By: Aishath Jazlee
ހިކުމުގެ ވާހަކައަކީ ކޮންމެ ތަނަކުން ވެސް އިވޭ ވާހަކަ އެކެވެ. ގޭތެރެއިން ފެށިގެން ކޮފީ މޭޒުތަކާއ އޮފީސްތެރެއިން ވެސް މި ވާހަކައިގެ އަޑު ނުކެނޑެ އެވެ. ކޮންމެ މީހަކަށް ވެސް އަޅާކިޔެނީ ފޭސްބުކްގެ ނުވަތަ ސްނެޕް ޗެޓުގެ މެމޮރީއަށް އަންނަ ކުރީގެ ފޮޓޯތަކާ އެވެ. މީގެ ދެ އަހަރާއި ނޫނީ އަހަރެއްހާ ދުވަހާ އަޅާ ބަލާއިރު ވެސް މާ ފަލައީ އެވެ.
ފަލަވުމުގެ ވާހަކައާ ގުޅިގެން ދެން އަބަދުވެސް އިވެނީ ހިކެން "ޑައިޓް" ކުރަން ފަށަންވީ ވާހަކަ އެވެ. ވަކި ވައްތަރެއްގެ ސަޔެއް ބޯންވީ ވާހަކަ އެވެ. ދުވަން ފަށަންވީ ވާހަކަ އެވެ. މި ހުރިހާ ވާހަކައެއްގެ ތެރެއިން ވެސް ގިނަ ފަހަރު ނުދެއްކޭ ވާހަކަ އަކީ ފަލަވާ ސަބަބުތަކެކެވެ. ބަރުދަން ލުއިކޮށްލެވުނަސް ދެތިން މަސް ނުވެ, މަދުވި އެތިކޮޅު ވެސް އަނބުރާ އަންނަ ސަބަބެވެ.
ފަލަވުމުގެ ވާހަކަ ދައްކާއިރު ފުރަތަމަ އެނގެން ޖެހޭ އެއް ކަމަކީ އެކި މީހުން ފަލަވުމަށް އެކި ސަބަބުތައް ދިމާވާކަމެވެ. އާއްމުކޮށް އަންހެނުން، ހޯމޯނަލް އިމްބެލަންސަސްގެ ސަބަބުން ފަލަވެ އެވެ. ބައެއް މީހުންނަކީ ބަލިތަކުގެ ސަބަބުން ފަލަވާ ބައެކެވެ. އަނެއް ބަޔަކު ކާންޖެހޭ ބޭސްތަކުގެ ސަބަބުން ފަލަވެ އެވެ. މި ފަދަ ސަބަބެއް ނެތި އެންމެ ގިނައިން ފަލަ ވަނީ ލައިފްސްޓައިލް ހުންނަ ގޮތުންނެވެ.
މުޅި ދުވަހު ނުކައި ހުރެފައި ދަންވަރު ކާ ގޮތަށް ނިދުމެވެ. ހެނދުނު ހޭލާ ގޮތަށް ތެޔޮ ރޮއްޓާއި އެކި ވައްތަރުގެ ފޮނި ކްރީމް ސްޕެޑްތައް ކެއުމެވެ. ޖަންކް ފުޑާއި ފިޒީ ޑްރިންކާ މާ ރައްޓެހިވުމެވެ. ރަނގަޅަށް ނިދި ހަމަނުވުމެވެ. "ސްޓްރެސް އީޓް" ކުރެވުމެވެ. ކާން ޖެހޭ ގަޑިތަކުގައި ނުކެއުމާއި ކާ އިރު ވެސް ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން އާއި ވިޓަމިންސް މަދު, ކާބްސް ގިނަ އެއްޗެހި ކެވުމެވެ. އަމުދުން ކަސްރަތެއް ނުކުރެވުމެވެ. މިއީ އަދި ބައެއް ކަންކަމެވެ.
ގިނަ ފަހަރަށް، ބަރުދަން ލުއި ކޮށްލަންވީމާ, ކެލޮރީ މަދުކޮށްލަން ތިން އިރުގެ ކެއުން އެއް އިރަށް ބަދަލު ކޮށްލަ އެވެ. ހަފްތާއެއްހާ ދުވަސް ވަންދެން ދުވަން ދެ އެވެ. މާ ބޮޑަށް އެކި ވައްތަރުގެ ކާނާތައް މަދުކޮށްލެވެ އެވެ. މައްސަލަ ޖެހެނީ މި ކަހަލަ އާދަތަކުގެ ސަބަބުންނެވެ.
ބަރުދަން ބަރުވުމުން ފުރަތަމަ ކަމަކަށް ބަރުދަން އިތުރުވުމަށް މެދުވެރިވި ސަބަބު ދެނެގަންނާށެވެ. އެއަށް ފަހު އަމާޒަކަށް ހަދަންވީ ސިއްހަތަށް ފައިދާ ހުރި ކަންކަން ކުރުމަކީ ލައިފްސްޓައިލަކަށް ހެދުމަށެވެ. ކާ ހިތްވާ އެއްޗިހި ހިމަނައި ޕޯޝަން ކުޑަކޮށް, ބެލެންސް ޑައިޓެއްގައި ތި ހުންނަ ޖަންކް ފުޑްގެ އެކި ސްނެކް ވެސް ކުޑަ މިންވަރަކަށް ހިމަނައިގެން ކެއުންތައް ބައްޓަން ކުރުމެވެ. ކަސްރަތުކުރުމުގައި ވެސް ގަޔާވާކަމެއް ހޯދައި އެކަމެއް ކުރުމެވެ. އަދި ވަކި ގޮތަކަށް ހަށިގަނޑު ބެހެއްޓުމުގެ ހިޔާލު ދޫކޮށް, އަމިއްލަ އަށް ހެލްތީ މީހެއްގެ ގޮތުގައި ހުރުމަށް ކަސްރަތުކުރަން ފެށުމެވެ.
އޭރުން ސިކުނޑި އާއި ހަށިގަނޑަށް ވެސް ބާރު ކުޑަވެ, ދުޅަހެޔޮ މީހަކަށްވުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ބަރުދަން ލުއިވާން ފަށާނެ އެވެ.