10 May 2022

By: Ahmed Jaishan

އިސްތަށިގަނޑަކީ ފެޝަން އެކްސެސަރީއެއްގެ ގޮތުގައި ވަރަށް ގިނަ ގޮތްގޮތަށް ބޭނުންކުރާ އެއްޗެކެވެ. ތަފާތު އަލި ކުލަތައް ބޭނުންކޮށްގެން އާ ލުކްތައް ބޭނުންކުރުމަކީ މިހާރު ވަރަށް ބޮޑު ޓްރެންޑެކެވެ. ނަމަވެސް ބޮލުގައި ކުލަ ޖެއްސުމަކީ މަސައްކަތުގެ މާހައުލާ މާ ގުޅޭ ކަމެއް ނޫން ކަމަށް ބައެއް މީހުން ދެކެ އެވެ.

ބޮލުގައި ތަފާތު ކުލަތައް ޖެއްސުމަކީ އާ ކަމެއް ނޫނެވެ. ދެހާހުގެ ކުރީކޮޅުގައި ވެސް މި ޓްރެންޑު ވަރަށް ބޮޑަށް އާންމުވެފައިވާއިރު މިހާރު އަނެއްކާ ޒުވާނުންގެ މެދުގައި މި ޓްރެންޑު އަންނަނީ މަގުބޫލުވަމުންނެވެ.

ހަމައެކަނި އޮތީ އެއް މައްސަލައެކެވެ. އެއީ ވަޒީފާއަށް ދާއިރު ބޮލުގައި ކުލަ ޖައްސާފައި ހުރުމުން "އަންޕްރޮފެޝަނަލް" ވާތީ އެވެ. ބައެއް އޮފީސްތަކުގައި މަސައްކަތް ކުރާއިރު ބޮލުގައި އެއްވެސް ޒާތެއްގެ އަލި ކުލައެއް ޖެއްސުމަކީ މަނާ ކަމެކެވެ. މެނޭޖްމެންޓުން ދެނީ އެއް ސަބަބެކެވެ. އެއީ އިސްތަށިގަނޑުގައި ފާޑުފާޑު ކުލަ ހުރުމަކީ ޕްރޮފެޝަނަލް ކަމަކަށް ނުވުމެވެ.

View this post on Instagram

A post shared by Ana Paula (@cerveja_e_batom)

މިކަމުގައި ދެ ކޮޅުގެ ވެސް ޕޮއިންޓުތަކެއްވެ އެވެ. އިސްތަށިގަނޑުގައި ކުލަ ޖެއްސުން މަނާވެ އެކަން އަންޕްރޮފެޝަނަލް ކަމަކަށް ވާ ސަބަބުތައް ފުރަތަމަ ބަލައިލަން ހިނގާށެވެ.

ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ މީހުންނަށް ބޮލުގައި ކުލަ ޖައްސައި ކޮންމެވެސް ވަރަކަށް ޑްރެސް ކޯޑުގައި ދޫތަކެއް ލިބެ އެވެ. ނަމަވެސް މި ކަންކަން ބިނާވެފައި އޮންނަނީ އެތަނެއްގެ އެޗްއާރު އަދި މަތީ މަގާމުތަކުގައި މަސައްކަތް ކުރާ މީހުންގެ ވިސްނުމަށެވެ. އެ މީހުންނަކީ އާންމުކޮށް ހެދުން އެޅުމުގައި ކޮންމެވެސް ވަރެއްގެ މިނިވަން ކަމެއް ދޭ ބައެކެވެ. ނަމަވެސް ބައެއް ވަޒީފާތަކުގައި ވަރަށް ހަރުކަށި ޑްރެސް ކޯޑުތަކަށް އަމަލުކުރަން ޖެހެ އެވެ.

View this post on Instagram

A post shared by Coiffure Beauty Magazine (@coiffurebeautymagazine)

އެމެރިކާގެ ސްޓައިލިސްޓުންތަކެއް ކޮސްމޯޕޮލިޓަން އަށް ހެދި ދިރާސާއަކުން އެނގުނު ގޮތުގައި އާންމުކޮށް އިސްތަށިގަނޑުގެ ކުލަތަކަށް އެހާ ބާރު ފޯރުވަނީ ގިނަ ފަހަރަށް "ކުރީގެ ވިސްނުން" ގެންގުޅޭ އިސްވެރިންގެ ވިސްނުމާ އެކުގަ އެވެ.

"ބައެއް ފަހަރަށް އިސް މަގާމުތަކުގައި ތިބޭނީ ވަރަށް ދުވަސްވީ މީހުން. މި މީހުންނަށް ގިނަ ފަހަރަށް ފެންނަ ގޮތުގައި ބޮލުގައި ފާޑު ފާޑު ކުލަ ޖެއްސުމުން ފެންނަނީ ވަރަށް ނުވިސްނޭ އަދި ކަންކަމާ ސީރިއަސް ނުވެވޭ ބައެއްގެ ގޮތުގައި،" ސްޓައިލިސްޓުން ބުނެފައިވެ އެވެ.

މިހެން ވިސްނުން ހުރުމުގެ ސަބަބުން ތަފާތު ކުލަ ތަކުގެ އިސްތަށިގަނޑު ހުންނަ މީހުން ލޭބަލް ކުރެވެނީ ގިނަ ފަހަރަށް މަސައްކަތުގެ ޒިންމާ އަދާނުކުރެވޭ މީހުންގެ ގޮތުގަ އެވެ. މިއީ ދިވެހިންގެ ތެރޭގައި ވެސް ގަބޫލު ކުރެވޭ ކަމެކެވެ.

"އެއް ފަހަރަކު ޗުއްޓީ ލިބުނީމާ ކުލަ ޖެއްސީ. ލައިލެކް ކުލަ ބޮލުގައި ޖައްސާފައި ހުންނާނީ އެ ދުވަސްކޮޅު. ދެން އޮފީހަށް ދިޔައިރު މިއީ މަނާ ކަމެއްކަން އެނގުނީ،" މި އަހަރުގެ ކުރީކޮޅުގައި ބޮލުގައި ކުލަ ޖެއްސި ދިވެހި ޒުވާނަކު ކިޔައިިދިނެވެ.

.

އޭނާ ބުނިގޮތުގައި އޮފީހުގެ ޑްރެސް ކޯޑެއް އޮތްކަން ވެސް އެނގުނީ އެހާ ހިސާބުންނެވެ. އަދި އޮފީހަށް ދެން އަންނަ އިރު ބޮލުގައި ކަޅުކުލަ ނުވަތަ މުށި ކުލަ ޖައްސައިގެން އައުމަށް ނަސޭހަތްތެރިވި ކަމަށް އޭނާ ބުންޏެވެ. އެ އޮފީހުގައި ބަލައިގަންނަ ކުލަތަކަކީ ހަމައެކަނި އެއީ ކަމަށް އޭނާ ބުންޏެވެ.

އެއާއެކު އަނެއް ފަޅީގެ ބަހުސްތައް ވެސް ބަލައިލަމާ ހިނގާށެވެ. އިސްތަށިގަނޑުގެ ކުލަ އާއި މީހާ މަސައްކަތަށް ހުރި ޝައުގުވެރިކަމާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އިސްތަށިގަނޑުގައި ޖައްސާ ކުލައަކުން މީހާގެ މަސައްކަތުގެ ހުނަރެއް އަދި އެމީހެއް މަސައްކަތަށް ހުރި ޝައުގުވެރިކަމެއް ނޭނގޭނެ އެވެ.

އިސްތަށިގަނޑުގައި ކުލަ ހުރުމުން އަންޕްރޮފެޝަނަލް ވަނީ ހަމައެކަނި ބައެއް މީހުންގެ ވިސްނުން ހުންނަ ގޮތުން ކަމަށް ޒުވާނުން ގަބޫލު ކުރެ އެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ބަލަން ޖެހޭނީ ކުރާ މަސައްކަތަށެވެ. އެމީހެއް ހުންނަ ގޮތާއި ފެންނަ ފެނުމަކީ ބަލަން ޖެހޭ ކަމެއް ނޫން ކަމަށް ޒުވާނުން ގަބޫލު ކުރެ އެވެ.

ފެޝަން އިސްތަށިގަނޑުގެ ފަރުވާ

Popular