ. ޝިއުނާއަކަށް ދެން ވެސް އެއްޗެއް ނުބުނެވުނެވެ. އިއާން ހިނގައިގަތެވެ. އިއާން އުޅޭ އޭނަގެ ކޮޓަރިއަށް ދިއުމަށެވެ. ޝިއުނާ އިނީ ބަލާށެވެ.

އެއީ އޭނަ މާ ބޮޑު ޝައުގެއް ނެތި ފެށި ގުޅުމެއް ކަމަށް ވިޔަސް އެއީ އޭނަގެ ހަޔާތް މުޅިން ބަދަލުކޮށްލި އިންސާނާއެވެ. އެ ދުވަހު އޭނަ ފަހަތުން ދުވީ އިއާންއެވެ. މިއަދު އޭނައާ ދުރަށް ވެސް އެ ދަނީ އިއާން އަމިއްލައަށެވެ. އޭނަގެ ހަޔާތަށް މީގެ އެތައް އަހަރެއް ކުރިން އައި އެ ރީތި ޒުވާނާ އޭނައަށް އުމުރަށް ގެއްލެނީއެވެ. އެ ރީތި އިންސާނާގެ ހަނދާން ދުވަހަކު ވެސް ނުނެތޭނެ ފަދަ އަމާނަތެއް އޭނައަށް ދޫކޮށްފައި އެ އިންސާނާ އެ އުޅެނީ ދާށެވެ. ދުވަހަކު ވެސް ދެނެއް އިއާން އޭނަ ކައިރިއަށް އެނބުރިއެއް ނާންނާނެއެވެ. ދުވަހަކު ވެސް އެއީ ތިމަންނާގެއޭ ދެނެއް އޭނައަކަށް ނުބުނެވޭނެއެވެ.

ގޮސްގޮސް ހުރި އިއާންއަށް ޝިއުނާ ބަލަން އިންއިރު އެތައް އެއްޗެއް ހިތަށްއަރައި ފޭބިއެވެ. އިއާންގެ ދިގު އިސްކޮޅާއި، އެ ރީތި ފުރިހަމަ ހަށިގަނޑާ، ދުވަހަކު ވެސް އެއްކޮށް ކުރުކޮށް ނުކޮށާ ބޮލާއި، އަބަދުވެސް ވަކިވަރަކަށް ބަހައްޓާފައި ހުންނަ ތުނިތުނި ތުނބުޅި، އަދި ހާއްސަކޮށް އިއާންގެ އުނިކަމެއް ހުންނަ ރީތި އަތްތިލަ އަކީ ދުވަހަކު ވެސް ވަކިވާން ޝިއުނާ ނޭދޭ ކަންތައްތަކެކެވެ. އެކަމަކު އެކަންކަން ހަމަ އެކަނި ހަނދާނަކަށް އެ އުޅެނީ ވާށެވެ. އިއާން އެ ދަނީއެވެ. މީގެ ދެތިންދުވަސް ފަހުން އޭނައާ އެއްކޮށް ވަކިވާނެއެވެ. ޝިއުނާގެ ހިތަށް ގޮތްތަކެއް ވާން ފެށިއެވެ.

އިސްޖަހައިގެން ގޮސްގޮސް ހުރި އިއާން، ކުއްލިއަކަށް، ހަމަ ވަރަށް ކުއްލިއަކަށް ސިއްސައިގެން ގޮސްފައި ހުއްޓެވިއްޖެއެވެ. ފުރަގަހުން އައި ޝިއުނާ އިއާންގެ މެދުހަށީގައި ހިފައި ފުރަގަހުން ބައްދައިގަތީ ވަރަށް ބާރަށެވެ.

"ޕްލީޒް އިއާން... ޕްލީޒް..." އިއާންގެ ބުރަކަށީގައި ބޯ ޖައްސައިގެން ހުރި ޝިއުނާގެ ރުއިމުގެ ތެރެއިން މަޑުއަޑަކުން ބުނެލިއަޑު އިއާންއަށް އިވުނެވެ.

"ޕްލީޒް އިއާން، އިރަމްއަށް ޓަކާ، ޕްލީޒް، އަލުން މެރީކޮށްގެން އެއްކޮށް އުޅެން ހިނގާ އިއާން. އިއާން ބެހެއްޓިތާކު ހުރެދާނަން. ގެއަށް ދާން ދުވަހަކު ވެސް ދެން ނުބުނާނަން... ޕްލީޒް ޕްލީޒް ޕްލީޒް..." އިއާންއާ އޭނަ ވަކިވުމަކީ އަންނަން އުޅޭ ހަގީގަތެއްކަން އެންމެ ފަހުން ޝިއުނާއަށް ގަބޫލުކުރެވުނެވެ. އެކަމާ ދެކޮޅަށް އާދޭސްކުރެވެން ފެށީ ދެން ފުރުސަތެއް ނެތްކަން ޔަގީން ވުމުންނެވެ.

އިއާން ޝިއުނާގެ ދެއަތްތިލައިގައި ހިފިއެވެ. އަމިއްލަ ހަށިގަނޑުން އެ ދެއަތް ދުރުކޮށް އެ ގައިދުން އިއާން ސަލާމަތް ވިއެވެ. ދެން ޝިއުނާއާ ދިމާލަށް އެނބުރުނެވެ. ޝިއުނާގެ ގިސްލުން ހުއްޓުނު ނަމަވެސް ލޮލުން ކަރުނަ ފައިބައެވެ. ރުއިމެއް ހުއްޓައެއް ނުލެވެއެވެ. ޝިއުނާގެ މޫނުގައި ދެއަތުން އިއާން ހިފެހެއްޓިއެވެ.

"ޑޯންޓް. ނުރޮއި. ޔޫ ނޯ ވީ ހޭވް ނަތިން ޓު ޝެއާ އެނީމޯ.. އަހަރެމެން ކިތަންމެ އަހަރެއް ވަންދެން އެކުގަ އުޅުނަސް. ކިހިނެއް... ކިހިނެއް އަލުން..." ޝިއުނާގެ ހިތުގަ ޖެހޭނެވަރު ހިތަށް އަރާފައި، އިއާން ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުކުރެވުނެވެ. ލޯތްބަކީ އަލުން ބަލުން ފެށޭނެ އެއްޗެއް ނޫންކަމާއި ލޯތްބަކީ ވެވޭ އެއްޗެއްކަން، ޝިއުނާ ދެރަވެފަ ހުރިވަރުން ބުނާކަށް އިއާންގެ ހިތަށް ވެސް ކުޅަދާނައެއް ނުވިއެވެ.

"އިރަމްއަށްޓަކައި މި ގުޅުމުގައި މަޑުކުރުމަކީ އަހަރެމެންނަށް ހެދޭނެ ތިންވަނަ ބޮޑު ގޯސް. އެކަން ރިގްރެޓް ކުރާނެ އަހަރެމެން. ބިލީވް މީ. އިރަމްއަށް ހަމަޖެހުމެއް ލިބޭނީ އަހަރެމެން ވެސް ހަމަޖެހިގެން..." ޝިއުނާއަށް ވިސްނައިދެވޭތޯ އިއާން ބަލަމުން ދިޔައީ އޯގާތެރިކަމާ އެކުގައެވެ. ހަމްދަރްދީއާ އެކުގައެވެ.

"އެކަމަކު އިއާން، އަހަރެން ކިހިނެއް އުޅޭނީ... އަހަރެން..." ޝިއުނާގެ ހިތަށް ހަގީގަތް ވަރަށް ރަނގަޅަށް ހާމަވެއްޖެކަން އިއާންއަށް ވިސްނުނެވެ.

"ޝްޝް... ޝްޝް... ޑޯންޓް، ޕްލީޒް. ނުރޮއި ހުއްޓާލާ. ތިއީ އިރަމްގެ މަންމަ. އައި ވިލް އޯލްވެއިސް ރެސްޕެކްޓް ޔޫ ފޯ ދެޓް، އިރަމްގެ ކަމެއްގައި ނޫނަސް ޝިއުއަށް ޖެހޭ ކޮންމެ ބޮޑު ކަމެއްގައި އަހަރެންނާއި މަންމަ އެހީވާނެ. އެއްވެސް ގޮތަކަށް އެކަނިކޮށް ނިކަމެތިކޮށްލާކަށް ނޫން މި އުޅެނީ. އަހަރެމެން ދެ މީހުންނަށް ވެސް އެންމެ ރަނގަޅު ގޮތް މިއީ. ފަހުން ދެ މީހުން ގުޅެން ޖެހި ވެސް ދާނެ. ނުގުޅިވެސް ދާނެ. ވީ ޑޯން ނޯ ދެޓް. އެކަމަކު މި ވަގުތު އެނގޭ ކަމަކީ އަހަރެމެން ދެ މީހުންގެ އަތަކު ވެސް އެކަކު އަނެކަކާ ހިއްސާ ކުރާނެ އެއްޗެއް ނެތްކަން. ވީ ނީޑް ޓު ފޮގިވް އަވަ ސެލްފް. ވީ ނީޑް ޓު ސްޓާޓް ފްރެޝް. ކިހިނެއް އެހެން ނޫނީ ދުނިޔޭގަ އުޅޭނީ. ލިސްން. އެނގޭ ދޯ ޝިއުއަށް މި ބުނާ އެއްޗެއް... ވީ ނީޑް ޓު ލިވް. އިރަމްއަށްޓަކައި. އަހަރެމެންނަށްޓަކައި، މުސްތަގްބަލަށްޓަކައި... އިނގޭ ދޯ ޝިއުއަށް.؟" ޝިއުނާ ރޯވަރުން ކަމެއް، ނޫނީ އިއާންގެ ހަޔާތަށް ވީގޮތް ހިތަށް އަރާފައިކަމެއް ނޭނގެއެވެ. ޚުދު އިއާންގެ ލޯ ވެސް ކޮންމެވެސް ވަރަކަށް ފެންކަޅިވެއްޖެއެވެ.

ޝިއުނާއަށް ވިސްނައިދެމުން ދިޔައީ ލޯތްބާ އެކުގައެވެ. ކުޑަ ކުއްޖަކަށް ވިސްނައިދޭނެ ފަދައިންނެވެ. އަދި ހަމަ އެ ވާހަކަތަކުގައި ތަސައްރަފް ފުދިފައި ހުރި ޒުވާން ފިރިހެނެއްގެ ބުއްދިވެރިކަން ވެސް ހުއްޓެވެ. ހޭޖެހޭ ރޯފިލާފައި ހުރި އިންސާނެއްގެ ސިފަ ވެސް ޝިއުނާއަށް ފެނުނެވެ. އިއާން އަކީ ކުރީގެ ސަކަ މިޒާޖުގެ އިއާންއެއް ނޫނެވެ. އިއާން އެހެރީ ވަރަށް ބަދަލުވެފައެވެ. އެ ރީތި ދެލޮލުން ވެސް ޝިއުނާ އަށް ފެންނަމުން ދިޔައީ ނުގުޑާފަދަ ހަރުދަނާ ކަމެކެވެ.

ޝިއުނާއަށް އޭނަގެ ދެއަތް އުފުލާލެވުނެވެ. އިޚްތިޔާރުން ބޭރުގައި ކަހަލަ ގޮތަކަށް އެއް އަތުން އިއާންގެ ކޯފަތްމަތީގައި ޖައްސާލެވުނެވެ. އިއާން ޝިއުނާގެ އެ އަތްތިލައިގައި ހިފިއެވެ. އަމިއްލަ ކޮލުގައި ޖައްސާ ބާރުކޮށްލިއެވެ. ދެން ދެއަތްތިލައިގައި އެކުގައި ބޮސްދިނެވެ.

"އައި ޑިޑް ލަވް ޔޫ، ނެވަރ ފޮގެޓް ދެޓް، ވަރަށް ލޯބިވިން، އެކަމަކު މިހާރު މިއީ އެވަގުތެއް ނޫން، އެވާހަކަ ނުދައްކަމާ، ކުރިކުށެއް ވިއްޔާ ކުރީ އަހަރެމެން ދެމީހުން، ދެ މީހުން ވެސް އެއްވަރަކަށް ހިއްސާވޭ، އެއްވެސް ހާލެއްގައި އަހަންނަށް އެއްވެސް އިރެއްގައި ޝިއުގެ ކުށެއް ނުފެނޭ، ބައްޕައާއި މަންމަގެ ރުހުން ދުވަހަކު ވެސް ނުލިބޭނެކަން އެނގޭއިރު ވެސް ޝިއުއާއި ގުޅުން ބޭއްވީ ބިކޯޒް އައި ވޯޒް އިން ލަވް ވިތު ޔޫ، އައި ޓްރޫލީ ލަވްޑް ޔޫ، ނެވަ ފޮގެޓް ދެޓް..." އަސަރުގައި އިއާން ވެސް ޖެހުނެވެ. އަޑުކުރަކިވެ ވާހަކަ ދައްކަން އުނދަގޫވެގެން ކަރުކެހިލިއެވެ.

"ލެޓްސް އެޕްރެޝިއޭޓް، އޯކޭ؟ ލެޓްސް މޭކް ޕީސް، ފަހުން ވާނެ ގޮތަކަށް އަހަރެމެން ތައްޔާރުވާންކަމަށް ހިނގާ ނިންމަމާ... މިއީ ހަމަ އަހަރެމެންނަށްޓަކާ އަހަރެމެން ނިންމާ ކަމަކަށް ވާންވާނީ، އޯކޭ؟ އެއްބަސް؟" އެރޭ ފުރަތަމަ ފަހަރަށް އިއާން ހިނިތުންވެލިއެވެ.

ޝިއުނާގެ މޫނުގައި ހިފައި އުފުލާފައި ކަރުނަތައް ފޮހެދެމުން ބުނެލި އެ ބަސްކޮޅާއެކު ޝިއުނާއަށް ވެސް ހަމަޖެހުމެއް ލިބުނެވެ. ގަދަކަމުން ވިޔަސް ހިނިތުންވާން ޚުދު ޝިއުނާ ވެސް މަސައްކަތް ކުރިއެވެ.

"އޯކޭތަ...ހޫމް...؟ އޯކޭ ދޯ ؟" ޝިއުނާގެ ލޮލަށް ބަލަން މަސައްކަތް ކުރަމުން އިއާން އަދިވެސް އެހިއެވެ. ހިނިތުންވެގެން ހުރެ އިއާންގެ މޫނަށް ބަލަމުން ޝިއުނާ ވެސް މަޑުމަޑުން ބޯޖަހާލިއެވެ.

"ތެންކިޔު، ތެންކިޔު ސޯ މަޗް ފޯ އަންޑަސްޓޭންޑިން،" ހިތަށް ލިބުނު ލުއި ކަމުގައި ހިނިތުންވެލަމުން ކުރިއަށް ޖެހި ޝިއުނާގެ ނިތްކުރީގައި އިއާން ބޮސްދިނެވެ. ޝިއުނާއަށް ލޯމަރާލެވުނީ ފުން ނޭވާއަކާ އެކުގައެވެ.

"ތެންކިޔު އިއާންއަށް ވެސް، ފޯ އެވްރީތިން" ޝިއުނާއަށް އިތުރަކަށް ވާހަކަ ނުދެއްކުނެވެ. އަސަރުން ގޮސް އަޑު ބެދިއްޖެއެވެ.

ޝިއުނާގެ ދެ ކޮނޑުގައި ހިފައި އިއާން ގަޔާއި ކައިރިކޮށްލިއެވެ. އިއާންގެ މޭގައި ބޯޖައްސާލައިގެން ޝިއުނާވެސް އިރުކޮޅަކު ހުއްޓެވެ. އެ ހަށިގަނޑުގެ އިހްސާސް ދެން އޭނައަށް ލިބޭނެ ކަމެއް ނޭނގެއެވެ.

"ހިނގާ...ވަރަށް ލަސް ވެސް ވެއްޖެ" ދެތިން މިނެޓްގެ ހިމޭންކަމެއްގައި މަޑުމަޑުން ތިބެފައި ޝިއުނާގެ އަތުގައި ހިފައިގެން ހިނިތުންވުމަކާއެކު އިއާން ހިނގައިގަތީ ޝިއުނާގެ ކޮޓަރިއަށް ޝިއުނާ ގެންދިއުމަށެވެ. ޝިއުނާ ވެސް ނޭފަތް ދަމާލާފައި އިއާންއާއިއެކު ދިޔައެވެ.

ޝިއުނާ ގޮވައިގެން ގޮސް ކޮޓަރިއަށް ވައްދާ އެނދުގައި ބޭންދިއެވެ. ދެން އެނދުގެ މެދުގައި އޮތް ކުޑަކުޑަ ދަރިފުޅުގެ ނިތްކުރީގައި ބޮސްދިނެވެ.

"އަހަރެން ދުނިޔޭގަނެތް ދުވަހަކުން ވެސް އިރަމް ރަނގަޅަށް ބަލާދޭތި އިނގޭ. އެއްވެސް ކަމަކަށް ދަތިވެގެން ނުވެގެން ހުންނާކަށް ޝިއު އިރާދަކުރެއްވިއްޔާ ނުޖެހޭނެ. ބުނާތި، އަހަރެން ނެތިއްޔާ އަހަރެން މަންމަ ހުންނާނެ، އަހަރެމެން ދެ މީހުންގެ ކުއްޖެއް މިއީ، އަމާނާތްތެރިކަމާއެކު ޝިއު ވާނެ ބަލާދޭން، އަދި ދެން ބެލޭނެ ގޮތެއް ނެތި ކަމެއް ދިމާވިޔަސް އަހަންނަށް އަންގަންވާނެ، ނޫނީ އަހަރެން މަންމައަށް އަންގަންވާނެ، އިނގޭ؟" އިރަމްގެ ކުޑަކުޑަ ހަށިގަނޑުމަތީގައި އޮތް ރަޖާގަނޑު ރީތިކޮށްލާފައި ހިންދެމިލަމުން އަނެއްކާވެސް ޝިއުގެ ކިބައިން އިއާން އެދުނެވެ.

އިރަމް ދެކެ އިއާން ވަރަށް ލޯބިވާކަން ޝިއުނާއަށް އޮޅުމެއް ނެތި އެނގެއެވެ. އެކަމަށްޓަކައި ޝިއުނާ އުފާކުރެއެވެ. އިރާދަކުރެއްވިއްޔާ އިރަމްއަށް ދުވަހަކު ވެސް ޚިޔާނާތެއް ނުވާނެކަމަށް ޝިއުނާ އޮތީ މާ ކުރިން ވަޢުދުވެފައެވެ. ދެންމެ އިއާން ދެއްކި ވާހަކައަށް ވެސް ޝިއުނާ ބޯޖަހާލީ ފަސްޖެހުމެއް ނެތިއެވެ.

"ގުޑް، ދެން އަވަހަށް ނިދާލާ." ކޮޓަރީން ދިއުމަށްޓަކައި ދޮރުގައި ހިފަމުން އިއާން ބުނެލިއެވެ. އިއާން އާއި ދިމާލަށް ބަލަހައްޓައިގެން އިން ޝިއުނާ އަނެއްކާވެސް ހިނިތުންވެލިއެވެ. އިއާން މަޑުމަޑުން ކޮޓަރިން ނުކުތެވެ.

ޝިއުނާ ބަލަހައްޓައިގެން އިންދާ ހަމަ އެހާ މަޑުމަޑުން ދޮރު ލެއްޕިއެވެ. ޝިއުނާއަށް އިއާން ގެއްލުނެވެ. ޝިއުނާގެ ކޮޓަރިން ނުކުތް އިއާން އެ ނިކުތް ގޮތަށް ގޮސް ވަނީ ބަދިގެއަށެވެ. ފެންޖަގު ހޫނު ކުރަން ޖައްސައިގެން ބަދިގޭ ކައުންޓަރުގައި ދެއަތް އަޅުވާލައިގެން ކޮޅަށް ހުރީ ކޮފީތަށްޓެއް ގިރަން ބޭނުން ވެގެންނެވެ.

** ** ** **

"ހަލޯވ...ކިހިނެއްވީ މާ ވަރަކަށް ގުޅާފަ މިހިރީ." ކޮޓަރިއަށް ވަންއިރު ޔާނާގެ ހަތް މިސްކޯލް ހުރެގެން ޔާނާއަށް ގުޅީ އީމާއެވެ.

"އޭއި އެނގޭތަ އިއާން އައިސްގެން އުޅޭކަން، ދެތިން ހަފްތާވެއްޖެޔޯ އައިސް އުޅޭތަ؟ އިއާން މަންމަ ނުވެސް ގުޅާތަ ހަމަ...؟" ޔާނާއަށް އެލިބުނު ޚަބަރަކުން ދެފައި އެއްތާކު ނުޖެހެއެވެ. އިއާންގެ ޚަބަރު ލިބިގެން އީމާއަށް ގުޅީވެސް މަގުމަތީގައި ހުރެ އެ ޚަބަރު ލިބުނު ވަގުތުއެވެ. އޭގެ ދެގަޑިއިރު ފަހުން އީމާއާއި ފޯނުން ދިމާވިއިރު ޔާނާ ހުރީ އަދިވެސް އެ އުފަލުގައެވެ.

"އޭއި...ކީއްވެތަ އަނގައިން ނުބުނަނީ؟" އެހާ ޝައުގާ ފޯރިއާއެކު އެ ވާހަކަ ދެއްކީމަވެސް އީމާގެ އަޑެއް ނީވުމުން ރުޅިއައިސްފައި ޔާނާ ހަޅޭއްލަވައިގަތެވެ.

"އިހަށް ބާއްވާލާނަން، ބައްޕަކައިރިއަށް ދާން އެބަޖެހެއޭ، ފަހުން ގުޅާނަމޭ އިނގޭ." ޔާނާ ބުނާ އެއްޗަކަށްވެސް ބެލުމެއް ނެތި އީމާ ފޯން ކަނޑާލިއެވެ. އެހެންނަމަވެސް ތަނަކަށް ދިޔައީކީ ނޫނެވެ. އެނދުގައި އިށީނީއެވެ.

އާނއެކެވެ. އޭނައަށް އެނގެއެވެ. އީމާމެން މާލެ އައުމުގެ ހަފްތާއެއްހާ ދުވަސްކުރިން އިއާންއާއި ޝިއުނާ އަދި އެމީހުންގެ ދަރިފުޅު މާލެ އައިކަން އީމާއަށް އޮތީ އެނގިފައެވެ. އިއާންމެން މާލެއައިތާ ވީ ތިންހަފްތާއެއްހާ ދުވަހެވެ. އީމާމެން އައިތާ ވީ ދެހަފްތާއެއްހާ ދުވަހެވެ. ކިތަންމެ ރަނގަޅަކަށްވެސް ދުވަހާ ގަޑިވެސް އީމާއަށް އެނގެއެވެ. އެ ވާހަކަ އީމާ ކައިރީ ބުނީ ވެސް ޚުދު އިއާންގެ މަންމައެވެ. އީމާމެން އިންޑިޔާގައި ތިބިހާ ދުވަހަކު، ޢާއްމުކޮށް ކޮންމެ ރެއަކު ވެސް ގުޅާ އުސޫލުން ވައިބަ ކޯލަކުންނެވެ.

އާނއެކެވެ. އެނގެއެވެ. އެކަމަކު އެ ޚަބަރުން ވާންވީ އުފާކަމެއް އަދި ދެރަ އެއްކަމެއް ވެސް އީމާ އުޅެނީ އަދި ނުނިންމިގެންނެވެ. އެކަމަކު އެ ޚަބަރު ލިބުނުތާ މާގިނަ ދުވަހެއް ނުކޮށް އެހެން ކަމެއް އީމާ ނިންމިއެވެ. ރާއްޖެއިން ބޭރަށް ވީހާވެސް އަވަހަކަށް ކިޔަވަން ދާން އީމާ ބޭނުންވީ އެ ޚަބަރުގެ ފަހުންނެވެ. އެގޮތަށް ނިންމީވެސް އޭގެ ފަހުންނެވެ.

ނުނިމޭ

ދިގު ވާހަކަ

Popular