28 Jun 2022

By: Aishath Maaha

ކުރިއަށް މިއޮތީ ސްކޫލް ޗުއްޓީ އާއި އީދު ބަންދާ އެކު ބޮޑު ޗުއްޓީއެކެވެ. ޗުއްޓީއަށް ތަންތަނަށް ދާން ބޮޑެތި ޕްލޭންތައް ހަދައި މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަނީ އެވެ. ރާއްޖޭގެ އެކި ރަށްތަކަށާއި ރާއްޖޭން ބޭރަށެވެ. ޝޮޕިން ކުރުމާއި، ހަދިޔާ ގަތުން ފޯރީގައި ކުރިއަށް ދަނީ އެވެ.

މި ދަތުރުތަކުގައި އަލަތު މައިންގެ ހާސްކަން ބޮޑެވެ. ކުޑަ ދަރިފުޅު ގޮވައިގެން އަލަށް ދަތުރަކު ދާން އުޅޭއިރު ދަތުރުމަތީގައި ވަގުތުތައް ހޭދަކުރާނީ ކިހިނެއްބާއޭ ހިތަށް އަރަނީ އެވެ. މުޅި ދަތުރުމަތީގައު ދަރިފުޅު ރޮއެ ފިއްޔާ އެހެން މީހުންނަށް ވެސް އުނދަގޫވާނެތީ އެވެ.

މިއީ ކުޑަކުދިން ގޮވައިގެން ފްލައިޓްގައި ދަތުރުކުރާ މައިންނަށް ތަޖުރިބާހުރި ބައެއް މައިން ދީފައި ހުރި ބައެއް ޓިޕްސް އެވެ. މި ހުރިހާ އެއްޗެއް ގެންދިޔަ ނަމަވެސް އޯވަޕެކް ނުކުރައްޗެވެ.

ފްލައިޓަށް އެރުމުގެ ކުރިން ކާން ދިނުން

ކާން ދޭ އުމުރުގެ ކުއްޖަކު ގޮވައިގެން ދަތުރުކުރާ ނަމަ ދަތުރަށް ފެށުމުގެ ކުރިން ދަރިފުޅަށް ކާން ދޭން ވާނެ އެވެ. އެއީ ކިތަންމެ ދިގު ނުވަތަ ކުރު ދަތުރެއް ވިޔަސް އެވެ. ބަނޑުފުރިފައި ހުރުމަކީ ކުއްޖާގެ މޫޑު ރަނގަޅުކޮށްދޭނެ ކަމަކަށްވާތީ އެވެ.

ނައްޓާލާ އަދި ލޭންޑްކުރާ ގަޑީގައި ފީޑްކުރުން

ފްލައިޓް ނައްޓާލާ ގަޑި އަދި ލޭންޑްކުރާ ގަޑިއަކީ ޕްރެޝާ ބަދަލުވާ ވަގުތަކަށް ވުމުން އެކަމުގެ ސަބަބުން ކުއްޖާއަށް ވާ އުނދަގޫ ކުޑަކުރަން އެންމެ ފަސޭހަ އުކުޅަކީ ގާތުން ބޯ ކުދިންނަށް ގާތުން ދިނުން ކަމަށް ގިނަ ބެލެނިވެރިން ބުނެ އެވެ. އޭގެ ބަދަލުގައި ފޮނި އެއްޗެއް ނުވަތަ ޕެސިފަޔާ ވެސް ދެވިދާނެ އެވެ.

ގަޔަށް ފަސޭހަ ހެދުމެއް

ދިގު ދަތުރަކަށް އަރާނަމަ ގަޔަށް ފަސޭހަ އަދި ފަސޭހައިން ބޭލުވޭ ކަހަލަ ހެދުމެއް ލައްވާށެވެ. އަދި ފިނި ނުވާނޭ ކަހަލަ ހެދުމަކަށް ވެސް ވާން ވާނެ އެވެ. އިތުރު ހެދުމެއް ހޭނޑް ލަގޭޖަށް ލާންވާނެ އެވެ. ފަސޭހައިން ނެޕީ ބަދަލުކޮށް ހެދޭނީ އޭރުންނެވެ. އަދި ފްލައިޓަށް އެރުމުގެ ކުރިން ނެޕީ ބަދަލުކޮށްލަން ވާނެ އެވެ.

ދަތުރުމަތީގައި ނިންދެވުން

ފްލައިޓަށް އަރާފައި ދަރިފުޅު ނިންދަވާލުމަކީ އިތުރަށް ފަސޭހަވާނެ ކަމެކެވެ. އެކަމަކު އެއީ ނެޕް ގަޑިއަކަށް ވާނަމަ އެވެ. އެހެން ނޫނީ ނިންދެވުން ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. ކެރިއާއަށް ލައިގެން އުލޭ އުމުރުގެ ކުދިން ކެރިއާގައި ގެންދިއުމުން އުނގުގައި އަތްމަތީ ބާއްވާކަށް ނުޖެހޭނެ އެވެ. އަދި އޭރަށް ބޭބީ ސީޓް ބެލްޓް އަޅުވަން ވެސް ނުޖެހި ދަރިފުޅަށް ވެސް އަރާމުވާނެ އެވެ.

ބައިވަރު ސްނެކްސް

ދަރިފުޅަށް އާންމުކޮށް ސްނެކްސްގެ ގޮތުގައި ދޭ އެއްޗެހީގެ ދެތިން ވައްތަރެއް ސްނެކްސްގެ ގޮތުގައި ގެންދެވިދާނެ އެވެ. މިއީ އެއް ތަނެއްގައި އިންނަން ވުމުން ދަރިފުޅު ފޫހިވެ ބޮޑާހާކާ ވަގުތުތަކުގައި ޑިސްޓްރެކްޓް ކޮށްލަން ވެސް ކުރެވިދާނޭ ކަމެކެވެ. އާ އެއްޗެއްގެ ބަދަލުގައި ކުއްޖާއަށް މީރު އެއްޗެއް ގެންދިއުން މާ ރަނގަޅުވާނެ އެވެ.

ޓޯއީސް / ފޮތް

ދަތުރު މައްޗަށް ކުޅޭ އެއްޗެހި ގެންދާއިރު އާ ދެތިން އެއްްޗެއް އަދި ކުއްޖާގެ އެންމެ ފޭވަރިޓް ދެތިން އެއްޗެއް ގެންދަންވާނެ އެވެ. އަދި ފޮތް ގެންދާއިރު ވެސް ކުއްޖާގެ ފޭވަރިޓް ފޮތްތަކަށް ސަމާލުކަން ދޭންވާނެ އެވެ. އިންޓެރެކްޓިވް ފޮތްތަކަކީ ރަނގަޅު އޮޕްޝަން އަކަށް ވާނެ އެވެ.

ސްކްރީން ޓައިމް

ދަތުރުމަތީގައި އެންމެ ފަސޭހައިން ކުދިން ޑިސްޓްރެކްޓް ކުރެވޭނެ އެއް ގޮތަކީ ސްކްރީން ޓައިމެވެ. ކުއްޖާ އެންމެ ގަޔާވެގެން ބަލާ ރައިމްސް، ކާޓުނު ފަދަ އެއްޗެއް ޑައުންލޯޑްކޮށްލައިގެން ދިއުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

ޗުއްޓީ ދުވަސްވަރު އީދު ބަންދު

Popular