އާނއެކެވެ. އިއާންމެން އައިކަން އެނގެ އެވެ. އެކަމަކު އެ ޚަބަރުން ވާންވީ އުފާ ކަމެއް އަދި ދެރައެއް ކަމެއް ވެސް އީމާ އުޅެނީ އަދި ނުނިންމިގެންނެވެ. އެކަމަކު އެ ޚަބަރު ލިބުނުތާ މާ ގިނަ ދުވަހެއް ނުކޮށް އެހެން ކަމެއް އީމާ ނިންމި އެވެ. ރާއްޖެއިން ބޭރަށް ވީހާ ވެސް އަވަހަކަށް ކިޔަވަން ދާން އީމާ ބޭނުންވީ އެ ޚަބަރުގެ ފަހުންނެވެ. އެގޮތަށް ނިންމީ ވެސް އޭގެ ފަހުންނެވެ.
އީމާ އޭނަގެ އެކުވެރިޔާއަކަށް ފަހަކުން ނުގުޅަ އެވެ. އެ ވާހަކަ ދައްކަން ބޭނުން ނުވަނީ އެވެ. އިއާން އެނބުރި އައުން އެއްކިބައިގައި އޮތްއިރު، އިއާން އަށް ދަރިއަކު ލިބުނުކަން އަދި އެ ދަރިފުޅުގެ ހަގީގަތް، މި ކަންތައްތައް ތަހައްމަލުކުރަން އީމާ އަށް އުނދަގުލެވެ. އެކަންކަމުގެ ވާހަކަ މީހަކާ ދެއްކުން އީމާ އަށް އަދި މާ އުނދަގުލެވެ. އިއާން އާ އެ ކުއްޖާ ދެކެން ބޭނުންވާ ވަރަށް ނުދެކެން ވެސް އީމާ ބޭނުން ވެއެވެ. މާލެ އައިފަހުން އެހާ ގިނައިން ގެއިން ބޭރަށް ނިކުންނަން ނުޖެހުމަކީ ވެސް އީމާ ދެކޭ ގޮތުގައި ނަސީބެކެވެ. މަގެއްމަތިން ވެސް އިއާން ފެނިދާނެތީ އީމާ ޖެހިލުން ވެއެވެ.
އިއާން އާއި އޭނަގެ ދެމެދުގައި އުފެދުނު ގުޅުމަކީ އާދަޔާ ޚިލާފު ގުޅުމެކެވެ. އެ ވާހަކަ މީހަކަށް ކިޔައިދިނަސް ފަސޭހަ ރަހުމަތެއްގައި ގަބޫލުވެސް ނުކުރާނެއެވެ. ނޭނގިހުއްޓާ އެއްދުވަހަކު އިއާން އައިސް އޭނައަށް މާބޮނޑިއެއް ދިނީ އައްޑަނައެއް ގޮތަށް ބޭނުންކުރުމުގެ މަގުސަދުގަ އެވެ. ބޭނުން ނުވެ ހުއްޓާ ކައިވެންޏަށް ތައްޔާރު ކުރެވި ކައިވެނީގެ ހެދުން ފަހާ ހުރިހާ ކަމެއް އިއާންގެ އާއިލާއިން ނިންމީ ނޭންގުމެއްގެ ތެރޭގައި ތިބެއެވެ. އިއާން ހުރީ އެ "ގޮތްދެއްކުން" ހުއްޓާލާނެ ރަނގަޅު ވަގުތަކަށް ބަލަބަލަ އެވެ. ނަމަވެސް އެ ވަގުތު ނައިސް އިއާންއަށް ޖެހުނީ ފުރައިގެން ދާށެވެ.
ދެން އައި ތޫފާން މާ ބޮޑެވެ. ކައިވެންޏަށް އައި މީހާ އަށް އާދެވުނީ ކިރިޔާ އެވެ. އެއަށްވުރެ ދުވަސްކޮޅެއް ލަހުން އިއާން އައި ނަމަވެސް، އިއާންގެ އާއިލާ މީހަކަށް ގެއިން ބޭރަށް މޫނު ދައްކާނުލެވުނީހެވެ.
ރަނގަޅެވެ. ކޮންމެ ކަމެއް ވެސް ވާނީ އެންމެ ރަނގަޅަށެވެ. އިއާން އާއި އޭނައަކީ އެކުގައި ވުމަށް ނަން ލިޔުއްވާފައިނުވާ ދެ މީހުން ކަން މިހާރު އީމާ ގަބޫލު ކުރެ އެވެ. އެ މީހުން އަމިއްލަ ތަދުބީރެއް ކުރި ނަމަވެސް ކަންކަން ދިޔައީ ތަގުދީރާ އެއްގޮތަށެވެ. ވާންޖެހޭ އެންމެ ރަނގަޅު ގޮތަށެވެ.
އިއާންއާ އެކު އެ ކައިވެނި ކުރެވުނު ނަމަވެސް އެ ދެ މީހުންނަށް ދުވަހަކު ވެސް ހަމަޖެހުމެއް ނުލިބުނީސްކަން ނޭނގެ އެވެ. އަބަދުވެސް ދެ މީހުން ތިބީހީ ދެ ފަރާތަށް މޫނު އަނބުރައިގެން ކަން ނޭނގެ އެވެ. ނަސީބެކެވެ. ދެނެއް އެ ގޯސް މީހާގަނޑާއި ކުރިމަތިލާކަށް އޭނަ ނުޖެހޭނެ އެވެ. ދެނެއް އެ ބޮޑާކަން ބަލާކަށް، އެ ފިއްތުންތަކުގެ ދަށުވާކަށް ނުޖެހޭނެ އެވެ. ސަލާމަތްވިކަން ހަމަ ނަސީބެކެވެ. މުއްސަނދިކަމާއި އަރާމު ދިރިއުޅުމުގެ ސަބަބުން ހެވާއިނުބައި ވަކިނުވާ ވަރަށް ހަލާކުވެފަ ހުރި މީހެކެވެ. އެފަދަ މީހަކާ އެއްވެސް ކަހަލަ ގުޅުމެއް އޭނަ ނުބާއްވާނެ އެވެ.
ޔާނާ ގުޅާފައި ދެއްކި ވާހަކައަކުން އިށީނދެވުނު އީމާ، އެތަކެއް ވިސްނުންތަކަށް ފަހު އެތަނުން ތެދުވީ އޭނަގެ އަޒުމް އަނެއްކާ އަނެއް ދުވަހު ވެސް އާކޮށްގެންނެވެ. އިއާން އަށް ހެވާ ނުބައި ވަކި ނުވިޔަސް އީމާއަށް ވަކިވާކަން އީމާ އަމިއްލަ ނަފްސަށް ހަނދާންކޮށްދިނެވެ.
** ** ** **
އެޕާޓްމަންޓަށް ވަދެފައި ސިޓިންރޫމްގެ ހުރިހާ ސްވިޗެއް އިއާން ޖައްސާލި އެވެ. މުޅި ތަން އަލިވެގެން ދިޔަ އެވެ. ވަށައިގެން ބަލާލީ ވަރުބަލިކަމާ އެކުގަ އެވެ. އެއްވެސް އަޑެއްބަޑެއް ނެތް ހިމޭން ކަމެކެވެ.
މަޑުމަޑުން ހިނގާލާފައި ގޮސް ސޯފާ ކައިރިއަށް އިއާން ހުއްޓުނެވެ. އަތުގައި އޮތް ދެ ތަޅުދަނޑިފައްޗާއި ފޯން ނަގާ މޭޒުމަތީ ބޭއްވި އެވެ. ޖީބުގައި އޮތް ވޮލެޓް ވެސް ނަގައި ބޭއްވި އެވެ. ދެން ހަމަ އެހާ ލަސްލަހުން މަޑުމަޑުން ސޯފާގައި އިށީނދެއްޖެ އެވެ.
ހުދު އިސްޓާކީނަކުން ފޮރުވިފައި ހުރި ދެފައިތިލަ، ސޯފާ ކުރިމަތީ ހުރި ކުޑަ މޭޒުމައްޗަށް ނަގާ ހަމަޖެހިލަމުން ޓީވީ ވެސް ހުޅުވާލި އެވެ. ނަމަވެސް ޗެނަލް ބަދަލެއް ނުކުރެއެވެ. ކުރާނެހާ ހިތްވަރު ވެސް ނެތް ފަދަ އެވެ. އަށެއް ޖެހުމުގެ ކުރިން އަދި ވިއްސަކަށް މިނެޓް އޮތުމުން އަންނަ އިޝްތިހާރުތައް ބަލަން އިނީ ވަކި ހާއްސަ ޝައުގެއް ނެތް ކަހަލަ ގޮތަކަށެވެ. އެންމެ އަޑުގަދަ އިޝްތިހާރުތައް އައިއިރު އިއާން އިނީ ސޯފާގެ ލެނގޭ ތަނުގައި ކަނދުރާ އަޅުވާލައިގެން ފަހަތަށް ލެނބި ދެލޯ މަރާލައިގެންނެވެ.
އަށެއް ވެސް ޖަހައިފި އެވެ. ޚަބަރު ވެސް ފެށިއްޖެ އެވެ. އިއާން އަކަށް އެއްވެސް އަޑެއް ނީވެ އެވެ. އިއާން އަށް އިނީ ނިދިފަ އެވެ. ކުއްލިއަކަށް ސިހިފައި ހޭލެވުނީ މޭޒުމަތީ ބޭއްވި ފޯން ތަޅުދަނޑިފަތިތަކުގައި ޖެހިފައި އޮވެގެން ވައިބްރޭޓްވާ އަޑަށެވެ.
ސިހިފައި ދެފައި ތިރިކޮށްލުމާ އެކު ފޯން ނެގި އެވެ.
"ކީކޭ މަންމާ...؟" ނިދީގެ ސަބަބުން ބެދިފައި ހުރި އަޑު ރަނގަޅުކުރަން މަސައްކަތް ކުރަމުން އިއާން އެހިއެވެ.
"އިރުކޮޅަކުން ދާނަން." އަނެއްކޮޅުން މަންމަ ދެއްކި ވާހަކައަކަށް އެއްބަސްވެފައި އިއާން ބޭއްވި އެވެ.
ބޮލުގައި ކުޑަ ރިހުމެއް ހުރިކަން އިއާން އަށް ފާހަގަ ކުރެވުނެވެ. ކަނާތް ފަރާތުން ބޮލުގައި މަޑުމަޑުން އަތުން ޖަހާލާފައި ހަމަޖެހެން އިއާން މަސައްކަތް ކުރިއެވެ. ދެން ދެއަތް ކުރިއަށް މަހާލައިގެން އިނދެ ކުރިމަތިން ފެންނަ ތަންތަނަށް ބަލާލި އެވެ.
އިއާން އެ އެޕާޓްމަންޓަށް އަނބުރާ އައީ އެތަނުގެ ތަޅުދަނޑި ހަވާލުކޮށް ކަންކަން ނިންމުމަށެވެ. ނަމަވެސް ޝިއުނާ އާއި އިރަމް އެ ގެއަށް ލާފައި ނިކުތްފަހުން އިއާން އަށް ބައްޔެއް ޖެހުނު ފަދައެވެ. ރައްޓެއްސަކާ އެކު ކޮފީއެއް ބޯލަން ހޭދަކުރި ވަގުތުކޮޅުން ވެސް އޭނައަށް ހަމަޖެހުމެއް ނުލިބުނެވެ. އާދަޔާ ޚިލާފު ގޮތެއް ހިތަށް ވީ އެވެ. އެއްވެސް ކަމެއް ކުރާހިތެއް ނެތިގެން އައިސްފައި އިނދެވުނީ އެވެ. ބުނެދޭން ނޭނގޭ ކަހަލަ ގޮތަކަށް ހިތްދަތިވަމުން ދާތީ އިއާން އަށް އުނދަގޫ ވަނީ އެވެ. އިރަމް ދެކޭ ހިތް ވަނީ މާ ބޮޑަކަށެވެ. އުރާލާހިތްވަނީ އެވެ. އެ ތުއްތު އަޑު ނީވޭތީ އުނދަގުލެއް ވަނީ އެވެ. އެ އިހްސާސްތަކަކީ އޭގެ ކުރިން ދުވަހަކު ވެސް އިއާން ތަޖްރިބާ ނުކުރާ ކަހަލަ އިހްސާސްތަކެކެވެ. އެކަމަކު އެއީ ތަދު ދޭ އިހްސާސްތަކެއްކަން އިއާން އަށް އެނގިއްޖެ އެވެ.
ތިން ހަފްތާ އަށް ވުރެ ގިނަ ދުވަހު އުޅުނު މި އެޕާޓްމަންޓް ދޫކޮށްލާފައި ނިކުންނަން ވީ ވަގުތު ޖެހުނީ އެވެ. މިހާރު މިއީ ފަޅުތަނެކެވެ. އިރަމްގެ ތުއްތު ތުއްތު ވާހަކަތަކުގެ އަޑެއް މިހާރަކު ނެތެވެ. ރުއިމުގެ އަޑެއް ވެސް ދެނެއް ނީވޭނެ އެވެ. އިރަމް ހަމަޖައްސަން ޝިއުނާ ނާނަތައް ކިޔާ އަޑެއް ނެތެވެ. ބަދިގެ އާއި ކޮޓަރިއާ ދެމެދުގައި ބާރުބާރަށް ޝިއުނާ ހިނގާ ތަނެއް ވެސް މިއަދަކު ނުފެނެ އެވެ. އިއްޔެ ރޫޅާލެވުނު އެ ދެ މީހުންގެ ކައިވެންޏާ އެކު، ހަމަ އިއްޔެ ޝިއުނާ އޭނަގެ މަންމަ އާއި ބައްޕަގެ ގެއަށް ބަދަލުވެއްޖެ އެވެ. ތަނުގައި ހުރި އެންމެ ފަހު އެއްޗެހި އެގެއަށް ގެންގޮސްދީ ނިމުނީ އިރުއޮއްސުނު ފަހުންނެވެ. އޭގެ ފަހުން މިހާރު ދެ ގަޑިއިރު ވެއްޖެ އެވެ. ކުރިން ވެސް އޭނަގެ ޚަބަރެއް ނުވެގެން މަންމަ ގުޅި އެވެ. ދެންމެ މަންމަ އެ ގުޅީ އޭނަ ގެ އަށް ނުގޮސް ލަސްވެގެންނެވެ.
ވިސްނުމުގައި އިރުކޮޅަކު އިނެވެ. ދެން ތެދުވެ ކޮޓަރިއަކަށް ފަހު ކޮޓަރިއެއް ޗެކް ކުރަމުން، އޭސީ އާއި ލައިޓްތައް ނިއްވަމުން ގޮސް ޝިއުނާ އާއި އިރަމް އުޅޭ ކޮޓަރި އަށް ވަނެވެ. އެތަން ވެސް ހުރީ ނިއްވާފަ އެވެ. ނަމަވެސް އަލުން ދިއްލި އެވެ.
އެނދާއި އަލަމާރިތައް ފިޔަވައި އިތުރު އެއްޗެއް އެތާކު ނެތެވެ. ބަލަހައްޓައިގެން އިރުގަނޑަކު އިއާން ހުއްޓެވެ. ލައިޓްތައް ނިވާލަން ސްވިޗްތަކުގައި އަތްލި ހިސާބުން ހުއްޓެވިއްޖެ އެވެ. އަލަމާރީގެ މޫނުބަލާލޯގަނޑުން އޮރެންޖު ކުލައިގެ އެއްޗެއް ފެނުނުހެން ހީވެގެން ބަލާލި އެވެ. އެ ފެންނަނީ އެނދުގެ ފައިލާކޮޅަށް ބިންމައްޗަށް ވެއްޓިފައި އޮތް އެއްޗެކެވެ. ދޮރުމަތީގައި ހުރި އިއާން ކޮޓަރި އަށް ވަނެވެ. އެނދު ވަށާލާފައި ގޮސް އެ އެއްޗެއް ނެގި އެވެ. އެއީ ބުއްފުޅިއެއްގެ މަތިގަނޑެވެ. އިރަމް އަށް ފެން ދޭން ގެންގުޅޭ ކުޑަ ބުއްފުޅީގެ މަތިގަނޑެވެ. އެ މަތިގަނޑު ހިފައިގެން އެނދުގައި އިއާން އަށް އިށީނދެލެވުނެވެ. އިރުކޮޅަކު އެހެން އިނދެލާފައި އެ ކޮޓަރިން އިއާން ނުކުތީ އެ މަތިގަނޑު އަތަށް ލައިގެންނެވެ.
ގޭ ވެރިމީހާއާ ތަޅުދަނޑި ހަވާލުކޮށްފައި ދިހަ ބުރީގެ އެ އިމާރާތުން ތިރިއަށް ފައިބާފަ ގޭގެ ބޮޑު ދޮރާށި ކައިރީ އިއާން މަޑުކޮށްލި އެވެ. އޭނަގެ އެކުވެރި ރަޒީނަށް ގުޅާލުމަށެވެ. މިރޭ ނުވައެއްޖަހާއިރު ކޮފީއަކުން ދިމާވާނެ ކަމަށް އޭނަ އޮތީ ބުނެފަ އެވެ. އެހެންނަމަވެސް މިހާރު ވެސް އަށްގަޑި ބައިވެއްޖެ އެވެ. ބުނެވިފަ އޮތް ގަޑިއަށް ދެވޭނެހެން ހިއެއްނުވެއެވެ.
ވައަތްފަރާތު ކަންފަތުގައި ފޯން ޖަހައިގެން ހުރި އިއާން ހުރީ އަނެއް އަތުގައި އޮތް ބުއްފުޅީގެ މަތިގަނޑާ އެކު އެ އަތްތިލަ ޖިންސްގެ ޖީބަށް ޖަހައިގެންނެވެ.
"ބަޑީ، އައި ތިންކް އައި ވިލް ބީ ލޭޓް އިނގޭ. ގެއަށް ދާން މި..." އިއާން އަށް ބުނެވުނީ އެވަރަށެވެ.
ފޯނުން ވާހަކަ ދައްކަމުން، ހުރިތަނުން ނުކުމެ ޕޭމަންޓް މައްޗަށް އަރާ ހުރި އިއާންގެ އުޅަނބޮށީގައި މީހަކު ލައިގަތް ގަތީނުން، އިއާންގެ އަތް ޖީބުން ނެއްޓި، އަތުގައި އޮތް ބުއްފުޅީގެ މަތިގަނޑު ވެސް އޯކިޑްމަގުގެ މެދަށް ވިއްސައިގެން ހިނގައްޖެ އެވެ. ރުޅި އައިސްފައި އިއާން އަށް އެނބުރެވުނީ އެއީ ކާކުތޯ ބަލާށެވެ.
އިއާން އަށް ހީވީ އޭނަގެ މެއަށް އައި ގުޑުން، ފައިދަށުގައި އޮތް ބިންގަނޑަށް ވެސް އައިހެންނެވެ. އެއީ އީމާއެވެ. އެ މީހެއްގެ މަތިން ހަނދާން ނައްތާލަން އިއާން ބޭނުންވާ އީމާ އެވެ. މީގެ އަށެއްކަ މަސް ކުރިން އީމާގެ ކޮޓަރިތެރެއިން އީމާއާ ދިމާވި ފަހުން ދުވަހަކު ވެސް އޭނަ އީމާ ނުދެކެއެވެ. ހޯދާކަށް މަސައްކަތެއް ވެސް ނުކުރެއެވެ.
އަނެއްކޮޅުން އީމާ ވެސް ހަމަ އެފަދަ އެވެ. ޔާނާއާ އެކު ގޮސްގޮސް ހުއްޓާ އޭނަ ގައިގައި އެ ޖެހިގަތް މީހަކު ދެކެ ރުޅި އައިސްފައި ބަލާލިއިރު އެއީ އިއާން ކަން އެނގުމުން އީމައަށް ޖެހެވުނީ ފަހަތަށެވެ. އަމިއްލަ ލޮލަށް ވެސް ގަބޫލެއް ނުކުރެވުނެވެ. އެއީ އޭނަ ދެކެން ބޭނުން ވާ މީހެއް ނޫނެވެ. އެ މީހަކާ ދިމާވެދާނެތީ އޭނަ ކަންބޮޑުވެގެން އުޅޭ މީހާ އެވެ. އެއީ އެ ނުލަފާ އިއާން އެވެ.
އިއާން ބަލާތީ އިއާން އާ ދިމާލަށް ނުބަލާން ވެގެން އީމާ ދުރަށް ބެލި އެވެ. އެހެންނަމަވެސް ޔާނާ ހުރީ ހެވި ދިލިފަ އިއާންގެ މޫނަށް ބަލާށެވެ. ޔާނާގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް އިއާން ކުރިމަތިން ދާން އީމާ ހިނގައިގަތެވެ.
އިއާންގެ އަތުން ވިއްސައިގެން ދިޔަ އެއްޗެއް މަގުމައްޗަށް ވެއްޓުނުކަން އީމާ އަށް އެނގޭތީ އެއީ ކޯއްޗެއްތޯ ބަލާލަން އީމާ ބޭނުންވި އެވެ. ސިއްރުވެރި ލޮލަކުން ކުޑަކޮށް މަގުމައްޗަށް އީމާ ބަލާލީ އެހެންވެ އެވެ. ހުއްޓެވުނީ ކުއްލިއަކަށެވެ.
އެއީ ހަމަ އޭނަ އަށް ހީވި ގޮތް ނޫންކަން ޔަގީންވީ މަގުމެދަށް ނުކުމެ އެ އެއްޗެއް ނަގައިގެން ބެލީމައެވެ. އެއީ އަސްލުވެސް ބުއްފުޅިއެއްގެ މަތިގަނޑެކެވެ. ކުޑަކުޑަ ކުއްޖެއްގެ ބުއްފުޅިއެއްގެ މަތިގަނޑެކެވެ.
އީމާ އެ މަތިގަނޑު އަތަށް ލައިގެން އައިސް ޕޭމަންޓަށް އަނެއްކާ ވެސް އެރިއެވެ. ޔާނާ ކައިރި އަށް ހުއްޓި އަދިވެސް އެއްފަހަރު އެއަށް ބަލާލި އެވެ. ލައިގެން ހުރި ގަޔަށް ދޫ ދިގު ޓޮޕްގެ ފަސްބައިން އެ މަތިގަނޑު ފޮހެލިއެވެ. ކިތަންމެ ބޭނުން ނުވިޔަސް އޭތި ނުދީ ދާކަށް އީމާ ބޭނުން ނުވިއެވެ.
އިއާންގެ ކުރިމައްޗަށް ހުއްޓި އެ މަތިގަނޑު ދިއްކުރި އެވެ. ނަމަވެސް އިއާން އެއަކު ނުހިފަ އެވެ. އިސް އުފުލާ އިއާންގެ މޫނަށް އީމާ ބަލާލިއެވެ. ހަމަ ބަލަހައްޓައިގެން އިއާން ހުރީއެވެ. އެމަތިގަނޑަކު ހިފާކަށް ނޫޅެއެވެ.
ޖެހިލުމެއް ނެތި އިއާންގެ އަތްތިލައިގައި އީމާ ހިފި އެވެ. އެ އަތްތިލައިގެ ތެރެއަށް އެ މަތިގަނޑު އީމާ ލި އެވެ. ދެން އިއާންއާ ހަތަރުކަޅި ހަމަކޮށް ބަލާލި އެވެ. އެއަށްފަހު އައިކޮޅަށް ދާން ހިނގައިގަތެވެ.
ނުނިމޭ