11 Sep 2023

By: Aishath Mihna Nasih

ހަނދާނަށް އަންނަނީ ނެޓްފްލިކްސްގައި ބޮޑު މަޝްހޫރުކަމެއް ހޯދި ފިލްމް "ގާލާ" ގެ މަންޒަރެކެވެ. ދިރިއުޅުމުގެ ހިތްދަތިކަމާއި އެކަނިވެރިކަމާއި މުޖްތަމައުގެ ނޭދެވޭ ގަބޫލުކުރުންތަކާއި އާއިލީ ބޭއިންސާފާއި ނާކާމިޔާބީގެ ކެހީގައި ހަޔާތެެެއް ބިކަވެދާ ގޮތެވެ. އެކި ވަހުމުތަކާއި އަމިއްލަ ބިރާއި ޚިޔާލުގައި އަމިއްލަ ނަފްސު ނިކަމެތިކޮށްލެވޭ ގޮތެވެ. އޭނާގެ އުދާސްތައް އެހެން މީހަކަށް ވިސްނުނު ނަމަ އެވެ. އެ ވާހަކަތައް އެހެން މީހަކާ ހިއްސާކޮށްލަން ލިބުނު ނަމަ އެވެ.

އަމިއްލަ ނަފްސަށް އަނިޔާވެރިވެވޭ ގިނަ ފަހަރުތަކުގައި ކަންވަނީ މިހެންނެވެ. އަޑުއަހާނެ، އަޑު އިވޭނެ މީހުން ނުތިބެނީ އެވެ. ނުވަތަ އެމީހުންނަށް އެނގޭނެ ބަސްތަކަކުން އެ އުދާސްތައް ބޭރުނުކުރެވެނީ އެވެ.

އާދިއްތަ ދުވަހަކީ ދުނިޔޭގައި ފާހަގަކުރާ، އަމިއްލަ ނަފްސަށް ގެއްލުންދިނުމުން ރައްކާތެރިވުމަށް މަސައްކަތްކުރާ ދުވަހެވެ. މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ކްރިއޭޓިން ހޯޕް ތްރޫ އެކްޝަން" ނުވަތަ އަމަލީގޮތުން އުންމީދު ގެނުވުމެވެ.

View this post on Instagram

A post shared by World Health Organization (@who)

ދުވަހާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޮށްފައިވާ ޕޯސްޓެއް.

ވޯލްޑް ހެލްތު ސްޓެޓިސްޓިކްސް ޑޭޓާ ވިޝުއަލައިޒޭޝަން ޑޭޝްބޯޑުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އަހަރެއްގެ މައްޗަށް 800،000 އެއްހާ މީހުން އަމިއްލަ އަށް މަރުވެ އެވެ. މިއީ ކޮންމެ 40 ސިކުންތުން އެކަކެވެ. އަދި މިއީ އުމުރުން 15-24 އަހަރާއި ދެމެދުގައި ފުރާނަގެއްލެން މެދުވެރިވާ އެންމެ އާންމު ދެވަނަ ސަބަބެވެ. މިހެން ދިމާވާ އެންމެ ބޮޑު އެއް ސަބަބެެއް ކަމުގައި ހޯދިފައިވަނީ "ޑިޕްރެޝަން" އެވެ. އަދި ދުނިޔޭގެ ނަންބަރުތަކުން މިކަން އެންމެ ބޮޑަށް ދިމާވަނީ ފިރިހެނުންނަށްކަން އެނގެއެވެ.

މިއީ ދައްކަން އުނދަގޫ ވާހަކައެއް ނަމަވެސް ރާއްޖޭގައި ވެސް ހިނގާ ކަމަކަށްވުމުން ބީރުކަންފަތެއް ދެވެން ނެތްކަމެކެވެ. ސަމާލުކަންދީ ހޭލުންތެރިކަން އިތުރުކުރަން ކޮންމެހެން ވެސް މުހިންމުކަމެކެވެ.

މިކަހަލަ ހިޔާލުތަކެއް ހުންނަ މީހަކަށް އެހީވާނީ ކިހިނެއް؟

ފުރަތަމަ ކަމަކީ އަދި އެންމެ މުހިންމު ކަމަކީ ވެސް އެފަދަ ހާލަތެއްގައި ހުންނަ މީހަކު އެކަނިކޮށްނުލައި، ބާކީ ކޮށްނުލައި އެ މީހަކު ދައްކާ ވާހަކަތައް އަޑުއެހުމެވެ. އެމީހަކު އެ ވޭތުކުރަމުންދާ އިހުސާސްތައް ދެނެގަނެ، އަމިއްލަ ނަފްސު ކުށްވެރިނުކުރުމަށް ހިތްވަރު ދިނުމަކީ ކުރެވޭނެ ވަރަށް މުހިންމުކަމެކެވެ. އަދި އެފަދަ ހާލަތެއްގައި ހުންނަ މީހެއްގެ ހިތަށް ލިބޭނޭ ބޮޑު ތަސައްލީއެކެވެ. މިފަދަ ވާހަކައެއް މީހަކު ތިމާއާ ހިއްސާކުރާ ނަމަ ވީހާ ވެސް "އޯޕަން މައިންޑް" އެއް ގެންގުޅުން މުހިންމެވެ.

ހަމައެޔާ އެކު އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސްނުޖެހޭށެވެ. އެވަގުތަކު އެމީހަކު ބޭނުންވަނީ ހަމައެކަނި އެ ވާހަކަތައް އަޑުއަހާލުން ކަމުގައިވެދާނެ އެވެ. ނުވަތަ ކައިރީގައި ހުރެލުން ކަމުގައި ވެސް ވެދާނެ އެވެ. އެންމެ މުހިންމީ ކުޑަކޮށް ނަމަވެސް މިފަދަ ޚިޔާލުތަކެއް ހުންނަކަން ފާހަގަވާ ނަމަ ކަމުގެ މާހިރެއްގެ އެހީތެރިކަން ވީއެންމެ އަވަހަށް ހޯދުމެވެ. އަދި ހާއްސަކޮށް ކަންކަމާ މާޔޫސްވެ ގިނަ މުއްދަތުތަކެއް ހޭދަވެ، އާންމު ދިރިއުޅުމަށް އޭގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަވާން ފަށައިފިކަމުގައިވާނަމަވެސް އެހީ ހޯދާށެވެ. ކޮންމެހެން މަޑު ކުރާނެކަމެއް ނެތެވެ.

އެެނގެންވީ ކޮންކަމެއް؟

ތިމާގެ ގާތްމީހަކު ހިތްދަތި ދުވަސްތަކެއް ވޭތުކުރާތަން ބަލަން ދުރުގައި ހުރުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ. އެކަމާ ވިސްނައި، އޭނާއަށް ވެދާނެ އަދި ކޮށްފާނެ ކަމަކާ ދޭތެރޭ މާ ބޮޑަށް ކަންބޮޑުވާ ނަމަ މިކަންކަމާ ދޭތެރޭ ވިސްނާލާށެވެ.

- އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ ޚިޔާލަކީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ކުރެވިފައިވާ ނުވަތަ ކުރިމަތިވެދާނެ ޚިޔާލެކެވެ.

- މިފަަދަ ޚިޔާލުތަކުން އަންގައިދެނީ މީހާގެ ބަލިކަށިކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެމީހަކު ނަފްސާނީގޮތުން ހުރި ނޭދެވޭ ހާލަތެވެ.

- އެފަދަ ޚިޔާލުތަކެއް އާދޭތޯ މީހެއްކައިރި އެހުމަކީ މައްސަލައެއް ނޫނެވެ.

- އަދި މިއީ ފަރުވާ ކުރެވޭނެ، ފަރުވާ ހޯދޭނެ ކަމެއްކަންވެސް ދަންނާށެވެ.

ސަމާލުވާންވީ ކޮންކަމަކަށް؟

މިފަދަ ކަމެއް ތަޖުރިބާކުރަމުންދާ ނަމަ އެ މީހެއްގެ ކިބައިން ގިނަ އަލާމާތްތަކެއް ފެނިދާނެ އެވެ. ނޫންނަމަ އެމީހެއްގެ އުޅުމާއި ބަސްމަގުން ސިގްނަލްތަކެއް ލިބިދާނެ އެވެ. ހާއްސަކޮށް، މިފަދަ ހާލަތެއްގައި ހުރި މީހަކު އާދަޔާ ޚިލާފުކޮށް ގާތްމީހުންނާއި ރަށްޓެހިންނަށް "ގުޑް ބާއި" ބުނުމާއި، އެމީހަކު ނެތްނަމަވެސް ހަނދާންވާނެ ބަޔަކު ނުތިބޭނެ ކަމަށްބުނެ ވާހަކަދެއްކުމާއި، އަގުބޮޑެތި މުދާތައް ފަދަ ތަކެތި މީހުންނަށް ދިނުންފަދަ ކަންކަން ފާހަގަކޮށްލެވެއެވެ. އަދި މާބޮޑަށް މޫޑް ބަދަލުވުމާއި، މީހުންނާއި ވާހަކަދައްކާ އެއްވެސް ވަރަކަށް ސޯޝަލައިޒް ވާން ބޭނުންނުވުުން ހިމެނެއެވެ.

ވަކި މީހަކާ މެދު ކަންބޮޑުވާ ނަމަ، ކޮންމެ ވަގުތެއްގައި ވެސް އެމީހަކާ ވާހަކަދައްކައި ހާލު ބަލަން ލަސްނުކުރާށެވެ.

ނޯޓް: މި ލިޔުމަށް މައުލޫމާތު ނަގާފައިވާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޝާއިއު ކޮށްފައިވާ ލިޔުންތަކުންނެވެ.

މެންޓަލް ހެލްތް

Popular