By: Aishath Maaha
        
      
  
        
        މި ކުރެހުމަކީ މިހާރު އާޓް ގެލެރީގައި ކުރިއަށް ގެންދާ ބައިނަލްއަގްވާމީ މުބާރާތެއްގައި ބައިވެރިވެ އެއިން އެއް ވަނަ ހޯދި ކުރެހުމެވެ. މަޝްހޫރު އާޓިސްޓް ވާން ގޯހް އަށް އޭނާގެ ލޮލުން ދުނިޔެ ފެނުން ގޮތަށް ކުރަހަން ޖެހޭ މި މުބާރާތުން އެއް ވަނަ ހޯދީ ދިވެހި އާޓިސްޓް އަލީ އާޒިމް (ޒިމް) އެވެ.
       
  
  
      
    
  
        
        މި ކިޔައިދެނީ ޒިމްގެ މި ކުރެހުމުގެ ވާހަކަ އެވެ.
       
  
  
  
        
        އޭގެކުރިން އާޓިސްޓް ވާން ގޯހް ގެ ތައާރަފެކެވެ. ވާން ގޯހްގެ ކުރެހުންތައް ދިވެހި ޒުވާނުންގެ ތެރޭގައި ވެސް މަގުބޫލެވެ. ވާން ގޯހްގެ ކުރެހުންތައް މަގުބޫލުވެ އޭނާ މަޝްހޫރުވީ އޭނާ މަރުވި ފަހުންނެވެ. ވާން ގޯހްގެ ސްޓޭރީ ނައިޓް ކުރެހުންތަކަކީ މުޅި ދުނިޔޭގައި ވެސް މަގުބޫލު އާޓްވޯކެކެވެ.
       
  
  
  
        
        މި މުބާރާތުގައި ބައިވެރިވެ ކުރަހާނެ އާޓްވޯކެއް ނިންމިއިރު ޒިމް ބެލީ އޭނާގެ އެންމެ މަގުބޫލު ކުރެހުންތަކެއް އިންސްޕަޔާވެގެން ކުރެހުމެއް ކުރަހާށެވެ.
       
  
  
  
            
         އާޓިސްޓް އަލީ އާޒިމް (ޒިމް) އޭނާގެ ކުރެހުން ކައިރީގައި ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ލިޖާޒް ފޮޓޯފްރަފީ
        
                  އާޓިސްޓް އަލީ އާޒިމް (ޒިމް) އޭނާގެ ކުރެހުން ކައިރީގައި ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ލިޖާޒް ފޮޓޯފްރަފީ
              
      
  
  
        
        "މި ކޮމްޕެޓިޝަންގެ ޕޯސްޓަރެއް ވެސް ފެނުނީ ޑިއު ވާން ފަސް ދުވަހަށް ވެފައި އޮއްވާ، ރަށަށް ދިރިއުޅުން ބަދަލުކޮށް ނޯ ޕޭގައި ހުރެފައި ޗެކަޕަށް މާލެ އައިސް ހުއްޓަ އެއީ، ކުރަހަން ބޭނުންކުރާ ހުރިހާ އެއްޗެއް ވެސް ހުރީ ރަށުގައި، ދެން ވަރަށް ބަޖެޓުކޮށް ތިން ފިއްސާއި، ކެންވާސްއަކާއި ބޭނުންވާ ކުލަތައް ގަނެގެން ފެށީ،" ޒިމް ކިޔައިދިނެވެ.
       
  
  
  
        
        އޭރު މުބާރާތުގައި ބައިވެރިވި އެހެން ހުރިހާ އާޓިސްޓުންގެ ކުރެހުންތައް ހުރީ ފޮނުވާފަ އެވެ.
       
  
  
  
      
      
        
      
          
  
  
  
        
        "ވާން ގޯހް އެނގުނަސް މާބޮޑު ޑީޓެއިލް އެއް ނޭނގޭ، އެންމެ ފުރަތަމަ ޔޫޓިއުބުންނާއި ގޫގުލް އާއި ހުރިހާ އެއްޗަކުން އޭނަ އާއި ބެހޭ މައުލޫމާތު ހޯދީ، ދެން ކުރަހަން ވެގެން ހިތަށް އެރީ އޭނަގެ އެންމެ މަޝްހޫރު ކުރެހުންތަކާއި ގުޅުވައިގެންނޭ ކުރަހާނީ،"
       
  
  
  
        
        އެއީ ސްޓޭރީ ނައިޓް ކުރެހުމާއި، މޫދަށް ރިފްލެކްޝަން އެޅޭގޮތަށް ވާން ގޯހް ކުރަހާފައިވާ ދެ ކުރެހުމެވެ. ދެން ޒިމް ބޭނުންވީ ދިވެހިންނާއި އޭތި ގުޅުވާލާށެވެ.
       
  
  
  
        
        "އެހެންވެ ބްރިޖް ކުރެހީ، ބްރިޖް ފެނުނީމަ އެންމެނަށް ވެސް އެނގޭނެ، އެންމެން ވެސް ފޮޓޯ ނަގައި ހަދާ ތަނެއް އެއީ، ދެން ފޮޓޯގްރާފަރު ނައުޝަމްގެ ފޮޓޯއެއް ބަލައިގެން ކުރެހީ އޭނަގެ ކައިރިން ހުއްދަ ހޯދައިގެން،"
       
  
  
  
            
         އާޓިސްޓް އަލީ އާޒިމް (ޒިމް) އޭނާގެ ކުރެހުން ކައިރީގައި ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ލިޖާޒް ފޮޓޯފްރަފީ
        
                  އާޓިސްޓް އަލީ އާޒިމް (ޒިމް) އޭނާގެ ކުރެހުން ކައިރީގައި ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ލިޖާޒް ފޮޓޯފްރަފީ
              
      
  
  
        
        "ކުރެހިއިރު ވަރަށް ބެލިން މޫދަށް ރިފެލްޝަން އެޅޭއިރު ހުންނަ ގޮތާއި އެ ހުރިހާ އެއްޗެއް އެތާ ކައިރިއަށް ގޮސްގެން، ދެން ހަމަ ވާން ގޯހް ވެސް ކުރަހާއިރު ފިއްސާއި އެއްޗެހި ގެންގުޅޭނެ ހެން ހީވާގޮތް ބަލައިގެން، އެއީ އޭނަ ސުއިސައިޑް ވެގެން މަރުވީ ވަރަށް ބޮޑަށް ޑިޕްރެސް ވެގެން، ޖަލުގައި ވެސް އޮތް، އެކަންކަމަށް ބަލާއިރު އޭނަ ފިއްސާ އެއްޗެހި ގެންގުޅޭނީ ވަރަށް އަވަސް އަވަހަށް އެހާ ރަނގަޅަށް ނުދޮވެ، އޭނަގެ އާޓްވޯކްތަކަށް ބެލީމަ އެނގޭނެ، ޒިމް ބެލިން ވަރަށް ބޮޑަށް ޒޫމްކޮށްގެން ވެސް، ހުރޭ އެގޮތަށް ފިހި ރީއްޗަށް ނުދެވޮ ހުންނާތީ އެހެން ތަންތަނުގައި ކުލަ ކުޑަކޮށް އުނގުޅި، އެވަރަށް ރިސާޗްކޮށްގެން ކުރެހީ،"
       
  
  
  
        
        މި ހުރިހާ މަސައްކަތެއް ޒިމް ކުރީ ފަސް ދުވަހުގެ ތެރޭގަ އެވެ. ކޮންމެ ދުވަހަކު ގާތްގަނޑަކަށް ޖުމްލަ ދެ ގަޑިއިރެއް ހާއިރުންނެވެ.
       
  
  
  
        
        "މީގައި ކުރަހަން ޖެހެނީ އޭނަގެ ލޮލުން ދުނިޔެ ފެންނަ ގޮތް، އޭނައަށް ފެނުނު ގޮތް، އެހެންވެ އެވަރަށް ރިސާޗްކުރީ، ބޭނުންވީ މީތި ވިން ކުރަން، އެހާ ޔަގީންކަން އޮތް ކުރަހާ ނިންމާފައި ހަވާލުކުރި އިރު،" ރާއްޖެއިން ވެސް އެތައް އާޓިސްޓުންނެއް އަދި ރާއްޖޭން ބޭރުން ވެސް އެތައް އާޓިސްޓުންނެއް މި މުބާރާތުގައި ބައިވެރިވި އެވެ. ގާތްގަނޑަކަށް 300 ކުރެހުން މި މުބާރާތުގައި ބައިވެރި ކުރި އެވެ.
       
  
  
  
        
        މި މުބާރާތް މި މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އާޓް ގެލެރީގައި ކުރިއަށް ގެންދާނެ އެވެ.