15 Jun 2018

ރޯދަ މަހު އެންމެ ގިނައިން ހެދީ ކޯއްޗެއް؟

ރޯދަ މަސް ނިމިގެން ދިޔައިރު އެންމެ އާންމުކޮށް ތައްޔާރުކުރި ޑިޝް އަކީ ކޮބައިހެއްޔެވެ؟ އަލަށް ތަޖުރިބާކުރީ ކޯއްޗެއްހެއްޔެވެ؟

ރޯދަ މަސް ނިމިގެން ދިޔައިރު އެންމެ އާންމުކޮށް ތައްޔާރުކުރި ޑިޝް އަކީ ކޮބައިހެއްޔެވެ؟ އަލަށް ތަޖުރިބާކުރީ ކޯއްޗެއްހެއްޔެވެ؟

By: Aishath Mihna Nasih

ކާބޯތަކެތި ތަޖުރިބާކުރުމުގެ ފޯރި އެންމެ ގަދަވަނީ ރޯދަ މަހު އެވެ. ރޯދަ މަހަށް ހާއްސަކޮށް ސުފުރާ އަށް އިތުރުވާ އައިޓަމްތަކާއި މުޅިން އަލަށް ހަދާ ޑިޝްތަކުން ތަފާތު ދައްކާލަ އެވެ. ކޮންމެ ގެއެއްގައި ވެސް މި ތަފާތު ފެންނާނެ އެވެ.

މި އާއިލާގެ ފެވަރިޓަކީ ނަޓެއްލާ ރޯލްސް

ވާހަކަ ދައްކާލި އާއިލާއެއްގެ މީހުން ބުނީ އާންމުކޮށް ކޮންމެ ދުވަހަކު ފަސްބާވަތެއްގެ ކުޅި އެއްޗިއްސާއި ފޮނި ދެ ވައްތަރެއް ތައްޔާރުކުރާ ކަމަށެވެ. ހެދިކާގެ އިތުރުން އަބަދުވެސް ރޮއްޓާއި ރިހަ ނުވަތަ ޗިލީ ޗިކަން ކަހަލަ ސައިޑް ޑިޝްއެއް ހުންނަން ޖެހޭ ކަމަށް ބުންޏެވެ. އެންމެ ގިނައިން ތައްޔާރުކުރި އެއްޗަކީ ނަޓެއްލާ ރޯލްސް ކަމަށް ވެސް މި އާއިލާއިން ބުންޏެވެ. މި އާއިލާއިން ބުނީ ގިނަ ވައްތަރުތައް ހެދިޔަސް އިސްރާފް ކުޑަކުރުމަށް، ކޮންމެ ވައްތަރަކުން ވެސް ހަދަނީ ވަރަށް މަދުން ކަމަށެވެ.

މި މީހުންގެ އެއް ވަނަ އަކީ ރޮއްޓާއި ވަޅޯމަސް ރިހަ

ދެން ދިމާވީ ތަންކޮޅެއް ބިޒީ އާއިލާއަކާއެވެ. އެންމެން ވަޒީފާއި އުޅޭތީ ރޯދަމަހު ބަދިގެއަށް ވަދެވެނީ އަސްރުކޮށްގެން ކަމަށް މި އާއިލާއިން ބުންޏެވެ.

"ކޮންމެ ދުވަހަކުވެސް ކުޅި އެއްޗެއް ތައްޔާރުކޮށްލަން، ދެން ފޮނި އެއްޗެއް އެއްދުވަހު ހަދައިފިއްޔާ އަނެއްދުވަހަށް ވެސް ހުރޭ. އެކަމަކު ކޮންމެ ދުވަހަކުވެސް ރޮއްޓާއި ރިހަ ތައްޔާރުކުރަން. އެއީ އެންމެންގެ ފޭވަރިޓް،" ބަދިގޭގެ އިސް މެންބަރު މަންމަ ބުންޏެވެ.

ކުޅި ބޯކިބާ އާއި ފުށް ގުޅަ އާއި ޕިއްޒާ އާއި މަސްރޮއްޓަކީ މި ގޭގައި އެންމެ ގިނައިން މި ރޯދަމަހު ތައްޔާރުކުރެވުނު ކުޅި ހެދިކާތަކެވެ. ފޮނި އެއްޗަކަށް ޗޮކްލެޓް ކޭކާއި ބިސްކަޓް ފަޖް އަދި ޕުޑިން ހެދި އިރު، މި ހުރިހާއެއްޗަކަށްވުރެ ވެސް ހާއްސައީ ރޯދަ ވީއްލާ ގަޑިއަށް ރޮށްޓާއި ރިހައެވެ. އަމިއްލައަށް ހަދާ ހަވާދެއްގައި ވަޅޯ މަސް ރިހަ ކައްކާއިރު ހާރަށް ވެސް އެންމެ ކަމުދަނީ ހަމަ މި ރިހަ އާއި ފިހުނު މަސްކޮޅެކެވެ.

ޕާސްތާގެ ތަޖުރިބާ

ހުޅުމާލޭގައި ދިރިއުޅޭ މި އާއިލާގ އަށް މަސްކުރޮޅި ހާއްސަ އެވެ. ރޮއްޓާއި ފެންފޮޅި އަދި މަސްކުރޮޅި ކޮންމެ ދުވަހަކުވެސް ތައްޔާރުކުރަންޖެހޭއިރު މިއީ އާއިލާގެ ހަ މެންބަރުންގެ ވެސް ފޭވަރިޓެވެ. އެއާ އެކު ދެ ވައްތަރެއްގެ ފަނި ކޮންމެ ދުވަހަކުވެސް ހަދަ އެވެ. އެވްރެޖްކޮށް ކޮންމެ ދުވަހަކު ހަތް ބާވަތެެއް މޭޒުމަތިން ފެންނަން ހުންނާނެއެވެ.

"މި އަހަރު އަލަށް ތައްޔާރުކޮށްލެވުނު ޓޫނާ މެލްޓާއި އެކި ވައްތަރުގެ ޕާސްތާ އާއި ގާލިކް ބްރެޑް ރޯލްސް. ކަމުދެއޭ ބުނެވޭނީ،" އެ އާއިލާއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި އާއިލާ އަކުން ވެސް ބުނީ ކޮންމެ ދުވަހަކު އެކި ވައްތަރުގެ ހެދިކާ ހެދިޔަސް އެކި ވައްތަރުގެ ޕާސްތާ މުޅިން އަލަށް ހެދި ކަމަށެވެ.

ތި އާއިލާގެ ރޯދަ ބަދިގޭން ލިސްޓަކީ ކޮބައިހެއްޔެވެ؟

ކެއްކުން ރޯދަ މަސް 2018

Popular