19 Oct 2019

ރެޔަށްވުރެ އަނދިރި

ރެޔަށްވުރެ އަނދިރި

އަލީޝާ ފަހަތަށް ޖެހިލީ ފާއިޒު ނިކުންނަން ތަންދެއްކުމަށެވެ. އެކަމަކު އޭނާގެ ނަޒަރު ފައިނާންގެ މޫނުން ވަކިކޮށްނުލައެވެ. ފައިނާން އިސްޖަހާލައިގެން ހުއްޓެއްކަމަކު ހިތުގެ ރިހުން ހުރީ މޫނުމަތިން ފެންނާށެވެ. ރަމްލާވެސް ނިކުތީ އަލީޝާއަށް ތަންދެމުންނެވެ.

"އަހަރެން ހީކުރީ އަހަރެން މިއީ ފައިގެ އެންމެ ގާތްއެކުވރިޔާކަމަށް؟" ފައިނާންގެ ކައިރީ އިށީންނަމުން އަލީޝާ ބުނެލީ ޝަކުވާކުރާ ރާގަކަށެވެ. ފައިނާން އެވަރުގެ ނިންމުމެއް ނިންމުމުގެކުރިން އޭނާކުރެ އަހައިވެސް ނުލައެވެ.

"މިއީ އަހަންނަށް ހުރިގޮތް، އެހެން ނޫނަސް އަހަރެން ކަހަލަ މީހަކާއި އިންނާނީ ކާކު؟" ފައިނާން ބުނެލިއެވެ. އޭނާ އަމިއްލަ ނަފްސަށް ކުޑަވެސް އިތުބާރެއް ނެތް ފަދައެވެ. މުސްތަޤްބަލާއި މެދު މާބޮޑު ހުވަފެންތަކެއް ނެތްފަދައެވެ. ނޫނީ އުއްމީދުތައް ވިއްސި ވިހާލިކޮށްލުމުން އެހިތް ދެވަނަ ފަހަރަށް އާބާދުކުރުމުގެ ހިތްވަރު ނެތްފަދައެވެ.

ފައިނާން އެހެން އުޅެންފެށީ ފުރާވަރު ދުވަސްވަރުންފެށިގެންނެވެ. އޭނާ ރއްޓެހިވި ހުރިހާ ފިރިހެންކުދިން ބޭނުންވީ ފައިނާންގެ ފަރާތުން އެފަދަ އުފަލެކެވެ. ފައިނާންވެސް އަމިއްލަ އިޚްތިޔާރުގައި އެހެން އުޅުނީ ފަހުން ވާނެ ގޮތަކާއި މެދުވިސްނާނުލައެވެ. ރައްޓެހިވެގެން އުޅުނުކަމުގައިވިއަސް ފިރިހެންކުއްޖާ އެދޭ ހުރިހާ ކަމެއް ކޮށްދެން ނުޖެހޭނެކަމަށް އޭރުވެސް އަލީޝާ ބުނެއެވެ. އަދި އިތުބާރު ނުއުފެދޭ ގުޅުމެއްގައި ހުރިހާ ކަމެއް ޤުރުބާން ނުކުރުމަށް ނަޞޭހަތް ތެރިވިއެވެ. އެކަމަކު ފައިނާން އުޅުނީ އަމިއްލަ އުފަލައިގެންނެވެ. ފަހުން ފާއިޒުގެ ގެސްޓްހައުސްގައި މަސައްކަތް ކުރަންފެށިފަހުން އެކަމުގައި ފައިނާން ހައްދު ފަހަނަ އަޅައި ދިޔައެވެ. ހުރިހާ ދުވަހަކީ އަލީޝާ އާއި އިމްލީއަށް ދެވޭ ދުވަސްތަކެއް ނޫނެވެ.

ފިރިހެނުންގެ މެދުގައި ފައިނާން މަޤްބޫލުވީ އެންމެ ކަމަކަށެވެ. އެއީ ޖާވީން ފަދަ ފިރިހެނުން ފައިނާންއަށް ދެއްކި ދަޅައެވެ. ކައިވެނި ކުރާނެކަމުގެ ޔަޤީންކަން އެއްވެސް މީހަކު ނުދެއެވެ. އެކަމަކު ޖާވީން ނޫން މީހަކު ދެކެ ފައިނާން ލޯބިވާ ވާހަކައެއް ނުބުނެއެވެ. އެހެން މީހުން ފުރައިގެން ދިއުމުން އެހެން މާޔޫސްވިތަނެއް ނުދެކެއެވެ.

"ތިއީ ފައިނާން ނިންމި އެންމެ ގޯސް ނިންމުން. އެކަން ފައިނާންއަށް ފެންނާނެ އަދި، ޔޫ ވިލް ރިގްރެޓް، " އަލީޝާ ވިސްނަން ފެށީ ކުއްލިއަކަށް ތައްޔިބަށް އައި ބޮޑު ބަދަލާއި މެދުގައެވެ. އެއީ ފައިނާން ތައްޔިބުގެ ކައިރީ އިންނާނަމޭ ބުނި ހިސާބުކަމަށްވެދާނެއެވެ. އޭނާގެ ކައިވެންޏާއި ރުހުމާއި މާނިއު އާއި އެކު ދާންޖެހޭނެކަމަށް އަމުރުކުރުމުގެ ފަހަތުގައިވީ މި ކައިވެންޏެވެ. ފައިނާން އަލީޝާއަށް ސިއްރުކޮށްދިނުމަށް ބުނީކަމަށްވެދާނެއެވެ. ނޫނީ ބައްޕަވެސް އަންގަން ބޭނުންނުވީކަމަށްވެދާނެއެވެ. ގޭތެރެއަށް ގެނައި ކުއްލި ޒީނަތްތެރިކަމަކީ އޭނާގެ ކައިވެންޏާއި ގުޅިގެން ގެނައި ކަންތައްތަކެއް ނޫނެވެ. އަލީޝާ ދެފަރާތަށް ބޯހޫރުވައިލީ ދެން އަންނަން އޮތް ދުވަސްތަކާއި މެދު ވިސްނާލެވުމުންނެވެ. ރަށުތެރޭ ބައްޕައަށް ކުރާނެ މަލާމާތް ހިތަށް އަރުވާފައެވެ.

"އަހަރެން މި ދަނީ ފުރަން،" އަލީޝާ ތެދުވަމުން ބުނެލިއެވެ. މިފަސްގަނޑުން ވީހާވެސް އަވަހަށް ދިއުން އެއީ އެންމެ ރަނގަޅުގޮތެވެ. ނޫނީ އޭނާގެ ކަންފަތާއި ހަމަޔަށް އަންނާނީ އޭނާއަށް އަހަން ކުޅަދާނަ ވާހަކަތަކެއްވެސް ނޫނެވެ.

އަލީޝާ ގެއަށް ގޮސް ތައްޔިބުގެ ކޮޓަރީގައި ޓަކިދިނެވެ. އެތެރެއަށް ވަންނަން ހުއްދަ ލިބުމާއި އެކު އަލީޝާ އެތެރެއަށް ވަނެވެ. އަދި އެތެރެއަށްވަދެފައި ކޮޓަރީގެ ދޮރު ރަނގަޅަށް ލައްޕާލިއެވެ.

"ކިހިނެއްވީ؟" ތައްޔިބު އަހާލިއެވެ. އޭނާ އާއި ހަމަޔަށް އައުމުގެ ބަދަލުގައި އަލީޝާ ދޮރުގައި ލެނގިލައިގެނ ހުރިގޮތުން އޭނާ ކަންބޮޑުވިއެވެ.

"ބައްޕައަށް ހުރީ މަންމަ މަރުވުންވެސް ލަސްވެފައި." އަލީޝާ ދެއަތް ބަނޑާއި ދިމާލުން ހުރަސްކޮށްލާފައި އަހާލިއެވެ. އެސުވާލާއި އެކު ތައްޔިބުގެ މޫނު ހުދުވެގެން ދިޔައެވެ. ތުންފަތް ތުރުތުރުލައިގެން ދިޔައެވެ. ތައްޔިބުއަށް ރައްދު ދެވުނީ އިރުކޮޅެއްގެ ފަހުންނެވެ.

"މިހާރު ކޮން ޝަކުވާއެއް ކުރަން ތި ގަސްތުކުރަނީ؟ ކުރިން ކަލޭ ޝަކުވާކުރީ މަންމަ ދުނިޔޭގައި އޮއްވާ އަހަރެން އިންނަން އުޅޭތީ؟ " ތައްޔިބުގެ އަޑުން އެކޮޓަރި ގުގުމައިގަތެވެ. އަލީޝާ ހިތްބިރުގަތީ އެއަޑު ފަހަނަ އަޅައިގޮސް ސިޓިންރޫމްގައިތިބި މާނިއު އާއި އިމާދުގެ ކަންފަތާއި ހަމަޔަށް ފޯރަފާނެތީއެވެ.

"ބައްޕަގެ އެކަނިވެރިކަން ފިލުވަން ފައިނާން ނޫން ކުއްޖަކު ނުފެނުންތަ؟ އެއީ ބައްޕައަށްވުރެ ތިންގުނަ ހަގު ކުއްޖެއް، މީހުން ހާދަ މަލާމާތެއް ކުރާނެއޭ، " އަލީޝާ ވިސްނައިދެން މަސައްކަތްކުރިއެވެ. "މީހުން ކިޔާނެ އެއްޗަކަށް އަހަރެން ނުވިސްނަން، އަހަރެމެން ދެމީހުންގެ ރުހުމެއްނު މުހިއްމީ." ތައްޔިބު ޒާތަކަށް ހީލިއެވެ. ގިނަ ދުވަސްތަކަކަށްފަހުގައި ނަމަވެސް އޭނާއަށް ކަމެއް ކާމިޔާބުވެއްޖެކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ. އެކައިވެންޏާއި މެދު ވިސްނާލެވުމުން ރުޅިގަނޑުވެސް ފިނިވެގެން ދިޔައެވެ.

"ބައްޕަ ދުވަހަކުވެސް އަހަރެން މަންމަ ދެކެ ލޯބިވިންތަ؟" އަލީޝާގެ މޫނަށް ތައްޔިބު ބަލައިލީ ސިހުމާއި އެކުގައެވެ. އޭނާގެ މޫނުމަތިން ފެނުނު ހިނިތުންވުން ފިލައި ދިޔައެވެ. އަނެއްކާވެސް ދެބުމަ އިހުނަށްވުރެ ފިތިގެން ދިޔައެވެ.

"އަހަރެން ލޯބިވިން، ވަރަށް ލޯބިވިން. އެކަމަކު އަމީރާ އަހަރެންދެކެ ދުވަހަކުވެސް ލޯތްބެއް ނުވޭ، އަދި އަމުރުން ދެކުދިން ލިބުމަށްފަހު، އެއީ އަހަރެން އޭނާއަށް ދިން އަދަބެކޭ އޭނާއަށް ހީވީ، ދެކުދިން ބަލަން ބުރަވުމުން އޭނާ ވަރަށް ބޮޑަށް ބަދަލުވި، ވިހި އަހަރު އަހަރެން ކެއްކުރިން، ދަރިންނަށްޓަކައި، ހަމައެކަނި ކައްކާ ކާން ދިނުމާއި ދޮވެ އިސްތިރިކޮށްދިނުމަށްވުރެ ބޮޑު ޒިންމާއެއް އޮވޭ ފިރިމީހާއަށް އަދާކޮށްދެންޖެހޭ، ކައިވެންޏަށްފަހު ކަލޭ އެކަން ހަނދާންނައްތާނުލާތި، ނޫނީ ކަލޭގެ ފިރިމީހާއަށްވެސް އެހެން އަންހެނަކު ހޯދަން މަޖުބޫރުވެދާނެ، މިއީ ދިރިހުއްޓާ ދަރިއެއްގެކުރިމަތީ ދައްކަން އަހަރެން ގަސްތުކުރި ވާހަކައެއް ނޫން. " ތައްޔިބު އެނދުގައި އިށީނެވެ. އިސްޖަހާލިއިރު ރުޅިވެރިކަން އަނެއްކާވެސް ނެތިގޮސްފިއެވެ. އޭނާ ކެއްކުރަމުން އައި ހުރިހާ ރިހުމެއް އެއްފަހަރާ މޫނުމަތިން ހުރީ ފެންނާށެވެ. ކެއްތެރިކަމަކީ އަންހެނުންގެ އެކަނި ހުންނަ ސިފައެއް ނޫނެވެ. އެކަމަކު ފިރިހެނެއްގެ އަގުވަޒަންކުރާނެ މީހަކު ދުވަހަކުވެސް ނުހުންނާނެއެވެ.

ދޮރުލެއްޕުނު އަޑަށް ތައްޔިބު ބަލައިލިއެވެ. އޭނާއަށް ފެނުނީ ހުސްކަމެވެ. އަލީޝާ ނިކުމެގެން ދިޔައީކަން އެނގުމުން އަނެއްކާވެސް ކަރު އެލުވައިލީ މާޔޫސްވެފައެވެ. އަލީޝާ ފުރައިގެން ދާން ބޭނުންވީ އުފަލުން ހުރެއެވެ. މިއިން އެއްވެސްކަމެއް ނޭނގިއެވެ. އެއްވެސްކަމަކީ ވަންހަނާވާނެކަމެއް ނޫނެވެ. އެކަން އެވީ އެންމެ ރަނގަޅޭ އޭނާގެ ހިތަށް އެރިއެވެ.

***

ފުރަން ލޯންޗަށް އެރިއްސުރެ އަލީޝާ އިރުކޮޅުކޮޅާ ދެލޯ ފޮހެލައެވެ. މިއީ އަމިއްލަ ރަށާއި ބައްޕަ ދޫކޮށްފައިދާތީ ޖަޒްބާތީ ވަގުތުކޮޅެއްކަމުގައި މާނިއުއަށް ހީވިއެވެ. އެމީހުންގެ ކުރިމަތީ އިން ގޮނޑީގައި އިން ޖާވީންގެ ނަޒަރު އަލީޝާގެ މޫނުން ވަތްކެއްނުވިއެވެ. އޭނާގެ ދެލޯ އަވި އައިނަކުން ފޮރުވާލެވިފައިވާތީ އެކަން އިތުރު މީހަކަށް ނޭނގެނީއެވެ. އަލީޝާ ރޮނީ ކީއްވެކަމެއް އޭނާއަކަށްވެސް ނޭނގެއެވެ. ކޮނޑުގައި އިން ދަބަސްތެރެއިން އޭނާ ފެންފުޅި ނެގިއެވެ. އެއީ ކަލީމް އޭނާގެ އަތަށް ކިޔަވާފައި ދިން ފެންފުޅިއެވެ.

"ފެންފޮދެއް ބޯލަންވީނު." ޖާވީން އަލީޝާއަށް ދިއްކޮށްލިއެވެ. ދެލޯ ފޮހެލާފައި އަލީޝާ އޭގައި ހިފިއެވެ. ފުރަތަމަ ބޯލީ ކޯވަރެކެވެ. ދެން މަޑުމަޑުން ބޮމުން ގޮސް ދަތުރު ނިމެންވީއިރު ފުޅި ހުސްވެއްޖެއެވެ. ފައިކައިރީ ހުރި ޑަސްބިނުގެ ތެރެއަށް ފުޅި ލުމަށްފަހު އަލީޝާ ބޯއަޅައިލީ މާނިއުގެ ކޮނޑުގައެވެ. ކުޑަ ވަގުތުކޮޅަކަށް ވިއަސް ނިދޭތޯ އޭނާ މަސައްކަތްކުރިއެވެ.

ކަނޑުން އަންނަ ފިނި ރޯޅީތަކުގެ ސަބަބުން އޭނާގެ މޭހެޔޮވެގެން ދިޔައެވެ. އެސްފިޔަތަކަށް ބަރުޖެހި ނިދޭގޮތްވިއެވެ. މާނިއު އެއްއަތުން އަލީޝާގެ އަތުގައި ހިފަހައްޓާލައިގެން އިނީ ފޯނަށް ގެއްލިފައެވެ. އަލީޝާ އަށް ބަލަހައްޓައިގެން އިން ޖާވީންގެ ހިތުގައި އެވަގުތު އުފެދުމުން ދިޔައީ ޝަހުވާނީ އެދުމުން ފުރިގެންވާ ޚިޔާލުތަކެކެވެ. އޭނާގެ ހިތް ބޭޣަރާރުވަމުން ދިޔައެވެ. އަލީޝާ އޭނަގެ ކައިރިއަށް އަތުވެއްޖެނަމަ ކަންކުރާނެ ގޮތް އޭނާގެ ސިކުނޑީގައި ރާވަމުން ދިޔައެވެ.

ހަތަރު ގަޑިއިރުގެ ދަތުރަކަށްފަހު މާލެއަށް ދެވުނުއިރު އަލީޝާ ހުރީ ހަމަޖެހިފައެވެ. އޭނާ ގޮވައިގެން މާނިއު ދަތުރުކުރީ ވަކި ކާރެއްގައެވެ. ޖާވީން އާއި އިމާދު ދިޔައީ އެމީހުންނަށްވުރެ ފަހުންނެވެ. ކާރު މަޑުކުރީ ދިހަބުރީގެ ބޮޑު އިމާރާތެއްގެ ކުރިމައްޗަށެވެ. އެއީ މާނިއުމެންގެ ގެއޭ ބުނެލަމުން އަލީޝާ ގޮވައިގެން އެތެރެއަށް ވަންނަން ދިޔައެވެ. އޭނާ ކިޔަވަން އުޅުނު އިރު މާލެ ސިފަވި ގޮތާއި މުޅިން ޚިލާފްކަން އެނގުނީ އެގޭތެރެއަށް ވަނުމުންނެވެ. އޭރު ކުޑަ ތަންކޮޅެއްގައި ތޮއްޖެހިގެން އުޅުނަސް މިގޭގައި އެދެމަފިރިންނަށް ވަކި އެޕާރޓްމެންޓް އެބަހުއްޓެވެ. އެގޭތެރެއިން އިމްލީ އާއި ދިމާވާނެކަމުގައި އަލީޝާ ހީކުރިއެވެ. އެކަމަކު ގޭތެރެއިން ފެނުނު ދެ ނޯކަރުން ފިޔަވައި އެގޭތެރެ އޮތީ ފަޅަށެވެ.

މާނިއު އަށް އާދެވިއްޖެކަމަށްބުނެ ވާރިޝްއަށް ގުޅާލިއެވެ. މިރޭ ފަހަރެއްގައި ދެވިދާނެކަމުގައި ވާރިޝް ބުންޏެވެ. އިމްލީ ގޮވައިގެން އަންނާށޭ ބުނުމުން އެކަމަށް އާބަސްބުނީ ގިނައިރުވަންދެން ހިމޭނުން ހުރެފައެވެ. ރޭގަނޑުގެ ކެއުމުގައި އިމާދު ބައިވެރިވިއެވެ. ވާރިޝް އަންނަންދެން މަޑުކޮށްގެން ތިބި ވަގުތު އިމާދުގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމެވެ. ވާރިޝް ނައިސް ލަސްވާން ފެށުމުން އިމާދު ތެދުވީ ދާށެވެ.

"އަހަންނަށް ހީވަނީ އަހަރެން މިތަނުގައި އިންދާ އޭނަ ނާންނާނެހެން." އިމާދު ދާން ގަސްތުކުރާ ސަބަބު ހާމަކުރިއެވެ. ބައްޕަ އާއި ވާރިޝްގެ މެދުގައި ޒުވާބެއް ހިނގީއޭ މާނިއު ހިތަށް އެރިއެވެ.

"އެއީ ކީއްވެ؟" ކެއްތެރިވެފައި މާނިއު އެހީ އިމާދުގެ ކައިރީގައެވެ. އެންމެ ރަނގަޅުގޮތަކީ އެކަން ކިޔައިދިނުމަށް އިމާދުއަށް ވަގުތު ދިނުމެވެ.

"އޭނަ އައީ ފާޑެއްގެ އަންހެންކުއްޖަކު ގޮވައިގެން، އަހަރެން ބުނިން މިގެއަށް ފާޑުފާޑުގެ މީހުން ނުވައްދާށޭ، އެއީ އޭނަ ހަވާލުވާންޖެހޭ ކަމެއްވެސް ނޫނެއްނު، އެހެންވެ ދަބަސް ހިފައިގެން ދިޔައީ ނިކުމެގެން، އޭގެފަހަކުން ނާދޭ، އެކަމަކު ފިހާރައިގައި ރޯވި ދުވަހު އޭނަ ދުށިން، އެތަނުގެ ވާނުވާ ބަލާލާފައި ހިނގައްޖެ،" އިމާދު ކިޔައިދިނެވެ.

އިމްލީއަށް ހިޔާވަހިކަންދޭން ވާރިޝް އައި ވަގުތު ކަން ހިނގިގޮތުން ވާރިޝް ކަންބޮޑުވާނެވަރު އޭނާ ވިސްނަމުން ދިޔައެވެ. ބައްޕައަށް އިމްލީ ކަމު ނުދިޔައީ ކީއްވެކަމެއް ނޭނގެއެވެ. ހަމައެކަނި ސިފައަށް ބަލާފައި ބައްޕަ ނުރުހުންވާންވެއްޖެނަމަ ބައްޕަގެ ކިބައިގައި އިންސާފެއް ނެތެވެ. އެކަންތައް ވާރިޝް ހައްލުކުރީ ކިހިނެއްކަމެއް ނޭނގެއެވެ. ވާރިޝް އަކީ ވަޒީފާވެސް އަދާކުރާ މީހެއް ނޫނެވެ. އިމްލީއަށް ޚަރަދުތަކެއް ހިނގާނެއެވެ.

އިމްލީ އަކީ ކާކުކަން އިމާދުއަށް މާނިއު ކިޔައިދިނެވެ. އަދި ވާރިޝްގެ ނިޔަތަކީ އިމްލީއަށް އެހީވުން ކަމުގައި މާނިއު ބުންޏެވެ. އިމްލީގެ މަންމަގެ ބައްޔާއި ހުރިހާ ކަމެއް ކިޔައިދިނެވެ. އިމާދު ކަންތައްކުރިގޮތުން ވާރިޝް ދެރަވާނެވަރު ވިސްނައިދެވޭތޯ ބެލިއެވެ. އެކަމަކު އިމާދު ހުރީ އެގޮތަށް އެއްބަސްވާކަށް ނޫނެވެ. އަދި އަމުދުން އިމްލީ ބަނޑުބޮޑު ވާހަކަ އަހާފައި ރުޅިގަނޑު ދިޔައީ ފަޅައިގެންނެވެ.

"އެ އަންހެނާއަށް އޭނަ ޚަރަދުކުރާނެ ކުރިއަށް އޮތް ނުވަމަސްދުވަހު، އެންމެ ރަނގަޅެއްނު ދެތިން ދުވަސްތެރޭ ކައިވެނިކުރެވޭވަރުގެ މީހަކު ގެނައި ނަމަ، އޭނަ ވިހެއުމުގެ ކުރިން ކައިވެނިވެސް ނުކުރެވޭނެ، އަހަރެން މުދަލާއި ފައިސާއިން އޭނަ ޚަރަދުކުރިއަކަ ނުދޭނަން. މާނިއު، ގުޅާފައި ވާރިޝްއަށް އަންގާ އަމިއްލައަށް އުޅޭނެ ގޮތް ހޯދާށޭ." އިމާދު އަށް ވިސްނައިދެވޭނެގޮތެއް ނޭނގިފައި މާނިއު އިނެވެ. ބައްޕަ އެހެން ބުންޏަސް ވާރިޝް ކައިރީ އެހެން ބުނާކަށް ނުކެރޭނެއެވެ.

އިމާދު އެބައިން ނިކުމެގެން ދިޔައީ ރޭގަނޑުގެ ކެއުމުގައި ބައިވެރި ނުވެއެވެ. ވާރިޝް ވެސް ބައިވެރިވާކަށް ނާދެއެވެ. އެކަމާއި ފިކުރު ކުރުމުގައި މާނިއު އިނެވެ. އޭނާވެސް ނިދަން އެރީ ކާއެއްޗެއް ނުކައެވެ. ތަށިތައް ނަގާފައި އަލީޝާ އައިސް މާނިއުގެ ކައިރީ އޮށޯތެވެ. މާނިއު ނުކައި އައުމުން މިރޭ އަލީޝާއަށްވެސް ނުކެވުނެވެ.

ހަފްތާއެއް ފަސް

ކައިވެނި ކޮށް ނިމި އެންމެންނާއި ސަލާމްކޮށްލާފައި ތައްޔިބު ތެދުވިއެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ އުފާވެރިކަމެވެ. އެގޭގައި ކައިވެނި ކުރި ތަނުގައި ދެން ހުރީ ރަމްލާއެވެ. ދެހެކިންނާއި ޤާޒީއެވެ. އިތުރު މީހަކު ނެތެވެ. ފައިނާންގެ ބޭބެ ފާއިޒު އާއި ކަލީމްވެސް ނައެވެ. ފައިނާންގެ މޫނުމަތިން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އުފާވެރިކަން ފިލައި ގޮސްފައި ވިއަސް ލޮލުން ކަރުނައިގެ އަސަރެއް ނެތެވެ.

ރަމްލާ ފައިނާން އާއި ވާހަކަ ދައްކާލަން ބޭނުންވެ ވަގުތުކޮޅަކަށް އެދުމުން ތައްޔިބު ވަނީ ކޮޓަރިއަށެވެ. މިރެއަށްޓަކައި އެކޮޓަރީގެ ތަންމައްޗާއި ފަރުނީޗަރަށް ގެނެވުނު ބަދަލާއި މެދު ހިތްހަމަޖެހިފައި ކޮޓަރިއަށް ތެރެއަށް ބަލަމުން ތައްޔިބު އައިސް އެނދުގައި އިށީނެވެ.

މިރެއަކީ އޭނާގެ ހިތާއި ހަށިގަނޑަށް އުފާވެރިކަން ލިބޭނެ ރެއެކެވެ. އެވަރު އޭނާއަށްވެސް ހައްޤުކަމުގައި ހިތާއި ހިތުން އެއްބަސްވެވުނެވެ. މާލެ ދިޔަފަހުން އަލީޝާ ބައްޕަ މަތިން ހަނދުމަ ނެތް ފަދައެވެ. ނޫނީ އަދިވެސް އެހުރީ ހިތްހަމަނުޖެހިފައެވެ. ކޮންމެ ގޮތެއްވެސް މިހާރު ތައްޔިބުއަށް ވަރިހަމައެވެ. އަލީޝާ ބޭނުން ތަނަކު އުފަލުގައި އުޅުމަކުން އޭނާގެ މައްސލައެއް ނެތެވެ. ޝަކުވާއެއް ނެތެވެ.

ފައިނާންގެ އިންތިޒާރުގައި އިނދެފައި ތައްޔިބު ގޮސް ފާޚާނާއަށް ވަނެވެ. އޭނާ ނިކުތީ މޫނު ދޮވެލައިގެންނެވެ. އަދިވެސް ފައިނާންގެ މަންމަ ނުދަނީކަން އެނގުމުން ގަޑިއަށް ބަލާލިއެވެ. ދެން އަލަމާރިން ނެގީ ނިދަންލާނެ މުންޑެކެވެ. އަލަމާރި ކައިރީ ހުއްޓާ ފަހަތުން އަޑެއް އިވިގެން ބަލާލެވުނެވެ. ކުކުރުމުގެ އަޑު ކަންފަތުގައި ޖެހުމުން އަތްފައިގެ ލޯލިތައް ހީވީ ކޮޅަށް ޖެހުނުހެންނެވެ. އެއީ އަމީރާ ދުނިޔޭގައި އޮންނައިރު އޭނާއަށް އިވިއިވި ހުންނަ އަޑެވެ.

ފަސްއެނބުރި ބަލާލެވުނީ އެއީ ހީއެއްކަމަށް ހީކޮށެވެ. އެކަމަކު އެނދުމަތީ މީހަކު އޮތްތަން ފެނި ދިޔައީ ސިއްސައިގންނެވެ. އެދިމާލަށް ފިޔަވަޅު ނެގުނީ ލަސްލަހުންނެވެ. އެނދުމަތީ ހުދު ހެދުމެއްގައި އޮތީ އަމީރާއެވެ. ކުކުރަމުން ދިޔައިރު އަނގައިން ބޮކި ޖަހާފައި އެ ނިކުންނަނީ ލެޔެވެ. މުޅި އެނދާއީ ބާލީހުގެ ކުލަވެސް ލެއިން ފެވެމުން ދިޔައެވެ. އޭނާ ހީވަނީ މަރަށް ތެޅޭހެންނެވެ. އެކަމަކު ތައްޔިބުގެ ދެއަތުން އަމީރާގެ ފުރާނަ ވަކިކޮށްލިއިރުވެސް އެވަރަށް އަމީރާ ނުތެޅެއެވެ.

އެނދާއި ކައިރިވާވަރަކަށް ތައްޔިބުގެ ނޭވާ ހީވީ ތާށިވަމުން އައިހެންނެވެ. ހޭލާ ހުއްޓާވެސް ހުވަފެނެއް ފެންނަނީބާއެވެ. ނޫނީ މިރޭ އަމީރާގެ ރޫހަށް ހަމަޖެހުން ނުލިބި އައިސް އޭނާގެ ކިބައިން ބަދަލއް ހިފަނީކަމަށްވެދާނެއެވެ. އެދިމާލަށް ބަލަން ހުރެފައި ތައްޔިބަށް އަތްޖައްސާލެވުނީ އޭނާގެ މޭގައެވެ. އެދިމާލަށް އެރި ތަދާއި އެކު އޭނާއަށް ނޭވާވެސް ނުލެވުނެވެ. އެހީއަށް އެދި ހަޅެއްލަވަން ބޭނުންވިއެވެ. އެ ރހުން ގަދަވެ މުޅި އަތާއި އެކު ފެތުރެމުން ދިޔައެވެ. މަންޒަރު ފުސްވަމުން ގޮސް ހެޔަށް ގޮތްވާހެން ހީވިއެވެ. މޫނުވަތަށް އެނދުމައްޗަށް ވެއްޓެން ދިޔަކަން އެނގުނެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular