އެތިވަރުތަކެއް ކިޔަމުންކިޔަމުން ގޮސް ސިޑިން ތިރިއަށް ފައިބަން ޔާނާ ފެށިއެވެ.
ހަދަންވީ ގޮތެއް އިއާންއަކަށް ނޭނގުނެވެ. ޔާނާ ދިޔަކޮޅަށް ބަލަން ހުރެފައި ކަންބޮޑުވެގެން އިއާން އެނބުރުނުއިރު ދަބަސް ނަގައިގެން އީމާ ހިނގައިގަންނަނީ އެތަނުން ދާށެވެ.
ހިނދުކޮޅެއް ވެސް ލަހުން އެނބުރުނު ނަމަ އިއާންއަށް ފެނުނީހީ އީމާގެ ހިޔަންޏެކެވެ. އިޔާންއަށް ހަރަކާތް ކޮށްލެވުނުލެއް އަވަހެވެ. ދާން ހިނގައިގަތް އީމާގެ އަތުގައި އިއާންއަށް ހިފުނީ އޭނަ ފަސްދީފައި އީމާ ފިޔަވަޅުނެގިތަނާއެވެ. އުޅަނބޮށްޓާއި ދިމާލުގައި އަތް އަޅުވާފައި އިއާން ހިފަހައްޓާލުމުން އީމާގެ ފިޔަވަޅުތައް ފަސްފަހަތަށް ނެގުނީ އެއްވެސް އަމިއްލަ ބާރަކާއި ނުލައެވެ.
"ދޫކޮށްލާ...." އިއާންއަށް އަދި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ބުނީ އީމާއެވެ.
އިއާން ވެސް ވަރަށް އަވަހަށް ދޫކޮށްލައިފިއެވެ. ކަރުކެހިލަމުން ބޮލުގެ ފުށްކިބައިގައި އިނގިލިތައް ބުޅިކޮށްފައި ފުނާއަޅާލިއެވެ.
އިއާން ހީކުރީ އީމަ މަޑުކުރާނެ ކަމަށް ކަން ނޭނގެއެވެ. އެކަމަކު އިއާންގެ ކުރިމަތިން އަނެއްކާވެސް ދާން އީމާ ހިނގައިގަތެވެ. މިފަހަރު އީމާ ހުއްޓުވުމަށްޓަކައި ގޮސް އަތުގައި ހިފަންޖެހުނީ ފަހަތުން ގޮހެވެ.
"ޖަސްޓް ފައިވް މިނެޓްސް،" އީމާގެ އަތްތިލައިގައި ބާރަށް ހިފަހައްޓާފައި ކުރިމައްޗަށް ގޮސް ހުއްޓެމުން އިއާން އެދުނެވެ. މޭޒުތައް ދޮށުގައި ތިބި އެންމެން ވެސް އެނބުރި ތިބީ އިއާން އާއި އީމާއަށް ބަލާށެވެ.
އިއާންގެ މޫނަށް ބަލާލާފައި އީމާ އޭނަގެ އަތް ފޮޅުވާލިއެވެ. މަޑުމަޑުން ހުރިގޮތުން ހީވަނީ ހަދާނެ ގޮތެއް ވިސްނަނީ ހެންނެވެ. ދަބަސް ހުޅުވާފައި ދަބަސްތެރެއަށް ފޯން ލިއެވެ. ދެން އިސް އުފުލާ އިއާންގެ ސީދާ ދެލޮލަށް ބަލާލިއެވެ. ލަފުޒުތަކަކުން އީމާ ނުބުނި ނަމަވެސް އެ ލޮލުން އެދިނީ އިންޒާރެއްކަން އިއާންއަށް އެނގުނެވެ.
"އެތާ އިށީނދެލާނަންތަ؟ ޕްލީޒް، ފައިވް މިނަޓްސް، ކަމް...!" ކުރިން ވެސް ޔާނާ އާއި އީމާ ތިބި ދިމާލަށް ބޮލުން އިޝާރާތްކޮށްފައި އިއާން އެދުނެވެ. އެތަނަށް ދިއުމުގެ ބަދަލުގައި އީމާ އަނެއްކާވެސް ބެލީ އިއާންގެ ލޮލަށެވެ. ނުރުހުން ނޫން ކަމެއް އެ މޫނުން ނުފެނެއެވެ.
"ޕްލީޒް..!" އިއާން ކުރިއަށް ވުރެ ވެސް ބޮޑަށް އެދުނެވެ. އަދި ދެން ކުރީގައި ހުރެގެން އެ ދިމާލަށް ހިނގައިގަތެވެ. މީހުންގެ ލޯތަކަށް ޖެހިލުންވާތީއެވެ. އީމާ ވެސް އަވަސް ފިޔަވަޅުތަކެއްގައި އިއާން ފަހަތުން ގޮސް އިށީނެވެ.
"އަސްލު މިއީ އަހަންނަށް އެނގިގެން ހިނިގިކަމެއް ނޫން..." ގޮނޑީގައި އިށީނދެވުމުން އިއާން ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް ޖުމްލަ ނުނިންމެނީސް މެދުކަނޑާލީ އީމާއެވެ.
"އެއްކަމެއް ވެސް އެނގިނެއް ނުހިނގާނެ..." ކުދިކިޔާ އުސޫލުން އީމާ މިހެން ބުނެލީ ދަބަހާ ކުޅެމުން ވަރަށް މަޑު އަޑަކުންނެވެ. ވަރަށް ފަރުވާ ކުޑަ ގޮތަކަށެވެ.
"ހަގީގަތުގަ ވެސް އަހަންނަކަށް ނޭނގޭ، ރަޒީން ބުނީ..." ބުނެވެން އުޅެނީ ރަނގަޅު ވާހަކައެއް ނޫންކަން އިހްސާސްވީ އެ ހިސާބަށް ބުނެވުނު ފަހުންނެވެ. އެހާ އަވަހަށް އެހެން އަންހެންކުދިންނާއި ބައްދަލުކުރަން އޭނަ ދަނީޔޭ އީމަ ހިތަށްއަރާފާނެތީ އިއާންއަކަށް އެވާހަކަ ބުނާކަށް ނުފެނުނެވެ.
"ކީކޭ ބުނަންތަ އަހަރެން ބޭންދީ..." އީމާ ބޭނުންވީ އިއާން އެބުނާ އެއްޗެއް ބުނެ އަވަހަށް ނިންމުމަށެވެ.
"ކޭންވީ އެޓްލީސްޓް ޓޯކް، ލައިކް އެޑަލްޓްސް.؟" އިއާން ވިސްނީ ލިބުނު ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. އެހެންނަމަވެސް އެކަން އެހެން ކުރެވޭނީ އީމާ އެ ފުރުސަތު ދީގެންކަމަށްވާތީ، އިއާން ޖެހުނީ ފުރަތަމަ އީމާ ހަމަޖައްސާށެވެ.
"އީމާ ވަކި އެއްޗެއް ނުބުނެ ދަބަހުގައި އަދިވެސް ބާރަށް ހިފަހައްޓާލީއެވެ. އިއާން ވެސް ގޮނޑީގައި ލެނގިލިއެވެ. ހީވާގޮތުން ދެ މީހުން ވެސް އެކަކުއަނެކަކާ ކުރިމަތިލާނެ ހިތްވަރު ހޯދަނީއެވެ.
"ކުރީރޭ އީމާ ބައްޕަ ކައިރިއަށް ދިޔައީ މަޢާފަށް އެދެން، ބައްޕަ ބުނިތަ އެއްވެސް އެއްޗެއް؟" ކުރިއަށް ލެނބި މޭޒުމަތީގައި ދެއަތް އަޅުވާލައި ދެއަތުގެ އިނގިލިތައް އިއާން މަހާލިއެވެ. އީމާ ޖަވާބެއް ނުދިނެވެ.
"އެކޮޅުގައި އަހަރެން ހުރިއިރު އެނގުނު އާހިލްގެ ވާހަކަ، މަންމަ ބުނީ، އާހިލް މަންމަ ރަނގަޅުތަ މިހާރު؟" އިއާން މަސައްކަތް ކުރަނީ އީމާއާ ވާހަކަ ދެއްކޭތޯއެވެ. އެކަމަކު އީމާ އިނީ ރުޅިއައިސްފައެވެ. ބުނެލާނެ އެއްޗެއް އިއާންއަށް ވިސްނައި ވެސް ނުގަނެވެއެވެ.
ބަލަހައްޓައިގެން އިނދެއިނދެފައި އިއާން ގަސްތުކުރީ ކޮންމެ ގޮތެއްވިޔަސް ހެޔޮ ކަމަށް މަޢާފަށް އެދުން އަވަސް ކުރުމަށެވެ.
"އަހަންނަށް އީމާއާ ދޭތެރޭ ކަންތައް ކުރެވުނުގޮތުން ލަދުގަނޭ އަހަރެން،.." ވެއިޓަރު އައިސް ބޮޑު 2 ފޮތް މޭޒުމަތީ ބޭއްވީ ހަމަ އެ ވަގުތުއެވެ. މެނޫ ގެނައި ވޭޓަރަށް މޫނު ނުދައްކާން ކަންނޭނގެއެވެ. ކުރިން އިން ފަރާތް ނޫން ފަރާތަށް އީމާ މޫނު އަނބުރާލިއެވެ.
"ހަގީގަތުގަ ވެސް އީމާގެ މަޢާފް އަހަންނަށް ވަރަށް މުހިއްމު، ކެން ޔު ޕްލީޒް ފޮރގިވް މީ.؟" މެނޫގައި އަތްލުމުގެ ބަދަލުގައި އިއާން ކުރިޔަށް ގެންދިޔައީ އޭނަ ދައްކަދައްކާ އިން ވާހަކައެވެ. ދުނިޔޭގެ ހުރިހާ ކަމަކަށްވުރެ އިއާންއަށް މުހިއްމު ވެފައި އިނީ އީމާއެވެ.
"އީމާ....." އީމާ އެއްޗެއް ބުނޭތޯ އިނދެއިނދެ ނުބުނުމުން، އީމާގެ ސަމާލުކަން އަތުލެވޭތޯ އިއާން މަސައްކަތް ކުރިއެވެ.
"އެހުރިހާ ކަމެއް އެއީ އަހަރެންނަށް ކުރެވުނު ވަރަށްބޮޑު ކުށެއްކަން ގަބޫލުކުރަން، ކެން ޔޫ ޕްލީޒް، އެކްސެޕްޓް މައި އެޕޮލޮޖީ؟" އެކި ގޮތްގޮތުންވެސް އިއާން އެދެނީ އީމާގެ މަޢާފް ލިބޭތޯއެވެ.
އިއާންއަކީ އެތައް އަންހެންކުދިންނަކާ ގުޅުން ބާއްވާފައި ހުރި މީހެކެވެ. އަންހެންކުއްޖެއްގެ އަނގައިން އެއްޗެއް ނުބުނާން ހުރިއްޔާ ނުބުނުވޭނެކަން އިއާން ދަނެއެވެ.
"އީމާ ބައްޕަ ބުނި ކިޔަވަން ބޭރަށް ފުރަން އުޅޭ ވާހަކަ، ލޯނަށް އެޕްލައި ކުރި ވާހަކަ ވެސް ބުނި... ޔޫ ނޯ، އައި ކެން ސްޕޮންސަރ ޔޯރ ކޯސް، އީމާގެ ކޯހުގެ ހުރިހާ ޚަރަދެއް އަހަރެން ކޮށްދީފާނަން، ރިޕެއި ވެސް ކުރާކަށް ނުޖައްސާނަން، އިން އެކްސްޗޭންޖް، ޔޫ ކެން ފޮރގިވް މީ، ދެޓްސް އޯލް އައި އާސްކް..." އެހުރިހާ އިރު ވީއިރު ވެސް އަނގައިން ނުބުނެ އިން އީމާ ގުޑާވަރުގެ އެއްޗެއް އިއާންއަށް ބުނެވިއްޖެއެވެ.
ރުޅިއައިސްފައި ހުރި ލޮލަކުން އިއާންއަށް ލޯ އަޅާލިއެވެ.
"އަހަރެންގެ ކަންކަމާ ބެހުމުގެ އެއްވެސް ހައްގެއް އިއާންއަށް ނޯންނާނެ." ވަރަށް މަޑު އަޑަކުން ވާހަކަ ދެއްކި ނަމަވެސް އެއީ ނަފްރަތު އެކުލެވޭ އަޑެކެވެ. އިއާންގެ ބަސް ހުއްޓި ހަދަންވީ ގޮތްވެސް ހުސްވި ކަހަލައެވެ. އިއާންއަށް އިސްޖެހުނެވެ.
"އަހަރެން ބޭނުމެއް ނޫން މިތާ އިންނާކަށް..." އީމާ ބޭނުންވަނީ އެތަނުން ދާށެވެ. އިއާންއާއި ދައްކާނެ ވާހަކައެއް އޭނަގެ ނެތެވެ.
"އީމާ، ލިސްން، އަހަރެން މިއެދެނީ މަޢާފަށް އެކަނި، އޭގެ ފަހުން އަހަރެންގެ އެއްވެސް އުނދަގުލެއް އީމާއަށް ނުވާނެކަމުގެ ޔަގީންކަން ދެން، ދުވަހަކުވެސް ނުވާނެ..." އިއާން ޔަގީންކަމެއް ދިނެވެ. އީމާ އުއްމީދު ނުކުރާ ކަހަލަ ޔަގީން ކަމެކެވެ.
ވެއިޓަރު އަނެއްކާ ވެސް އަތުވެއްޖެ އެވެ. ދެ މެނޫ ވެސް އަދިވެސް އޮތީ ވެއިޓަރު ބޭއްވި ތަނުގައެވެ. އެއްވެސް މީހަކު އެ ނުހުޅުވައެވެ. އެ މެނޫތައް ނަގާފައި ވެއިޓަރަށް ދިއްކޮށްލިއިރު އޯޑަރުވެސް އިއާން ދިނެވެ.
"ވަން މިލްކް ކޮފީ... އެންޑް ވަން ޕައިނެޕަލް ޖޫސް.." އީމާގެ ޚިޔާލަކަށް ވެސް އެހުމެއްނެތި އީމާއާ ލައިގެން އިއާން އޯޑަރުކުރިތަން ފެނުމުން އީމާ ހަމަ ހައިރާންވިއެވެ. އީމާގެ ކަންތަކާ ނުބެހޭށޭ ބުނީ ދެންމެއެވެ. އެކަމަކު އެ ބަސް ބުނެވުނީ ކަންފަތް ބީރު މީހެއް ކައިރީ ކަހަލައެވެ. އިއާންގެ ޚަރަދުގައި ކައިބޮއި ހަދަން އީމާގެ ގަސްތަކު ނެތެވެ.
"ކިހިނެއް އަހަރެން ހެދިއްޔާތަ އީމާގެ ހިތް އަހަރެންގެ މައްޗަށް ރަނގަޅުވާނީ..؟" އިއާންއަށް އެ ގޮތެއް ނުވިސްނެއެވެ.
"މަރުވޭ އަމިއްލައަށް..." އީމާގެ އަނގައިން ޖަވާބު ނުކުތްލެއް އަވަހެވެ. ސީދާ އިއާންގެ ލޮލަށް ބަލަން އިނދެ ދިން އެ ޖަވާބުން އިއާން ވެސް ދިޔައީ ސިހިގެންނެވެ. އީމާގެ މޫނަށް ކަޅި ހުއްޓިފައި ހުރި އިއާންއަށް ކުއްލިއަކަށް ވީ ކީއްކަމެއް ވެސް ނޭނގެއެވެ. ހިންޏާއި ދިޔައީ ފަޅައިގެންނެވެ.
"އަސްލު ވެސް ތަ؟ ދެޓްސް ދަ އޮންލީ އޮޕްޝަން ފޯރ މީ؟" ހުނުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އިއާން އެހިއެވެ. ރުޅިއައިސް އިން އީމާ މޫނު އަނބުރާލީ އޯޑަރުކޮށްފައިހުރި ބުއިންތައް ހިފައިގެން ވެއިޓަރު އައުމުންނެވެ.
"އެމް ސޮރީ، އެކަމަކު އަސްލު ވެސް ތިއީ ވަރަށް ހެއްވާ ކަމެއް، އެހެން އޮޕްޝަނެއް ދީފިއްޔާ ބަލާނަން އެކަމެއް ވޭތޯ...." ބުނެވުނީ މިހިސާބަށެވެ. ފުންމައިގެން އިއާންއަށް ތެދުވެވުނީ ގަޔަށް ޖޫސްތަށި ބަންޑުން ވުމުންނެވެ.
އީމާއަށް ދޭން އިއާން އޯޑަރުކުރި ޖޫސްތަށި ބަހައްޓާފައި ހުރި މެޓްގެ އެއްކޮޅުގައި ހިފައި ހިއްލާލީ އީމާއެވެ. ޖޫސްތަށި ބަންޑުންވީ އިއާން ލައިގެން ހުރި ވިލުނޫކުލައިގެ ގަމީހަށެވެ. ގަމީހުގެ މޭމަތިން ފެށިގެން ތިރިއަށް ގޮސް ޖީންސަށް ވެސް ހުރީ ޖޫސް އެޅިފައެވެ.
"ހެއްވާ ކަމެއް ފެނުނީމަ ނޭނގުނު ދޯ ހޭކަށް، އެކަމަކު މިތާ ތިބި އެންމެން މިހާރު ހޭނެ." އިއާން ކޮޅަށް ތެދުވުމުން އީމާ ވެސް ތެދުވެއްޖެއެވެ. މަލާމާތުގެ ހިނިތުންވުމަކާއެކު މިހެން ބުނެފައި އީމާ ހިނގައިގަތީ ދާށެވެ. ރަޒީން ބަލާލިއިރު ގިނަ މީހުން ތިބީ އޭނައާ ދިމާލަށް ބަލަހައްޓައިގެންނެވެ.
އީމާގެ ކަންތައް ހުރި ގޮތުން ހުއްޓިފައި ހުރި އިއާންއަށް އިރުގަނޑަކު އެހެން ހުރެވުނެވެ. ހޫނު ކޮފީތަށި އަޅާނުލިކަން ރަނގަޅޭ އިއާން ހިތަށް އެރިއެވެ.
ރެއިލިން ކައިރިއަށް ޖެހި އީމާ ފެނޭތޯ ބަލާލަން ހިތަށް އެރީ ވެސް އިރުކޮޅަކުންނެވެ. އިއާން ބަލާލިއިރު ސިޑިން އީމާ ފައިބާތަން ފެނިގެން ޔާނާ އެދިމާލަށް ދިޔަތަން ފެނުނެވެ. ނަމަވެސް މަޑުކުރުމެއް ވެސް ނެތި އީމާ ހިނގައިގަތީ އެތަނުން ނުކުންނާށެވެ. ތިރީގައި މޭޒުދޮށުގައި އިން ރަޒީން ވެސް މައްޗަށް ބަލާލުމުން އިއާން ފެނުނެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގުމުން ވެގެން އުޅެނި ކިހިނެއްތޯ ރަޒީން އެހިއެވެ. އަތުގެ އިޝަރާތުން ނޭނގޭކަމަށް އިއާން ބުންޏެވެ.
މޭޒުކައިރިއަށް ޖެހި އަތުގެ އިޝާރާތުން ވެއިޓަރަށް ގޮވާލާފައި އެ ބުއިންތަކަށްވާ ފައިސާ ވެއިޓަރު އަތަށް ދީފައި އިއާންއަށް ނުކުމެވުނުއިރު ޔާނާމެންގެ ހިލަން ވެސް ނެތެވެ. އޭނަގެ އިންތިޒާރުގައި އެ ރެސްޓޯރެންޓުން ބޭރުގައި ހުރީ ރަޒީން އެވެ.
"އެއްވެސް ވާހަކައެއް ނުދައްކާތި މި ގަޑީގަ، މިކަމުގެ ޒިންމާ ނަގަންވާނެކަން ދަންނާތި." އަތުގެ އިޝާރާތުން އިންޒާރެއް ޖަހާފައި އިއާންވެސް ގޮސް އެރީ އޭނަގެ އަމިއްލަ ސައިކަލަށެވެ.
ވިއްސާރަ ވާން އުޅޭކަމުގެ އަސަރާއެކުވެގެން ޖެހޭވައިރޯޅިތައް ވަރަށް ފިންޏެވެ. އެ ވަޔައި އިދިކޮޅަށް ޖީއެން ސައިކަލް ދުއްވާލިއިރު، އިއާންގެ މޫނުމަތީގައި ހުރީ ފުން ހިނިތުންވުމެކެވެ. ލޮލުގައި ހުރީ އާދަޔާ ޚިލާފު ޝައުގަކާއި ޔަގީންކަމެއްގެ އަސަރެވެ. ކަނޑުއަޑީގައި ރަންފޮށްޓެއްހުރިތަން އެނގުނު ހަމައެކަނި މީހާއަށްވުމުން ލިބިފަ ހުންނަ ކަހަލަ ފޮނި އުފަލެއްގެ އަސަރު އިއާންގެ މުޅި ހަށިގަނޑުގައި ދައުރު ކުރެއެވެ.
ހިނިތުންވެގެން އިނދެ ސައިކަލް ދުއްވަމުން ދިޔައިރު ގަޔަށް އެޅިފައިހުރި އައިސް ޖޫހުގެ ސަބަބުން ހަށިގަނޑަށް އާދަޔާ ޚިލާފު ފިންޏެއްގެ އަސަރު ކުރެއެވެ.
** ** ** **
އިއާން ގޮސް ގެޔަށްވަން ވަގުތު ޖެހެވުނީ، ބޭރަށް ދާން ނުކުމެ ނުކުމެ ތިބި މަންމައާއި ބައްޕަ ކުރިމައްޗަށެވެ. މަންމައާއި ބައްޕަގެ މޫނުމައްޗަށް އެރި ހައިރާންކަމަށް އަޅާވެސް ނުލާ އިއާން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. އިއާން ގޮސް އޮބާލަންދެން ބަލަން ތިބި ދެމަފިރިންގެ ތެރެއިން އާލިޔާގެ މޫނަށް ހިނިތުންވުމެއްގެ އަސަރު ވެރިވިއެވެ. މިތަންފެނި، ވީކީއްހޭ އަހާލާ ކަހަލަ ގޮތަކަށް ރިޒްވީ ބުމަ އަރުވާލިއެވެ.
"އޯވހ... ރިޒްވީ އަކަށް ނޭނގޭނެ އެކަހަލަ ކަންތައް..." އިނގިރޭސި ބަހުން މިހެން ޖަވާބު ދީފައި، ބޫޓް ހަރުގަނޑުން ރިޒްވީ އާއި އާލިޔާ އަރަންވީ ބޫޓް ނަގަން އުޅެގަތެވެ.
** ** ** **
"ބުނެބަލަ، ޔާނާ ތީ މަގޭ ބެސްޓްފްރެންޑްތަ ނޫނީ އޭނަގެތަ ؟" ރަޒީން އާއި އިއާންއަށް ނުފެނުނު ނަމަވެސް ޔާނާ އާއި އީމާ ތިބީ ސިޓްރަން ރެސްޓޯރެންޓް ކުރިމަތީގައި އޮންނަ ކުޑަކުދިންގެ ޕާކްތެރޭގައި ހުރި ޖޯލިފައްޗެއްގައެވެ.
"ދެން އަޅޭ، އީމާއަށް ރަނގަޅަކަށް ނޫންތަ އަހަރެން މިހުރިހާ ކަމެއް ކުރީ." އީމާއަށް ވިސްނައިދެވޭތޯ ޔާނާ ބުންޏެވެ.
"އަހަންނަށް ކޮން ރަނގަޅެއް، ޔާނާ ބޭނުންވަނީ އަހަންނަށް އެވަރުކޮށްލި މީހަކާ ވެސް އަދިވެސް އަހަރެން ވާހަކަ ދައްކަންތަ؟ އެހާ އަވަހަށް ހަނދާންނެތުނީތަ އޭނަ ކަންކުރިގޮތް، ޝިއުނާ ވަރިކުރިޔަސް އެއީ ޝިއުނާގެ ދަރިފުޅުގެ ބައްޕަ...." އީމާ ހުރީ ޔާނާ ކަންތައް ކުރިގޮތުން ވަރަށް ހިތްހަމަ ނުޖެހިފައެވެ.
"ދެން ތިހެންވިއްޔާ ކީއްވެ ނަދީމް ދޫކޮށްލީ، ކީއްވެ ފާތިހް އާއި ރައްޓެހި ނުވީ، ކީއްވެ ސިމްބެ އާއި ރައްޓެހި ނުވީ، ކީއްވެ ނާނު އެވަރުން އުޅޭއިރު ވެސް އީމާއަށް ވާހަކަ ނުދެއްކުނީ، އީމާ ބޭނުންއެބަވޭތަ އިއާން ނޫން މީހަކާ ވާހަކަ ދައްކަން..." ޔާނާ ވެސް އިނީ ސީރިއަސް ވެފައެވެ.
"އަހަރެން ބުނިންތަ އެއްފަހަރު ވެސް އޭނައާ ވާހަކަ ދައްކާހިތުންނޭ މި އުޅެނީ؟" އީމާ ހަމަ ވަގުތުން ރައްދު ދިނެވެ.
"ބުނަން ޖެހޭތަ އީމާ، އަހަންނަށްވުރެ ރަނގަޅަށް އީމާ އެނގޭނެތަ އެހެން މީހަކަށް؟ އެންމެ ރަނގަޅު، އީމާ ފަހަތުން އާދޭސްކޮށްކޮށްފަ އުޅުނު އެއްވެސް މީހަކާ ވާހަކަ ނުދެއްކީ ކީއްވެ؟" ޔާނާ ބޭނުންވަނީ އީމާގެ ޖަވާބެއް އަޑުއަހަން ކަހަލައެވެ.
"އެއީ.....އަހަންނަކަށް ނޭނގެ، އަހަރެން ވާހަކަ ދައްކަން ބޭނުން ނުވަނީ." ޔާނާގެ ސުވާލަށް ޖަވާބެއް ދިނުމުގެ ކުރިން އީމާ ޖެހުނީ ވިސްނާލާށެވެ.
"އެގްޒެކްޓްލީ، ޔޫ ޑޯން ނޯ، އެކަމަކު އޭނަ ނޫން މީހަކާ ދޭތެރޭ އީމާ ނުވިސްނާ، އެކަން އަހަންނަށް އެނގޭތީ މި ބުނަނީ." އީމާގެ އަތުގައި ހިފަހައްޓައިގެން އިނދެ އީމާއަށް ވިސްނައިދެވޭތޯ ޔާނާ އުޅުނެވެ. އީމާ އިތުރަކަށް އަނގަޔަކުން ނުބުންޏެވެ.
"އޭނަ ދެކެ ތިވަރަށް ރުޅިއަންނަނީ ވެސް ކަމެއްވެގެން، ރުޅީ ނާންނަންޏާ މަޢާފް ކުރަންވީނު އޭނައަށް، އޭރަށް އޭނަ މަތިން ހަނދާން ނައްތާލެވޭނީ ވެސް، އެހެން ނޫނީ އަބަދުވެސް ހިތުގައި ރިހޭނެ، އޭނައާއި ދޭތެރޭ އެކަހަލަ ޝައުގެއް ނެތިއްޔާ އޭނައަށް މަޢާފް ކޮށްފީމޭ އޭނަ ކައިރީ ބުނެބަލަ، އޭރަށް ދެން އޭނަ ނައަންނާނެ އީމާ ފަހަތަކުން، އޭރަށް ޔޫ އޯލްސޯ ކޭން މޫވް އޮން، އިފް ޔޫ އާ ނޮޓް އިންޓަރެސްޓެޑް ޓު ހިމް، އޭނައާއި ލައިކް ނުވާކަމަށްވަންޏާ މިހެން ހަދަންވީނު..." ޔާނާގެ އެވާހަކަތައް އީމާއަށް ގަބޫލުކުރެވުނީ ވަރަށް ފަސޭހައިންނެވެ. އެއީ ތެދެއްކަން ހިތުގެ އަޑިން އީމާ ގަބޫލުކުރިއެވެ.
"ގިނަ މީހުންނާ ރައްޓެހިވީމަ އެބަހުރި ދޯ ލައްކަ ފިލާވަޅު ދަސްވެފަ؟" ޔާނާގެ ބުއްދިވެރި ވާހަކަތަކަށް އެއްބަސްވުމުގެ ބަދަލުގައި އީމާ ދިމާކޮށްލީ ޔާނާއާއެވެ.
"އެފަކީރު ކިހާ ދެރަވާނެ މިރޭ..." ވިސްނާލަން އިނދެފައި ޔާނާ ބުނެލިއެވެ.
"ކާކުތަ؟" އީމާ ހަނދާނެއް ނެތެވެ.
"ކާކުތަ؟ އިއާން..." ތަންކޮޅެއް ބާރަށް ޔާނާ ބުނެލިއެވެ.
އީމާއަށް އެއްޗެއް ނުބުނެވުނެވެ. ގުދުވެ އަމިއްލަ ދެކަކޫމަތީ ދަތްދޮޅި އަޅުވާލައިގެން ފައިތިލައިގައި ހުރި ފައިވާނުގެ ވަދާ ކުޅެން އިނީއެވެ. އޭނަގެ އަމިއްލަ ހިތުގެ ސިއްރު ޔާނާއަށް އެނގެން އީމާ ބޭނުން ނުވެއެވެ.
ނުނިމޭ