3 Aug 2026

By: Asima Nizar

ހަށިގަނޑުގެ ޓިޝޫތައް މަރާމާތުކުރުމަށާއި، ހެދިބޮޑުވުމަށް އެންމެ މުހިންމު ރޯލެއް ކުޅޭ އެއް މާއްދާއަކީ ޕްރޮޓީނެވެ. ނަމަވެސް، އާންމުކޮށް އަހަރެމެން ދިވެހި ކެއުންތައް ހުންނަ ގޮތުން— ގިނައިން ބަތާއި ރިހާކުރު ނުވަތަ މަސްރިހަގަނޑަކުން ދުވަސް ނިންމާލުމުގެ ސަބަބުން— ދުވަހުގެ ހަރަކާތްތަކަށް ބޭނުންވާ ވަރަށް ހަކަތައެއް ނުލިބެ އެވެ.

ސިއްހަތަށް ފައިދާހުރި ޕްރޮޓީން ހޯދުމަކީ ބޮޑު ހަރަދެއް ކުރަންޖެހޭ ކަމެއް ނޫނެވެ. މިއީ ގޭގައި އާންމުކޮށް ހުންނަ، އަދި އަތްފޯރާ ފަށުގައި ލިބެންހުންނަ ބާވަތްތަކުން ވެސް ފަރުޖައްސާލެވިދާނެ ކަމެކެވެ.

ތިރީގައި މިއީ ޕްރޮޓީން މުއްސަނދި، ދުވަހުގެ ކެއުމުގައި ފަސޭހައިން ހިމަނާލެވިދާނެ 5 ކާނާއެކެވެ:

1. މުގު

މުގަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު ގިނަ މާއްދާތަކެއް އެކުލެވޭ ވަރަށް ރަނގަޅު ކާނާއެކެވެ.

ކްލެވްލޭންޑް ކްލިނިކުގެ ރަޖިސްޓާޑް ޑައިޓީޝަން އަނާ ޓޭލާ ވިދާޅުވެފައިވާ ގޮތުގައި، މުގުގެ އެކި ބާވަތްތައް ހުރި ނަމަވެސް، އެ ހުރިހާ ބާވަތަކުން ވެސް ލިބޭ ސިއްހީ ފައިދާތައް ގާތްގަނޑަކަށް އެއްވަރެވެ.

2. ކައްޓާއި ހަން ނެތް ކުކުޅުމަސް

 

ޓޭލާ ވިދާޅުވި ގޮތުގައި، ގެރިމަހުގެ ބާވަތްތަކާ އަޅާބަލާއިރު ކަށިނެތް އަދި ހަންނެގި ކުކުޅު މޭމަތީ މަހުގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭއިރު، ސިއްހަތަށް ނުރަނގަޅު ސަރުބީ އެކުލެވޭ މިންވަރު މަދެވެ. މިއީ އަގުގެ ގޮތުންވެސް އާންމުކޮށް އަތްފޯރާ ފަށުގައި ލިބެން ހުންނަ ބާވަތެކެވެ.

3. ފެނުގައި ބަންދުކޮށްފައި ހުންނަ ކަނޑުމަހުގެ ދަޅު

ދިވެހިންގެ ކެއުމުގައި އާންމުކޮށް ތެޔޮ މަސްދަޅު ބޭނުންކުރި ނަމަވެސް، ސިއްހީ ގޮތުން ބަލާއިރު ފެނުގައި ބަންދުކޮށްފައި ހުންނަ މަސްދަޅު މާ ރަނގަޅެވެ. ޓޭލާ ވިދާޅުވި ގޮތުގައި، މީގައި ހިތުގެ ލޭހޮޅިތައް ބެދުމަށް މެދުވެރިވާ ފަދަ ނުރައްކާތެރި ސަރުބީ (ސެޗުރޭޓެޑް ފެޓްސް) އެއް ނުހިމެނެ އެވެ. އަދި ގޮތުން އަގުހެޔޮވެފައި، ގިނަ ދުވަހު ހަލާކުނުވެ ހުންނާތީ ބޭނުންވާ ކޮންމެ ވަގުތަކު ބޭނުންކޮށްލަން ފަސޭހަވާނެ އެވެ.

4. ގްރީކް ޔޯގަޓް 

ފެޓް ނުހިމެނޭ އާދައިގެ (ޕްލެއިން) ގްރީކް ޔޯގަޓަކީ ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ، އަދި ކެލޮރީ މަދު އެއްޗެކެވެ. މީގެ އިތުރުން، ގޮހޮރުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދޭ 'ޕްރޯބަޔޮޓިކްސް' މީގައި ހިމެނޭތީ މީގެ ސިއްހީ ފައިދާ އިތުރެވެ.

5. ނަޓް

ހުރިހާ ބާވަތެއްގެ ބަދަނަކުން ވެސް ޕްރޮޓީން ލިބޭނެ އެވެ. ނަމަވެސް އެންމެ ގިނައިން ޕްރޮޓީން ލިބެނީ ޕީނަޓްސް އަދި އާމަންޑުން ކަމަށް ޓޭލާ ވިދާޅުވި އެވެ. މިއީ ސިއްހަތަށް ފައިދާހުރި ލުއިކާނާއެއް ކަމަށްވިޔަސް، ކެލޮރީ މަތިވުމުން މާ ގިނައިން ނުކެއުން މުހިންމެވެ.

އެނގުން މުހިންމު: އާންމު ގޮތެއްގައި މީހެއްގެ ބަރުދަނުގެ ކޮންމެ ކިލޯގްރާމަކަށް 0.8 ގްރާމްގެ ޕްރޮޓީން ދުވާލަކަށް ބޭނުންވެ އެވެ. މިސާލަކަށް، 50 ކިލޯ ހުންނަ މީހަކަށް ދުވާލަކަށް 40 ގްރާމްގެ ޕްރޮޓީން ބޭނުންވާނެ އެވެ. ބޭނުންވާ މިންވަރަށްވުރެ އިތުރަށް ޕްރޮޓީން ބޭނުންކުރުމަކީ ސިއްހީ މައްސަލަތައް ދިމާވެދާނެ ކަމެއް ކަމަށްވާތީ، އަބަދުވެސް މިންހެޔޮކޮށް ކެއުމަށް ސަމާލުކަން ދޭންޖެހެ އެވެ.

ޑައެޓް ކާނާ ފައިދާހުރި ކާނާ

Popular