14 Feb 2023

By: Aishath Mihna Nasih

އެންމެ ދުވަހެއްގެ ލޯތްބަކުން އަހަރު ދުވަހުގެ ޝަކުވާތަކާއި ނުތަނަވަސްކަން ފިލައިދާނެ ހެއްޔެވެ؟

އެކި މީހުން ލޯބިވާނީ އެކި ގޮތްގޮތަށެވެ. އެމީހަކު ވާ ލޯބި އަނެކާއަށް ބުނެދޭނީ ވެސް ތަފާތު ގޮތްގޮތަށެވެ. އެކަމަކު މިފަދަ ލޯބީގެ މޫސުމެއްގައި ހަމައެކަނި ރަތް ފިނިފެންމަލަކުން އެކަނި ފުއްދާލާނީ ހެއްޔެވެ. ލޯތްބަކީ ކެކްޓަސް އެއް ނޫނެވެ. ލޯބި ކާމިޔާބުކަމާ އެކީ ކުރިއަށްދާނީ ދެ ބައިވެރިންގެ ވެސް ހިތްވަރާއި، ކެތްތެރިކަމާއި، މަސައްކަތުންނެވެ. މި ކަންކަމާ މެދު ވިސްނާލާށެވެ.

އެކަކު އަނެކަކުގެ އަގުވަޒަން ކުރެވެނީ ކިހާވަރަކަށް؟

މާބޮޑިންނެއް ނޫނެވެ. އަގުބޮޑު ހަދިޔާ އާއި ސެޓްފިކެޓެއް ވެސް ނޫނެވެ. ދެ ލޯބިވެރިން ކަމުގައި ވިޔަސް، ދެމަފިރިން ކަމުގައިވިޔަސް، ވަކިވަކި ދެ މީހުންގެ ގޮތުގައި އަދި ބައިވެރިންގެ ގޮތުގައި އެކަކު އަނެކަކުގެ އަގުވަޒަންކުރަން ޖެހޭނެ އެވެ. ދެމީހުން ގެވެސް ޚިޔާލާއި، ޝައުގާއި، ދިރިއުޅުމުގެ ބައެއް ކަންކަމާ މެދު ދެކޭގޮތް ވެސް ތަފާތުވެދާނެ އެވެ. އެކަން ގަބޫލުކުރަންވާނެއެވެ. އެއާ އެކު، ދެމީހުންނަކީ އެކުގައި ދިރިއުޅުމެއް ބިނާކުރަން އަމާޒުހިފާފައިވާ ބައެއްކަމުގައިވާނަމަ އެ ގުޅުމަކަށްޓަކައި އެމީހަކު އަދާކުރަންޖެހޭނެ ޒިންމާތަކެއް ހުރިކަން ދަނެ އެކުރާ މަސައްކަތާއި، ވާ ގުރުބާނީތަކާއި ދޭ ބައިވެރިވުން އަނެކާ ބަލައިގަންނަންވާނެއެވެ. ނޫންނަމަ އަނެކާއަށް މާ ބޮޑަށް ބާކީވެ ނިކަމެތިވާ ކަމުގެ އިހުސާސެއް ކުރެވިދާނެއެވެ.

ވާހަކަ ދައްކަންތަ، އަޑުއެހޭތަ؟

މިއީ މާ ބޮޑު މަސައްކަތެކޭ ހީ ނުކުރާށެވެ. ދެމީހުން އަލަށް ބައްދަލުވެގެން އުޅުނުއިރު އެތަށް ގަޑިއިރެއްވަންދެން ވެސް ހުސް އަނގަތަޅަން ތިބެވެއެވެ. އެކުގައި އުޅެންފަށައި އެކަކު އަނެކަކު ރަނގަޅަށް އެގި ބައިވެރިޔާ އަށް ކަމުދާނެ މައުޟޫތަކާއި ކަމުނުދާ ކަންކަން އިނގުނީމާ ވާނީވެސް ފަސޭހައެއް ނޫންހެއްޔެވެ. ނޫނީ ކުރީ ދުވަސްކޮޅުހެން، ދުވަސްދިޔައީ ކިހިނެއްތޯ؟ ވަކިކަމަކާ މެދު ފެންނަނީ ކިހިނެއްތޯ އަހާލާށެވެ. އަނެއްކޮޅުން، ބައިވެރިޔާގެ އުދާސްތަކާއި ޝަކުވާތައް ރަނގަޅަށް ކަނުލާ އަޑުއެހުމަކީ ތިމާގެ ހިތުގައި އޭނާއަށް ދެވިފައިވާ ލޯތްބާއި ގަދަރު ވަރަށް ރަނގަޅަށް ހާމަވާނެ ކަމަކެވެ. އަޑު އިވެންވީ ކީ އެއް ނޫނެވެ. އަޑު އަހަންވީއެވެ.

ލޯބި ވާންވީ ތިމާ ރުހޭ ގޮތަށްތަ؟ ނޫނީ އަނެކާ ގަޔާވާހެންތަ؟

ގަބޫލުކުރަމެވެ. އެކި މީހުންގެ "ލަވް ލެންގުއޭޖަސް" ތަފާތުވާނެއެވެ. ލޯބިވެގެން މިހާހިސާބަށް އަންނާނީވެސް އެވަރު އެގިގެންތާއެވެ. އެކަމަކު އެކުގައި 5 އަހަރު 10 އަހަރު ހޭދަވާއިރު، ތިމާއަށް ލޯބި މި ހާމަކޮށްދެވެނީ އަނެކާވެސް ގަޔާވާ ގޮތަކަށްތޯ ހިތާހިތުން ނަމަވެސް ސުވާލުކޮށްލުން އެއީ ރަނގަޅުކަމެކެވެ. ކޮންމެފަހަރަކު "ވަރަށް ލޯބިވެޔޭ" ނުބުނެވުނަސް، ތިމާގެ ބައިވެރިޔާ ބޭނުންވަނީ ގިނަ ވަގުތު އެކުގައި ހޭދަކުރަން ކަމުގައިވާނަމަ ކިތަންމެ ކުޑަ ވަގުތުކޮޅެއްވެސް އިތުރު އެހެން އެއްވެސް "ޑިސްޓްރެކްޝަނެއް" ނުލާ އޭނާއަށް ދޭށެވެ. ދަރިންނާއި ގޭތެރޭގެ މަސައްކަތްތަކާއި އޮފީހުގެ ޒިންމާތަކުން ދުރުވެ ހަފްތާއަކު އެއްފަހަރު ނަމަވެސް ގެއިން ބޭރަށް ނުކުމެވޭތޯ ބަލާށެވެ. ނޭނގޭ ނަމަ އަހާށެވެ.

އެއް ދުވަހެއް ނޫން، ކޮންމެ ދުވަހެއްވެސް "ހާއްސަ"

މައްސަލަ ޖެހޭނެއެވެ. ކުރިއަށްދެވޭނީ އެކަަންކަން ހައްލުކުރަން އެނގިގެންނެވެ. މާފަށް އެދެން އާދަކޮށް މާފުކުރުން އިސްކޮށްގެނެވެ. މާޒީގައި ވެދިޔަތަން އަބަދުއަބަދުމެ ނަގައި އެ ޝަކުވާއެއްގައި ކުރިމަގު ބަނަކޮށް ނުލާށެވެ. ކޮންމެ ދުވަހަކީވެސް ބައިވެރިޔާއާއެކު އުފާވެރި ހަނދާންތަކެއް ރައްކާކުރާނެ ދުވަހަކަށް ހަދާނަމަ އިތުރު ކުނިބުންޏަކަށް ވަގުތެއް ނޯންނާނެއެވެ. މެޓީރިއަލިސްޓިކް ވުމުގެ ބަދަލުގައި މިހާރު ގިނަބަޔަކަށް ކަމުދަނީ "އިމޯޝަނަލް ސަޕޯޓެވެ". އެކަކު އަނެކެއްގެ މަސައްކަތްތަކުގައި އެހީވެދީ އެކުގައިވާކަން ހާމަކޮށްދޭށެވެ. އެކުގައި ތި ބިނާކުރާދިރިއުޅުމުގައި ވަކި އިތުރު މީހެއް ނުވަތަ ކަމެއްވެސް މުހިންމު ވެގެނެއް ނުވާނެއެވެ.

Popular