21 Jun 2018

ޔާރާ އަހާނުހޭ

By: Mariyam Yasma

* ޖޫން 18 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ކްރަޗްގެ އެހީގައި ހިނގާފައި ގޮސް ކޮރިޑޯގެ ކޮޅުން ބެލްކަންޏަށް އެނިކުންނަނީ ދާނިޔަލް އެވެ. ފިނިވެފައިވާ އަތްތިލަ މުށްކަވާލައިގެން ސަޖަން އެމަންޒަރު ބަލަން ހުއްޓެވެ. އޭނަގެ ދެފައި ހަރަކާތް ކުރަން ފެށުމާއެކު ހިނގަން ފެށުނީ އެދިމާއަށެވެ. ސަޖަން ގޮސް ބެލްކަންޏަށް ނިކުތްއިރު ދާނިޔަލް އެތާހުރި ބީޗް ގޮނޑިއެއްގައި ހަށިގަނޑު ދަމާލައިގެން މަތި ބަލަން އޮތެވެ. ކްރަޗް ލައްކޮށްލާފައި ހުރީ ގޮނޑީގެ ފައިލާކޮޅުގަ އެވެ.

"މި ދޯ ބޭރަށް ނިކުންނަ ގަޑިއަކީ؟" ސަޖަން ވާހަކަދެއްކި އަޑަށް ދާނިޔަލް ސިހިފައި ބަލައިލި އެވެ.

ޖެހިލުމެއްނެތި ސަޖަން ގޮސް ދާދި ކައިރީގައި ހުރި އަނެއް ގޮނޑީގައި ދާނިޔަލްއާ ކުރިމަތި ލައިގެން އިށީނދެލި އެވެ.

"އެހެންމީހުންނަށް ތިގޮތަށް ފެނުނީމަ ލަދުގަންނަނީތަ އެންމެން ނިދީމަ ތިނިކުންނަނީ؟" ސަޖަން ކޮށްލި ސުވާލުން ދާނިޔަލްގެ ސަމާލުކަން ލިބުނެވެ.

ޖަވާބުނުދީ ދާނިޔަލް އެތޫނު ލޮލުން ބަލަން އިންގޮތުން ސަޖަން ލަދުގަތެވެ. އެސުވާލު ކުރެވުނު މޮޔަ ހިތަށް އެރި އެވެ. ތިމާއާ ނުބެހޭ ކަންތަކުގެ ތެރެއަށް ފުންމައިލީތީ ހިތާހިތުން އަމިއްލަ ނަފްސަށް އަޑުލި އެވެ.

"ދާނިޔަލް އެކަނި އޮންނަން ބޭނުންވަންޏާ އަހަރެން އުދަނގުލެއް ނުކުރާނަން." ސަޖަން ރަކިވެގެން ދާން ތެދުވެފައި ބުނެލި އެވެ.

"ސަޖަން ބޭނުން އިރަކު މިތާ އޮންނަންވީ. އިޓް ވޯން ބޯދާ މީ." ހިނގައިގަތުމުގެ ކުރިން ދެފައި ހުއްޓުވައިލީ ދާނިޔަލް ދިން ޖަވާބެވެ. ސަޖަންއަށް ޤަބޫލު ނުކުރެވިފައި އެމޫނަށް ބަލައިލެވުނެވެ.

ދާނިޔަލްގެ ފަރާތުން ދައުވަތަކާއި އެންމެ ގާތްކުރާކަށް ލިބޭނެ އެއްޗަކީ އެއީ ކަމަށް ބަލާފައި ސަޖަން އަނެއްކާ އިށީނދެލި އެވެ. ދެފައި ނަގައި ގޮނޑީގައި ހަށިގަނޑު ދަމާލި އެވެ. ތުންފަތުގައި ބާރު ނުފޯރުވުނު ލުއި ހިނިތުންވުމެއް ފެތުރިފައި ވި އެވެ.

"ގާތްގަނޑަކަށް ހަނދާންނެތިފަ ހުއްޓާ އުޑާއި ތަރިތަކާ ދިމާއަށް އަލުން ބަލައިލަން މިލިބުނީ." ދާނިޔަލް ބުނެލި އަޑު އިވުނެވެ.

އެވަގުތު ސަޖަންގެ މެއަށް ހީވީ ފިނި ފެންއެއްޗެއް އަޅައިލެވުނު ހެންނެވެ. އަމިއްލަ ނަފްސް ކޮންޓްރޯލް ނުވެގެން އެދިމާއަށް ބަލައިލެވުނެވެ. ޒުލޭޚާގެ ފަރާތުން ދާނިޔަލް ތަހައްމަލު ކުރި ގިނަ ކަންތަކާއި އުޅުނު ގޮތް އޭނައަށް ވަނީ، އެގޭގެ ދެން އުޅޭ އެހެން މީހަކަށް އޮޅުންނުފިލާވަރަށް އޮޅުންފިލައިފަ އެވެ. އެކަމަކު މިރޭ ދާނިޔަލް އެބުނި ވާހަކައިން ދާދި ގާތުން އެކަން އިހްސާސް ކުރެވުނެވެ. ތެދުވެގެން ގޮސް މަގަތުގައި އިށީންދެ ދާނިޔަލްގެ އަތުގައި ހިފާ އެކުގައި ވާކަން އަންގަން އެހާ ބޭނުންވި ވަގުތެއް ނާދެ އެވެ.

ދާނިޔަލް އުޑުން ނަޒަރު ވަކިކޮށްނުލައި އެއޮތް ގޮތަށް އޮތުމުން ސަޖަން ވެސް އަނބުރާ އެދިމާއަށް ލޯ ހުއްޓާލައިފި އެވެ. ދާނިޔަލްގެ ހިތުގެ އުދާސްތައް އެއްވެސް މީހެއްގެ ކުރިމަތީ ހިއްސާކުރާނަމަ އެއީ ހެޔޮފާލެކެވެ.

"އައިމް ސޮރީ." ސަޖަންއަށް އިތުރަށް ނޯވެވިގެން ބުނެލި އެވެ. ދާނިޔަލްއަށް ދިމާވި ހާދިސާއާމެދު އޭނަވެސް ދެރަވިކަން އަންގަން އެއަށްވުރެ މުހިންމު އެހެން ވަގުތެއް ނުފެނުނެވެ. މިއޮތް ހުރިހާ ދާނިޔަލް ހީކޮށްގެން ހުރީ އޭނަ އަޅައިނުލާނެ ކަމަށް ނޫންކަމެއް ވެސް ނޭނގެ އެވެ. ހަޔާތުގެ ބާކީބައި އެކުގައި ހޭދަ ކުރަން އެއްބަސްނުވިއަސް އިންސާނިއްޔަތު ކަމުގެ ގުޅުން އެދެމެދުގައި އަބަދަށް ދެމިއޮންނާނެ އެވެ.

"ލައިކް އައި ސެޑް. އިޓްސް ނޮޓް ޔޯ ފޯލްޓް." ދާނިޔަލް ޖަވާބުދިނީ އުޑަށް ބަލަން އޮވެ އެވެ.

ސަޖަންއަށް އެކަން އެނގުނީ ޖަވާބުދިންއިރު ބަލަން އޮތީމައެވެ. ސަޖަން ދެން ބުނަން އޮތް ވާހަކައަށް ތައްޔާރުވުމުގެ ގޮތުން ދެއަތް ދެއަތާއި އުނގުޅާލައި ފުން ނޭވައެއް ދޫކޮށްލި އެވެ. އޮށޯވެ ނޯވެވިގެން ތެދުވެ އިށީނދެލި އެވެ.

"އެހެންވެއެއް ނޫން. ދާނިޔަލްގެ ހިތް ހަލާކުކޮށްލެވުނީމަ." ސަޖަންގެ އެވާހައާއެކު ދާނިޔަލްގެ ނަޒަރު މޫނަށް ހުއްޓުނުކަން އިހްސާސްވި އެވެ. ސަޖަންއަށް ބަލަން ނުކެރިގެން ނަޒަރު ބެހެއްޓީ ތިރިއަށެވެ.

"އިޓްސް ނޮޓް ޔޫ. އިޓްސް މީ. އަހަރެން ބޭނުމެއް ނުވޭ އެކަކާއި ވެސް އިންނާކަށް. އައި ހޭވް މައި ރީޒަންސް..." ސަޖަން ކުރިއަށް ގެންދިޔަ އެވެ. ދާނިޔަލް އަހައިފިނަމަ އެސަބަބުތައް ކިޔައިދެވޭނެ ފަދަ ވަގުތުކޮޅެކެވެ.

"އޯކޭ..." ދާނިޔަލް ވައިއަޑަކުން އިއްވައިލި އެވެ.

ސަޖަން އުންމީދުކުރި ފަދަ ޖަވާބަކަށް ނުވުމުން ކުއްލިއަކަށް ބަލައިލެވުނެވެ. ދާނިޔަލް އޭނައާ ނަޒަރު ބައްދަލުކޮށްގެން ހުރީ ސިކުންތުކޮޅަކަށެވެ. ދެން ދާދި އަވަހަށް މަތި ބަލަން ފަށައިފި އެވެ. ދެން އައީ ހިމޭން ކަމުގެ ޤަރުނެއްފަދަ އެވެ. ދާނިޔަލް އިތުރު ވާހަކައެއް ނުފެށުމުން ސަޖަންއަކަށް ވެސް ދައްކާނެ ވާހަކައެއް ނޭނގުނެވެ.

"ގުޑްނައިޓް." ސަޖަން ތެދުވަމުން ބުނެލި އެވެ. ދާނިޔަލް ފަހު ފަހަރަށް އެމޫނަށް ބަލާލައިފައި ޖަވާބު ދިނުމުން ސަޖަންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އެމޫނުން ގައިމުވެސް ހިތްހަމަނުޖެހުމުގެ އަސަރެއް ފައުޅުވާކަށް ނެތެވެ. ލުއި ހިނިތުންވުމެއް ވެރިކޮށްލާފައި އޭނަ ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފައި ވިސްނަން މަޑުކޮށްލެވުނެވެ. ދާނިޔަލްއާ އޭނަގެ މެދުގައި ނުސާފުވެފައިވާ ވައި ނުސާފުވުމުން ބޮލުން ބަރެއް ނެގުނުފަދަ އެވެ.

ޖެހިގެން އައި ދުވަހު އާދައިގެ މަތިން ދާނިޔަލް ގޭތެރެއަކުން ނުފެނެ އެވެ. ސަޖަން އުޅުނީ ހެނދުނުއްސުރެ ކޮލެޖްގަ އެވެ. ގެއަށް އައުމުގެ ކުރިން އައިރާގެ އެދުމަށް ކުޑަ ވަގުތުކޮޅަކަށް އެގެއަށް ދިޔަ އެވެ. އައިރާއަށް އުފަންދުވަހު ލިބުނު ހަދިޔާ ތަކުން ބޭނުން ނުކުރެވޭ ބައެއް އެއްޗެހި ސަޖަންއަށް ދިނެވެ. ސަޖަން ގަބޫލު ނުކުރަން ވަރަށް އުޅުނެވެ. އެކަމަކު އެންމެފަހުން ނިމުނީ އެއްބަސްވެގެންނެވެ.

ގެއަށް އައިސް ކާން އިންދާ ރާބިއާ ދާނިޔަލްގެ ކާއެއްޗެހި ގެންދަން އުޅޭތަން ފެނިގެން ސުވާލުކުރި އެވެ. ރާބިއަ ބުނީ ދާނިޔަލް މެންދުރު ނިދާލައިފައި ތެދުވުމުން ކެއުން ލަސްވީ ކަމަށެވެ. ސަޖަން ބޯ ޖަހާލައިފައި ރާބިއާ ދިއުމުގެ ހުއްދަ ދިނެވެ.

ފިލާވަޅު ހަދަން ގިނައިރު އިނުމުން ސަޖަން ނިދި ފިލާފައި ހުރި ރެއެކެވެ. ނިދަން އުޅެ ލޮލަށް ނިންޖެއް ނައެވެ. ގަޑި ބެލިއިރު އެކެއްޖަހަން ދަނީ އެވެ. ރަޖާ ނަގައި ނޭފަތާއި ހަމައިން ހިފަހައްޓާލައިގެން އޮތްވާ ކަމެއް ހަނދާންވި އެވެ. ސަޖަން ރަޖާ އެއްލާލައިފައި ފުންމައިގެން ތެދުވިގޮތަށް ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. ގައިގަ ނުޖެހޭ ވަރަށް ހުރި އަތްދިގު ޓީޝާޓް ފަލަ މަސްގަނޑާ ހަމައަށް ހުއްޓެވެ. ތިރިން ދޫ ހަރުވާޅެއް ލައިފައި އިސްތަށިގަނޑު އޮތީ ދޫކޮށްލެވިފަ އެވެ. ސަޖަން ހުޅި ޖަހާފައި ކުޑަ ބުރުގާއެއް ނަގައި ބޮލަށް މަހާލުމަށްފަހު ދެވަނަ ފަހަރަށް ލޯގަނޑަށް ނަޒަރެއް ދިނެވެ. ބުރުގާ ބަދަލު ކޮށް ޝޯލްއެއް އޮޅަން އުޅެފައި ދެކޮޅު ހެދީ ހިތެވެ.

އެވަރުން ދާއިރު މަސައްކަތް ބޭކާރުވެއްޖެއްޔާ ވަގުތު ވެސް ބޭކާރުވީ ކަމުގައި ގަބޫލު ކުރެވުނެވެ. ދެފިކުރެއްގައި ހުރެފައި ސަޖަން ނިކުތީ ކުޑަ ބުރުގާއެއް އަޅައިގެންނެވެ. މޭމަތި ނިވާވެފައި ހުރެފައި ޓީޝާޓް ދޫވުމުން ހިތްހަމަޖެހުން އޮތެވެ. ނިކުމެ ކޮރިޑޯގެ ކޮޅަށް ނަޒަރު ހިންގާލިއިރު އެތާ މީހަކު އޮތްކަން އެނގޭކަށް ނެތެވެ. ސަޖަން ނިކަން މަޑުމަޑުން ހިނގާލައިފައި ގޮސް ލައުންޖް ގޮނޑިތަކަށް ބަލާލައިފައި އެތަން ހުހަށް އޮތުމުން އަނގައަށް ގޮތެއް ހަދައިލެވުނެވެ.

އަންނަން ވެގެން އަނެއްފަރާތަށް އެނބުރެން އުޅެފައި ކުއްލިއަކަށް ޝައްކެއް ވެގެން ބަލައިލެވުނީ ރެއިލިންއާ ދިމާއަށެވެ. އެވަގުތު މެއަށް ފިނިވެގެން އައެވެ. ރެއިލިންގައި ދެއަތުން ހިފާލައިގެން ކުޑަކޮށް މަގަތަށް އެނބުރި ބަލަން ހުރީ ދާނިޔަލް އެވެ. ދާނިޔަލްއަށް އޭނަ ކުރި ކަންތައް އެނގިއްޖެކަން އެނގުމުން ކަންބޮޑުވާން ހަނދާން ނެތުނީ ދާނިޔަލް ކޮޅަށް ހުއްޓާ ފެނުނީމަ އެވެ.

"ވާއު. ހިއެއްނުކުރަން ދެން ދުވަހަކުވެސް ތިހެން ކޮޅަށް ހުއްޓާ ފެނިދާނެ ކަމަކަށް." ސަޖަންއަށް ނުހިފޭއްޓެނީސް އަނގައިން އެބަސްތައް ނިކުތެވެ. "ޝިޓް." ދެވަނަ ސިކުންތުގައި އޭނަ އަށް އަޅައިލެވުނީ އަނގަމަތީގަ އެވެ.

"ސޯ ސޮރީ. އަހަރެން މިމާނަކުރީ ގޯސް ގޮތަކަށް ނޫން... އަހަރެން މިބުނި އެއްޗަކީ..." ސަޖަން އަވަސްއަވަހަށް އޮޅުންފިލުވަދޭން ވެގެން ބުނާނެ ގޮތެއް ނޭނގިގެން އުޅެނިކޮށް ދާނިޔަލްގެ ބަރު ހުނުމުގެ އަޑު އަހާފައި ގައިން ހީބިހި ނަގައިގަތެވެ.

އިޚުތިޔާރެއްނެތި އެމޫނަށް ބަލައިލެވުނެވެ. ކުރީގެ ދާނިޔަލް އަކީ އަބަދު ހެވިފައި ސަމާސަ މޫޑެއްގައި އުޅުނު މީހެކެވެ. އެކަމަކު މިހާރު ދާނިޔަލް ހީލުން ކީއްކުރަން، ހިނިތުންވެލާތަން ފެންނާނީ ވެސް ނަސީބުވެރިއަކަށެވެ.

ސަޖަންގެ ހިތަށް އެއަޑުން ފިނިކަމެއް ގެނެސްދިންއިރު އެމަންޒަރުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވި އެވެ.

"ޓެކްނިކަލީ ބުނަންޏަ އައިމް ހޯލްޑިން އޮންޓު ދިސް ރެއިލިން ފޯ ޑިއާ ލައިފް." ދާނިޔަލް ސަމާސަ ރާގެއްގައި ވާހަކަދެއްކިއެވެ.

ސަޖަންއަށް ރޭކައިލިއިރު ގޮސް ހުރެވުނީ ދާނިޔަލްގެ ދާދި ކައިރީގަ އެވެ. އެކަން އިހްސާސްވުމުން ނުތަނަވަސްކަން ފޮރުވާލަން ވެގެން ދާނިޔަލް ފަދައިން ރެއިލިންގައި ދެއަތުން ހިފާލައިގެން ހުރެ ދުރު ބަލަން ފެށި އެވެ. ދެމީހުން ކުރެ އެކަކު ވެސް އިތުރު ވާހަކައެއް ނުދައްކާ އިރުކޮޅެއް ވަންދެން ތިއްބެވެ.

"ދާނިޔަލް ވަރުބަލިވަންޏާ އިށީންނަން ދާންވީނު." ހިމޭންކަން ނަގައިލީ ސަޖަންގެ އަޑުންނެވެ.

ދާނިޔަލް އެވަގުތު ބޯޖަހާލައިފައި އަތްފޯރާ ހިސާބުގައި ހުރި ކްރަޗް ނަގަނިކޮށް ވީގޮތަކުން ނުހިފޭއްޓި ވެއްޓުނީ ތިރިއަށެވެ. ކްރަޗް އިން ދެމީހުންގެ ނަޒަރު ވެސް ހުއްޓުނީ އެކަކު އަނެކަކުގެ މޫނަށެވެ. ސަޖަން ގުދުވެލާފައި ކްރަޗް ނަގައި ކޮޅަށް ބަހައްޓާފައި ބަލައިލިއިރު ދާނިޔަލް ތިރީ ތުންފަތުގައި ދަތް އަޅައިލިތަން ފެނުނެވެ. އެގޮތަށް ނިކަމެތިވެފައި އެހެންމީހުންގެ އެހީއަށް ބޭނުންވެފައި ވަނިކޮށް ފެނުމުން ދާނިޔަލް ލަދުގެން ކަން ސަޖަންއަށް އެނގުނެވެ. އެއިހްސާސް އޭނައަށް ވަރަށް ރަނގަޅަށް އެނގުނެވެ. ދާނިޔަލްގެ މަޤާމުގައި އޭނަ ހުރި ނަމަވެސް ވާނީ އެހެންނެވެ.

ސަޖަން ކްރަޗް ދިއްކޮށްލުމުން ދާނިޔަލް އޭގައި ހިފިއިރު ދެމީހުންގެ އިނގިލިތައް ބީހިލި އެވެ. ސަޖަންގެ މެއަށް ފިނިވެލީ މުޅިން އެހެން ގޮތަކަށެވެ. އޭނައަށް އުދަނގޫ ގޮތަކަށް ހިންދިރުވައިލެވުނެވެ. އެކަމަކު އޭނައަށް އެވީގޮތް ދާނިޔަލްއަށް ވީކަމެއ ނޭނގެ އެވެ. އެމޫނުން އެއްވެސް ތަފާތު ކަމެއް ނުފެނެ އެވެ.

ދާނިޔަލް ކްރަޗްގެ އެހީގައި ހިނގާފައި ދިޔައިރު އެނުކުޅެދުންތެރިކަމާއި އެކުވެސް ހިތްގައިމުގޮތެއް ހުރި ކަމުގައި ސަޖަންއަށް ޤަބޫލު ކުރެވުނެވެ. އޭނަ ފަހަތުގައި ބަލަން ހުރެފައި ގޮސް އިށީނދެލީ ދާނިޔަލް ގޮނޑީގައި އޮށޯވެ ދިގު ދަމައިލީމަ އެވެ.

"ދުވަހަކުވެސް ޝޫޓިން ސްޓާއެއް ފެނުނުތަ؟" ތަރިތަކަށް ބަލަން ތިބެތިބެފައި ވާހަކަ ފެށީ ސަޖަން އެވެ.

ދާނިޔަލްގެ ނަޒަރު އެމޫނަށް ހުއްޓުނުކަން އިހްސާސް ވުމާއެކު ސަޖަންވެސް ބަލައިލި އެވެ. އޭނަ ޝައުޤުވެރިކަމާއެކު ބުމަ އަރުވައިލުމުން ދާނިޔަލް ބޯޖަހައިލި އެވެ. ސަޖަން ކުޑަކުއްޖެއްހެން ތުންކޮޅު އޫކޮށްލައިފައި މައްޗަށް ބަލައިލުމުން ދާނިޔަލް އެމޫނަށް ބަލަން އޮތެވެ. ޅަކުއްޖަކު ޝަކުވާ ކުރާހެން ސަޖަން ބުނެލީ ދުވަހަކުވެސް އެނަސީބު ލިބިފައި ނުވާ ވާހަކަ އެވެ. ދާނިޔަލްއަށް ސަޖަންގެ މިވާހަކައިން ހިނިތުންވެލެވުނެވެ.

އިތުރު ވާހަކައެއްނުދައްކައި ތިބެފައި އެރޭ ވެސް ފުރަތަމަ ދާން ތެދުވީ ސަޖަން އެވެ. ދެމީހުން އެކަކު އަނެކަކަށް ރޭގަނޑުގެ ސަލާމް އިއްވާލައިފައި ސަޖަން ވަދެ ނިދަން އޮށޯތެވެ. ދާދި ފަސޭހައި އެރޭ އޭނައަށް ނިދުނެވެ.

***

ހެނދުނު ކޮލެޖަށް ދާން ތައްޔާރުވެގެން ސަޖަން އައިސް ވަންއިރު ސައިމޭޒު ދޮށުން ދެތިން މީހަކު ވާހަކަދައްކާ އަޑު އިވުނެވެ. ވަގުތުކޮޅެއް އޮތުމުން ސައިތައްޓެއް ބޯލަން ނިންމައިގެން ގޮސް އެތެރެއަށް ވަދެވުމާއެކު ދެފައި ހަރުލީ ބިމުގަ އެވެ. މޭޒު ދޮށުގައި ތިބި ޝަކީލްއާ ޒުލޭޚާގެ ކައިރީގައި ދާނިޔަލް އިނީ ހެނދުނުގެ ނާސްތާ ކުރަން އިށީންދެގެންނެވެ.

ދޮރުމަތިން ފިޔަވަޅުގެ އަޑު އިވުމުން އެވަގުތު ދާނިޔަލްގެ ނަޒަރު ވެސް އެދިމާއަށް އުފުލުނެވެ. ސަޖަން ނުތަނަވަސްވެފައި ދާނިޔަލްއާ ހަތަރުކަޅި ހަމަނުވަނީސް ގޮސް އުނދުން ކައިރިއަށް ހުއްޓުނެވެ. އޭނަ ޖެހިލުންވީ މަންމައާއި ބައްޕަގެ ކުރިމަތީގައި ދާނިޔަލް އޭނަ ފެނުމުން އަޅައިނުލައިފާނެތީ އެވެ. ފާއިތުވި ދެތިން ރޭގެ ބައްދަލުވުމުން އެދެމެދުގައި އޮތް ގުޅުމަށް ބަދަލެއް އައިކަމަށް ހީވެފައި އޮތީ ހަމައެކަނި އޭނައަށް ކަމުގައި އެއިރުން ސާބިތުވެދާނެ އެވެ. ސަޖަން ޖެހިލުންވީ ދާނިޔަލް ފަރުވާކުޑަ ލޮލަކުން ބަލާލައިފިނަމަ އޭނައަށް އެކަން ބަލައިގަތުން ފަސޭހަ ނުވެދާނެތީ އެވެ.

"ސަޖަން ވެސް އާދޭ އަހަރުމެންނާއި ބައިވެރިވާން! އަދި ވަގުތުކޮޅެއް އެބައޮތެއްނު." ޝަކީލް އަތުކުރީ ގަޑިއަށް ނަޒަރެއް ދީފައި ބުނެލި އެވެ.

ޝަކީލް އެދުމުން ސަޖަންއަށް ދެކޮޅު ހަދާނެ ހިތްވަރެއް ނުލިބުނެވެ. ބޯޖަހައިލާފައި ސައިތަށި ހިފައިގެން އައިސް ގޮނޑިއެއް ދަމާލައިގެން އިށީންދެއްޖެ އެވެ. ދާނިޔަލް މޭޒު ކޮޅުގައި އިނުމުން ދެމީހުން ތިބީ އެކަކު އަނެކަކުގެ މޫނު ފެންނަ ގޮތަށެވެ. ސަޖަން ސައިތަށިން ރަހަ ބަލާލައިފައި ހިމޭނުން އިނދެގެން ކާން ފެށި އެވެ. ދާނިޔަލްގެ ނަޒަރު އެމޫނަށް ހުރިހެން ހީވެފައި އިންނަތާ އިރުކޮޅަކުން އެސްފިޔަތައް އުފުލާލި އެވެ. އެވަގުތު ދާނިޔަލް ހިނިތުންވުމެއް ވެރިކޮށްލި އެވެ.

ސަޖަންގެ މޫނު މޫނު ދިއްލިގެން އައުމާއެކު ޖަވާބުގައި ހިނިތުންވެލި އެވެ. ދާނިޔަލް ބަލަން އިނދެފައި ކޮފީ ޖޯޑު ނެގުމުން އޭނަ ވެސް ހިނިތުންވުން ފުހެލަން ބޭނުންވި އެވެ. އެކަމަކު އެހިނިތުން ހީވަނީ ތަތްކޮށްފައި އިން އެއްޗެއް ހެންނެވެ. ސަޖަން ރަކިވެސް ވި އެވެ. ތުންފަތުގައި ދަތް އަޅާލައިފައި އޭނަ އަނެއްކާ ވެސް ސައިތަށި ނަގައި އޭގެ ތުންވަރީން ނިވާކަން ހޯދި އެވެ.

"ސަޖަން ކައިރީ ކަމަކު އެދެންވެފަ އެބައޮތް." ދާނިޔަލް އިރުކޮޅަކުން ބުނެލި އެވެ. -- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޔާރާ އަހާނުހޭ

Popular