19 Sep 2019

އެހާ ލޯބިވީމޭ

އެހާ ލޯބިވީމޭ

By: Mariyam Yasma

ގޭގެ ދޮރާށި ހުޅުވުނު އަޑާއެކު މީހަކު ސަލާމް ގޮވި އަޑު އަހާފައި އަހަރެންގެ ސަމާލުކަން އެދިމާއަށް އެނބުރުނީ ކުއްލިއަކަށެވެ. އޭރު ދޮރާށިން ވަދެ ހުއްޓުނު މީހަކު ފެނިފައި ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވި އެވެ.

ބެކްޕެކެއް އަޅުވާފައި ހުރި ޒުވާނާގެ އިސްކޮޅުން ދިގެވެ. ކުރުކޮށް ކޮށާލައިފައި އޮތް ފަން އިސްތަށިކޮޅެކެވެ. ވިޝަލްފަދަ ވަރުގަދަ ހަށިގަނޑެއް ލިބިފައި ނެތަސް ނިކަމެއްޗެއް ނޫނެވެ. ނޫ ޖިންސާއެކު ލައިގެން ހުރީ ކަޅު ޓީޝާޓެކެވެ. އަޅައިފައި ހުރި އައިނުން އެދެލޯ ހުރީ ނިވާވެފަ އެވެ. ވަށައިގެން ހޯދާލައިފައި އަހަރެމެން ތިބި ދިމާއަށް މޫނު އަނބުރާލުމާއެކު ފުރަތަމަ ވެސް ފައުޅުވީ އޭނަގެ ތުންފަތަށް ފެތުރުނު ހިތްހެޔޮ ހިނިތުންވުމެވެ. އެއީ އަހަރެންނަށް ދެކެފަރިތަ ހިނިތުންވުމެކެވެ.

"ނާއިޒް!..." އަހަރެންގެ އަޑު ނިކުތީ ފުންނޭވައަކާއެކުގަ އެވެ.

"އެއީ ކާކު؟" ފަހަތުން ވިޝަލް ސުވާލުކުރި އަޑު އިވުނެވެ. އެއަޑުގައި ކުރިން ނުއެކުލެވޭ ހަރުކަށިކަމމެއްވި އެވެ.

ނާއިޒް އޭރު އަހަރެމެން ކައިރިއަށް އަންނަން ހިނގައިގެންފި އެވެ. އަހަރެން މަޑުކުރީ އޭނަ އައިސް ކައިރިވާންދެނެވެ.

"ކިހިނެތް މިގެ ހޯދީ؟" ލިބިފައިވި ޝޮކަށްފަހު ވެރިވި ހިތްހަމަނުޖެހުން ފޮރުވައިލަން މަސައްކަތް ކުރަމުން އަހަރެން އެހީމެވެ. ހަޤީޤަތުގައި އަހަރެން އަހަން ބޭނުންވީ އޭނަ އައީ ކީއްކުރަންތޯ އެވެ.

ނާއިޒް އެވަގުތު އެއްފަރާތަކަށް ބޯ އަރިކޮށްލަމުން ތުނިކޮށް ހުޅި ތުނބުޅީގައި ފިރުމައިލީ ޖަވާބުދިނުމާއިމެދު ވިސްނައިލާފަދަ ގޮތަކަށެވެ. އެހަރަކާތުން އަހަންނަށް ވިސްނުނެވެ.

"ފާތުން.." އަހަރެންގެ އެހެން ބުނެލުމާއެކު ނާއިޒް އަތްތިރިއަށް އެލުވާލައިފައި އެދުނީ ފާތުންދެކެ ރުޅި ނައުމަށެވެ.

އަހަންނަށް ލޮލަށް ވައްތަރެއް ޖައްސައިލެވެން އުޅުނެވެ.

"ތީ ޔާނާގެ ބޭބެތަ؟" ފަހަތުގައި ވިޝަލް ހުރިކަން އަހަރެން ހަނދާންވީ ނާއިޒްގެ ނަޒަރު އަހަރެންގެ ފަހހަތުން އެމޫނަށް ހުއްޓިފައި އެސުވާލު ކުރީމަ އެވެ.

"ނޯ..!!" އެވަގުތު އަހަންނާއި ވިޝަލްއާ ދެމީހުންނަށް އެއް އަޑުން ބުނެލެވުނެވެ.

ޖަވާބުދީ ނިމުމާއެކު އެމޫނަށް ބަލައިލެވުނެވެ. އޭރު ވިޝަލްވެސް އަހަންނަށް ބަލަނީ އެވެ.

"މީ... ވިޝަލް.." ނާއިޒް ތައާރަފަކަށް އެދިގެން ބަލަން ހުރިކަން ފާހަގަވެގެން އަހަރެން ބުނެދިނީމެވެ. އޭނަ އުންމީދުކުރިހެން ވިޝަލްއަކީ ކާކުކަން އަހަރެން ނުބުނެދިނަސް މަޑުމަޑުން ބޯޖަހައިލި އެވެ.

"ތީ ކާކު؟" ވިޝަލްގެ ބަރުއަޑުގައި ހުރީ އަމުރުވެރި ގޮތެކެވެ. އަމިއްލަ ތައާރަފްދިނުން މުހިންމު ނުވިއަސް ނާއިޒްއަކީ ކޮބައިކަން އޮޅުން ފިލުވުން އޭނައަށް މުހިއްމުވެއްޖެ އެވެ.

"މީ ނާއިޒް. ޔާނާގެ ބޯއިފްރެންޑް..." ނާއިޒް ސަލާމަތް އަތްދިއްކޮށްލަމުން ހިނިތުންވުމަކާއެކު އަމިއްލަ ތައާރަފްދިނެވެ.

އެވަގުތު އޭނަގެ ފަހު ޖުމްލަ އަހާފައި އަހަންނަށް ތެޅިގަނެވުނެވެ. ދެލޯ ބޮޑުކޮށްލާފައި ނާއިޒްގެ މޫނނަށް ނަޒަރު ހުއްޓައިލެވުނެވެ. ނާއިޒްއަށް އަހަރެންގެ މޫނަށްއަރާނެ ކުލަވަރު އެނގިގެން ކަންނޭނގެ އެވެ. އޭނަ އަހަރެންގެ މޫނަކަށް ނުވެސް ބެލި އެވެ. އެކަމަކު ވިޝަލްގެ ތޫނު ދެލޯ އަހަންނަށް އަމާޒުވިކަން އިހްސާސްވި އެވެ. ވިޝަލްގެ ލޮލުން ފެންނާނީ ކޮން ކުލައެއްކަން ނޭނގޭތީ އެމޫނަށް ބަލާކަށް އަހަރެން އެވަގުތު ބޭނުމެއް ނުވި އެވެ.

ވިޝަލް ސަލާމްކުރުމެއްނެތި ބަލަން ހުރުމުން ނާއިޒް ފާޑަކަށް ރަކިވެގެން އަތް އެލުވައިލި އެވެ. އޭނަ ދެން ބަލައިލީ އަހަންނަށެވެ. އަހަރެން ފަސްދީފައި ގެއާއި ދިމާއަށް ދާން ގަސްތުކުރީ އެގަޑީގަ އެވެ. އަހަރެން ހަމަ ހިނގައިގަތުމާއެކު ނާއިޒް ވެސް ފަހަތުން އަންނަން ފެށިކަން އެނގުނެވެ. ދެމީހުން ދާދި އެއްހަމައެއްގައި ހުރެގެން ގޮސް ގެއަށް ވަންނަންދެން ވިޝަލްގެ ނަޒަރު އަހަރެމެން ދެމީހުންނަށް ހުއްޓިފައި ހުންނާނެކަން އެނގުނެވެ.

އެތެރެއަށް ވަދެވުމާއެކު ނާއިޒް އިށީންނަން ސޯފާ ދައްކާފައި ތަންކޮޅެއް ބާރަށް ރާބިއާއަށް ގޮވަމުން އަހަރެން ވަނީ ހައްތަހާ އެތެރެއަށެވެ. އޭނަ ހަރުކޮށް ހިނގާލައިފައި އައިސް އެއްފަހަރު އަހަންނަށް އަނެއްފަހަރު ފަހަތުން ފެންނަން ހުރި ނާއިޒްއަށް ބަލާލައިފައި ބޭނުންވާ ކަމަކާއި ބެހޭގޮތުން އެހި އެވެ. އެލޮލުން ފުރަތަމަ ފަހަރަށް ޖެހިލުންވުން ފެނުނީ މާ ބާރަށް ގޮވައިގެން ކަންނޭނގެ އެވެ. އަހަންނަށް ކުށްވެރިކަން އިހްސާސްވި އެވެ. ގޭގައި ނޯކިރީ ކުރިއަސް ރާބިއާ އަކީ އަހަރެންގެ މަންމައެއްފަދައިން ދެކޭ އެހާ އިޚުތިރާމްކުރާ އަންހެނެކެވެ.

"ރާބިއައްތަ ނާއިޒްގެ ދަބަސް ގެސްޓްރޫމަށް ގެންގޮސްދީފަ އައިސް ފިނި ޖޫސްތައްޓެއް ހަދައިދީބަލަ!" ކުރިއަށްވުރެ މަޑުމައިތިރިކޮށް އަހަރެން އެދުނީމެވެ.

ރާބިއާ ބޯޖަހާލައިފައި އަހަރެން ފަސްދީ ދިއުމުން އެހުރިގޮތަށް ހުރެގެން ފުން ނޭވައެއް ދޫކޮށްލެވުނެވެ. ނާއިޒްއާ އަހަރެން ކުރިމަތިލީ ރާބިއާ ދަބަސް ހިފައިގެން އެތަނުން ދިޔައީމަ އެވެ. ނާއިޒް އޭރު ސޯފާގައި އިނެވެ. އަހަރެން ބަލައިލުމާއެކު ހަށިގަނޑު ތެދުކޮށްލާފައި އަތުގެ އިޝާރާތުން ޖެހިގެން ހުރި ސޯފާ ދައްކައިލި އެވެ. ގޮސް ކައިރިވީ ނަމަވެސް އަހަރެން ހުރީ ކޮޅަށެވެ.

"ޔާނާ އައިމް ސޮރީ..." ނާއިޒް ކުރިއަށް ޖެހިލާފައި މޮޅިވެރިއަޑަކުން މަޢާފަށް އެދުނެވެ.

"އަހަރެން މީ ނާއިޒްގެ ގާލްފްރެންޑެއް ނޫން..." އަސަރެއް ނެތް އަޑަކުން އަހަރެން ހަނދާންކޮށްދިނީމެވެ.

"އެކަމަކު ޔާނާ އެކަން ދޮގެއްވެސް ނުކުރަމެއްނު..." އަހަރެމެންގެ މެދުގައި އޮތް ސީރިއަސްކަން ނައްތައިލެވޭތޯ ނާއިޒް ހިނިތުންވެލި އެވެ.

"ނާއިޒް...!!" އަހަރެން އަކުރުތަކަށް ވާންކޮށްލާފައި ގޮވާލީމެވެ. ނާއިޒް ހިނިތުންވެފައި އިނުމުން ރުޅިއައިސްފައި ހުންނާކަށް ވެސް ފަސޭހައެއްނުވި އެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވާން އުޅުމުން ގަދަކަމުން ދެތުންފަތް ޖައްސާ ބާރުކޮށްލީމެވެ.

"ކީއްކުރަން މިރަށަށް ތިއައީ...؟" ސޯފާގެ އަނެއްކޮޅުގައި އިށީނދެލަމުން ކުރިއަށްވުރެ ހަމަޖެހިލާފައި އަހަރެން އެހީމެވެ.

"ޔާނާ އަހަރެންގެ ފޯނު ނުނަގާތީ. މިރަށަށް އައިސްގެން ވެސް އަހަރެންގެ ލޯބި ޤަބޫލުކުރޭތޯ. އަހަންނާއި ރަތްޓެހިވާން އެއްބަސްވޭތޯ..." ނާއިޒު ހިނިތުންވެފައި އިނަސް ފަހު ދެ ޖުމްލަ ބުނިއިރު އަޑަށް ތަފާތު އަސަރެއްވެރިވި އެވެ. ކުށްވެރިއަކުފަދައިން އަހަންނަށް އިސްޖަހައިލެވުނެވެ.

އެވަގުތު ރާބިއާ އެތަނަށް ނިކުތުމުން އިތުރަށް އެވާހަކަ ކުރިއަކަށް ނުދިޔަ އެވެ. ރާބިއާގެ ފަހަތުން ނިކުތްތަން ފެނުނީ މާމަ އެވެ. އަހަންނަށް އެތަން ފެނިގެން ކޮޅަށް ތެދުވެވުނެވެ. އަހަރެން ތެދުވިތަން ފެނިގެން ނާއިޒްވެސް ތެދުވެއްޖެ އެވެ. މާމަ ކައިރިއަށް އައީ ނާއިޒްއަށް ބަލަމުންނެވެ. ރާބިއާ ގޮސް ވަނީ ބަދިގެއަށެވެ.

"އައްސަލާމް އަލައިކުމް. އަހަންނަށް ކިޔަނީ ނާއިޒް. ޔާނާގެ އެކުވެރިއެއް.." ނާއިޒް ކުރިއަށް ޖެހިލާފައި އޭނަ އެންމެންގެ ހިތް ފަތަޙަކުރާ ހިނިތުންވުމާއެކު ސަލާމަށް އަތްދިއްކޮށްލައިފި އެވެ.

"މީ ޔާނާގެ މާމަ.." މާމަ ނާއިޒްގެ އަތުގައި ހިފައިގެން ހުރެ ސަލާމުގެ ރައްދުދީފައި ޖަވާބުދިނެވެ.

ފުރުސަތުގެ ބޭނުން ހިފާފައި އަހަރެން ހިނގައިގަތީ ރާބިއާ ފަހަތުން ބަދިގެއާ ދިމާއަށެވެ. ގޮސް ވަނުމުގެ ކުރިން މާމަ ވިޝަލް ކައިރީ އޭނަގެ ރަށާއި މައިންބަފައިންނާއި ބެހޭގޮތުން ސުވާލުކުރާ އަޑު އިވުނެވެ. އެތެރެއަށް ވަންއިރު ރާބިއާ ހުރީ ޖޫސް ތައްޔާރުކުރާށެވެ. އަހަރެން ގޮސް އެހީވުމުގެ ގޮތުން ތަބަކެއް ނަގައި އޭގައިދެ ތަށި ބެހެއްޓީމެވެ. ރާބިއާ ޖޫސް އަޅައިގެން ތަބައް ހިފައިގެން ނިކުތްއިރު އަހަރެން ނިކުތީ ފަހަތުންނެވެ. އޭރު މާމަ އާއި ނާއިޒް ތިބީ އިށީނދެ އެވެ.

ކުޑައިރުކޮޅެއް ފަހުން މާމަ ދިއުމުން ނާއިޒް ކައިރީ އިނީ އަހަރެން އެކަންޏެވެ. ރާބިއާ ވެސް ބަހަނާއެއް ހޯދައިގެން އެތަނުން ދުރަށް ހިނގައްޖެ އެވެ. ނާއިޒް ފޯނަށް ފާތުން ގުޅުމުން ނަގާފައި ދިއްކުރީ އަހަރެން އަތަށެވެ. އަހަރެން ހަމަ އަނގައިން ބުނުމާއެކު ފާތުން މާފަށް އެދެން ފެށި އެވެ. ފާތުން އެހާ ޖެހިލުންވެގެން އުޅުމުން އަހަރެން ގާތަށް ހިނި އަންނަން ނެގީ މަދު ސިކުންތުކޮޅެކެވެ. ފާތުންއަށް އެކަން ޤަބޫލުނުކުރެވިގެން އަހަރެން ހަޤީޤަތުގައިވެސް ރުޅިއެއް ނާދޭތޯ ތަކުރާރުކޮށް އެހި އެވެ. އެއިން ކޮންމެ ފަހަރަކުވެސް އަހަރެން ޖަވާބުދިނީ ފާތުން ހިތްހަމަޖައްސައިދެމުންނެވެ. ޖޫސްތަށި އަތަށް ނަގައިގެން ނާއިޒް އިނީ އަހަރެންނަށް ބަލާށެވެ.

ނާއިޒްއަށް ކޮޓަރި ދައްކާފައި އެނބުރި އައިސް ވަންއިރު ޑައިރީ އޮތީ އަހަރެން ތިރިއަށް ދޫކޮށްލައިފައި ދިޔަ ގޮތަށެވެ. އެނަގައި ގެންގޮސް އެހެން ފޮތްތަކާއެކު ފޮރުވާފައި އެނދުގައި އޮށޯވެލީމެވެ. އެވަގުތު ހިޔާލަށް އައީ އަހަރެން ވިޝަލް ކުރި ކަންތައް ހަނދާންކޮށްދިނުމުން ޖަވާބުދިން ގޮތެވެ. އެކަމާއި އޭނަ ހިތާމަ ނުކުރާކަމަށް ބުނެލީ ކިހާ ސާބިތު އަޑަކުން ހެއްޔެވެ؟ އަހަރެންގެ ދައްތަގެ އެނދު ފަޅުފިލުވަދީފައި އައިސް އަނެއްދުވަހު އަހަރެންނާއި ދިމާކޮށްލާނީ ކިހާ ގޮތެއް ނެތީމައި ހެއްޔެވެ؟ އެހުރިހާ ކަމެއް އެނގި ހުރެވެސް އަހަންނަށް އަމިއްލަ އިހްސާސްތައް ފުހެނުލެވިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟

ދެން ހުރީ ނާއިޒް އެވެ. ނާއިޒް އެއީ ފާތުންގެ ފިރިމީހާގެ ކޮއްކޮ އެވެ. މާލެ ގޮސް ފާތުންގެ އެކުވެރިއަކަށް ވީތާ ގިނަދުވަހެއް ނުވެ އަހަންނަށް ނާއިޒް ތައާރަފްވި އެވެ. ފުރަތަމަ ފެނުނީއްސުރެ އޭނަ އަހަރެންގެ ސަމާލުކަން ހޯދަން މަސައްކަތް ކުރަން ފެށި އެވެ. އެކަމަކު އަހަރެންގެ ހިތުގައި އޭރު ވެސް އޮތީ ވިޝަލް އެވެ. ނާއިޒްއަށް އަހަރެންގެ ހިތުން ޖާގަ ނުދެވެންވީ ސަބަބުވެސް އަހަރެން މިހާރު ސާފުބަހުން ބަޔާންކޮށްފީމެވެ. އެއީ އެހިތުގައި ދެވަނަ ފަރާތަކަށް ދޭނެ ޖާގައެއް ނެތީމަ އެވެ. އެއީ އަހަރެންގެ ހިތަކީ ހަމައެކަނި ވިޝަލްގެ އެއްޗަކަށްވީމަ އެވެ. އެލޯބި ނުލިބޭނެކަން އެނގޭއިރުވެސް، އެފަދަ ވިސްނުމެއް ގެންގުޅުންވެސް ބޮޑު ގޯހެއްކަން އެނގޭއިރުވެސސް ވާން ނެތީ އެވެ. އެކަމަކު އެވަރަކުން އަދި ނާއިޒް ހުރީ ބަލި ޤަބޫލު ކުރާ ގޮތަކަށް ނޫނެވެ. އަދި އޭނަ އަހަރެން ކައިރީ ރަތްޓެހިވާން އެހުން ވެސް ހުއްޓައެއް ނުލަ އެވެ. އެއްފަހަރު ނޫނެކޭ ބުނިއްޔާ އަނެއްފަހަރު އެއަށްވުރެ ލޯބިން އަހަ އެވެ.

އަހަރެން ދަންނަހާ މީހަކާއި އޮފީހުގައި އުޅޭ އެންމެންނަށް ދަންދެން ނާއިޒް އަހަރެން ފަހަތުން އުޅޭކަން އެނގެ އެވެ. އަހަރެންނާއި ގުޅޭނެ ދުވަހަކަށް އުންމީދު ކުރާކަމަށް ބުނެ އެވެ. އެވަރުން ނުވެގެން އެގުޅުމަށް ފުރުސަތު ދޭން ނަސޭހަތް ދެ އެވެ. އެތައް ދުވަހެއް ވަންދެން ސާބިތުވެ ހުރި ނިންމުގައި ހިފަހައްޓައި ނުލެވުނީވެސް އެފަދަ ސަބަބުތަކާއި ހުރެ އެވެ. ނާއިޒް އެންމެ ފަހުން އެހި ފަހަރު ނޫނެކޭ ދިމާއަށް ބުނަން ނުކެރިގެން އަހަރެން ބުނީ ވިސްނާނެ ކަމުގަ އެވެ. ފަހުން ޖަވާބެއް ދޭނެ ކަމުގަ އެވެ.

އެއީ ނާއިޒް އެހި ހުރިހާ ފަހަރެއްގެ ތެރެއިން ވެސް އަހަރެންގެ ޖަވާބު ބަދަލުވި ހަމައެކަނި ފަހަރެވެ.. އެހެންވެ ނާއިޒްއަށް މިފަހަރު އެއުޅެނީ އާ އުންމީދެއް ލިބިގެންނެވެ. އެކަމަކު އޭނައަށް އެޖަވާބު ދީފައި އަނެއް ދުވަހު އަހަރެން އެކަމާއި ހިތާމަ ކުރިކަން އެނގޭނީ ކިހިނެތް ހެއްޔެވެ؟ އަހަރެން ޖަވާބު ނުދީ ލަސްކުރީ އެކަމާއި އަހަރެން ވިސްނިކަން ދައްކަން ވެގެންނެވެ. އެނބުރި އައިސް ވިޝަލް ފެނުމާއެކު އަހަރެން ޖަވާބު އަލުން އަނެއްކާވެސް ޔަޤީންވެއްޖެ އެވެ. އަހަރެންގެ ހިތުން ވިޝަލް ނޫން މީހަކަށް ޖާގައެއް ނެތެވެ.

ކޮޓަރިން ނިކުތްއިރު ނާއިޒް ފެންވަރާ ތާޒާ ވެލައިގެން ބޭރަށް ނައްޓާލައިފި އެވެ. އަހަންނަށް އެނގުނީ ރާބިއާ ބުނީމަ އެވެ. އޭނަ އެނބުރި އައީ އިރު އޮއްސެނިކޮށެވެ. ސައިބޯން އުޅޭށޭ ބުނުމުން އެކުވެރިއަކާ ދިމާވެގެން ސައިބުއި ވާހަކަ ބުންޏެވެ.

އެރޭގެ ކެއުމުގައި ބައިވެރިވާން މާމަ ވެސް އައެވެ. އަހަންނަށް ދެވުނުއިރު ނާއިޒް އާއި މާމަ މާކުރިއްސުރެ ތިބީ ވާހަކައެއްގަ އެވެ. ރާބިއާ ތަށިތައް ކައިރިކޮށްދީ ނިމުނުއިރު އިތުރު ތައްޓެއް ބެހެއްޓުމުން އަހަރެންނަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

"އިތުރު މީހަކު އަންނަނީތަ؟" އަހަންނަށް ސުވާލުކޮށްލެވިއްޖެ އެވެ.

މާމަ ލޯ ހަނިކޮށްލިތަން އަހަންނަށް ފެނުނެވެ. ރާބިއާ ބޯޖަހާލައިފައި އިތުރު ތަފްޞީލެއް ނުދެ އެވެ. އިރުކޮޅެއް ނުވެ އެވެ. ފިޔަވަޅުގެ އަޑު އިވިއްޖެ އެވެ. ދެން ފެނުނީ ވިޝަލް އައިސް މޭޒުގެ ކޮޅުގައި ހުރި ގޮނޑި ދަމާލައިފައި އިށީންތަނެވެ. އޭނަގެ އެއް ފަރާތުގައި އަހަންނެވެ. އަނެއް ފަރާތުގައި މާމަ އެވެ. ނާއިޒް އިނީ އަހަންނާއި ޖެހިގެންނެވެ.

ރަށަށް އެނބުރި އައިފަހުން ވެސް އަދި އޭގެ ކުރިންވެސް ވިޝަލް އާއި އަހަރެން އެއް ތަށިމަތިން ކެއި ފުރަތަމަ ފަހަރެއް މިފަހަރު ވާނެ އެވެ. އަހަންނަށް އިނދެވުނީ އެމޫނަށް ބަލަހައްޓައިގެން ނަޒަރު ވަކިކޮށްނުލެވިފަ އެވެ. އެސްފިޔަ ޖަހާލައިފި ނަމަވެސް މަންޒަރު ބަދަލު ވެދާނެތީ އެސްފިޔަ ޖަހައިލަން ނުކެރިފަ އެވެ. ވިޝަލްގެ އެކުވެރިއެއްގެ ގޮތުގައި އަހަރެން އުޅުނުއިރު މީ އަހަރެން ހހާދަ ދެކެން ބޭނުންވި ދުވަހެކެވެ. ނާއިޒް ދެއްކި ވާހަކައަކަށް އަހަރެންގެ ޖަވާބު ނައިސްގެން އަތުގައި އަތް ޖައްސައިލުމާއެކު ތެޅިގަނެފައި އެމޫނަށް ބަލައިލެވުނެވެ.

"އާ ޔޫ އޯކޭ؟" އަހަރެން ދެލޯ ބޮޑުކޮށްފައި ބަލަން ފެށިގޮތުން ނާއިޒް އެހި އެވެ.

އަހަރެން އަވަސް އަވަހަށް ބޯޖަހައިލީމެވެ. ނަސީބަކުން ނާއިޒް އަނެއްކާ ވެސް މާމަގެ ވާހަކައިގައި ބައިވެރިވެއްޖެ އެވެ. މާމަ ކިޔައިދެމުން ދިޔައީ މާމަދަންނަ ނާއިޒްގެ ދުރުތާ ތިމާގެ މީހަކު އަހަރުމެން ރަށަށް އައިސްގެން މާމަގެ އާއިލާ މީހުންނާއި އެކުވެރިވީ ގޮތުގެ ވާހަކަ އެވެ. ކައި ނިމެންދެން ވެސް އަހަރެން އިނީ ވިޝަލްއަށް އިތުރު ނަޒަރެއް ނުދީ އެވެ. އޭނަ ވާހަކަދެއްކީ މާމަ އާއި ނާއިޒް ތެދުވެގެން ދިޔަ ފަހުންނެވެ.

"އޭނައަށް އިނގޭނެތަ؟" ދެމީހުން އެކަނިވުމާއެކު ވިޝަލް ސުވާލު ކުރި އެވެ.

"ކޯއްޗެއް؟" އަހަރެން ސުވާލުކުރީ އެމޫނަށް ނުބަލަ އެވެ.

"ޔާނާގެ ފަސްޓް ކިސް އަކީ އަހަރެން ކަން..." ވިޝަލްގެ ޖުމްލަ އަހާފައި ކުއްލިއަކަށް އެމޫނަށް ބަލައިލެވުނެވެ.

ދެން އެނބުރި ބަލައިލެވުނީ ދޮރާއި ދިމާއަށެވެ. ވިޝަލް ހަމަޖެހިލައިގެން ބަލަން އިންގޮތުން އަހަރެން ގާތަށް ރުޅި އައެވެ. އެތާ ނީންނަން ތެދުވެގެން ގޮސް ސިންކު ކައިރިއަށް ހުއްޓި އިސްކުރު ދޫކޮށްލައިފީމެވެ. އަތް ދޮވެގެން އެނބުރުނުއިރު ވިޝަލލް އައިސް ހުރީ ފަހަތުގައި ޖައްސާފަ އެވެ. އަހަރެންގެ މޭގަނޑު އަނގައަށް އައި ކަހަލަ އެވެ.

"އޭނައާ އިންނަންތަ ތިއުޅެނީ؟" ވިޝަލް ހަށަން ބަނދެލާފައި އެހި އެވެ.

"ވިޝަލްއަށް ކޮންކަމެއް...." އަހަރެން އުޅުނީ އެތަނުން ދުރަށް ދާށެވެ. އެކަމަކު އަހަރެން ހަމަ އެއްފަރާތަކަށް ޖެހުނުއިރަށް ވިޝަލް އަނެއްކާ އަހަރެން ކުރިބައްދައިފި އެވެ.

އަހަންނަށް ނޭވާ ހިފަހައްޓައިލެވުނެވެ.

"އޭނަ ޔާނާއާ އިނދެފިއްޔާ ދެވަނަ ފަހަރަށް ދުވާލުގެ އަލިކަމެއް ނުދެކޭނެ..." ވިޝަލް ކުރިއަށްވުރެ ކައިރިއަށް ޖެހިލާފައި އަހަރެންގެ ކަންފަތް ދޮށުގައި ވައި އަޑުން ބުނެލި އެވެ.

ވަގުތުން އަހަރެންގެ ދެއަތުގައި ހީބިހިތައް އުފުލުނެވެ. ވިޝަލް ރައްދު ދޭނެ ފުރުސަތެއް ވެސް ނުދީ ފެނުނީ ފުރަގަސްދީފައި ގޮސް ނިކުތްތަނެވެ. އަހަންނަށް ހިފަހައްޓައިލެވުނީ އެންމެ ކައިރީ ހުރި ކައުންޓަރުގަ އެވެ. ބިރާއި ހާސްކަމާއި ރުޅިވެރިކަން އައިސް ސިކުނޑި ފުރާލުމުން ތަންދޮރު ވަކިނުވާވަރުވި އެވެ. އެގޮތަށް އަހަރެންގެ އެކުވެރިއަކަށް މަރުގެ އިންޒާރު ދޭން ވިޝަލލް އެއީ ކާކު ހެއްޔެވެ؟ ނާއިޒް އާއި އަހަރެންގެ މެދުގައި އޮތީ ކޮންމެ ގުޅުމެއް ކަމަށް ވިއަސް ވިޝަލްއަށް ކީއް ހެއްޔެވެ؟ ޔާނާގެ ލޯބި ލިބުމުން އަދި ނުފުދުނީ ހެއްޔެވެ؟ އޭނަގެ ލޯބި ގެއްލުމުން އަހަރެންގެ އުފާތައް ޤުރުބާންކޮށްލަން ބޭނުންވަނީ ހެއްޔެވެ؟

އައިސް ހުރި ރުޅީގައި އަހަރެން ބަދިގެއިން ނިކުމެގެން ދާން ފެށުމުން ނާއިޒްއަށް ފެނިގެން ގޮވި އެވެ. އެކަމަކު އަހަރެން އެއަޑަކަށް އިޖާބައެއް ނުދެމެވެ. އަހަރެންގެ ހުރިހާ ސަމާލުކަމެއް ހުރީ އަހަރެން އައިސްފައި ހުރި ރުޅިއަށެވެ. ހިތުގައއި ރިހެމުންދިޔަ ރިހުމާއި އެހިތުގެ ޝަކުވާއަށެވެ.

ބިރެއް ނެތި އަނދިރިވެފައިވާ ގޯތިތެރެ ކަޑައްތުކޮށްފައި ގޮސް އައުޓް ހައުސް ހުޅުވާލައިފައި ވަންއިރު އެތެރެވެސް އޮތީ އަނދިރިކޮށެވެ. ބާރު ބާރަށް އެދޮރު ލެއްޕުމާއެކު ބޮކި ދިއްލާލިތަނާ ވިޝަލް ފެނުނީ ސޯފާއަށް ހަށިގަނޑު ދޫކޮށްލައިގެން އިންދަ އެވެ.

"އަހަރެން މިއިންނަނީ ޔާނާ އަންނާނެ އިރެއްގެ އިންތިޒާރުގަ..." ފަނޑު ހިނިތުންވުމަކާއެކު ވިޝަލް ބުނެލި އެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަހަރެން ގޮސް ހުއްޓުނީ ވިޝަލްގެ ކުރިމަތީގަ އެވެ. އޭނަ އެއިންގޮތަށް ހަމަޖެހިލައިގެން އިނދެ އަހަންނަށް ބަލަމުން ދިޔަ ގޮތުން ހިތް ތެޅެން ފެށި އެވެ.

"މިހާރު މީހުންނަށް މަރުގެ އިންޒާރު ވެސް ދޭން ފެށީތަ؟ އެއީ ދޯ މިހާރު ނުވެފަ އޮތް ކަމަކީ؟" ވިޝަލް އެހާ ހަމަޖެހިގެން އިނުމުން އަހަރެންގެ ރުޅިވީ ގަދަ އެވެ.

"ޤާތިލަކަށްނު މަރުގެ އިންޒާރުވެސް ދެވޭނީ..." ވިޝަލް ޖަހައިލީ ހިނިގަނޑެކެވެ.

އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ މަދުން ނޫނީ ނީވޭ އަޑެކެވެ. އަހަންނަށް އެހުނުމުގެ އަޑު އިވިފައި ހުރީ އަތުން ގުނާލެވޭހާ މަދު ފަހަރެއްގަ އެވެ. ދެއަތުގައި އަނެއްކާ ވެސް ހީބިހި ނަގައިގަތީ އެބަރު ހުނުމުގެ އަޑު އިވިފަ އެވެ.

"ވަޓް ޑޫ ޔޫ ވޯންޓް؟..." ރުޅިއައިސް ހުރިކަން ބުމަ ކައިރިކޮށްލާފައި އަހަރެން ހަށަން ބަނދެލީމެވެ. "އަހަރެން ބޭނުންވަނީ..." ވިޝަލް ޖުމްލަ ފުރިހަމަ ނުކޮށް އަހަރެންގެ އުޅަބޮށީގައި ހިފާލައި ކުއްލިއަކަށް ކައިރިއަށް ދަމައިލި ގޮތަކުން އަހަންނަށް ގޮސް އިށީނދެވުނީ އޭނަގެ އުނގުގަ އެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular