23 Mar 2023

By: Aishath Mihna Nasih

ރޯދަމަހު އަހަރެމެން މައިގަނޑު ގޮތެއްގައި ކައިއުޅެނީ ތިން އިރުއެވެ. އެއީ ރޯދަ ވީއްލާ ގަޑިއާއި، ތަރާވީސް އަދި ހާރު ދަމުގަ އެވެ. މިހުރިހާ ކެއުމެއްގެ ތެރެއިން ވެސް ހާރުދަމުގެ ކެއުމަކީ ޑައިީޓީޝަން އާސިޔާ ބުނާ ގޮތުން ރޯދަމަހުގެ އެންމެ މުހިންމު ކެއުމެވެ.

ހާރު ގަޑި އަކީ ކޮން އިރެއް؟

ރޯދަހިފާއިރު އެންމެ ރަނގަޅުގޮތަކީ ފަތިސް ނަމާދާއި ގާތްކޮށްފައި ކެއުމެވެ. އާސިޔާ ބުނާގޮތުގައި ރޯދައަށް ހުންނަން ހާރުކާ ނަމަ އެންމެ އަވަހަށް ވެސް ކާންވާނީ ދަންވަރު ދޭއްގެ ފަހުންނެވެ. އެންމެ ރަނގަޅު ގޮތަކީ ތިނެއްގެ ފަހުން ކެއުމެވެ.

"އެއީ އަހަރެމެން ރޯދައަށް މި ތިބޭ ގަޑި ވަރަށް ދިގުވެގެން އެބަދޭ. ރާއްޖޭގައި ނަމަ ގާތްގަނޑަކަށް 14 ގަޑިއެއްހާއިރު މި ތިބެނީ ރޯދައަށް. އެހެންވީމާ ގިނައިރުވަންދެން ނުކައިތިބުމަށް ފަހު ކާން ފަށާއިރު މި ދިމާވާ އެކި މައްސަލަތައް ހައްލުކުރަން ބޭނުން ނަމަ މި ގަޑި ވީހާ ވެސް ލަސްކުރަންޖެހޭ،" އާސިޔާ ބުންޏެވެ.

ދޮންކެޔޮ، ބަތް ، ފިހުނު މަސް، ގިނައީ ދެކުނުގެ ރަށްތަކުގައި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހާރުކެއުމުގައި ތަފާތު އާދަތަކެއް ހުރެއެވެ. މިގޮތުން ދެކުނުގެ ހިސާބުތަކުގައި ވަަރަށް ގިނައިން ހާރުދަމަށް ދޮންކޭލައި ބަތާއި ހަކުރު މޮޑެގެން ފިހުުނު މަހާ އެއްކޮށް ކައިއުޅެ އެވެ.

އާސިޔާބުނާގޮތުގައި ރޯދަމަހުގެ އެހެން ގަޑިތަކުގައި ކެއުމުގެ މިންގަނޑުތަކަށް ކުޑަކޮށް ދޫ ދެވުނު ނަމަވެސް ހާރުގަޑީގައި ކޮންމެހެންވެސް މިންހެޔޮ ކެއުމެއް ހިމަނަންޖެހެ އެވެ. މިގޮތުން، ދޮންކޭލާއި ބަތް މޮޑެގެން ކާ ނަމަ ހަކުރު ނާޅައި ފިހުނު މަހާ އެކީ ކެއުމުން ދުޅަހެޔޮ ކެއުމަކަށް އެ ކެއުން ވާނެކަމަށް އާސިޔާ ބުންޏެވެ.

ބަތާއި ގަރުދިޔަ، މިވަރެއް ނެތް

ގިނަ ގެތަކުގައި މިއީ ރަސްމީ ހާރެވެ. ގިނަފަހަރަށް ބަތާއި ގަރުދިޔަ އާއި ފިހުނު މަސް ކެެއުމަށް ބޭނުންވަނީ ރިހަފަދަ އެއްޗެހިން އެވާ ގޭހުގެ އުނދަގޫތަކުން ސަލާމަތްވެވޭތީ ކަމަށްވެދާނެ އެވެ. ކޮންމެއަކަސް، ގަރުދިޔަ އާއި ބަތާ ކާ ނަމަ މި ބަތްތަށީގައި އަދި ކޮންމެހެންވެސް ހިމަނަންޖެހޭ އެހެން ބާވަތްތަކެއް އެބަހުއްޓެވެ.

" ގަރުދިޔަ އާއި ބަތާއި ކަންޏާ ކޮންމެހެންވެސް ތަރުކާރީގެ ބާވަތެއް ހިމަނަންވާނެ. ރޯދަމަހު ރޯ ތަރުކާރީ ކާން އުނދަގޫ ނަމަ އަސާރަގޮތަށް ވިޔަސް ތަރުކާރީގެ ބާވަތް ހިމެނިދާނެ."

ހަމައެޔާ އެކު ވިޓަމިންސީ އިން މުއްސަނދި ލުނބޯ އާއި، ކޮޕީފަތްފަދަ މުހިންމު ބާވަތްތަކުން އަހަރެމެންގެ ހާރުދަމުގެ މި ބަތްތަށި އިތުރު މީރުކޮށް ދުޅަހެޔޮކުރެވިދާނެ އެވެ.

ފަސޭހަ ލުއި ގޮތެއް

އާސިޔާ ބުނާގޮތުން ނަމަ އޭނާގެ އާއިލާގެ މެންބަރުނަށް ހާރުދަމަށް އެންމެ ކަމުދަނީ މޫސްލޭ، ކިރު އަދި ބިސްގަނޑެވެ. ނޫންނަމަ ޓޫނާ ސޭންޑްވިޗަކާއި ކިރުތަށްޓަކުން ފުދެ އެވެ.

"ކޮންމެހެން މުހިންމެއް ނޫން ބަތް ކެއުމެއް. މިންހެޔޮކޮށް އެބަޔަކަށް ފަސޭހަ ލުއިގޮތަކަށް ވެސް ހާރުގެ ކެއުން ބައްޓަންކުރެވިދާނެ"

ހަމައެޔާ އެކު ސޭންޑްވިޗް ތައްޔާރުކުރާއިރު، މެޔޮނައިޒް މަދުބޭނުންކޮށް ކްރީމް ޗީޒް ފަދަ ބާވަތެއް އޭގެ ބަދަލުގައި ރަހަ މީރުކޮށްލަން ބޭނުންކުރެވިދާނެއެވެ. އަދި ވީހާވެސް ތުނިކޮށް ކިއުކަމްބާ، ޓޮމާޓޯ ނުވަތަ ބެލްޕެޕާ ކޮޅެއް ސޭންޑްވިޗްގައި ހިމަނާލައިފިނަމަ މިންހެޔޮ ފައިދާހުރި ކެއުމަކަށް ވެގެންދާނެއެވެ.

މި ނޫނަސް ބަތްޕެނާއި މަސްކުރޮޅި ފަދަ ބާވަތްތަކަކީވެސް ޒަމާނުއްސުރެ އަހަރެމެންގެ ތެރޭގައި ކައިއުޅޭ އަދި ގިނަ ގެތަކުގައި ހާރުދަމަށްވެސް ހާއްސަ ކެއުންތަކެވެ. އެހެންނަމަވެސް ހަކުރުބަލި ހުންނަނަމަ މަސްކުރޮޅި ފަދަ ބާވަތްތައް ކެއުމުގައި ސަމާލުކަން ދޭންވާނެއެެވެ.

ދިވެހި ކާނާ

Popular