7 Jun 2024

By: Aishath Jazlee

އެންމެ ފަހުން ބަބްލްގަމެއް ކާހިތްވެގެން އެ ހޯދަން ދިޔައީ ފިހާރައަށް ދޯ އެވެ؟ އަމިއްލަ އަށް ބަބްލްގަމެއް ހަދަންވިއްޔޭ ދުވަހަކު ވެސް ހިތަކަށް ނާރާ ދޯ އެވެ. އެއީ ނާރާ ސްމިތުގެ ވީޑިއޯއެއް އަދި ނުފެންނާތީ ކަމަށް ވެދާނެ އެވެ.

ސޯޝަލް މީޑިއާ އިންފްލުއެންސާ އަދި މޮޑެލް ނާރާ ސްމިތަކީ ތަފާތު ލެވަލްއެއްގައި ފުޑް ވީޑިއޯ ހަދާ ކޮންޓެންޓް ކްރިއޭޓަރެކެވެ. އޭނާ މަޝްހޫރުވެފައި ވަނީ ފަސޭހައިން ގަނެވެން ހުރި އެއްޗެހި އަމިއްލަ އަށް ގޭގައި، ހަމަ ސުމަކުން ފެށިގެން ހަދާ ހެދުމަށެވެ. މިސާލަކަށް ބަބްލް ގަމެވެ. މި ފަހުން އެންމެ ވައިރަލްވި އެއް ވީޑިއޯ އަކީ އެއީ އެވެ.

ނާރާ ބަބްލްގަމް ހަދަނީ.

އޭނާގެ ފިރިމިހާ, ލަކީ ބްލޫ ސްމިތުގެ ދައްތަ ބަބްލްގަމެއް ބޭނުންވުމުން އަމިއްލަ އަށް ބަބްލްގަމް ހެދީ އެވެ. އެތައް ބަޔަކަށް މިކަން މަޖަލަކަށް ވި އެވެ. އަނެއް ބަޔަކަށް އަޖައިބަކަށް ވި އެވެ.

މިއީ އާއްމުކޮށް ނާރާގެ ކޮންމެ ވީޑިއޯއަކަށް ވެސް އަންނަ ރިއެކްޝަންތަކެވެ. ނާރާ ވައިރަލްވީ ވެސް އެހެންވެ އެވެ. ނާރާ ކެއުމާއި ކެއްކުމުގައި ގެންގުޅޭ ތަފާތު ގޮތްތައް ފެނި, ގިނަ އެއްޗެހި އަމިއްލަ އަށް ހެދުމަކީ އެތައް ބަޔަކު އެކަން މަޖާކަމަކަށް ހަދައި އެތައް ޓިކްޓޮކެއް ވެސް ހެދި ކަމެކެވެ. "އިން މައި ނާރާ ސްމިތު އީރާ"އޭ ކިޔާ ކޮމީޑިކް އެތައް ވީޑިއޯއެއް މީހުން ހަދާއިރު, ބައެއް މީހުން ފަސޭހައިން ހެދޭ ކުޑަ ޑިޝްއެއްގެ ފޮޓޯ ލާފައި ވެސް އެހެން އެބަ ޖަހަ އެވެ.

ނާރާ ސްމިތުގެ ޓިކްޓޮކެއް.

ނާރާ ސްމިތަކީ އަބަދުވެސް ފުލް ގްލެމްގައި އޭނާގެ ތަފާތު ޑިޝްތަކާއި, ސްނެކްތައް ތައްޔާރުކުރުމުގައި ފެންނަ ކްރިއޭޓަރެކެވެ. އެންމެ ކުޑަމިނުން ސީރިއަލް, ގްރެނޫލާ އަދި އައިސް ކްރީމް ފަދަ އެއްޗިއްސަކީ ވެސް ނާރާ އަމިއްލަ އަށް ހަދާ އެއްޗެއްސެވެ. އަދި ބަޓާ, ނަޓެއްލާއިން ފެށިގެން އޭނާގެ ދަރިންނަށް ފިހާރަތަކުން ފެންނަ އެކި ބްރޭންޑްތަކުގެ ސްނެކް ޕެކެޓުތައް ވެސް ނާރާ ހަދަނީ އަމިއްލަ އަށެވެ. އެންމެ ފަހުން ނާރާ ހެދި އެއް ވީޑިއޯގައި ކެޗަޕް އަދި ކެއުމަށް ބޭނުންކުރާ އެކި ސޯސްތައް ވެސް އަމިއްލަ އަށް ވަނީ ހަދައިފަ އެވެ.

ނާރާ ބުނާ ގޮތުގައި އަމިއްލަ އަށް ހުރިހާ އެއްޗެއް ހަދަނީ ކެއްކުމަށް ލޯބިކުރާތީ އެވެ. އަދި އޭނާ އަކީ އެކްޒީމާ ހުންނަ މީހަކަށްވެފައި ކެއުމުގައި ހަށިގަނޑަށް ދާ ޓޮކްސިންތައް މަދުކުރެވޭނީ އެގޮތަށް ކަމަށް ގަބޫލުކުރެވޭ ކަމަށް ނާރާ ބުނެ އެވެ. އަދި އޭނާ ބޭނުން ވަނީ އޭނާގެ ދަރިންނަށް ވެސް ވީހާވެސް ހެލްތީކޮށް ކެއުން ބައްޓަންކުރުމަށް ކަމަށް ވެސް ނާރާ ބުންޏެވެ.

ނާރާ ސްމިތުގެ އެކައުންޓުން އިންސްޕަޔާވެ, މި ސްޓައިލުގެ ބައެއް ފުޑް ބްލޮގަރުން މިހާރު ފެނެ އެވެ. އަހަރުމެން ކޮންމެ މީހަކީ ކެއުމުގެ ހުރިހާ އެއްޗެއް ސްކްރެޗުން ހެދޭނެހާ ވަގުތު ވެސް, އެ ފަދަ ބައެއް ތަކެތި ވެސް ހޯދެން އޮތް ބައެއް ނޫނެވެ. އެކަމަކު ނާރާގެ އެކައުންޓު މާ ގިނައިން ބަލައިފި ނަމަ, ނާރާ ސްމިތު އީރާ ފަށަން އިންސްޕަޔާ ވެދާނެ އެވެ.

Popular