17 Nov 2021

By: Ahmed Jaishan

އައިޝަން މުހައްމަދުގެ އާޓުގެ ވާހަކަ ގިނަ މީހުންނަށް އެނގޭނީ ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި އޭނާ ބޭނުންކުރާ ނަން ކަމަށްވާ "ނިޔަދުރު" އޭ ބުނުމުންނެވެ. ބައެއް މީހުންގެ ފާޑުކިޔުމާ އެކުގައި ވެސް އައިޝަން ވަނީ ތަފާތު އާޓް ސްޓައިލެއް ދަސްކޮށްފަ އެވެ. އަދި އެ އާޓް ސްޓައިލާ އެކު ނިޔަދުރު މެދުވެރިކޮށް އައިޝަން އަންނަނީ އޭނާގެ ވާހަކަތައް ކިޔައިދެމުންނެވެ.

އާޓްގެ ތެރެއަށް ސީދާ ވަދެވުނު އިރެއް އައިޝަންއަކަށް ނޭނގެ އެވެ. ނަމަވެސް އެންމެ ކުޑައިރު އާޓަށް އޮތް ލޯތްބާ އެކު އެކި ކަހަލަ އެއްޗެހި ކުރަހައި އުޅުނީ ހޮބީއެއްގެ ގޮތުގަ އެވެ. އަދި އާޓާ މެދު ސީރިއަސްވީ ވަރަށް ފަހުންނެވެ.

View this post on Instagram

A post shared by ayshan (@niyadhuru_)

"ހަނދާނެއް ނުވޭ އާޓަށް ޝައުގުވެރިކަން ނުހުންނަ އިރެއް. އެކަމު ވަރަށް ފަހުން މިކަމަށް ސީރިއަސްކޮށް ވިސްނައި މަސައްކަތް ކުރަން ފެށީ،" އައިޝަން ކިޔައިދިނެވެ.

އައިޝަން އޭނާގެ އާޓާ މެދު ސީރިއަސްކޮށް މަސައްކަތްކުރަން ފެށީ 2018 ވަނަ އަހަރުގެ އޮކްޓޯބަރުގައި ކުރިއަށްދިޔަ "އިންކްޓޯބާ" ހަރަކާތާއެކުގަ އެވެ. އަމިއްލަ އިންސްޓަގްރާމް އެކައުންޓެއް ހަދައި އާޓް ޕޯސްޓްކުރަން ފެށީ އާޓްގެ ފެންވަރު އިތުރަށް ވަރުގަދަ ކުރުމަށެވެ. އަދި އާންމުންގެ ފަރާތުން ލިބުނު ސަޕޯޓުގެ ސަބަބުން މަސައްކަތުގައި އިތުރަށް ކުރިއަށް ދާން އޭނާ ބޭނުންވި އެވެ.

އުމުރުން 19 އަހަރުގެ އައިޝަން މިހާރު އަންނަނީ އޭނާގެ އާޓާ ގުޅޭ ދާއިރާއިން ކިޔަވަމުންނެވެ. މެލޭޝިއާއިން ކްރިއޭޓިވް މީޑިއާ ޑިޒައިން ކިޔަވަމުން ހުސްވަގުތު އޭނާ ހޭދަކުރަނީ އޭނާގެ އާޓަށެވެ. އަދި ތަފާތު އެކި ކަހަލަ އާޓް ހެދުމުގެ އިތުރުން ނިޔަނދުރު މެދުވެރިކޮށް އޭނާ އަންނަނީ އެކި ކަހަލަ ކޮމިޝަންތައް ވެސް ދެމުންނެވެ.

View this post on Instagram

A post shared by ayshan (@niyadhuru_)

އޭނާ އެންމެ ފުރަތަމަ އާޓް ހަދަން ފެށިއިރު އެންމެ ހިތްހަމަ ނުޖެހޭ އެއް ކަމަކީ ޕޯޓްރެއިޓްތައް ރިއަލިސްޓިކް ކޮށް ނުހުރުމެވެ.

"ޕޯޓްރެއިޓް ހަދަން ފެށިއިރު އެންމެ ފުރަތަމަ ހުންނާނީ ހުރިހާ ކެރެކްޓާއެއް ވެސް ވަރަށް ޑިސްޕްރޮޕޯޝަނަލް ކޮށް. ހުންނާނީ އައިބޭގްތައް ލާފައި ހަމަ. އަހަރެން އެއަށް ކިޔަނީ 'ޓަޔާޑް' އައިސް،" އޭނާ ކިޔައިދިނެވެ.

View this post on Instagram

A post shared by ayshan (@niyadhuru_)

ދެން އެކަހަލަ އާޓާ ގުޅޭގޮތުން ދުވަހަކު ވެސް ކެރެކްޓަރުން ބޭނުންވާ ގޮތަށް ނުހުރުމާ އެކު އާޓަށް ބަދަލު ގެނައުމަށް ތަފާތު އެކި ރިސާޗުތައް އައިޝަން ހެދި އެވެ. އެ ރިސާޗުން ފެނުނީ އައިޝަން ކުރަހާ ކުރެހުންތަކާ ގުޅޭ އާޓް ސްޓައިލްތަކެވެ. އޭނާގެ އެންމެ ބޮޑު އިންސްޕިރޭޝަނަކަށް ވީ ބްރެޒީލިއަން އާޓިސްޓެއް ކަމަށްވާ ބްރޫނާ މަންކޫޒޯ އެވެ. އައިޝަންގެ އާޓް ތަރައްގީކޮށް އިތުރަށް ވަރުގަދަ ވުމުގެ އެންމެ ބޮޑު އިންސްޕިރޭޝަނަކަށް ވީ މަންކޫޒޯގެ އާޓް ސްޓައިލެވެ.

"ހަމަ އޭގެ އިތުރުން އަހަރެން ހަދަން ވެންޓް އާޓް ކިޔާ އެއްޗެއް. މިގޮތަށް އާޓް ހަދަނީ ވަކި އެންޑް ޕްރޮޑަކްޓަކާ މެދު ނުވިސްނާ އެކި ކަހަލަ މީޑިއަމް ބޭނުންކޮށްގެން،" އޭނާ ބުންޏެވެ.

މި އާޓްތަކަކީ އާންމުގޮތެއްގައި އޭނާގެ ގޭގައި ރައްކާކޮށްފައި ބަހައްޓާ އާޓްތަކެވެ. އަދި އެ ސޯޝަލް މީޑިއާއަށް ލާން ބޭނުންވުމުން އޭނާ އެ ޕޯސްޓުކުރެ އެވެ.

View this post on Instagram

A post shared by ayshan (@niyadhuru_)

އައިޝަން އާޓް ބޭނުންކުރަނީ ބަސްތައް ބޭނުން ނުކޮށް އެކި ކަހަލަ އިހުސާސްތައް ހިއްސާ ކުރުމަށެވެ. ނަމަވެސް ބައެއް މީހުންނަށް އައިޝަންގެ އާޓް ސިފަކުރެވެނީ އެއީ ވަރަށް "ކަންނެތް" އަދި "ފަސޭހަ" އާޓް ސްޓައިލެއްގެ ގޮތުގައި އެވެ.

"އަހަރެންގެ އާޓްވޯކްތަކަކީ އޭގައި އަހަރެންނަށް ޕާސަނަލް މާނަތަކެއް ހިމެނޭ އެއްޗެއް. އަދި އެ މާނައަކީ ކޮންމެ މީހަކަށް ނުފެނި ވެސް ދާނެ އެއްޗެއް. އެއާ އެކު މީހުންގެ އެކި ކަހަލަ ނެގެޓިވް ކޮމެންޓްތައް ވެސް ބަލައިގަންނަން މިހާރު މި ދަސްކުރަނީ،" އައިޝަން ބުންޏެވެ.

އައިޝަން އާޓް ހަދަނީ އޭގެ ސަބަބުން އޭނާ އަށް ހިތްހަމަޖެހުމާއި އުފާ ލިބޭތީ އެވެ. އެހެންވީމާ ކޮންމެ މީހަކަށް އެ އާޓް ސްޓައިލް ކަމުދާކަށް ވެސް ނުޖެހެ އެވެ.

View this post on Instagram

A post shared by ayshan (@niyadhuru_)

ބައެއް މީހުންގެ ފާޑުކިޔުމާ އެކުގައި ވެސް އައިޝަން ދެކޭ ބޮޑެތި ހުވަފެންތަކެއް އެބަހުއްޓެވެ. އޭގެ އާޓް ބޭނުންކޮށްގެން އަމިއްލަ ބްރޭންޑެއް ހެދުމަކީ އައިޝަންގެ ވަރަށް ބޮޑު ހުވަފެނެކެވެ. އަދި އެ ހުވަފެން ހަގީގަތަކަށް ހަދައި އަމިއްލަ އެގްޒިބިޝަނެއް ހުޅުވުމުގެ އުއްމީދުގައި އޭނާ ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެކަމަށް އޭނާގެ އާއިލާގެ ފަރާތުން ވެސް ބޮޑު ސަޕޯޓެއް އަންނަނީ ލިބެމުންނެވެ.

"މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުންވަނީ ކޮންމެ މީހަކު ވެސް އަމިއްލަ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަން ޖެހޭނެ ކަން. އެއީ ވަރަށް ވަގުތު ވާނެ ކަމެއް. އަދި ވަރަށް ބިރުވެރި ވެސް ކަމެއް. އެކަމަކު ބައެއްގެ ސަބަބުން އަމިއްލަ މަސައްކަތް ހުއްޓުނަ ނުދޭތި،" އައިޝަން ބުންޏެވެ.

View this post on Instagram

A post shared by ayshan (@niyadhuru_)

އައިޝަން ބުނާގޮތުގައި އޭނާ އަށް މިހާތަނަށް އާދެވުނު އިރު ވަރަށް ބޮޑެތި ކުރިއެރުން ވަނީ ލިބިފަ އެވެ. އަދި އަމިއްލަ ކުރަމުން އަންނަ މަސައްކަތައް ފަހުރުވެރި ވާ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

ކަވާ ފޮޓޯ : އައްޝާމް މުހައްމަދު

Popular