ޖެހިލުމެއް ނެތި އިއާންގެ އަތްތިލައިގައި އީމާ ހިފިއެވެ. އެ އަތްތިލައިގެ ތެރެއަށްއެ މަތިގަނޑު އީމާ ލިއެވެ. ދެން އިއާންއާއި ހަތަރުކަޅި ހަމަކޮށް ބަލާލިއެވެ. އެއަށްފަހު އައިކޮޅަށް ދާން ހިނގައިގަތެވެ.
ލޯކުރިމަތިން އީމާ ގެއްލެންދެން ބަލަހައްޓައިގެން އިއާން ހުއްޓެވެ. ދެންމެ އެ ޖެހުނީ އީމާ ކުރިމައްޗަށް ކަމެއް ގަބޫލުކުރަން ދަތިވެފައި ހުރި ފާޑަށެވެ. އީމާމެން ގޮސް އޮބާލުމުން ދެ ފަހަރަކު ދެކޮޅަށް ހިނގާލެވުނެވެ. އަދި އެއްފަހަރު އީމާ ފެނޭތޯ ކަރު ދިގުދިގުކޮށްފައި ބެލުނެވެ. ނަމަވެސް މީހުންގެ ހަލަބޮލިކަމާއި ރޭގަނޑަކަށް ވުމުން އިއާންއަކަށް އެކަން ކާމިޔާބެއް ނުވިއެވެ. އަތުގައި އޮތް ބުއްފުޅީގެ މަތިގަނޑަށް ވެސް ބެލުނު އަދަދު ވެސް އިއާންއަކަށް ނޭނގެއެވެ.
ތެދެކެވެ. ޝިއުނާ ވިހެއިކަން އީމާއަށް އެނގޭނެއެވެ. އޭނަ މާލެ އައިކަންވެސް ރަނގަޅަށްވިއްޔާ އޮންނާނީ އެނގިފައެވެ. އެކަމަކު މިހެން އޭނަ ފެނުމުން އީމާ ހިތަށް އަނެއްކާ އަރާނީ ކީކޭ ބާވައެވެ. ބުއްފުޅިއެއްގެ މަތިގަނޑު ހިފައިގެން މަގުމަތީގައި އޭނަ ހުރުން މާނަކޮށްދެނީ ކޮން ކަމެއް ބާވައެވެ. ބުއްފުޅިއެއް ވެސް ނޫނެވެ. މަތިގަނޑެވެ. އިއާންގެ ހިތަށް އެރި އެއްޗަކުން އަމިއްލައަކަށް ހީލެވުނެވެ.
އިއާންގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ ރަޒީންއާ ބައްދަލުކުރަން ޖެހިފައި އޮތްކަން ހަނދާންވީ ސައިކަލަށް އަރާ ސްޓާޓް ކުރަން އުޅުނު ވަގުތު އެވެ. އަވަހަށް ގުޅާލާފަ ސީދާ ނުވައަކަށް ނުދެވޭނެ ވާހަކަ އާއި ބައިގަޑިއިރު ލަސްވިޔަސް ވެސް ދާނެ ވާހަކަ އިއާން ބުންޏެވެ.
ފޯން ޖީބަށް ލާފައި ދުއްވާލި ޖީއެން ސައިކަލް ގޮސް މަޑުކުރީ އިއާންގެ މަންމަ އާއި ބައްޕަގެ ގޭ ދޮރުމައްޗަށެވެ. އެތަކެއް މަސް ދުވަހަށްފަހުން ގެއަށް އޭނަ ބަދަލުވަނީއެވެ. ސައިކަލް ޕާކް ކޮށްފައި އިއާން ގޮސް ގެއަށް ވަނެވެ. އެތެރެއިން ދޮރު ލައްޕާފައި ގޭތެރެއަށް ބަލާލިގޮތުން ވެސް، އެ ގެއާ ވަކިވާން ޖެހުމުން އިއާން އަށް ލިބުނު ހިތާމަ މޫނުމަތިން ފެންނަން ހުއްޓެވެ. އެއީ ބޮޑު ގޯއްޗަކަށްވެފައި، ގެ ހަދާފައި ހުރި ގޮތުން ބިންމަތީ ބަޔަކީ ބައްޕަގެ ދެ ކާރު ބާއްވާފައި ވެސް އަދި އެވަރުގެ ދެ ކާރު ބޭއްވޭނެހާ ޖާގަ ހުރި ބޮޑު ތަނެކެވެ.
މަންމަ އާއި ބައްޕަ އުޅޭ ފްލޯ އަށް ދެވުމުން ބެލްއެޅުމުގެ ކުރިން ކުޑަކޮށް އިއާން ފަސްޖެހުނެވެ. ބައްޕަ އިންނާނެ ބާވައޭ ހިތަށް އެރިއެވެ. ޝިއުނާއާއި އޭނަގެ ގުޅުން އެނގުނު ފަހުން މިއަދާ ހަމައަށް ވެސް ބައްޕަ އޭނައާ ވާހަކަ ނުދައްކައެވެ. ނުވެސް ދެކެއެވެ. މިރޭ ބައްޕައާ ކުރިމަތިލާން އޭނަ ޖެހިއްޖެނަމަ ވަރަށް ލަދުގަންނާނެއެވެ. ވާނީ ކިހިނެއްބާވައެވެ؟ މަންމަ ހުންނާނެއެވެ. މަންމައަކީ އިއާންގެ ހިތްވަރެވެ. މަންމަ ހުރިއްޔާ އޭނައަށް އެ ލަދުވެސް ތަޙައްމަލު ކުރަން ފަސޭހަ ވާނެއެވެ.
ހިތްވަރުކޮށްފައި ބެލް ޖެހިއެވެ. އެއާއެކު އެތެރެއިން "ވެއިޓް..." އޭ ބުނެލި އަޑު އިއާންއަށް އިވުނެވެ. އެއީ އޭނަގެ މަންމަގެ އަޑެވެ.
އާލިޔާ ދޮރު ހުޅުވާލިއިރު ކުރިމަތީގައި އޭނަގެ ފިރިހެންދަރިފުޅު ހުރިތަން ފެނިފައި އުފަލުން ފޮޅުނެވެ. "ދަރިފުޅު...." އާލިޔާގެ އަޑުގައި ވެސް ހުރީ އިންތިހާ އުފާވެރިކަމެވެ.
އެ ދަރިފުޅުގެ އެންމެ ފެނިލުމަކުންވެސް އެ މަންމަގެ ހިތް ފުރިގެން އައެވެ. ހަމަ ވަގުތުން އިއާން އާއި ދިމާލަށް ދެއަތްދިއްކުރިއެވެ.
މަންމަގެ އާދަތަކާއި އުސޫލުތައް އިއާން ހަނދާން ނުނެތެވެއެވެ. ދިވެހިންގެ އާއްމު އުސޫލެއް ނޫން ކަމަށް ވިޔަސް އޭނަގެ މަންމަ ދަރިންނާއި މުޢާމަލާތު ކުރުމުގައި ގެންގުޅޭ އުޞޫލުތައް އިއާންއަށް އެނގޭތީ އެ ފުރުސަތު އިއާން ދިނެވެ. ލޯތްބާއެކު ހިނިތުންވެލަމުން އިއާން ވެސް ކުރިއަށް ޖެހި މަންމަގެ ދެއަތް ފޯރާހިސާބަށް ކުޑަކޮށް ގުދުވެލިއެވެ. އާލިޔާ، އޭނަގެ ކުދިންނަށް އަބަދު ވެސް މަރުހަބާ ކިޔާ އުސޫލުން، އެ ދަރިފުޅުގެ މޫނުގައި ދެއަތުން ހިފައި ލޯތްބާ އެކު ނިތްކުރީގައި ބޮސްދިނެވެ.
"އަވަހަށް އާދޭ އެތެރެއަށް..." ދޮރު ކުރިމަތިން ދުރަށް ޖެހި އިއާން ވަނުމަށް އާލިޔާ ތަންދެއްކިއެވެ.
އިއާންއަށް ފުރަތަމަ ވެސް ބަލާލެވުނީ ސިޓިންރޫމްގައި ތިބީ ކޮންބައެއްތޯއެވެ. ވީ ވެސް އިއާން ހީކުރި ގޮތަށެވެ. ބައްޕަ އެތަނުގައި އިނެވެ. ތިއްތަ ވެސް އިނެވެ. ބައްޕަ އިނީ ޓީވީއަށް ބަލަހައްޓައިގެންނެވެ. އެކަމަކު ބައްޕަގެ ލޮލުގެ ހަރަކާތްތައް ހުރި ގޮތުން، ބައްޕަ އިނީ ވަށައިގެންވާ މާޙައުލުގެ ހުރިހާ އަޑަކަށާއި ހުރިހާ ކަމަކަށް ސަމާލުވެގެންކަން އިއާންއަށް އެނގުނެވެ.
އިއާންއަކަށް ކުރިއަށް ދާކަށް ނުކެރުނެވެ. ބައްޕަ ފަސްދީފައި ކޮޓަރިއަށް ވެސް ދާކަށް ނުކެރުނެވެ. ބައްޕަ ކުރިމަތިން ހިނގާފައި ގޮސް ސިޓިންރޫމް ސޯފާއެއްގައި އިށީންނަން ވެސް އިއާންއަށް އުނދަގޫ ވިއެވެ. ކަންބޮޑުވެގެން އިއާންއަށް ބަލާލެވުނީ މަންމަ އާއި ދިމާލަށެވެ. ކަންތައް ކުރަންވީ ގޮތް އެނގުނީ މަންމަ ކޮށްލި ހަރަކާތުންނެވެ. މަންމަ އެދުނީ ކުރިއަށް ދިއުމަށެވެ.
މީގެ އެތަކެއް ދުވަސްކުރިން ވެސް މި ދުވަހާ ބެހޭގޮތުން އެ ދެމައިން ވާހަކަ ދެއްކިއެވެ. އެ ދުވަހު ވެސް އިއާންއަށް މަންމަ ދިން ނަސޭހަތަކީ އެއީއެވެ. އިއާން އަމިއްލައަށް ބައްޕައާއި ވާހަކަ ދެއްކުމަށެވެ. ބައްޕަ ޖަވާބެއް ނުދިން ނަމަވެސް އަދި އަނގައިން ނުބުނި ނަމަވެސް ދަރިއެއްގެ ގޮތުގައި އަބަދުވެސް ހުރުމަށް އާލިޔާ އޮތީ ކުރިންވެސް ނަސޭޙަތްދީފައެވެ.
ލަދުން ހުރެވިޔަސް އިއާން ކުރިއަށް ދިޔައެވެ. ބައްޕަ އިން ސޯފާ ކައިރިއަށް ހުއްޓި ކުޑަކޮށް ކަރު ކެހިލިއެވެ. "ބައްޕާ..." ކިތަންމެ ބޮޑުވެފައި ހުރި ނަމަވެސް، އިއާންގެ އަޑުގައި އެވަގުތު ހުރީ ނުވަ އަހަރުގެ ކުއްޖެއްގެ މަޢުސޫމްކަމާއި ލޮބުވެތި ކަމެވެ.
ރިޒްވީ ޖަވާބެއް ނުދެއެވެ. އެނބުރި ބަލާ ވެސް ނުލައެވެ. އެހެންނަމަވެސް އިންގޮތް ބަދަލުކޮށްލިތަން އިއާން އަށް ފެނުނެވެ.
އިއާން އަނެއްކާ ވެސް ބަލާލީ އާލިޔާ އާއި ދިމާލަށެވެ. އެތެރެއަށް ވަދެ ސޯފާގައި އިށީނުމަށް އާލިޔާ އެދުނެވެ. ކުރީފަހަރުހެން މިފަހަރު ވެސް ބޮލުގެ ހަރަކާތުންނެވެ.
ބައްޕަ އެތަނުގައި އެއިނީ މަންމަގެ ވަރަށް ބޮޑު މަސައްކަތަކުންކަން އިއާންއަށް ވިސްނައިގަނެވުނެވެ. އޭނައަށްޓަކައި މަންމަ އެ އުފުލި ތަކުލީފަށް އިއާން އަބަދުވެސް ޝުކުރުވެރިވާނެއެވެ. ބައްޕަ އޭނަ ދެކެ އައި ރުޅިއަކީ ޙައްޤު ރުޅިއެއް ކަމަށް ވެސް އިއާން ގަބޫލު ކުރެއެވެ.
އެހެންނަމަވެސް މިހާރު ހުރިހާ ކަމެއް ތަފާތެވެ. އޭނައަށް ކުރެވުނު ހުރިހާ ކުށަކަށް، ކޮންމެ ދުވަހަކު ފަސް އިރަށް މަންމައާއި ބައްޕަ ކައިރިން މަޢާފަށް އެދެން ޖެހުނަސް އެކަން ކުރުމަށް އޭނަ ހުރީ ޢަޒުމް ކަނޑައަޅައިގެންނެވެ. އެވަރު ވެސް މަދުކަން އޭނައަށް އެނގެއެވެ.
އިއާން މަޑުމަޑުން ވަދެ ބައްޕަ ގެ ކަނާތް ފަރާތުގައި ހުރި ސޯފާގައި އިށީނެވެ. އާލިޔާ އިށީނީ ރިޒްވީ އިށީނދެ ބޮޑު ސޯފާގައެވެ. ރިޒްވީ ކައިރީގައެވެ.
މަންމަ އާއި ބައްޕަގެ މޫނަށް ވަކިވަކިން އިއާން ބަލަން އިނެވެ.
"ރިޒްވީ... މިއިނީ އިއާން އައިސްފައި." ހިނިތުންވެލަމުން އާލިޔާ މިހެން ބުނެލީ ރިޒްވީގެ ފައިމަތީގައި އަތް ބާއްވާލަމުންނެވެ.
މަންމަގެ ކެތްތެރިކަމާއި މަންމަގެ ހިތްވަރަށް އިއާން ހިތާހިތުން ތައުރީފް ކުރިއެވެ. ހިތް ޒަޚަމްވެފައި އިނދެގެން ވެސް މުޅި ޢާއިލާގެ މަސްލަޙަތަށާއި ހަމަޖެހުމަށް މަންމަ ކުރަމުންދާ ހިތްވަރު އިއާންއަށް ފުރަތަމަ ފަހަރަށް ފެނުނެވެ.
ލޯ އަނދިރި ނުވިޔަސް ބައެއް ކަންކަން އަހަރެމެންގެ ލޮލަށް ފެންނަނީ ސިކުނޑި އެކަންކަމަށް ހުޅުވި ހިތުގައި އެކަމަށް ޝައުގު އުފެދުނު ދުވަހަކުންކަން އިއާންއަށް އެނގުނީ އެ ވަގުތުއެވެ. ތިމާއަށް މާތްﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިވެރިކަން އާއްމުކޮށް އިންސާނަކަށް އިހްސާސް މިވަނީ ވެސް އެ ނިޢުމަތްތަކުން ތިމާ މަހުރޫމްވުމަށް ފަހުގައިތާއޭ އިއާންގެ ހިތަށް އެރިއެވެ.
އާ އާއިލާއެއްގައި މަންމަ އަކީ އަބަދުވެސް ދަރިންގެ ދިފާއުގައި ހުންނަ މީހާއޭ ފޮތްފޮތުގަ އާއި ތަންތަނުގައި މީހުން ލިޔެފައިވާތީ އިއާން ހުރީ ދެކެފައެވެ. އެ ހަގީގަތް ފުރަތަމަ ފަހަރަށް ތަޖުރިބާ ކުރެވެނީކަން ވެސް އިއާންއަށް ވިސްނައިގަނެވުނެވެ.
"އާނ، މިހާރު... އެތަން ހަވާލުކުރެވިއްޖެ ދޯ؟" އިއާންއާއި ދިމާލަށް އެނބުރި ވާހަކަ ދައްކަން ރިޒްވީ މަސައްކަތް ކުރިއެވެ.
"ތަޅުދަނޑި ހަވާލުކޮށްފަ މިއައީ." އެވަރަށް ވެސް ބައްޕަ ވާހަކަ ދެއްކި ކަމަށްޓަކައި ހިތުގެ އަޑިން އިއާން ޝުކުރު ވެރިވިއެވެ.
އޭނައަށް ކުރެވުނު ކުށުގެ ސަބަބުން މަންމަ އާއި ބައްޕަގެ ހިތުގައި ލީ ޒަހަމްތަކަށް ލުޔެއް ހޯދައިދެވޭތޯ މަސައްކަތް ކުރަން ޢަޒުމް ކަނޑައަޅައިގެން އިން އިއާން މަޑުމަޑުން ވާހަކަ ދައްކަމުން އެ ގުޅުން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
** ** ** **
"ކޮން ވާހަކައެއް ދައްކަންތަ އަންނާށޭ ބުނީ؟" އަމީނީ މަގުގައި ހުރި ޝެލްބީންސް ރެސްޓޯރެންޓަށް ވަދެ ދެ ކޮފީއަށް އޯޑަރު ދީފައި ގޮސް އިށީންނަމުން އިއާން އެހިއެވެ.
"މި ދެން ވަރަށް އެހެން ކަހަލަ ވާހަކައެއް ދައްކަން، އަނެއްކާ އަހަންނަށް ބަވާ ނުލައްޗޭ އިނގޭ." ރަޒީން އަކީ ގަދައަށް ސިނގިރެޓް ބޯ މީހެކެވެ. ގޮނޑީގައި އިށީނުމާއި ކޮފީއަށް އޯޑަރު ކުރުމާ ދެމެދުގައި ރަޒީން އިނީ ސިނގިރެޓް ރޯކޮށްގެންނެވެ.
"އައި ތޯޓް ބިޒްނެސް ވާހަކައެއް ކަމަށް،" ހިނިގަނޑެއް ޖަހާލަމުން އިއާން ބުނެލިއެވެ.
"އަހަރެންގެ ވިޔަފާރީގައި އިއާން ބައިވެރިކުރާ ވަރަށް ފަގީރެއް ނުވެއެއްނު އަދިއެއް؟ އެ ހިސާބަށް ދިޔައީމަ އަންނާތި، އޯލްވެއިސް އޯޕަން ފޯ ޔޫ،" މީގެ އެތައް އަހަރެއް ކުރީއްސުރެން ޓޫރިސްޓް ވިޔަފާރީގައި އުޅޭ އޭނަގެ އެކުވެރި ރަޒީންއަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އެކަމުގައި އިއާން ބައިވެރިކުރަން ރަޒީން ބޭނުންވެގެން މީގެ ކުރިން ދެތިން ފަހަރަކު ރަޒީން ވާހަކަ ދެއްކި ނަމަވެސް އެއިން ކޮންމެ ފަހަރަކު އޭނަ ދިނީ އެއް ޖަވާބެކެވެ. ވަގުތުގެ ބޭނުން ހިފައި އިއާން އާ ދިމާލަށް ރަޒީން އެ ގޮވާލީ އެ ވާހަކައެވެ.
"އޯކޭ... އެހެންވިއްޔާ ދެން ބުނަންވީނު، ކޯޗެއް ނުބުނެވިގެން ތި އުޅެނީ؟" ވެއިޓަރު ގެނައި ކޮފީތަށްޓަށް އެއް ޕެކެޓް ހަކުރު ލަމުން އިއާން އެހިއެވެ.
"އަހަރެންގެ ތިމާގެ ކުއްޖަކު ވަރަށް ބޮޑު ކަމަކު އަހަރެން ކައިރީ ކިޔައިގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެ. އަހަރެން މި ހުންނަނީ ރަނގަޅު ވަގުތެއް ނުލިބިފައި. ނޫނޭ، ބޭފުޅާއަށް ރަނގަޅު ވަގުތެއް އަންނަންދެން މި ހުންނަނީ..." ރަޒީން މައުޟޫއަށް ވަނެވެ.
"ހޫމް...؟ ސޯ....؟" އިއާން ކޮފީ ކޯވަރެއް ބޯލިއެވެ.
"ޔޫ ނީޑް ޓު މީޓް ހާރ، ޔޫ ނޯވ... ޝީ އިޒް އިން ލަވް ވިތު ޔޫ، ޓްރައިކޮށްލަންވީނު. ވަރަށް ރަނގަޅު ކުއްޖެއް އެއީ. ބޮލުގައި ކޮށާވަރުން އޭނައަށް ފިލައިގެން އަހަރެން މިހާރު އުޅެނީ ވެސް. އެޓްލީސްޓް ފޯރ މީ، ސީ ހާރ،" ރަޒީންގެ ކޮންމެ ދެ ޖުމްލައެއް ދެމެދުގައި ވެސް ސިނގިރެޓް ދަމާލައެވެ. އިއާންއަށް އުނދަގޫވީ އެ ދެއްކި ވާހަކައަށް ވުރެ މޫނާ ދިމާލަށް އެއްފަހަރަކު އައި ދުމުގެ ސަބަބުންނެވެ.
"އޯކޭ... އެކަމަކު..." އަތުން ދުންތައް ފޮޅާލަމުން އިއާން އެއްޗެއް ބުނަން އުޅުނެވެ.
"ޖަސްޓް މީޓް ހާރ، އޭގެ ފަހުން ޑިސައިޑް ކުރާނީ... މަށަށްޓަކާ، އޯކޭ...؟" ރަޒީން އެދެމުން ދިޔައެވެ.
"އޯކޭ، ވަންސް، ނޯ މޯރ، އެނގިއްޖެ؟ މިކަހަލަ ކަމެއްގައިކަން އެނގޭ ނަމަ މިވަރަކުން އަހަރެން ނުވެސް އަންނާނަން." އިއާން އަށް އޭނަގެ ހިތުގައި އޮތް އެތި ސިއްރެއް ނެތި ބުނެލެވުނެވެ.
މަންމަ އާއި ބައްޕަ ކައިރީ ވަރަށް މުހިއްމު ކަމަކު ބޭރަށް ގޮސްލާފައި އަންނާނަމޭ ބުނެފައި އެހެން ނޫންނަމަ އޭނަ މިރެއަކު ގެއިން ބޭރަކަށް ނުނިކުތީހެވެ. ސިކުނޑިއަށް ލިބިފައިވާ ވަރުބަލިކަން އެއަށްވުރެ މިރޭ މާ ބޮޑެވެ.
"އޯކޭ، ވަންސް ހަމަ، ކަމުނުދަންޏާވެސް އޭނައަށް އަންގާލީމަ އެ ނިމުނީއޭ، މަގޭ ބޮލަކަށް އޭރަށް ދެނެއް އޭނަ ނައަރާނެނު." ރަޒީންއަށް ހަމަޖެހުމެއް ލިބުނެވެ.
ހަމަޖެހޭގޮތް ދައްކައިގެން އިން ނަމަވެސް އިއާން އިނީ މުޅިއަކުން ހިތްހަމަޖެހިފައެއް ނޫނެވެ.
ނުނިމޭ