12 Mar 2023

މި ނިމުނު ހަފްތާގައި ހަމަގައިމު ވެސް އަހަރުމެން އެންމެން ނެޓްފްލިކްސް އިން ބެލި އެކައްޗަކީ، މެލޭޝިއަން އެއާލައިންސްގެ ގެއްލުނު ފްލައިޓް އެމްއެޗް 370 ގެ ހާދިސާގެ މައްޗަށް ބިނާކޮށް ނެޓްފްލިކްސް އިން ރިލީޒްކުރި ޑޮކިއުމެންޓްރީ އެވެ.

އެ ހާދިސާއަށް 9 އަހަރުވީ ދުވަހު ރިލީޒްކުރި މި ޑޮކިއުމެންޓްރީއާ އެކު އަނެއްކާވެސް މި ވަނީ އެތައްގޮތަކަށް ފްލައިޓްގެ ވާހަކަދެކެވެން ފަށައިފަ އެވެ. ޖުމްލަ ތިން އެޕިސޯޑު ހިމެނޭ މި ސީރީޒްގައި، އެ ހާދިސާގެ ތަހުގީގުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވި ގިނަ އަދަދެއްގެ އޮފިސަރުންނާއި، ފްލައިޓްގެ ފަސިންޖަރުންގެ އާއިލާގެ މެންބަރުންނާއި ނޫސްވެރިންނާއި އެނަލިސްޓުންގެ އިންޓަވިއުތައް ހިމެނެ އެވެ.

ނެޓްފްލިކްސް ޑޮކިއުމެންޓްރީގެ ޓްރެއިލާ.

ރުޅި އާއި ހިތްދަތިކަމުގެ ކަރުނައިގެ ފުން ކަނޑެއްގެ ތެރެއަށް ގެނބި ނުދަނީސް ސީރީޒް ނިމިގެންދިޔައިރު ކުރެވެނީ އަދިވެސް ހަމަ އެއް ސުވާލެވެ.

"އަސްލު އެ ވީ ކިހިނެއް ހެއްޔެވެ؟"

އެއްބަޔެއްގެ ޝަކުވާ އަކީ ސީރީޒްގައި އާ ވާހަކައެއް ނެތުމެވެ. އަނެއްބަޔެއްގެ ޝަކުވާއަކީ ސީރީޒް ބަލައި ނިމުނު އިރު ވެސް މާ ބޮޑު ކަމެއް އޮޅުން ނުފިލުމެވެ. އަނެއްބަޔެއްގެ ޝަކުވާއަކީ ސީރީޒްގައި ފެނުނު މީހުންނާއި ކުދިކުދި ބައެއް ތަފްސީލުތަކެވެ.

ޑޮކިއުމެންޓްރީއާ ބެހޭގޮތުން ކޮށްފައިވާ ޓްވީޓެއް--

މާ ބޮޑު ތަފްސީލަކަށް ދާކަށް ނެތީމެވެ. ހާދިސާ ހިނގައިދިޔަ ޓައިމްލައިންގެ ތަރުތީބުން އަތުރާލެވިފައިވާ މި ޑޮކިއުމެންޓްރީގެ ފުރަތަމަ އެޕިސޯޑު ހާއްސައީ ޕައިލެޓާ ބެހޭގޮތުން ދެކެވުނު ވާހަކަތަކަށެވެ. ދެވަނަ ސީރީޒްގައި ދައްކަނީ، ފްލައިޓް "ހައިޖެކް" ކުރިކަމަށް ބުނާ ތިއަރީގެ ވާހަކަތަކެވެ. ފަހު އެޕިސޯޑު ހާއްސަކޮށްފައި އޮތީ އެމެރިކާއަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަށެވެ.

ޑޮކިއުމެންޓްރީއާ ބެހޭގޮތުން ކޮށްފައިވާ ޓްވީޓެއް--

ސުވާލުތައް ވަރަށް ގިނަ އެވެ. ގަބޫލުނުކުރެވޭ ވާހަކަތައް ވެސް އެހާމެ ގިނަ އެވެ. ތަހުގީގު ރިޕޯޓު ވެސް ތަކުރާރުކުރަނީ ހަމަ މި ސުވާލުތަކެވެ.

ދަތުރުކުރި ފަސިންޖަރަކު އޭނާގެ ދަރިފުޅަށް ކުރި ފޯނުކޯލާއި، ގެއްލުނު ފްލައިޓްގެ ގިނަ ބައިތަކެއް ވަކި މީހަކަށް އެކަނި ފެނުމާއި، ސެކިއުރިޓީ ވަރުގަދަ ތަފާތު ހަ ގަައުމެއްގެ ވައިގެ ސަރަހައްދާއި އަދި ހާޢްސަކޮށް އަސްކަރީ ބޭހެއެއްގެ ވައިގެ ސަރަހައްދުގައި ފްލައިޓެއް ދާއިރު ހަމަ އެކަކަށް ވެސް ރޭކައިނުލާނެތޯ މިއީ މި ޑޮކިއުމެންޓްރީގައި ކޮށްފައިވާ ސުވާލުތަކެވެ.

ޑޮކިއުމެންޓްރީއާ ބެހޭގޮތުން ކޮށްފައިވާ ޓްވީޓެއް--

ދުނިޔޭގެ ސިވިލް އޭވިއޭޝަންގެ ތާރީހުގައި ހިނގައިދިޔަ މިފަދަ އެންމެ ގޮތްނޭނގޭ ހާދިސާއަށް އެމްއެޗް 370 ވާއިރު، އަދިއަދަށް ވެސް މި ފްލައިޓަށް ވީގޮތެއް އެއްވެސް ބަޔަކަށް ހޯދިފައެއް ނުވެ އެވެ.

އެމްއެޗް 370 ޑޮކިއުމެންޓްރީ

Popular