27 Jun 2020

By: Ifraz Ali

ބަނބުކޭލަށް ފަހު މި ދުވަސްކޮޅު އެންމެ ހިނގަނީ ކަނޑުލުން ތައްޔާރުކުރާ އެކި ވައްތަރުގެ ކެއުންތަކެވެ. އެހެންވެ، މިފަހަރު މި އޮތީ "ކަނޑޫބޯކިބާ" ގެ ރެސިޕީއެކެވެ. ކަނޑޫބޯކިބާ އަޅާނެ ގޮތް އަހަރެމެންނަށް ކިޔައިދިނީ ށ.ފެދޫގެ ޒުވާނެއް ކަމަށްވާ އައިޝަތު މުސްތަގީމާ އެވެ. އެ ރަށުގެ ކަނޑޫފާތަކުގެ ވާހަކަ ވެސް، އަހަރެމެން ވާނީ ވަރަށް ފަހުން ގެނެސްދީފަ އެވެ.

މުސްތަގީމާ ބުނީ މިހާރު ކަނޑޫ މޫސުން ނިމޭތީ، ކަނޑޫ ލިބުން ވަރަށް ދަތިވާން ފަށައިފި ކަމަށެވެ. އެހެންވެ، އޭގެ ކުރިން މި ބޯކިބާ ފިހެވޭތޯ އުޅެމާ ހެއްޔެވެ. ހޫނު ކަޅު ސަޔަކާ އެކު ކަނޑޫބޯކިބާ ކާން ވަރަށް މީރު ވާނެ އެވެ.

ބޭނުންވާނެ އެއްޗެހި

- 500 ގްރާމް ކަނޑޫ

- 1 ޖޯޑު ކާށި ހުނި

- 1 ޖޯޑު ފިޔާ

- 2 ޖޯޑު ވަޅޯމަސް

- 1 ގިތެޔޮ މިރުސް

- 2 ކޯޅި ހިކަނދިފަތް

- 1 ލުނބޯ

- ބައި ސަމުސާ އަސޭމިރުސް

- 1 ސަމުސާ ލޮނު

- 1 ސަމުސާ ރީނދޫ

- ލޮނު

- ތެޔޮ

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ކަނޑޫ ކޮޅުގެ ތޮށި ކަހާފައި އޭގެ ހިތި ފިލުވަން ފެނުގައި ކައްކާށެވެ.

ކަނޑޫބޯކިބާ ފިހެ ނިންމައިފައި.

ފިޔާ، މިރުސް އަދި ހިކަނދިފަތް ކުދިކޮށް ކޮށާލުމަށް ފަހު، އޭގެ ތެރެއަށް ލުނބޯ ހުތް ފިތާލާށެވެ. އަދި މީގެ ތެރެއަށް އަސޭމިރުހާއި، ރަހަ ލާ ވަރަށް ލޮނު ކޮޅެއް އެޅުމަށް ފަހު މޮޑެލާށެވެ. މި އެއްޗެހި މޮޑެ ނިމުނީމާ، ފިޔާގަނޑުގެ ތެރެއަށް ކަނޑުލާއި ވަޅޯމަހާއި ހުނިކޮޅު އަޅައިގެން މޮޑެލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވެލީމާ، ރީނދޫކޮޅެއް އަޅައިގެން އަލުން މޮޑެލާށެވެ.

ކަނޑޫބޯކިބާ، ހޫނު ކަޅު ސަޔާއެކު ކާން ވަރަށް މާރު ވާނެ.

ބޯކިބާ ފިހުމަށް ތަވާއެއްގައި ރަނގަޅަށް ތެޔޮ ފޮދެއް ހާކާލުމަށް ފަހު، މޮޑުނު މަސްގަނޑު އޭގެ ތެރެއަށް އަޅައިފައި އެއްވަރުކޮށްލާށެވެ. އެއަށް ފަހު އަވަނަށް ލާ ފިހެލާށެވެ.

ކެއްކުން ށ. ފޭދޫ

Popular