4 Sep 2023

By: Aishath Mihna Nasih

މާބަނޑުވެއްޖެ ނަމަ އަބަދުވެސް އިވޭނީ "ތްރީ ޓްރައިމިސްޓާ" ގެ ވާހަކަ އެވެ. ފުރަތަމަ ތިން މަސް ހޮޑުލުމެއްގަ އެވެ. ދެވަނަ މައްސަރަކީ އެންމެ ފަސޭހަ "ބޭބީ މޫން" ދުވަސްވަރެވެ. އެއަށްފަހު ބާކީ އޮތް ތިން މަސްދުވަހަކީ ވިހާނެ ދުވަހެއްގެ އިންތިޒާރުގައި، ދައްޗާއި ތުރާލުގައި ހޭދަކުރާ ދުވަސްތަކެވެ. ނަމަވެސް ވިސްނާނުލައި މި ދޫކޮށްލެވެނީ އެންމެ މުހިންމު ޓްރައިމިސްޓާ ކަމުގައިވާ ޕޯސްޓްޕާޓަމް އެވެ.

މި ދުވަސްތަކަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތު ގޮތްގޮތަށް ފާހަގަކުރާ، ތަފާތު ކަންތައްތަކެއް ކުރާ ދުވަސްތަކެވެ. މިއިން ބައެއް ކަންކަމަކީ ރާއްޖެއަށް އާ ކަންކަމެއް ނޫނެވެ. ނުވަތަ ތަފާތު ގޮތަކަށް އަހަރެމެންވެސް ކޮށްއުޅޭ ކަންކަމެވެ. ނުވަތަ އަހަރެމެންގެ ތެރޭގައި ތައާރަފްކުރުން މާ ބޮޑަށް ވެސް ލަސްވެފައިވާ ޚިދުމަތްތަކަކެވެ.

ތައްޔާރުވުން

ގިނަފަހަރު އަހަރެމެންނަށް އަބަދުވެސް ތައްޔާރުވެވެނީ ވިހެއުމުގެ ކަންކަމަށެވެ. ދަރިފުޅަށް ބޭނުންވާ ސާމާނުތައް ހޯދުމާއި، ވިހަން ދާން ހޮސްޕިޓަލް ދަބަސް ތައްޔާރުކުރެވޭތޯ އެވެ. މި ލިސްޓުން މަދުވަނީ ވިހެއުމަށް ފަހު ފުރަތަމަ ހޭދަވާ ދެތިންމަހު ދިމާވާ ކަންކަމަށް ތައްޔާރުވުމެވެ. ދަރިފުޅާއި މަންމައަށް ބޭނުންވާ އެހީތެރިކަމާއި، މަންމައަށް ބޭނުންވާ ކާނާ އާއި ގޭތެރޭގެ އެކި މަސައްކަތްތައް ކުރާނެ ގޮތްތައް ރާވާލުމެވެ.

މިފަދައިން ދެވޭ އެންމެ މަގުބޫލު އެއް ޚިދުމަތަކީ ފިންލޭންޑްގެ މެޓާނިޓީ ޕެކޭޖެވެ. މާބަނޑުވާތާ 154 ދުވަސްވުމުން ނުވަތަ (22 ހަފްތާ) ވުމުން މާބަނޑު ކޮންމެ މީހަކަށް ވެސް ފިނިޝްގެ ސޯޝަލް ސެކިއުރިޓީ ސިސްޓަމްގެ ތެރެއިން ހިލޭ ދޭ ހަދިޔާ ފޮއްޓަކަށް ކުރިމަތިލެވެ އެވެ. މި ހަދިޔާ ފޮށީގައި ހިމެނެނީ ތުއްތުދަރިފުޅަށް ބޭނުންވާ މުހިންމު 63 އައިޓަމެކެވެ.

މި ނޫނަސް، އާންމު އެންޓިނޭޓަލް ކެއާގެ ތެެރެއިން، ސޯޝަލް ވޯކަރެއް، ސައިކޮލޮޖިސްޓެއް ނުވަތަ ސައިކޯތެރަޕިސްޓެއްގެ އެހީ ބޭނުންވާ ނަމަ އެ ފަރުވާތައް ވެސް ލިބޭނެ އެވެ.

ނެދާލޭންޑް އާއި ބެލްޖިއަމް ފަދަ ގައުމުތަކުގައި ބަނޑަށް 34 ހަފްތާވުމުން ހާއްސަ ކާޑެއް ލިބެ އެވެ. އަދި ކޮންމެ މަހަކު އެއްފަހަރު މިޑްވައިފެއްގެ ޚިދުމަތް މި ކާޑުގެ އެހީގައި ހޯދެ އެވެ. މި ނޫނަސް ގިނަ ގައުމުތަކުގައި "ޕޯސްޓް ޕާޓަމް" އާ ގުޅޭ މައުލޫމާތުދީ އުގަންނައިދީ އަދި ތައްޔާރުކޮށްދެ އެވެ.

އަރާމުކުރުން އަދި ބައެއް ސަގާފަތްތައް

ދެހާސް ދިހަ ވަނަ އަހަރު ހެދި ކްރޮސް ކަލްޗަރަލް ޕޯސްޓްނޭޓަލް ކެއާ ދިރާސާއެއްގައިވާގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ޕޯސްޓް ނޭޓަލް ޕީރިއަޑެއްގެ ގޮތުގައި ގުނަނީ ވިހެއުމަށް ފަހު ފުރަތަމަ 40 ދުވަހެވެ. މި ދުވަސްތަކުގައި މައިމީހާގެ އުޅުމާއި ކެއުމާ ގުޅޭހެން ވަރަށް ތަފާތު ސަގާފަތްތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގެންގުޅެ އެވެ.

މެކްސިކޯ އާއި ޗައިނާގައި ފުރަތަމަ 30 ދުވަހަކީ މައިމީހާ އަރާމުކުރުމަށް ހާއްސަދުވަސްތަކެކެވެ. ޖަޕާނުގައި ނަމަ ވިހެއުމަށްފަހު އަށް ހަފްތާވަންދެން މައިމީހާ އަމިއްލަ ގެއަށް ނުވަތަ މަންމަގެ ގެއަށް ބަދަލުވެ އެވެ. ޗައިނާގައި ވެސް މި ސަގާފަތް އޮންނައިރު، މިއީ ޕޯސްޓްޕާޓަމް ޑިޕްރެޝަނުން ދުރުކޮށްދޭ ކަމެއްގެ ގޮތުގައި ގިނަބަޔަކު ދެކެ އެވެ. ކޮރެއާގައި ނަމަ އާންމު ދިރިއުޅުމުން އެކަހެރިވެ މި މުއްދަތުގައި ދުޅަހެޔޮ ކާާނާ އާއި ތަފާތު ކަސްރަތުތަކެއް ކުރެ އެވެ. އަދި ހަށިގަނޑަށް ފަރުވާއެއްގެ ގޮތުގައި ސީވީޑް ސޫޕް ބޯންދެ އެވެ.

އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައިވެސް މިފަދަ ބައެއް އާދަކާދަ އެބަހުއްޓެވެ. މިގޮތުން، ވިހެއުމަށް ފަހު މައިމީހާ އަރާމުކުރުމާއި، ވިހެއުމަށްފަހު ކުރާ ހާއްސަ މަސާޖުތައް ކުރުމާއި "އެބްޑޯމިނަލް ބައިންޑިން" ފަދަ ކަންތައްތައް ހިމެނެ އެވެ. އަދި ލެޓިން އެމެރިކާގައި ވިހެއުމަށްފަހު 40 ދުވަސްވަންދެން މައިމީހާ އެއްވެސް މަސައްކަތެއް ކުރުން މަނާވާނެ އެވެ.

ރިކަވަރީގެ ޚިދުމަތްތައް

މިއީ ފަހަރެއްގައި އަހަރެމެންގެ ރާއްޖެއަށް އަދި އެންމެ ތަދު ޚިދުމަތަށްވެދާނެ އެވެ. މުޅީން ނެތީއެއް ވެސް ނޫނެވެ. ނަމަވެސް ބޭނުންވާ މިންވަރާ ގާތަށް ވެސް އަދި ނުދެވެނީ އެވެ.

ޑެންމާކުގައި ނަމަ ވިހެއުމަށް ފަހު މަންމަ އާއި ދަރިފުޅު ގެއަށް ބަދަލުކުރާތާ އެއް ދުވަސްފަހުން މިޑްވައިފެއް ގުޅައި މައުލޫމާތު ސާފުކޮށް އެއްވެސް އެހީތެރިކަމެއް ބޭނުންވޭތޯ ސުވާލުކުރާނެ އެވެ. އަދި ސިއްހީ އެހީތެރިއަކު 4-5 ދުވަހާ ދެމެދު ގެއަށް އަންނާނެ އެވެ.

ނެދާލޭންޑްއާއި ބެލްޖިއަމްގައި ހޮސްޕިޓަލުން ޑިސްޗާޖްކުރާ ފުރަތަމަ އަށް ދުވަހު މަންމަ އާއި ތުއްތު ދަރިފުޅާ އެކު 24 ގަޑިއިރުވަންދެން މެޓާނިޓީ ނަރުހެއް މަސައްކަތްކުރާނެ އެވެ. މިއީ އިންޝުއަރެންސުން ދޭ ޚިދުމަތަކަށްވާއިރު، މި ހާއްސަ ނަރުހުންގެ އެހީތެރިކަން މައިމީހާއަށާއި ތުއްތު ދަރިފުޅަށް އަދި ގޭތެރޭގެ އެކި މަސައްކަތްތަކަށް ވެސް ލިބޭނެ އެވެ.

މެލޭޝިޔާގައި، ވިހެއުމަށް ފަހު ތިން ދުވަސް ވަންދެން މައިމީހާއަށް ހާއްސަ މަސާޖުތަކެއް ދެ އެވެ. މިއީ ހަށިގަނޑުގެ ލޭ ދައުރުވުން ރަނގަޅުކޮށްދީ، އަދި ހަށިގަނޑު އަވަހަށް ވަރުގަދަކޮށްދޭން އެހީއެއްކަމަށް ބުނެ އެވެ.

ސްވިޑަންގައި އިންޝުއަރެންސްގެ ތެރެއިން، ގާތުން ދިނުމާ ގުޅޭ ގޮތުން ކައުންސިލިން ޚިދުމަތްދެ އެވެ. އަދި ފުރަތަމަ ހަތަރު ދުވަހު، ބޭނުންވެއްޖެ ކޮންމެ ގަޑިއެއްގައި ވެސް މިޑްވައިވްސް ގެއަށް އައިސް ފަރުވާދޭނެ އެވެ. ސްވިޒަލެންޑްގައިނަމަ 56 ދުވަސްވަންދެން މި ޚިދުމަތް ލިބެންހުރެއެވެ.

ހުރިހާ ގައުމުތަކުގައިވެސް އެންމެ ގޮންޖެހުންތައް ގިނައީ ވިހެއުމަށް ފަހު މައިމީހާއަށް ބޭނުންވާ ނަފްސާނީ އެހީ ފޯރުކޮށްދިނުމުގައެވެ. އެހެންނަމަވެސް މިފަހުން އައިސް ހިލޭ މި އެހީ ލިބޭނެ ގޮތް ގިނަ ގައުމުތަކުން އަންނަނީ ހަމަޖައްސަމުންނެވެ.

ހައްގުތައް

ވިހެއުމާ ގުޅިގެން މައިމީހާއަށާއި، ދަރިފުޅުގެ ބައްޕައަށް ހާއްސަ ޗުއްޓީތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރެއެވެ. ދިވެހިރާއްޖޭގައި ވެސް، ވިހެއުމަށްފަހު ހަ މަސް ދުވަހުގެ ޗުއްޓީ މައިމީހާއަށް އަދި އެއް މަސްދުވަހުގެ ޗުއްޓީ ބައްޕައަށް ލިބެއެވެ. މިއީ މި ރޮނގުން ލިބުނު ބޮޑު ކާމިޔާބީއެކެވެ.

މި ނޫނަސް އަހަރެމެން ތެރޭގައި ވެސް، ބަނޑުގައި ހޫނު ފެން ހަން އެޅުމާއި، ހިލިބޭސް ކެއުމާއި ތަފާތު ބުއިންތައް ބުއިމާއި މައިމީހާ އަރާމުކުރުމަކީ ކޮންމެވެސް ވަރަކަށް އޮންނަ ސަގާފަތްތަކެކެވެ. މި ހުރިހާ ކަމެއްގެ ވެސް ފިލާވަޅަކީ ތުއްތު ދަރިފުޅަށް އަޅާލުމާއި، ކާނާ އާއި ލޯތްބާއި އޯގާތެރިކަން ބޭނުންވާހެން މައިމީހާއަށް ވެސް މި ހުރިހާ ކަމެއް މި ދުވަސްތަކުގައި ކޮންމެހެން ޒަރޫރީ ކަމެވެ.

އަންހެނުން

Popular