20 Mar 2023

By: Aishath Mihna Nasih

ރޯދަމަހެއްކަމަކު އޮފީހުގައި ފޯރިކުޑަވެގެން ނުވާނެ އެވެ. މަދު ވަގުތުކޮޅަކަށް އޮފީހުގައި ތިބެން ޖެހުނަސް، އެހެން މަސްމަހުގައި އޮފީހުގައި ތިނަގާ ފޯރި ތަފާތު ގޮތަކަށް ހަމަ މި ފެށޭ ރޯދަމަހުގައި ވެސް ހަމަ ނެގިދާނެ އެވެ.

ރޯދަ ކުއިޒާއި ގޭމްތައް

ރޯދަމަސް ހާއްސަވެގެން މިދަނީ އަޅުކަމަށެވެ. އެހެންކަމުން މުވައްޒަފުންގެ މެދުގައި ދީނީ މައުލޫމާތު އިތުރުކޮށް ވީހާ ވެސް ޝައުގުވެރި ގޮތްތަކެއްގެ ތެރެއިން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މި ރޯދަމަހު މަސައްކަތްތަކެއް ކުރެވިދާނެ އެވެ. މިގޮތުން، ހާއްސަ އިނާމުތަކެއް ކަނޑައަޅައި ކޮންމެ ދުވަހަކަށް ވެސް ހާއްސަ ދީނީ ސުވާލު މުބާރާތެއް ބޭއްވިދާނެ އެވެ. މި ސުވާލުތަކުގެ ތެރޭގައި އިސްލާމީ ތާރީހާއި، ރަސޫލުންނާއި ނަބިއްޔުންގެ ހަޔާތްޕުޅާ ބެހޭ ސުވާލުތަކާއި ހަމައެޔާ އެކު ގުރުއާނުގެ ބައެއް ވާހަކަތައް ވެސް ހިމެނިދާނެ އެވެ. މިގޮތުން، އިސްލާމް ޓްރިވިއާ ބައި އައިޝާ މުހައްމަދަކީ މިގޮތަށް ކުޅެވޭ މަގްބޫލް ގޭމެކެވެ. މި ގޭމުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް ޖަވާބުދެވޭނެހެން 177 ތަފާތު ސުވާލު ހިމަނާފައިވެ އެވެ.

އަނެއްކަމަކީ ހާއްސަ ރޯދަ ޕަޒްލްއެކެވެ. މިއީ މާ ބޮޑު ސަކަރާތެއް ނުޖަހައި، ތަފާތުގޮތަކާށް ކުރެވިދާނެކަމެކެވެ. އޮފީހުން ހާއްސަ ޖާގައެއް ހޯދައި ބޮޑު ޕަޒްލްއެއް ބެހެއްޓިދާނެ އެވެ. ހުސްވަގުތުކޮޅެއް ލިބުމުން ކޮންމެ މުވައްޒަފަކުވެސް އައިސް ނިންމަމުންދާންވީއެވެ. ނޫނީ ޓީމުތަކަކަށް ބަހާލައިގެން ވެސް މިކަން ކުރެވިދާނެ އެވެ. މަސައްކަތަށް ބުރުނާރާނެހެން ކޮންމެ މުވައްޒަފަކަށްވެސް ވަކި ވަގުތުކޮޅެއްދީގެން މިކަން ކުރެވިދާނެ އެވެ.

މޫވީ - ޑޭ

ތަފާތުދޯ އެވެ. އަހަރެމެންގެ ދީނާ ބެހޭގޮތުން ޝައުގުވެރި ކަންތައްތަކެއް ދެނެގަނެ، މައުލޫމާތު މުއްސަނދިކޮށްލުމަށް މިއީ ރަނގަޅު ކަމަކަށްވާނެ އެވެ. ކޮންމެވެސް އެއް ދުވަހެއް ކަނޑައަޅައި އިސްލާމީ ތާރީހާއި، އިސްލާމީ ވަރުގަދަ ޝަޚްސިއްޔަތުތަކާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ފިލްމެއް ނުވަތަ ޑޮކިއުމެންޓްރީއެއް ބެލުމަކީ ގިނަ ބަޔަކަށް ކަމުދާނެ ކަމަކަށް ވެދާނެ އެވެ. މިގޮތުން ބައެއް ފިލްމް ރެކޮމެންޑޭޝަންތަކަކީ؛

- ލޮސްޓް ސީކްރެޓްސް އޮފް ގުރުއާން

- އިސްލާމް : އެމްޕަޔާ އޮފް ފެއިތު

- މުހައްމަދު (ޞ) : ލެގަސީ އޮފް ޕްރޮފެޓް

- ދަ އޮޓޮމަންސް ޔޫރަޕްސް މުސްލިމް އެމްޕެރާސް

- އިސްލާމިކް އާޓް: މިރާ އޮފް ދަ އިންވިސިބަލް ވޯލްްޑް

ތަށިބަރި ފޮޓޯ -- ސޯޝަލް މީޑިއާ

ރޯދަ ތަށިބަރި

އަހަރު ތަކެއް ކުރިން ތައާރަފްވިއެއްކަމަކު މިއީ އަދިވެސް ފޯރި ނުގެއްލޭނެހާ މަޖާ ކަމެކެވެ. އޮފީސް މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުމަށްޓަކައި ވެސް މިވަރެއް ނެތެވެ. ރޯދަވީއްލަން ތައްޔާރުކުރާ ބާވަތްތައް ތަށިބަރިއަކަށްލައި ހުރިހާ މުވައްޒަފުންގެ މެދުގައި ދައުރުވާނެހެން ކުރިއަށްގެންދާށެވެ.

ނަމާދު ކޮޓަރި

އާންމުކޮށް ހުރިހާ އޮފީހެއްގައި ވެސް ނަމާދުކުރުމަށް ހާއްސަ ކޮންމެވެސް ޖާގައެއް ހުންނާނެކަން ޔަގީނެވެ. ރޯދަމަހުގައި މި ޖާގައަށް ހާއްސަ އިސްކަމެއްދީ ގިނަ މުވައްޒަފުންނަށް މިފަދަ ތަނެއް ފަސޭހައިން ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސާ ކޮންމެވެސް ވަރަކަށް ޒީނަތްތެރިވެސް ކުރެވިދާނެއެވެ. އޭރަށް ވަގުތު ޖެހުމާއެކު ނަމާދަށް އެރުމުގެ ސަގާފަތެއް އާލާވެ، ދުވަހުގެ ކޮންމެވެސް ވަގުތުކޮޅެއް ހަމަހިމޭންކަމުގައި އަޅުކަމުގައި ހޭދަކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.

ޔުނިވާސިޓީއެއްގައި ތައްޔާރުކުރެވިފައިވާ ނަމާދު ކޮޓަރިއެއް--

އޮފީހުގެ ހާއްސަ ސަދަގާތެއް

ރޯދަމަހަކީ ތިމާއަށް ލިބިފައިވާ ނިއުމަތްތަކާއި ދޭތެރޭ ވިސްނާ ވީހާ ވެސް ޝުކުރުވެރިވެ، އަނެކުންނަށް އެހީތެރިވެދިނުމުގެ މައްސަރެކެވެ. މިފަދަ މާތް މައްސަރެއްގައި މުޅި އޮފީހުގެ ހުރިހާ މުވައްޒަފުން ޝާމިލްވާހެން ހާއްސަ ކަމަކަށް ސަދަގާތް ޕްރޮޖެކްޓެއް ހިންގިދާނެއެވެ. ހާއްސަކޮށް އެބަޔަކު މަސައްކަތްކުރާ ދާއިރާއަކާ ގުޅޭހެން އެހީތެރިވެވިދާނެ ވަކި ކަމެއް ނުވަތަ ބައެއް ފާހަގަކޮށް ފައިސާ އެއްކުރުން ފަދަ ކަމެއް ކުރެވިދާނެ އެވެ.

ފަހު 10 ވީހާ ވެސް ލުއިކޮށްދީ

މުޅި ރޯދަމަހުން ވެސް އެންމެ ހާއްސައީ ފަަހު ދިހަައިގެ ދުވަސްތަކެވެ. އެހެންކަމުން މި ދުވަސްތަކުގައި ވީހާވެސް ބޮޑަށް މުވައްޒަފުންނަށް ލުއިދިނުމަކީ ވަޒީފާދޭ ފަރާތްތަކަށް ކުރެވިދާނެ ވަރަށް މުހިންމުކަމެކެވެ. މިގޮތުން ގަޑިޖެހުމުގައި ކުޑަ ލުޔެއް، ނުވަތަ ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ހާއްސަ އުސޫލެއްވެސް އެކުލަވާލެވިދާނެއެވެ. މުވައްޒަފުންނަށް ލިބޭ ހިތްހަމަޖެހުމާއި އެއްވަރަށް، ދީނީ ކަންކަމަށް ދޭންޖެހޭ ސަމާލުކަންދިނުމަށް މުވައްޒަފުންނަށް ފަސޭހަވެގެންދާނެއެވެ.

ވަޒީފާ

Popular