18 Apr 2024

By: Aishath Mihna Nasih

ކުދިން ނިންދެވުމަކީ ކުޑަވަރެއްގެ ހަނގުރާމައެކެވެ. ކުދިން ލައްވާކުރަން އެންމެ އުނދަގޫ އެއް ކަންތަކެވެ. އަނެއްކޮޅުން، ނިދާ ގަޑި ކައިރިވާކަން އެނގޭއިރަށް ބޮޑާ ހާކައި، ފާހަނާއަށް ދާންޖެހި، ގައި ކަހައި، ފޮތްކިޔަން ޖެހި ހުރިހާ ގޮތްތަކެއް ވެސް ވާނެ އެވެ. އެންމެފަހުން، ވެފައި ހުންނަ ވަރުބަލިން، ބޭނުން ނުވިއަސް، ރުޅި އާދެވި ގަދަކަމުން ކުދިން ނިންދަވަން ޖެހެ އެވެ.

ނަމަވެސް، ނިދާގަޑީގައި ކުދިން ހިތްދަތިކުރުވުމަކީ އެކަމުގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ކަމެކެވެ.

ފުރަތަމަ ކަމަކީ، ކުޑަކުދިންނަކީ އެންމެ ފުރިހަމައަށް ޖަޒުބާތީ ގޮތުންނާއި ކޮގްނިޓިވް ގޮތުން ތަރައްގީވެފައިވާ ބަޔަކަށް ނުވުމެވެ. އެހެންވެ، އެ ކުދިންގެ ޖަޒުބާތުތައް ރެގިއުލޭޓްކޮށް، ވަގުތާއި ރޫޓިން ފަދަ ކޮމްޕްލެކްސް ކޮންސެޕްޓްތައް ވިސްނުމުގެ ގާބިލުކަން ކުޑަ އެވެ. ބޮޑާހޭކުމާއި، ރުޅިގަދަވުމަކީ ގިނަ ފަހަރަށް އެކުދިންގެ ނުތަނަވަސްކަމާއި، ހާސްކަން، ނުވަތަ ގުޅުމެއްގެ ބޭނުންތެރިކަން ފާޅުކުރާ ގޮތެވެ. އަހަރެމެން ބޮޑެތި މީހުން އެކަމާއ އިތުރަށް ރުޅިއައިސް، ރިއެކްޓް ކުރުމަކީ ހަމައެކަނި ކުދިން ހާސްކަން އިތުރުވެ، ހާލަތު އިތުރަށް ގޯސްވެދާނެ ކަމެކެވެ.

މީގެ އިތުރުން، ނިދާއިރު ރުޅިގަދަވުމަކީ ކުޑައިރު އާދައިގެ ކަމެކެވެ. ކުދިން ބޮޑުވަމުން އަންނަވަރަކަށް، އެކަނި ކަންކަން ކުރަންބޭނުންވެ، ނިދާ ގަޑި ހިމެނޭ ގޮތަށް ރޫޓިންތަކާ ދެކޮޅު ހަދާފާނެ އެވެ. މިކަމާ ހިތްހަމަނުޖެހޭކަން ބެލެނިވެރިންގެ ފަރާތުން ދެއްކޭ ނަމަ ނުވަތަ ރުޅިވެރިކަމާ އެކު ރިއެކްޓް ކުރެވޭ ނަމަ، ކުދިންނަށް އިހުސާސްވާނީ އެ ކުދިންގެ އިހުސާސްތައް ބަލައި ނުގަންނަ ކަމަށެވެ. ނުވަތަ އިހުސާސްވާނީ ޖަޒުބާތުތަކަށް އިހުތިރާމް ނުކުރަނީ ކަމަށެވެ. އަދި މިކަންކަން ދިގުދެމިގެންދާ ނަމަ، ނިދާގަޑި އަކީ ސްޓްރެސްފުލް ގަޑިއެއްގެ ގޮތުގައި އެ ކުދިންގެ ސިކުނޑިއަށް ސިފަކުރެވޭނެ އެވެ.

ނިދާގަޑިއަކީ ކުދިންނަށް އުފާވެރި އަދި މައިންބަފައިންނަށް ވެސް ފަސޭހަ ވަގުތުކޮޅަކަށް ހެދުމަށް މިކަހަލަ ދެތިންކަމެއް އާދަކޮށް ކުރެވިދާނެ އެވެ.

1: ނިދުމުގެ ރޫޓިންއެއް ތައްޔާރުކުރުން:

މިސާލު: ވާހަކަ ފޮތެއް ކިޔާލުން، އޭގެ ފަހުން ދަތްއުނގުޅާލުމަށް ފަހު، އެއްކޮށް ޝަހާދަތް އަދި ދުއާތައް ކިޔާލުން

2: ނިދުމުގެ ކުރިން، ދަރިފުޅު ދެކެ ލޯބިވާކަން ހާމަކުރަން އެކުގައި ކޮލިޓީ ވަގުތުކޮޅެއްް

މިސާލު: ސޯފާގައި ދަރިންނާ އެކު، އެ ކުދި ދުވަހުގެ ވާހަކަ ދައްކައި، ލޯބިވާކަން ބުނުން. އަދި އަބަދުވެސް އެކުދިން ކުރާހިތްވާ ކަންކަމަށް ތަރުހީބުދޭނެކަން ހާމަކުރުން3: ރިލެކްސޭޝަން ޓެކްނިކްސް ދަސްކޮށްދީ، އެމީހުންނަށް ލުއި ހޯދައިދިނުމަށް އެހީތެރިވެދިނުން.

މިސާލު: ފުން ނޭވާލާ ކަސްރަތުތަކުން ނުވަތަ ޕްރޮގްރެސިވް މަސްތައް ރިލެކްސް ކުރުމުގެ އުކުޅުތައް ކުދިންނަށް ދައްކައި ކުދިންނާއެކު ޕްރެކްޓިސް ކުރުން

4: ޕޮޒިޓިވް އާދަތައް

މިސާލު: އުމުރާއި ގުޅޭހެން ޖާނަލް ކުރުން. ނުވަތަ އެދުވަހެއްގައި ހިނގާދިޔަ ކުދިން އެންމެ އުފާވާ ނުވަތަ އެންމެ ޝުކުރުވެރިވާކަމެއް ފޮތެއްގައި ލިޔުން

ކުދިން ތަރުބިއްޔަތު ކުރުމަކީ ބޮޑު މަސްއޫލިއްޔަތެކެވެ. ޅަ ދުވަސްވަރު ކުދިންނަށް ދަސްކޮށްދެވޭ ރަގަޅު އާދަތަކަކީ މުޅި އުމުުރަށް ވެސް އެ ކުދިންގެ ދިރިއުޅުމަށް ހެޔޮ އަސަރުކުރުވާނެ ކަމެކެވެ. އެހެންކަމުން، ކުދިން ނިންދަވާގަޑީގައި އެ ކުދިން ވެސް އުފާވާނެ ފަދަ ހިތްގައިމު ގޮތަކަށް ކަންތައްތައް ތަރުތީބުކޮށްލަން ޖެހެ އެވެ.

ކުޑަކުދިން ދަރިން ތަރުބިއްޔަތުކުރުން

Popular