13 Aug 2019

މި ދެ ހިތް ގުޅުނޭ

އޭގެ ފަހުން ފާއިތުވި ކޮންމެ ވަގުތުކޮޅެއްގައި އެ ކޮޓަރި ތެރެއިން ރުއިމުގެ އަޑު ކެނޑިގެން ނުދިޔައެވެ، ވަފިއްޔާ ހެދުމުގައި ހިފަހައްޓާލައިގެން ހުރި އަޒާން އަށް ތުއްތު އިރު މަންމަ ވަކިވެ ދިޔަކަން ނޭނގުނަސް ހުރީ ދެރަވެފައެވެ.

ދުރުގައި ޑޮކްޓަރާއި ވާހަކަ ދައްކަން ހުރި އަޔާމީންގެ ދެލޮލުން ކަރުނަ ހިލުނެވެ. ޑޮކްޓަރު ދިއުމާއި އެކު އަޔާމީން އައިސް އަޒާން އުރާލިއެވެ.

***

ނިދަން އުޅެ ނުނިދިގެން ދާނިޔާ ތެދުވެ އިށީނެވެ. ޒޯހާގެ ގޮދަނޑީގައި ގޮސް އިށީދެ ބަލަން ފެށީ ނިދިފައި އޮތް ޒޯހާއަށެވެ. އެ ދަރިންނާއި ވަކިވާންޖެހިދނެކަމުގެ ބިރުން އެ ހިތް ނުތަނަވަސްކުރަމުން ދިޔައެވެ. އެކުދިންނާއި އޮތް ގުޅުން ހީނަރުވެފައިވާކަން ދާނިޔާގެ ސިކުނޑި ޤަބޫލުކުރި ވަގުތުކޮޅަކީ އެއީއެވެ. ކުރިންނަމަ އެންމެ ކުޑަމިނުން އެކުދިންގެ ސްކޫލަށް ގެންދިއުމާއި ގެނައުމަކީވެސް އޭނާގެ ޒިންމާއެވެ. ރޮވެން އުޅޭހެން ހީވެ ޒޯހާގެ ނިތްކުރީގައި ބޮސް ދީފައި އޭނާ ހިނގައިގަތީ ދުރަށް ދާށެވެ.

ސިޓިންރޫމްގެ ސޯފާގައި އޮށޯތެވެ. ފޯނަށް ބަލާލިއެވެ. މެންދަމުން އަލިވެ ދޭއްޖަހަނީއެވެ. ކޯޓަށް ދާން އޮތީ މާދަމާ ހެނދުނެވެ. ވަކީލެއް ހަމަޖައްސައިދެން ބުނިފަހުން އަދި އަޔާމީންގެ ޚަބަރެއްވެސް ނުވެއެވެ. އެއަށްވުރެ ބޮޑަށް އަޔާމީން ބިޒީވަނީ ރިންޒީގެ ކަންކަމުގައެވެ.

ރިންޒީގެ ހަށިގަނޑު ވަޅުލުމަށްފަހު އެތަނުން ނިކުމެވުނުއިރު ފަތިސްވާން ކައިރިވެއްޖެއެވެ. ދެން އޮތީ ކަށު ނަމާދު ކުރުމެވެ. ފަތިސް ނަމާދަށްފަހު ކަމަށްވާތީ އަޔާމީން އައީ ފެންވަރާލާށެވެ.

ހޮސްޕިޓަލުގައި ހުރި ރިންޒީގެ ދަބަހާއި ބައެއް އެއްޗެހި ގެނައީ އެ ރޫމް ހުސްކުރަންޖެހޭތީއެވެ. އެއީ ރިންޒީ ހުރި ހޮޓަލަށް ދިޔަ ދުވަހު އެތަނުން ދިން ދަބެހެވެ.

އޭގެފަހުން އެ ދަބަސް ހުޅުވައި ބަލައިވެސް ނުލައެވެ. ރޫމަށް އައިސް އެ ދަބަހުގައި އަތްލާ ހިތްވިއެވެ. ޒިބު ދަމާލުމާއި އެކު އޭގެ ތެރޭގައި އޮތް ފޯނު ފެނިފައި އޭރި ނަގައި ބަލައިލެވުނެވެ. ފޯނު އޮތީ ނިވިފައެވެ. ޗާރޖަރަށް ޖަހާފައި އަޔާމީން ވަނީ ފެންވަރާށެވެ.

ފެންވަރައިގެން ނިކުންއިރު ވަފިއްޔާ ލަސްވެގެން ގުޅައިފިއެވެ. އެހެންވެ ލަސްނުކޮށް ދިޔައީ ނަމާދުގައި ބައިވެރިވާށެވެ. ނަމާދަށްފަހު ވަފިއްޔާ ގެނެސް ގެއަށް ލާފައި އަޒާން ބެހެއްޓީ ވަފިއްޔާގެ ކައިރީގައެވެ. ރަށަށް ދާއިރު އަޒާން ގެންދިއުމުގެ ހުއްދައަށް ވަފިއްޔާ އެދުނެވެ. ރިންޒީ ނެތުމުގެ ފަޅުކަމާއި އެކަނިވެރިކަން ފިލުވުމުގައި އަޒާން ހުރުމުން ފުދޭނެތީ އަޔާމީން ދެކޮޅެއް ނުހަދައެވެ. ރިންޒީ މަރުވި ޚަބަރު ދާނިޔާއަށް އަޔާމީން ދިނީ އެގެއަށް ގޮހެވެ. ކޯޓަށް ދާ ގަޑި ކައިރިވާތީ އޭނާ އިނީ ކަންބޮޑުވެފައެވެ. އަޔާމީން އޭނާގެ އަތުގައި ހިފިއެވެ.

"ހިތްވަރުކުރޭ، ލީވާންގެ މަޤްސަދަކީ ދާނިޔާ އޭނާގެ ފައިބުޑަށް ވެއްޓި ރޮއި އާދޭސްކުރުން، އެހާ ބަލިކަށި މީހެއް ނޫން ދާނިޔާ އަކީ، އެކަނި އުޅެން ދާނިޔާއަށް ދަސްވެފައިވަނީ، ދާނިޔާ އުފުލާ ބުރަ އެކުދިންގެ ލޮލަށް ފެނިފައި ހުންނާނި، އެކުދިން ލޯބިވާނެ ދާނިޔާ ދެކެ، ދާނިޔާ އެކަނިކޮށެއް ނުލާނެ،. އެކަމަކު ދިއުމުގެ ކުރިން އެއްފަހަރު އެކުދިންނާއި ވާހަކަ ދައްކާލާ." އަޔާމީން އެދުނެވެ. މިއަދަކީ އަޔާމީންއަށްވެސް އުދަނގޫ ދުވަހެކެވެ. ހިތާމަވެރި ދުވަހެކެވެ. އެހެންވިއަސް އޭނާ އައިސް ހުރީ ދާނިޔާއަށްޓަކައެވެ.

ދާނިޔާ ކޮޓަރިއަށް ވަންއިރު ޒޯހާ އިނީ ކަތުރެއް ހިފައިގެންނެވެ. ޒޯހާގެ ނަމުން ގޮވާލުމުން އެ މަސައްކަތުގައި އިނދެފައި ވިއަސް ޒޯހާ ބަލައިލިއެވެ. ދާނިޔާ އައިސް އިށީނީ ޒޯހާގެ ކައިރީގައެވެ. ބޮލުގައި ފިރުމާލިއެވެ. ޒޯހާ ގެނެސް މޭގައި ޖައްސާލިއެވެ.

"މަންމަ އަބަދުވެސް ވަރަށް ލޯބިވޭ ދަރިފުޅު ދެކެ." އަޑު ނިކުތީ ތުރުތުރުލުމާއި އެކުގައެވެ. "މަންމައަށް ނޫޅެވޭނެ ތިކުދިންނާއި ދުރަކު، ކޮންމެ ހާލެއްގައިވެސް މަންމަ ދަރިފުޅުމެން ބަލާނަން، މި ހުރިހާ ދުވަހުވެސް ހުރިހާ ޒިންމާއެއް ނެގިގޮތަށް، ވަރަށް ބޮޑު ވާހަކައެއް މަންމަ ބުނަން ވެފައި އޮތީ، އެކަމަކު އަދި އެންމެ ރަނގަޅު ވަގުތު ނާންނާތީ ނުބުނެ މަޑުކުރީ، އެވާހަކަ މަންމަ ބުނާއިރު ދަރިފުޅު ވިސްނާތި، މަންމަ ބައްޕަ އާއި ވަކިވީ އެއީ މަންމަ އަށާއި ދަރިފުޅުމެންނަށް އެންމެ ރަނގަޅު ގޮތް ކަމުގައިވާތީ، އަދި އަޒާންގެ ބައްޕަ އާއި މެރީ ކުރަން އުޅެނީ އެއީވެސް އެންމެ ރަނގަޅު ގޮތް ކަމުގައިވާތީ،" ދާނިޔާ ހުއްޓާލިއެވެ. ދެލޮލުން ފައިބަން ފެށި ކަރުނަ އާއި އެކު އަރުބެދޭގޮތްވިއެވެ. ޒޯހާ އިނީ ހައިރާންވެފައެއް ނޫނެވެ. ހީވަނީ އެވާހަކަތައް އެކުއްޖާއަށް އެނގޭހެންނެވެ. އަޔާމިން އަބަދު އެގެއަށް އައިސް އުޅޭއިރު ނޭނގިއެއް ނުވެސް ހުންނާނެއެވެ.

"މަންމަ ކައިރީ އުޅޭއިރު ދަރިފުޅުމެން އުޅޭނީ އުފަލުގައި." ވަރަށް އުދަނގުލާއި އެކު ދާނިޔާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

"މަންމަ އާއި ދުރަށް ނުދައްޗޭ." ނޭފަތް ދަމާލާފައި ދާނިޔާ ބުނެލިއެވެ. ޒޯހާ ދެލޯ ބޮޑުކޮށްލީ ދެނެވެ. ދާނިޔާގެ އަތުތެރެއިން ދުރަށްޖެހިފައި އެ މޫނަށް ބަލައިލިއެވެ. ޒޯހާގެ އަތް ގެންގޮސް ދާނިޔާގެ މޫނުގައި ޖައްސާލިއެވެ. ލޮލާއި ހަމައިން އެކުއްޖާ ފިރުމައިލީ ކަރުނަތައް ފޮހެދޭ ގޮތަށެވެ. އޭގެފަހުން ދާނިޔާގެ ކަރުގައި ބައްދާލިއެވެ. ޒޯހާގެ ދުލުން ބަހެއް ނުބުނެއެވެ. ދާނިޔާ ރޯތީ އަސަރުކުރީކަމަށްވެދާނެއެވެ.

ޖަޒްބާތީވެގެން ގޮސް ބަހެއް ނުބުނެވުނީކަމަށްވެދާނެއެވެ. އެ ޅަ ސިކުނޑީގައި އަރާ ފައިބާ ޚިޔާލުތައް މޫނުމަތިން އެނގޭކަށް ނެތެވެ.

***

ކޯޓަށް ދާން ނިކުތްއިރު އެންމެ ކައިރީގައި ހުރީ އަޔާމީން އެވެ. އޭނާ ހަމައްސައިދިން ވަކީލާއި ވާހަކަ ދައްކާލަން ފުރުޞަތު ދީފައި އަޔާމީން ހުރީ ދުރުގައެވެ. ވަރަށް ތަފްސީލްކޮށް ހުރިހާކަމެއް ދާނިޔާ ކިޔައިދިނެވެ.

"ދާނިޔާއަށް ކާމިޔާބު ލިބެން ވަރަށް ފަސޭހަ، ދެރަނުވޭ، އަހަރެމެން ކޯޓުން ނިކުންނާނީ ކމިޔާބީ އާއި އެކު." ޖަނާލް ދާނިޔާގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. އެވާހަކައިން ދާނިޔާގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދިނެވެ.

އުއްމީދު ލިބުނެވެ. ކޯޓުގެ ރޫމުން ބައްދަލުކުރަން ބުނެފައި ޖަނާލް ވަނީ އެތެރެއަށެވެ.

ދާނިޔާ ވަންއިރު ލީވާން އާއި ވަކީލަކު ތިއްބެވެ. ދާނިޔާ އިށީދެ މާގިނައިރު ނުވަނީސް ފަނޑިޔާރު އައިސް ވަނެވެ. ޖަނާލް އައީ ތަންކޮޅެއްފަހުންނެވެ. މައްސަލަ އިއްވުމަށްފަހު ފުރަތަމަ ވާހަކަ ދައްކަން ފުރުޞަތު ދިނީ ލީވާންއަށެވެ. ކުދިން ބެލުމުގެ ޒިންމާ ދާނިޔާ އާއި ހަވާލުކުރީ އޭރު ލީވާން ބަންދުގައި ހުރުމާއި އެކުގައިކަމަށް ލީވާން ބުންޏެވެ. އެވެސް އޭނާގެ ކުށެއް ނެތި ބަންދުކޮށްފައި ހުރި ދުވަސްވަރެއްގައި ކަމަށް ލީވާން ބުނީ ޖެހިލުމެއް ނެތިއެވެ. ހުކުމެއް ނެތި ބަންދުގައި ބަހައްޓާފައި ދޫކޮށްލީ އެހެންވެ ނޫންތޯ ލީވާން އެހީ ފަނޑިޔާރު ކައިރީގައެވެ. ބަންދުގައި ހުރި ދުވަސްކޮޅު ފިޔަވައި ޚަރަދު ނުދީ ނުހުންނާނެކަމަށް ލީވާން ބުންޏެވެ. އެވާހަކަ ދާނިޔާ ދޮގުކުރުމާއި އެކު ލީވާން އިސްޖަހާލިއެވެ.

ކޮންމެ މަހަކު ދާނިޔާގެ އަތަށް ގެންގޮސްދޭ ފައިސާގެ އެއްވެސް ރަސީދެއް އޭނާ އަތަކު ނެތްކަމަށާއި އެކަން ސާބިތުކޮށްނުދެވޭނެކަމަށް ލީވާން ބުންޏެވެ. ކުދިންގެ ހައްޤުގައި އޭނާ ދޮގު ނުހަދާކަމަށްބުނެފައި ޖެހިލުމެއްނެތި ކުރީ ދޮގު ހުވައެކެވެ. ލީވާން ދެކެ ފޫހިވެފައި އޭނާ އިނެވެ. ހެއްދެވި ފަރާތް ހެކިކޮށް ދޮގު ހަދަން ކެރޭ މީހަކު ދެން ވެއްޓޭނީ ކޮން ދަރަޖައަކަށްކަމެއްވެސް ނޭނގެއެވެ.

އަންހެނަކު ކައިވެނި ކުރުމަށްފަހު ހިނގާނީ ފިރިމީހާގެ އަމުރު ކަމާއި އެ ކައިވެންޏަށް ކުދިން ލިބުމާއި އެކު އޭނާގެ ދަރިންނާއި މެދު އިހްމާލް ނުވާނެ ކަމުގެ ޔަޤީންކަން ނެތުމުން ލީވާންއަށް ކުދިން ހަވާލުކޮށްދެން އެދުނެވެ. ލީވާން އިށީނުމުން ދާނިޔާއަށް ފުރުޞަތު ދިނެވެ. ލީވާން ހެދީ ދޮގުކަމަށް ބުނެ ދާނިޔާ ކިޔައިދިނީ ފުރަތަމަ ވަރިވާންޖެހުނު ސަބަބެވެ. އޭރު ލިބުނު އަނިޔާތަކާއި ވަރިވާން އުޅުނުއިރު ދިން ރިޕޯރޓްތައް އަދިވެސް ކޯޓުގައި ހުންނާނެކަމަށް ދާނިޔާ ބުންޏެވެ. އަމިއްލަ ނަފްސުގެ ކޮންޓްރޯލް ނެތް މީހަކަށް ކުދިން ބަލަން ހަވާލުނުކުރެވޭނެކަމަށާއި ކައިވެންޏަށްފަހުވެސް ކުދިންނަށް އިހްމާލްނުވާނެކަމުގެ ޔަޤީންކަން އެނާ ދިނެވެ.

ދެމީހުންގެ ބަޔާނަށްފަހު ވަކީލުންވެސް ބަހުސްކުރިއެވެ. ބައެއްފަހަރު ދާނިޔާ ކޮޅު މޮޅުވާހެން ހީވެއެވެ. އަނެއްބައި ފަހަރު ލީވާންގެ ކޮޅަށް ޖެހޭހެންވެސް ހީވެއެވެ. އެންމެ ފަހުން ކަންވީ ހީކުރި ގޮތަކަށް ނޫނެވެ. އެންމެ ރަނގަޅުވާނީ ކުދިން ކައިރީ އުޅެން ބޭނުންވަނީ ކާކު ކައިރީގައިތޯ އެހުންކަމަށް ލީވާންގެ ވަކީލު ބުނުމާއި އެކު އެކަމުގެ ހުއްދަ ދިނެވެ. ލީވާންގެ މޫނަށް ދާނިޔާ ބަލައިލިއެވެ. ކޯޓުން ނިކުމެގެން ދާއިރު ލީވާން މާޔޫސްވާނެކަން އޭނާއަށް އެނގެއެވެ.

އުމުރުން އަށް އަހަރުވެފައިވާ ޒޯހާ ކައިރީ އުޅެން ބޭނުންވަނީ ކާކު ކައިރީގައި ތޯއެވެ. އެއީ ދާނިޔާ ނޭވާ ހިފަހައްޓާލައިގެން ހުރި ވަގުތުކޮޅެކެވެ. ޒޯހާ ދާނިޔާގެ މޫނަށް ބަލައިލިއެވެ.

"ބައްޕަ އާއި އެކު" މެއަށް ހޫނު އެއްޗެއް އެޅުނުހެން ދާނިޔާއަށް ހީވީ އެއަޑު އަހާފައެވެ. ޒޯހާގެ މޫނަށް ފެންކަޅިވެފައި ބަލާލެވުނެވެ. އޭނާގެ ފުރާނަ އުފުރިގެން އައި ނަމަވެސް އެވަރަށް ތަދުނުވީހެވެ.

***

ކޯޓުން ނިކުންއިރު އަޔާމީން ހުއްޓެވެ. ޒާން އުރާލައިގެން އައިސް އޭނާގެ ކައިރީ ހުއްޓުނެވެ. އަޔާމީން ފެނުމުން އޭނާ އަށް ކަރުނަތައް ހިފަހައްޓާނުލެވުނެވެ. ހިތުގެ އަޑު އަހަން ހުރި ހަމައެކަނި އިންސާނަކީ އެއީ އެވެ. އަޔާމީންގެ ހިތްވަރު ދިނުމުގެ ބަސްތަކުން ދާނިޔާގެ ހިތަށް ލިބުނު ލުޔެއް ނެތެވެ. ހަށިގަނޑުން ބައެއް އުނިވެއްޖެހެން ހީވަނީއެވެ.

ޒޯހާގެ އަތުގައި ހިފައިގެން ލީވާން ނިކުންތަން ފެނިފައި ދާނިޔާ ބަލައިލިއެވެ. ދެލޯ ފޮހެލާފައި އެދިމާލަށް ހިނގައިގަތެވެ. ލީވާން ކާރަށް އަރަން އުޅެފައި މަޑުކުރީ ދާނިޔާ އޭނާގެ ނަމުން ގޮވާލި އަޑު އަހާފައެވެ.

"ވާހަކަ ދައްކާލަން ބޭނުން. އެކަނި؟" ޒޯހާގެ މޫނަށް ބަލާލާފައި ދާނިޔާ ބުނެލިއެވެ. ޒޯހާ ކައިރީ ކާރުގައި މަޑުކުރަން ބުނެފައި ލީވާން އެނބުރުނެވެ.

"ތިއައީ މަރުޚަބާ ކިޔަންތަ؟" ދާނިޔާގެ މޫނަށް ބަލާލާފައި ލީވާން ހީލިއެވެ. އޭނާގެ މޫނުމަތިން ޖާހިލުކަން ފިޔަވައި އިތުރު ސިފައެއް ދާނިޔާއަކަށް ނުފެނުނެވެ.

"ލީވާންއަށް ހީވަނީތަ މިއަދު ކާމިޔާބުވީ ލީވާންއަށޭ، " ދާނިޔާ އަހައިލިއެވެ. އެ ސުވާލު އަހާފައި ލީވާން ދެބުމަ އުފުލައިލިއިރު ހީވީ އެއީ އޭނާ އަހަން ހިތަށް އަރާފައިވާ ސުވާލެއްވެސް ނޫންހެންނެވެ.

"ނޫންތަ؟" ލީވާން އެއް މިޔަނުން ހީލިއެވެ. "ޔޫ އާރަ ދި ލޫޒާރ.، ހަޤީޤަތާއި ކުރިމަތިލައިގެން މޮޅެއް ލިބުނުނަމަ އެއަކަށް ނޫންތަ ކާމިޔާބެކޭ ކިޔާނީ، ހެއްދެވި ފަރާތް ނަން ގަނެފައި އެންމެ ކުޑަމިން ތެދެއް ހަދަންވެސް ނުކެރުން. ބުނީމެއްނު މާޒީ އަކީ މާޒީއޭ، އަހަރެން މިހުރީ ބަދަލުވެގެން އައިހޭ، ދެވަނަ ފުރުޞަތެއް ދޭށޭ، މިއަދު ލީވާން ސާބިތުކޮށްދިނީ ތި ހަށިގަނޑުގައި ހިނގާ މުޑުދާރު ލެއިގެ އެންމެ ޒައްރެއްގެ މިންވަރުވެސް އަދި ސާފުވެފައި ނުވާކަން. ތިއައީ ހަމަ އެ ލީވާން. އެމީހެއްގެ ސަބަބުން އަހަރެން ޔަތީމްވީ، މިއަދު ޒޯހާ އަށް އެކުއްޖާގެ މަންމަ އާއި އެކު އުޅުމުގެ ނަޞީބުން މަހްރޫމްކޮށްލީ . އަހަންނަށްވުރެ ބޮޑަށް ޒޯހާއަށް އަޅާލެވޭނެކަމަށް ލީވާން ޤަބޫލުކުރާ ޤަބޫލުކުރުމަކީވެސް ލީވާންއަށް ހެދޭ ގޯހެކޭ،" ދާނިޔާގެ ލޮލަށް ގިނަވި ކަރުނަތައް ހިފަހައްޓާލާފައި ލީވާންގެ މޫނަށް ބަލަން ހުއްޓާ ފެނުނީ ލީވާންގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުން އޮބި ދެބުމަ ދޭތެރެއަށް ރޫގިނަވަމުން އައިތަނެވެ.

"ޒޯހާ މަންމަ ހުއްޓައޭ އަހަރެން ކައިރިއަށް އަންނަން ބޭނުންވީ؟ އެއަށްވެސް ދާނިޔާ ކިޔާނީ ނާކާމިޔާބީތަ؟" ދަތްޕިލަ ޖައްސާލާފައި ލީވާން އަހާލިއެވެ. ދެލޯ ހަނިކޮށްލިއިރު ހީވަނީ ދާނިޔާ ކީ އެއްޗެހީގެ ސަބަބުން ލީވާންއަށް އުދަނގޫވެއްޖެހެންނެވެ.

"ޝީ އިޒް އަ ޗައިލްޑް، އަހަރެން ނުދެކެން އެއީ ލީވާންއަށް ލިބުނު މޮޅެއްކަމަކަށް، އެއީ ކަލޭގެ ނުބައި ރޭވުންތެރިކަން.، ޒޯހާ އަކީ ނުވިސްނޭ ކުއްޖެއް، އެންމެ ތުއްތު އިރު ފެނުނު މަންޒަރުތައް އެކުއްޖާގެ ހިތަކު ނުވެސް ނެތް، އެހެން ނަމަ މިއަދު ލީވާން ކައިރިއަށް ދާން ޒޯހާ ބޭނުން ނުވީސް، އެނގޭތަ އަހަންނާއި ލީވާން އާއި ހުރި ތަފާތު؟ ލީވާންގެ ސަބަބުން އަހަރެން ކިތަންމެ ކަރުނައެއް އޮހޮރުވި ނަމަވެސް ދުވަހަކުވެސް ލީވާންގެ ޤަދަރު ކުޑަވާވަރުގެ އެއްވެސް އެއްޗެއް ކުދިންގެ ކުރިމަތީ ނުބުނަން، އެކުދިންގެ ބައްޕަގެ ގޯސްވާހަކައެއް އެކުދިންގެ ކައިރިއަކު ނުދައްކަން.، ތި ދެމެދުގައި ހުރި ހުރަހަކަށް އަހަރެން ނުވަން، އެކަމަކު ލީވާން އެކުއްޖާގެ ސިކުނޑި އަށް ވިސްނައިދިން ގޮތުން ނޫނީ އަހަރެން ހުއްޓާ ލީވާން ނެގީ." ދާނިޔާ އެބުނީ ތެދެއްކަން ލީވާން ޤަބޫލުކުރިއެވެ. "ޔެސް އިޓް އިޒް." އެހާމެ އަވަހަށް އެކަން ލީވާން ޤަބޫލުވެސް ކުރިއެވެ.

"އަދި ޒޯހާގެ ޚިޔާލު ދުވަހަކުވެސް ބަދަލުނުވާވަރުވެސް އަހަރެން ކުރާނަން." ލީވާން ހީލިއެވެ.

"މިއަދު ލީވާން އަމިއްލަ އަގު ތިވައްޓާލެވުނީ، ލީވާން ކޮންމެ ކަމެއް ކުރި ނަމަވެސް އޭގެ ފަހަތުގައިވަނީ އަހަރެމެންގެ ކައިވެނި ހުއްޓުވަންކަން އަހަންނަށް އެނގޭ، ލީވާން ދައްކާ ބިރަށް އަހަރެން ފަހަތަށް ޖެހުނުދުވަސް އެއީވެސް މާޒީ އޭ މިހާރު، ލީވާން ގަދަބާރުން ޒާންވެސް ގެންދަންވީ، އެކަމަކު އަހަރެންގެ ހިތެއް ނުގެންދެވޭނެ، މިހާރު ކުރިއަށްވުރެ ލީވާން އޮތް އިތުބާރު ހަނިވެއްޖެ، އަމިއްލަ އެދުމައިގެން ލީވާން ކިތަންމެ ދަށު ދަރަޖައަކަށްވެސް ވެއްޓިދާނެކަން އަހަންނަށް އެނގޭ، ތެދުވެރިކަން ނެތް މީހެއްގެ ފަރާތުން އަހަރެން އުއްމީދު ކުރާނެ އެއްވެސް ކަމެއް ނެތް، ލީވާންއަށް އެންމެ އަވަހަށް އިވޭނީ އަހަރެން ކައިވެނި ކުރާ ޚަބަރު، " ދާނިޔާ ގެ މޫނަށް ބަލަން ހުރެފައި ލީވާން ފިޔަވަޅެއް އަޅާލިއެވެ.

"އެހެންވިޔަކަ އަހަރެން ނުދޭނަން" ލީވާންގެ އަޑުގައިވީ ހަރުކަށިކަމެވެ. ދާނިޔާގެ މޫނާއި ދިމާލަށް އުފުލައިލި ޝަހާދަތް އިނގިލީގައި ދާނިޔާ ހިފަހައްޓާލިއެވެ. "އެއްވެސް ކަމެއް ނުކުރެވޭނެ" ލީވާން ބުނި ރާގުގައި ދާނިޔާ ބުނެލިއެވެ. ދެން ލީވާން ބަލަން ހުއްޓާ ދުރަށް ހިނގައިގަތެވެ.

***

ދާނިޔާ އާއިރު އަޔާމީން ހުރީ ޖަނާލް އާއި ވާހަކަ ދައްކާށެވެ. ދާނިޔާ ފެނުމުން ޖަނާލް މަޢާފަށް އެދުނެވެ. މިއަދު ޖަނާލްއަށް އެއްވެސް ކަމެއް ކޮށްނުދެވުނީތީ އެކަމުގެ ޒިންމާ ނަގާނެކަމަށް ބުންޏެވެ. އަލުން މުރާޖާކުރުމަށް ނޫނީ ހުކުމް ބާތީލްކުރުމަށް އަލުން ހުށައަޅަން ޖަނާލް ލަފާ ދިނެވެ. އަދި ކޯޓުތަކުގައި ދުވަސް ނަގާނެކަމަށާއި ކެއްތެރިކަމާއި އެކު ހުރުމަށް ޖަނާލް އެދުނެވެ. ގެއަށް އާދެވުމާއި އެކު އެ ކުރި ހިތްވަރު ހީވީ ވައިގެ ތެރެއަށް ދިޔަހެންނެވެ. ޒޯހާގެ އެއްޗެހި ބަލާ އަންނަން ވާއިރަށް ޕެކު ކުރަން އުޅުނު ގަޑީގައި ދާނިޔާގެ ލޮލުން ކަރުނަ ހިކިގެން ނުދިޔައެވެ. ޒޯހާގެ ހެދުންތަކުގައި ފިރުމާލަމުން އެ ދަރިފުޅުގެ މަތިން ދާނިޔާ ހަނދާންކުރިއެވެ. ފަހަތުން މީހެއްގެ ހިޔަނިވިހެން ބަލާލިއިރު އޭނާގެ ފަހަތުގައި އަޔާމީން އައިސް ހުއްޓެނީއެވެ. ދާނިޔާ އަތުގައި ހިފާ ގެނެސް އަޔާމީން އޭނާގެ މޭގައި ޖައްސާލިއެވެ. މނު ފޮރުވާލަމުން ދާނިޔާއަށް ރޮވުނީ އަޑު ނަގައިބާރަށެވެ.

ދާނިޔާ ހަމައަކަށް އެޅެންދެން އަޔާމީން އުޅުނީ އެގޭ ތެރޭގައެވެ. އަޔާމީން ނެތްނަމަ މިއަދު ދާނިޔާގެ އަރުން އެންމެ ކާއެތިކޮޅެއްވެސް އެތެރެ ނުވީހެވެ. ޒޯހާ ނެތުމުގެ ފަޅުކަން ޒާންގެ ހިތަށްވެސް ކުރިއެވެ. ގިނަ ވަގުތު ޒާން އިނީ ދެރަވެފައެވެ. ޒޯހާ ވަރަށް އަވަހަށް އަންނާނެކަމަށް އެކުއްޖާގެ ކައިރީ އަޔާމީން ބުންޏެވެ.

ދުވަހުގެ އިރު އޮއްސުނުފަހުން އަޔާމީން ނިކުތީ ފެންވަރާލަން ދާށޭ ކިޔާފައެވެ. ގެއަށް އާދެވުނުއިރު އޭނާގެ ބޮލަށް ވަނީ ބަރުވެފައެވެ. ނިދާލަން ބޭނުންވެފައެވެ. ފެންކޮޅެއް ގަޔަށް އަޅާލއިގެން އައިސް ފޯނު ޗާރޖަރަށް ޖަހަން ކައިރިވިތަނާއި ލޮލުގައި އަޅައިގަތީ ރިންޒީގެ ފޯނެވެ.

އަޔާމީން ގޮސް އެނދަށް އެރީ ރިންޒީގެ ފޯނު ހިފައިގެންނެވެ. ފޯނު ހުޅުވާލުމުން އައީ ލޮކު ކޯޑެއް ޖަހާށެވެ. ވިސްނާފައި ދެތިން ފަހަރަކު ޖަހާލުމުން ފޯނު ހުޅުވިގެން ދިޔައެވެ. ސްކްރީނު އަލިވެގެން ދިއުމާއި އެކު އަޔާމީން އަށް ފެނުނީ ޤަބޫލުކުރަން އުދަނގޫ މަންޒަރެކެވެ. ރިންޒީ ލިޔަން ފަށާފައި އިން މެސެޖާއި އެ މެސެޖު ރައްދުވާ ފަރާތް ފެނިފައި އޭނާއަށް ތެދުވެ ހުރެވުނީ ކޮޅަށެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular