2 Jan 2018

ގަސްތަކާނުލާ

ގަސްތަކާނުލާ

ހޮނިހިރު ދުވަހާ ގުޅޭ

ހަމަޖެހޭގޮތް ދައްކައިގެން އިންނަމަވެސް އިއާން އިނީ މުޅިއަކުން ހިތްހަމަޖެހިފައެއް ނޫނެވެ.

ރަޒީންއަށް އޭނަ ދޭ ޖަވާބަކުން ކަންތައް ވެދާނެ ގޮތަކަށް އިއާން ވިސްނިއެވެ. އެކަމަށް އޭނަ އިންކާރުކޮށްފިނަމަ އެކުވެރިންގެ ތެރޭގައި އޭނަ އެވާހަކަ ދައްކާނެއެވެ. އެހިސާބުން އޭނަގެ އެކުވެރިންނާހެދި އޭނައަށް ނޭވާލާން އުނދަގޫ ވާވަރު ވާނެއެވެ. މާ މާތްމީހަކަށް ވާން އުޅެނީއޭ ކިޔައިގެން ދިމާކުރާނެއެވެ. އޭނަގެ ބޮލަށް އަރާނެއެވެ. އެ ލަދުން ސަލާމަތްވާން އޭނަ އެއްބަސްވިކަމުގައި ވިޔަސް، އޭނަގެ ހިތްއޮތްގޮތް އެނގޭނީ އޭނައަށެވެ. އެކަން ބަދަލެއް ނުވާނެކަންވެސް އިއާންއަށް އެނގެއެވެ.

ދެމީހުން ވާހަކަ ދައްކާ ނިމުނުއިރު ބައްދަލުކުރާނެ ތަނާއި ވަގުތާއި ގަޑި ވެސް ކަނޑައެޅި ނިމިއްޖެއެވެ. ރަޒީން ބޭނުންވި ގޮތަށް ކަންކަން ހަމަޖެހުމުން، ރަޒީން ނަންބަރަކަށް ގުޅިއެވެ.

"އިޓްސް ޑަން، ގެޓް ރެޑީ، ސަޓަޑޭ ނައިޓް، އޯކޭ؟ ދެން މަށަށް އުނދަގޫކޮށްގެން ނުވާނެ އިނގޭ. އޯކޭ، ކަޓް، ބައިދަވޭ، ދޮންތައަށް ސަލާމް ބުނައްޗޭ. ބުނައްޗޭ ވަރަށް މިސްވެޔޭ... ހައްހައްހައް." ހިނިގަނޑަކާއެކު ރަޒީން ފޯން ބޭއްވިއެވެ.

އެތިއެތިކޮޅުން ކޮފީތަށި ބޯލަބޯލާ އިއާން އިނެވެ. ރަޒީންގެ ފޯންކޯލަށް އިއާންގެ މާކަބޮޑު ޝައުގެއް ނެތް ކަހަލައެވެ.

** ** ** **

ޖެހިގެން އައި ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެވެ. ހުކުރުން އައިސްފަ އާއިލާއާއެކު އެއް މޭޒުދޮށުގައި ކައިގެން އިއާން ގޮސް ޖައްސާލައިގެން އޮންނަތާ އިރުކޮޅެއް ވެއްޖެއެވެ. އައިޕެޑުން ބަލަމުން ދިޔައީ ހުސް ވަޒީފާތަކެވެ. މާސްޓަސް ނިންމާފަ އައިއްސަ މިވީ ހަތަރުވަރަކަށް ހަފުތާ ތެރޭގައި، ރަސްމީ އެއްވެސް ވަޒީފާއަކަށް އިއާން ނުދެއެވެ. އެހެން ނަމަވެސް މިހާރު އިއާން ގަސްތުކުރަނީ ސަރުކާރުން ކޮންމެވެސް ރަނގަޅު ވަޒީފާއެއް ހޯދުމަށެވެ.

އިއާންއަކީ ވިޔަފާރީގެ ޢާއިލާއަކަށް އުފަންވެ، ވިޔަފާރިވެރި މަންމައަކާއި ބައްޕައަކާއެކު އުޅެ ބޮޑުވި ޒުވާނެކެވެ. އެ ދެމަފިރިންގެ ވިޔަފާރީގެތެރެއިން ބޮޑު ހިއްސާއެއް އޮތް ފިރިހެން ދަރިއެކެވެ. މީގެ އިތުރުން ޢުމުރުން ވިހި އަހަރުން ފެށިގެންވެސް ގާތް އެކުވެރިންގެ ވިޔަފާރިތަކުގައި، ޕާޓްނަރެއްގެ ގޮތުން ބައިވެރިވެފައި ހުރުމުގެ ސަބަބުން، އެއްވެސް ދަތިކަމެއް ނެތި ތަނަވަސްކަމާއެކު އިއާންއަށް އުޅެވޭނެއެވެ. އެއްވެސް ވަޒީފާއަކަށް ދުވަހަކު ނުދިޔަޔަސް، އޭނަގެ ޙިއްސާއޮތް ވިޔަފާރިތަކުން، މަހުން މަހަށް މިހާރު ވެސް އޭނަގެ އެކައުންޓަށް އަށްޑިހަ ހާސް ރުފިޔާ ވަދެއެވެ. ފައިސާގެ ގޮތުން އޭނައަށް ދަތިކަމެއް އޮތީކީ ނޫނެވެ. ނަމަވެސް އިއާންގެ ވިސްނުން މިހާރު ހުންނަގޮތާއި ކުރިން ހުރިގޮތާ ވަރަށް ބޮޑަށް ތަފާތެވެ.

ކުރިން ވަޒީފާއެއްގައި އުޅެން އިއާން ބޭނުމެއް ނުވެއެވެ. އެއީ ފާޑަކަށް އާދޭސްކުރުންކަމުގައި އިއާން އައީ ރައްޓެހިންނާއި ދިމާލަށް އަބަދުވެސް ބުނަމުންނެވެ. ނަމަވެސް މިހާރު ތަފާތެވެ. އިއާން ދެކޭގޮތުގައި މިހާރު އޭނަގެ އަމިއްލަ ނަފްސު ތަރުބިއްޔަތުކުރުމަށްޓަކައި ކޮންމެ ދުވަހަކުވެސް ވަކި ގަވާޢިދަކަށް އުޅެން ޖެހެއެވެ. އެ ޝެޑިއުލް ރާވާއިރު ރަނގަޅަށް ރޭވިއްޖެނަމަ އެއީ ފޫހި ދިރިއުޅުމަކަށް ނުވާނެއެވެ. އިއާން ބޭނުންވަނީ އެހެނިހެން ކަންތައް ތަންކޮޅެއް ދުރުކޮށްލާފައި ވަޒީފާއަށް ސަމާލުކަން ދިނުމަށެވެ. އަމިއްލަ ނަފްސު އެހެން ގޮތަކަށް ބައްޓަން ކުރަން އިއާން ބޭނުން ވެއެވެ. އޭނަގެ މަޤްޞަދާއި ހަމައަށް އޭނައަށް ދެވޭނީ އެގޮތަށް އޭނަ ބަދަލުވެގެންނެވެ. މިއީ މިހާރުގެ އިއާންގެ ވިސްނުން ހުންނަ ގޮތެވެ. ގާތްމީހުންނާއި ރައްޓެހިން ކައިރީ މިވާހަކަތައް އޭނަ ނުދައްކައެވެ. މަލާމާތާއި ޖެއްސުމާއި ދިމާކުރުން އަންނާނެވަރު ބޮޑުކަން އިއާންއަށް އެނގެއެވެ. އެހެންވިޔަސް މިހާރު އިއާން ބޭނުންވަނީ އެފަދަ ހުރިހާ އެންމެނާ ދުރުވާށެވެ. އިއާން ދެކޭ ގޮތުގައި އޭނަގެ މަންޒިލާއި ހަމައަށް ދާން ކުރަންޖެހޭ ބައިވަރު ކަންކަން އަދި ނުކުރެވި އެބަހުއްޓެވެ. މިއަދަކީ އެކަމަށްޓަކައި ފުރަތަމަ ފިޔަވަޅު އަޅަން އޭނަ ގަސްތުކޮށްފައި އޮތް ދުވަހެވެ.

އިއާންއަށް ނިދިން ހޭލެވުނީ، ޢަސްރުންވެސް ތިރިވިފަހުންނެވެ. އަވަހަށް ތެދުވެ އައިޕެޑް ނަގާ ބާއްވާފައި ގަޑިބަލާލިއިރު ހަތަރެއް ޖަހަނީއެވެ. ފެންވަރާ ތައްޔާރުވެލައިގެން ހިނގާލާފައި ގޮސް އެރީ ޠޮއިބާ މިސްކިތަށެވެ. ނަމާދުކޮށްލައިގެން އައިކޮޅަށް ހިނގާލާފައި އައިސް ގޭކައިރީ ހުރި ސައިކަލަށް އަރައިގެން ދުއްވާލީ ހެންވޭރާވީ ކޮޅަށެވެ.

އިއާން ދާން ބޭނުންވި ހިސާބަށް ގޮސްފައި ސައިކަލް ޕާކްކޮށްލިއެވެ. މަގުގެ އަނެއްފަރާތުގައި ހުރި ބާ ގެއަކަށް ބަލާލިއެވެ. އެއީ އީމާއާއި އީމާގެ ޢާއިލާ ދިރިއުޅޭ ގެއެވެ.

ދިމާވާނީ ކާކާ ކަމެއް ނޭނގެއެވެ. އެކަމަކު ކޮންމެ މީހަކާ ދިމާވިޔަސް އޭނަ ކުރަން އައިކަމަށް އޭނަ ތައްޔާރެވެ. އެކަމަށް އޭނަ ފަރިތަކުރާތާ އެތައް ދުވަސްވެއްޖެއެވެ. ވަރުގަދަ ޢަޒުމަކާއެކު ގޮސް އެގޭގެ ބޭރު ދޮރުކައިރިއަށް އިއާން ހުއްޓިއްޖެއެވެ. ދޮރު ހުރީ އިންޗިއެއްވަރަށް ހުޅުވިފައެވެ. އެހެންނަމަވެސް އިއާން ޓަކި ޖަހާލިއެވެ. ފުރަތަމަ ފަހަރު މަޑުމަޑުންނެވެ. ދެވަނަ ފަހަރު އެއަށްވުރެ ކުޑަތަންކޮޅެއް ބާރަށެވެ. ތިނެއް، ހަތަރެއްވެސް ހަމަވެއްޖެއެވެ. އެތެރެއިން ޖަވާބެއް ލިބުނީ ފަސްވަނަފަހަރު ދޮރުގައި އަތްޖައްސާލިތަނާއެވެ.

"ކާކު...؟" އިއާން ހީކުރިގޮތަށް، އިވިގެން ދިޔައީ ސައިފްގެ އަޑެވެ. ޖަވާބުދިނީ އެގޭ ސިޑި ދަށުގައި ހުންނަ ކުޑަ ކޮޓަރީން އީމާގެ ބައްޕައެވެ. "އައްސަލާމް ޢަލައިކުމް..މިއީ އިއާން، ވަންނަންތޯ؟" ހުޅުވިފައި ހުރި ދޮރު، ކުޑަކޮށް ހުޅުވާލަމުން އިއާން ގޮވާލިއެވެ.

"ވަދޭ ވަދޭ، ވަޢަލައިކުމުއްސަލާމް، އާދޭ މިކޮޅަށް..." އެއީ އޭނަކަން އެނގުމުން ޖަވާބެއް ދިނުމުގެ ކުރިން ވިސްނާލަން ސައިފްއަށް ވަގުތުކޮޅެއް ބޭނުންވާނެކަމަށް އިއާންއަށް ހީކުރެވުނެވެ. ނަމަވެސް ގެއަށް ވަނުމުގެ ދަޢުވަތު އޭނައަށް ލިބުނީ ހީކުރިވަރަށްވުރެ މާ ބޮޑަށްވެސް އަވަހަށެވެ.

ދޮރު ހުޅުވާލާފައި އެތެރެއަށް ވަން ވަގުތު، އިއާންއަށް ފުރަތަމަވެސް ބަލާލެވުނީ ސިޑިން މައްޗަށެވެ. ވަކި މީހަކު ދެކެން ބޭނުންވެގެނެއް ނޫނެވެ. އެއްވެސް މީހަކު ފެންނަން ހުރިތޯ ބަލާލާ ކަހަލަ ގޮތަކަށެވެ. މީހެއްގެ އެއްވެސް ހިލަމެއް މަތިން ނުވެއެވެ. ރަނގަޅެވެ. އޭނަ ބޭނުންވަނީވެސް އެގެއިން އެއްވެސް އެހެން މީހަކާއި ދިމާ ނުވުމެވެ. އޭނަ އައީ އީމާގެ ބައްޕައާއި ވާހަކަ ދައްކާލަން ބޭނުންވެގެންނެވެ. އޭނަ އެގެއަށް އައިކަން އެއްވެސް ގޮތަކަށް އީމާއަށް އެނގޭކަށް އިއާން ބޭނުމެއް ނުވެއެވެ.

އީމާ ގޭގައި ނުއުޅެނީކަމަށް ވިސްނާފައި، ސައިފްގެ ކޮޓަރިއާއި ދިމާލަށް އިއާން ހިނގައިގަތެވެ. ހަތަރުފަސްފިޔަވަޅަށްފަހު އެ ކޮޓަރިއާއި ހިސާބަށް އިއާންއަށް ދެވުނެވެ. ހުޅުވާފައި ހުރި ކޮޓަރި ދޮރުމައްޗަށް ދެވުމުން އިއާންއަށް ހުއްޓެވުނެވެ.

"އާދޭ އާދޭ، އިއާން ކޮން ދަތުރެއްގަ މިހިސާބަށް ތި ފޯރީ...؟" ހިނިތުންވަމުން މިހެން އެހި ސައިފް އިނީ ފުރޮޅުލީ ގޮނޑީގައެވެ. ކުރިމަތީގައި ހުރި ގޮނޑީގައި، ދޮރަށް ފުރަގަސްދީގެން އިނީ އީމާއެވެ. ކުރިއަށް ދާނެ ހިތްވަރު އިއާންގެ ކެނޑުނެވެ.

"ވަދޭ އެތެރެއަށް، ދަރިފުޅު ދެން ދޭ، ބައްޕަ ގުޅީމަ އަންނާތި." ޖުމްލައިގެ އެއްބައި އިއާންއަށް، އަނެއްބައި އީމާއަށް މުޚާޠަބްކޮށް ސައިފް ބުންޏެވެ.

އެއްޗެއް ނުބުނެވިފައި ހުރި އިއާން އެހެން ހުއްޓާ، އުނގުމަތީގައި އޮތް ފައިލަކާއި އޭފޯ ސައިޒުގެ ދެ ސިޓީއުރައަކާއެކު އީމާ ކޮޅަށް ތެދުވެއްޖެއެވެ. އެ ދެބަފައިން ތިބީ ކޮންމެވެސް ލިޔުންތަކެއް ބަލަންކަން އިއާންއަށް ވިސްނައިގަނެވުނެވެ. އެކަމަކު އޭނަ އައުމުން، އެތަނުގައި ދެން އީމާ ބައިންދަން ބޭނުން ނުވާތީ ފޮނުވާލަނީއެވެ. އެކަމަކު އެހާ އަވަހަށް އެ ފޮނުވާލަނީ ކިއްވެހެއްޔެވެ؟ އެދެމީހުންނަށް އެއްޗެއް ބުނުމުގެ ފުރުޞަތު ދޭން ސައިފް ބޭނުން ނުވަނީ ބާވައެވެ. ކޮޓަރިން ނިކުތް އީމާ، އޭނަ ކައިރިން ލާފައި ނުކުމެ ފައިވާނަށް އަރައިގެން ދިޔައިރުވެސް އިސްއުފުލާ އޭނައާއި ދިމާލަށް ބަލާވެސް ނުލާކަން އިއާންއަށް ފާހަގަ ކުރެވުނެވެ.

"އިށީނދޭ، ކިހިނެއްތަ ޙާލު އަހުވާލު؟" އީމަ ތެދުވެގެން ދިޔަ ގޮނޑީގައި އިށީނުމަށް ސައިފް ދަޢުވަތު ދިނެވެ.

އެކަކު އަނެކަކަށް ހާލު އަހުވާލު އެހުމުގެ ވާހަކަކޮޅެއް ދެކެވުނެވެ. އިއާންގެ މަންމަ އާއި ބައްޕަގެ ޚަބަރުވެސް ސައިފް އެހިއެވެ. އިއާންވެސް އާހިލްގެ ވާހަކަ ދެއްކިއެވެ. އެކަމަށް ހަމްދަރްދީ ފާޅުކުރިއެވެ. ރާއްޖެއިން ބޭރުގައި ހުރި ނަމަވެސް މަންމަގެ ފަރާތުން އެ ޚަބަރު ލިބުނުކަމަށް އިއާން ބުންޏެވެ.

"ދެން މިހާ ދުވަސްފަހުން ބޭބެމެންގެ މަތިން ހިތަށް އެރީ ކިހިނެއްވީ؟" ހީލަމުން ސައިފް އެހިއެވެ. ކަމާކަންފަށާ އިއާން އެހެން އައުމުގައި ސަބަބެއް އޮންނާނެކަން ސައިފްގެ ތަޖުރިބާހުރި ސިކުނޑިއަށް ވިސްނުނެވެ. އިއާންގެ މޫނުގެ ކުލަވަރުން ބާކީ އޮތްހާ އެއްޗެއް ސައިފްއަށް އެނގެއެވެ.

"އަސްލު، އަޅުގަނޑު އަންނަން މާ ލަސްވެސްވެއްޖެކަން ގަބޫލުކުރަން...." އޭނަ އެގެއަށް އައި ބޭނުމާއި ބެހޭ ގޮތުން އިއާން ވާހަކަ ދައްކަން ފެށިއެވެ.

"ނޫނޭ ، މިއީ ރަނގަޅު ވަގުތުކަމަށްބަލަމާ..." ސައިފް ހިނިތުންވެލިއެވެ.

"އަޅުގަނޑު މިއައީ މަޢާފަށް އެދެން، އަޅުގަނޑަށް އީމާ އާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތަށް މަޢާފަށް އެދެން އަޅުގަނޑު...އެހެން އެއްވެސް ކަމަކު ނޫން އަޅުގަނޑު އައީ." އިއާން އައީ އޭނަގެ އަމިއްލަ ކުށްތަކުގެ ވާހަކަ ތަފްޞީލުކޮށް ދައްކަން ގަސްތުކޮށްގެން ކަމުގައި ވިޔަސް، އިއާންއަކަށް އެ ވާހަކަ ނުދެއްކުނެވެ. ސައިފް ހަމަ ބަލަހައްޓައިގެން އިނީއެވެ. ލުއި ހިނިތުންވުމެއް މޫނުމަތީގައި ހުއްޓެވެ. ބުނަން ބައިވަރު އެއްޗެހި ހުރިނަމަވެސް ބުނާން އުނދަގޫވެފައި އިން ކަހަލަ އެވެ.

"އީމާ ކައިރިން މަޢާފަށް އެދުނީތަ މިހާރު؟" އިރުކޮޅެއްފަހުން ސައިފް އެހީ މި ސުވާލެވެ. އިއާން ސިހުނެވެ. އެ ސުވާލު އީމާގެ ބައްޕަ ކޮށްފާނެ ކަމަކަށް އިއާން ހީނުކުރެއެވެ. އިއާން ކުޑަކޮށް ބޯހޫރާލުމަކުން ޖަވާބު ދިނެވެ.

" ބޭބެއަށް ފެނޭ ފުރަތަމަ އީމާކައިރިން މަޢާފަށް އެދެން، އަސްލު އަހަރެމެން ތިބީ ނޭނގުމެއްގެ ތެރޭގަ، ކަންވެ ނިމުމާ ހަމައަށްވެސް އެއްވެސް ކަމެއް އީމާ ނައަންގާ ބޭބެމެނަކަށް، އެހެންވެ، ކުއްލިއަކަށް ހުރިހާ ކަމެއް ކެންސަލްވިކަން އެނގުމަކުން މާބޮޑު ގެއްލުމެއް ބޭބެމެނަކަށް ނުލިބޭ، އެކަމަކު ހުރިހާ ހަގީގަތެއް އެނގިހުރެ، ހުރިހާ ކަމެއް އެންމެންނަށް ސިއްރުކޮށްގެން ހުރުމުގެ ބުރަ އުފުލީ އީމާ، އިއާން ވިސްނާލީމަވެސް އެނގޭނެ އެ ޙާލަތުގަ ހުންނަ ކުއްޖަކުގެ ސިކުނޑިއަށް ކުރާނެ ބާރު، ހުރިހާ ދިމާލަކުން ބިރެއްގަ ހުރީ އީމާ، އެހެންވީމަ ބޭބެއަށް ފެނޭ އެންމެ ފުރަތަމަ އީމާ ކައިރިން މަޢާފަށް އެދެން...." ސައިފް ދެއްކީ ހުސް ތެދު ވާހަކަކަމަށް އިއާންއަށް ގަބޫލުކުރެވުނީ ދާދި ފަސޭހައިންނެވެ.

"ބޭބެއަށް އެނގިފަ އޮތްގޮތުންނަމަ އޭރު އިއާން ދެކެ އީމާ ނުލާހިކު ފޫހިވެސް ވާކަމަށް ވަނީ، އިއާންގެ އެއްވެސް ކަމަކާ އީމާ ގަބޫލުވެގެނެއް ނޫން ހުރީކީ، އެހެންވީމަ ވިސްނާލާ، ހުރިހާ ގޮތަކުންވެސް އީމާއަށް ވަރަށް ތަދުތައް ދިން ދުވަސްތަކެއް އެއީ، ތިމާ އެހާ ނަފްރަތުކުރާ މީހަކާ ތިމާއާއި ކައިވެނި ކުރެވެން އުޅޭކަން އެނގި އެކަންކަން ސިއްރުކޮށްގެން ހުރުން އެއީ އެވަރުގެ އަންހެންކުއްޖަކަށްޓަކައި ކުޑަފަދަ އަދަބެއް ނޫން، އަދި ހަމަ ނުވިތާކަށް އިއާންގެ ޢާއިލާއާއެކު އެ ކައިވެނި ހަމަޖައްސަން ކުރަން ޖެހުނު ހުރިހާކަމެއްވެސް އެ ކުއްޖާ ޖެހުނު ކުރަން، މިއީ އާދައިގެ ކަންކަމެއް ނޫނެއްނު ދޯ އިއާން؟" ސައިފްއަށް އެކަންކަން އެހާ ރަނގަޅަށް އެނގުނީވެސް ކިހިނެއްބާވައޭ އިއާން ހިތަށް އެރިއެވެ.

"ބޭބެ ކައިރިން މަޢާފް އެދުމަށްވުރެ ކުރިން އިއާން ޖެހެނީ އަސްލު އީމާ ކައިރިން މަޢާފަށް އެދެން، އޭރުން ބޭބެގެ މަޢާފްވެސް އިއާންއަށް އޮންނާނީ ލިބިފަ ކަމަށް ވިސްނާ." ސައިފްގެ މި ޖަވާބާއި ދޭތެރޭގައި އިއާން ވިސްނާލިއެވެ.

މާނައަކީ އީމާ މަޢާފް ނުކުރަންޏާ އީމާގެ ބައްޕަވެސް އޭނައަށް މަޢާފް ނުކުރާނަމޭހެއްޔެވެ؟ އާނއެކެވެ. އެ ބުނެވެނީ އެހެންނެވެ. ބައްޕައަކު އެ އެދެނީ އެ ބައްޕަގެ އަންހެންދަރިފުޅުގެ ހިތް ހަލާކުކޮށް ޒަޚަމްކޮށްލީތީ އެ ދަރިފުޅުގެ ކިބައިން ހިތް ޙަލާލުހޯދުމަށެވެ. އެއްވެސް ބައްޕައަކު ދަރިޔަކަށް އެފަދަ ދެރައެއް ދިން މީހަކާއި ދެނެއް ގަބޫލެއް ނުވާނެއެވެ. ސައިފްވެސް އެ ބުނަނީ އެހެންނެވެ.

"އަދި އީމާއާއި ދިމާވާގޮތެއް ނުވޭ، އެހެންވެ....." އިއާން އަށް ކުށް ވަރަށް ރަނގަޅަށް އިހްސާސްވެއްޖެއެވެ. އަޑު މަޑުވެ ހިމޭންކަމެއް އިއާންއަށް ވެރިވިއެވެ.

"އަދި މަސައްކަތްކޮށްލާ.." ސައިފްގެ ވާހަކަ ނިންމާލިކަހަލައެވެ.

ދެން ބުނާނެ އެއްޗެއް އިއާންއަކަށް ނޭނގުނެވެ.

"އިއާންއަށް އެނގެއެއްނު އީމާ ނަންބަރު، އީމާ ހޯދާނެ ގޮތް އެނގެއެއްނު، މާ ލަސްކޮށްފިއްޔާ ވަގުތު ފާއިތުވެދާނެ، ލޯނަށްވެސް އީމާ އެޕްލައިކޮށްފި، ހަމަޖެހުނުހާ އަވަހަކަށް ބޭރަށް ފުރާނެ ކިޔަވަން، އެހެންވީމަ....އިއާންއަށް ބޭބެ ދޫކޮށްލާނީ ހުރިހާ ކަމެއް..." ސައިފް ހިނިތުންވެލިއެވެ. އިއާންއަށް ނޭނގި އިންދާ ސަލާމްކުރަން އަތްވެސް ދިއްކޮށްލިއެވެ.

އެ މައުޟޫއަށް ސައިފްދައްކަން ހުރި ހުރިހާ ވާހަކައެއް ނިންމާލީކަން ވިސްނައިގަންނާކަށް އިއާންއަށް ދައްޗެއް ނުވިއެވެ.

** ** **

ހުކުރު ދުވަސް ފާއިތުވެގޮސް ހޮނިހިރު ދުވަސް އައިސްފިއެވެ. އިރުއޮއްސުމާއި ދޭތެރޭ ރަޒީން ގުޅި އަދަދުވެސް އިއާންއަށް ނޭނގެއެވެ. ހައްތާވެސް އޭނަ ނުގޮސްދާނެތީ ޗެކްކޮށްލަނީކަމަށް ބުނެ ކޮންމެ ފަހަރަކު އެވަރު އިއާންއަށް ކުރިއެވެ.

ރޭގަނޑުން ނުވައެއް ޖެހިއިރު އިއާން ހުރީ ހެންވޭރުކޮޅުގައި ހުންނަ ސިޓްރަން ރެސްޓޯރެންޓްގެ ގްރައުންޑް ފްލޯރގައެވެ. ރަޒީން ފޯން ނުނަގައިގެން ދާންވީ ދިމާލެއް ނޭނގިފައެވެ. އެތައް އިރެއްވެ، އަނބުރާލާފައި އިއާން ދާން ނިންމިފަހުން ރަޒީން ފެނުނީ އައިސް ވަންތަނެވެ.

"މަތީގައޭ އެމީހުން ތިބީ، ދޭބަލަ، އިއާން މައްޗަށް އަރާފަ ކަޒިން ފޮނުވާލާ މިތަނަށް ތިރިއަށް." ރަޒީން ހުރީ ވަރަށް ފޯރީގައެވެ.

"ކޮންކަހަލަ މަޅިއަކަށްތަ އަހަރެން ފައްތަން ތި އުޅެނީ." އެބުނާ ތަނެއްގައި އިން ކުއްޖަކު އިނީ އެކަނި ނޫންކަން އެނގުމުން އިއާންއަށް ކުޑަކޮށް ހިތްހަމަޖެހުމެއް ލިބުނެވެ. ރަޒީން އެހެން ބުންޏަސް އެބުނާ ކަޒިންއަކުވެސް ތިރިއަށް ފޮނުވާނުލާން އިއާން ގަސްތުކުރިއެވެ.

"ދެން ދޭބަލަ، އަންހެންކުއްޖަކަށްވުރެ މިހާރު ލަދުރަކި ދޯ؟" އިއާންގެ ބުރަކަށީގައި އަޅާ ސިޑިއާއި ދިމާލަށް ފޮނުވާލިއެވެ.

އާދައިގެ ގޮތަކަށް ގޮސް އިއާން އެ ފްލޯރ އަށް އަރައިފިއެވެ. ހަތަރު ފަސް މޭޒެއްގައި މީހުން ތިއްބެވެ. އިއާންގެ ލޯ ޙަރަކާތް ކޮށްލީ ދެ އަންހެންކުއްޖަކު އިށީނދެލައިގެން ތިބި މޭޒެއް ފެނޭތޯއެވެ. މާ އުނދަގުލެއް ނެތި އިއާންއަށް ފެނުނެވެ. އެންމެ އެތެރެއަށް ވާ ހިސާބުގައި، ތަނުގެ ވަށައިގެން ޖަހާފައިވާ ލަކުޑި ރެއިލިންތައް ކައިރީ ދެ އަންހެންކުއްޖަކު ކޮޅަށް ތިއްބެވެ. އެކުދިންގެ ދަބަސްތައް ޖެހިގެން ހުރި 3 ގޮނޑިލީ މޭޒުމަތީގައި ބަހައްޓާފައި ހުރުމުން އެއީ އެކުދިން އިށީނދެ ތިބި މޭޒުކަން އެނގުނެވެ. ދެފަޔަށް ކުޑަ ހިތްވަރެއް ލާފައި އިއާން ކުރިއަށް ދިޔައެވެ.

"އެކްސްކިއުޒް..." އެ ދެ އަންހެންކުދިންނާއި ދިމާލުން މޭޒުކައިރިއަށް ހުއްޓިލަމުން މޭޒުގައި އިއާން ޓަކި ޖަހާލިއެވެ.

އެއާއެކު ދެ އަންހެންކުދިންވެސް އެނބުރުނެވެ. އިއާންއަށް ދެފިޔަވަޅު އެޅުނީ ފަހަތަށެވެ. އެއީ އޭނަ ދަންނަ ދެ އަންހެންކުދިންނެވެ. އެއީ ޔާނާ އާއި އީމާއެވެ.

"ސޮރީ، އޮޅުމެއް، އައި ތޮއުޓް....ސޮރީ .... " އިއާންއަށް ހީވީ ބިރެއް ފެނުނު ހެންނެވެ. ހަމަ ވަގުތުން އަނބުރާލާފައި ދާން ހިނގައިގަތެވެ. މަޑުޖެހުނީ ޔާނާ ހީގަތުމުންނެވެ.

"އޮޅުމެއް ނޫނޭ މިއީ، މިއީ ހަމަ އަސްލެއް، ތިއްތޮން އެބުނީ އަހަރެމެންގެ ވާހަކައޭ، އެއިނީނު ތިއްތޮން..." ކުރިން ހުރި ގޮތަށް އެނބުރި ތިރީ ފްލޯރއާއި ދިމާލަށް ގުދުވެލަމުން ހެމުން ހެމުން ޔާނާ ބުނަމުން ދިޔައެވެ.

"ރަޒީންތަ؟" އިއާންއަށް އަދިވެސްގަބޫލެއް ނުކުރެވެއެވެ.

"ޔެސް، ރަޒީން އިޒް ތިއްތޮން، މިއީ ޔާނާ، މިއީ އީމާ، ތިއީ އިއާން، އޯކޭ؟ ގެޓު؟؟" ކުޑަ ކުއްޖަކަށް އަންގައިދޭން ސުވާލުކުރާހެން މޭގައި އަތްޖައްސާލަމުން ޔާނާ ސުވާލުކޮށްލިއެވެ.

އިއާންއަކަށް އެއްޗެއް ނުބުނެވުނެވެ. ބަލާލެވުނީ އީމާއާއި ދިމާލަށެވެ. އީމާގެ ދޮން މޫނުން ފެންނަނީ، އެތަނުގައި އެހިނގާ އެއްވެސް ކަމެއްގެ އެއްވެސް ހަގީގަތެއް ނޭނގޭ ކަމެވެ. އީމާ ހުރީ ޔާނާ ދެކެ ރުޅި އައިސްފައެވެ. އެކަމަކު ކުރިމަތިން ފެންނަ އިއާންއަށް އިރުއިރުކޮޅާ ބަލާލައެވެ.

"އޯކޭ، ނައު އެންމެންނަށްވެސް ގެޓު، އެހެންވީމަ އަހަރެން ދަނީ ތިރިއަށް، ތިއްތޮން ކައިރިއަށް، ތި ދެމީހުން އެބަޖެހޭ ވާހަކަ ދައްކަން، މިއޮތީ ވަގުތު، ވާހަކަ ދައްކާ، އިއާން، ޓޯކް ޓު ހާރ، އީމާ، ފޯރ ގޯޑްސް ސޭކް، ލެޓް ހިމް ނޯ ޔޫ ކާންޓް ލިވް ވިތައުޓް ހިމް، އިއާން، އޯކޭ؟ ދިޔައީ، ކަޓް، ސީ ޔޫ." ޔާނާ ހުރީ ވަރަށް ތައްޔާރުވެގެންނެވެ.

އެތިވަރުތަކެއް ކިޔާފައި ދަބަސް ހިފައިގެން މަޑުވެސް ނުކޮށް ގޮސް ސިޑިން ފައިބައިފިއެވެ.

(ނުނިމޭ)

ދިގު ވާހަކަ

Popular