10 May 2022

By: Aishath Maaha

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަން، ކުދިން އުފާކޮށްލައި، އެކުދިންނަށް ހަދިޔާއެއް ދިނުމަކީ އާންމު ކަމެކެވެ. ގޭގައި އުޅޭ ކުޑަކުދިންނަށް ކަމުދާނެ ހަދިޔާއެއް ހޯދަން ބައެއް ފަހަރު އުނދަގޫވެ އެވެ. އެކުދިން އެންމެ ބޭނުންވާނީ ކޮން ކަހަލަ އެއްޗެއް ކަމެއް ނޭނގޭތީ އެވެ. ނުވަތަ ކަމުދާ ހަދިޔާއެއް ލިބޭނޭ ތަނެއް ވެސް ނޭނގޭތީ އެވެ.

މި ކިޔައިދެނީ މިއަދު ފަސޭހައިން ހޯދިދާނެ އަދި ކުޑަކުދިންނަށް ކަމުދާނެ ކަހަލަ ހަދިޔާތަކުގެ ލިސްޓެކެވެ.

ކުކީ ޑެކަރޭޝަން ކިޓެއް

މިއީ ކުދިންނަށް ވަރަށް ކަމުދާނެ ހަދިޔާއަކަށް ވާނެ އެވެ. ކުކީސް އަކީ އާންމުކޮށް ކުޑަކުދިންގެ މެދުގައި މަގުބޫލު އެއްޗަކަށް ވުމުގެ އިތުރުން އަމިއްލައަށް ކުކީ އެއް ޑެކަރޭޓްކޮށްލަން ލިބުމަކީ ގިނަ ކުދިން ގަޔާވާނޭ ކަމެކެވެ.

އަދި މިއީ ކުދިންނާއެކު ބައިވެރިވެލައިގެން ބޮންޑިން ޓައިމެއްގެ ގޮތުގައި ކުރެވިދާނެ ކަމެއްވެސް މެ އެވެ.

ބިޒީ ބޯޑެއް

އަލަށް ކުދިކުދި ކަންކަން ދަސްކުރަމުން އަންނަ އުމުރުގެ ކުދިންނަށް ބިޒީ ބޯޑަކީ ވަރަށް ކަމުދާނެ ހަދިޔާ އެކެވެ. މިއީ އަމިއްލައަށް ގޭގައި ވެސް ތައްޔާރުކޮށްލެވިދާނެ އެއްޗެކެވެ. ކަރުދާސް ފޮށިގަނޑެއްގައި ކުދިންނަށް ދަސްކޮށްދެން ބޭނުންވާ އެއްޗެހި ހަރުކޮށް ކުދިންނަށް ދެވިދާނެ އެވެ. މިސާލަކަށް ބޫޓު ނާޑުވާ، ޒިބު، ތަންޑު ފަދަ ތަކެތި ބޭނުންކުރާ ގޮތް ދަސްކޮށްދޭން މިއީ ފަސޭހަ ގޮތެކެވެ.

ބޯޑް ގޭމް

އާއިލާ އަދި ރައްޓެހިންނާއެކު ކުޅެވޭ ކަހަލަ ބޯޑް ގޭމަކީ ވެސް ކުދިން ވަރަށް ގަޔާވާނޭ އެއްޗެކެވެ. އަދި ވަގުތު ހުސްކޮށްގެން ކުދިންނާއެކު ކުޅުމުގައި ބައިވެރިވުން މުހިންމެވެ.

އެގޮތުން، މޮނޮޕޮލީ، ސްކްރެބަލް، އުނޯ ނުވަތަ ލޫޑޯ ގޭމް އަކީ ވެސް މަޖާ ގޭމްތަކެކެވެ. ހަމައެކަނި ހަދިޔާއެއްގެ ގޮތުގައި މިތަކެތި ކުދިންނަށް ދިނުމުގެ ބަދަލުގައި ވަގުތު ހުސްކޮށްގެން ކުދިންނާއެކު ކުޅުން ވެސް މުހިންމެވެ. އެންމެ އަގުބޮޑު ހަދިޔާއަކީ އެއީ އެވެ.

ބޫޓު

ބޫޓަކީ މިހާރު ގާތްގަނޑަކަށް ހުރިހާ ކުދިންގެ ވެސް ފޭވަރިޓް އެއްޗެކެވެ. ފައިވާނަށްވުރެ ބޮޑަށް ކުދިންނަށް ކަމުދަނީ ބޫޓެވެ. އެހެންވީމަ ހަދިޔާއަކަށް ދޭނެ އެއްޗެއް ނޭނގެން އުޅޭނަމަ ރީތި ބޫޓެއް ހަދިޔާކޮށްލާށެވެ. ވަރަށް އުފާވާނެ އެވެ.

ވާހަކަ ފޮތް

ވާހަކަ ކިޔާ ހިތްވާ ކުދިންނަށް މިއަށްވުރެ ވަކި ރަނގަޅު ހަދިޔާއެއް ނޯންނާނެ އެވެ. ކުއްޖާގެ އެންމެ ފޭވަރިޓް ލިޔުންތެރިޔާގެ އެންމެ ފަހުގެ ވާހަކަ ފޮތް ހަދިޔާކުރާށެވެ. ނުވަތަ އެކުއްޖާ އަބަދުވެސް ބޭނުންވެ، އެކަމަކު މިހާތަނަށް އަދި ކިޔާލަން ނުލިބި އޮތް ވާހަކަ ފޮތެއް ދޭށެވެ.

ގަހެއް / ޕެޓެއް

ބޮޑުވަމުން އަންނައިރު ބޮޑެތި މީހުން ގޮތަށް ކަންކަމުގެ ޒިންމާ ނަގަން ކުދިން ބޭނުންވާނެ އެވެ. އަދި އެއީ ދަސްކޮށްދޭން ވެސް ޖެހޭ ކަމެކެވެ. ގަހެއް ނުވަތަ ކުއްޖާއަށް ކަމުދާ އަދި ފަސޭހައިން ގެންގުޅެވޭ. ގޭތެރޭ މާހައުލާ ވެސް އެކަށީގެންވާ ފަދަ ޕެޓެއް ދޭށެވެ. މިއީ އަމިއްލަ މީހާގެ އިތުރުން އެހެން މީހުން ނުވަތަ އެއްޗެއްގެ ޒިންމާ ނަގަން ދަސްކޮށްދޭން ކުރެވިދާނޭ ކަމެއް ވެސްމެ އެވެ.

އާ ކަމެއް ކުރުމުގެ ފުރުސަތު

ކުއްޖާ ކުރަން ބޭނުންވާ އެކަމަކު އަދި މިހާތަނަށް ފުރުސަތު ލިބިފައި ނެތް ކަމެއް ކުރުމުގެ ފުރުސަތު ދެވިދާނެ އެވެ. މިސާލަކަށް އެއްޗެއް ކޮށާލަން، އިސްތިރި ކުރުން ކަހަލަ ކަމެއް ވެސް ރަނގަޅުވާނެ އެވެ. އެކަމަކު ބޮޑު މީހެއްގެ ހާޒިރުގަ އެވެ. މިފަދަ ކަންކަމަކީ ވެސް ބައެއް ފަހަރު ކުދިން ކުރަން ބޭނުންވެ، އެކަމަކު ކުޑަވުމުން އެކުދިންނަށް ކޮށްލަން ފުރުސަތު ނުލިބި ހުންނަ ކަންކަމެވެ.

ކުޑަކުދިން

Popular