By: Aishath Jazlee
ސޯޝަލް މީޑިއާގެ އެކި ދާއިރާތަކަށް ހާއްސަ އިންފްލުއެންސަރުން އެކި ވާހަކަތައް ކިޔައިދެ އެވެ. ދުނިޔޭގެ އެކި ހިސާބުތަކަށް ގެންގޮސް, ރީތިހާ ހުރިހާ ތަނެއް ދައްކައިދެ އެވެ. ވެކޭޝަންތަކުގެ މަޖާކަމާއި ރައްޓެހިންނާ އެކު ބާއްވާ ބޮޑެތި ސެލެބްރޭޝަންތަކުގެ ސަޅިކަމާއި ލޯބިވެރިޔާއާ އެކު އޮތް ގުޅުމުގެ ވަރުގަދަކަން ދައްކައިދެ އެވެ. އަދި އެކަނި ހުރިހާ ހަރަދުތަކެއް ބަލަހައްޓަމުން ބޮޑެތި ކެއުންތައް ހަދަމުން, ދަރިންގެ ހުރިހާ ކަމެއް އެކަނިމާއެކަނި ކޮށްލާ މޮޅެތި ގޮތްތަކުގެ ފޮޓޯތައް ހުރެ އެވެ.
އަބަދު މެދުނުކެނޑި ފެންނަ މި މަންޒަރުތަކަކީ ނޭނގި ވިޔަސް އޭގެ އަސަރުތައް ސިކުނޑިއަށް ކުރާ ކަމެކެވެ. މިކަން އަބަދާއި އަބަދު ފެނިފެނި އަމިއްލަ ދިރިއުޅުމާއި ފޯނުން ފެންނަ "ޕާފެކްޓް" މަންޒަރުތަކާ އަޅާ ކިޔެނީ ވެސް ގަސްތަކު ނޫނެވެ.
ސޯޝަލް މީޑިއާ އަކީ ވަކި ގޮތަކަށް ކިއުރޭޓުކޮށް ގެންނަ އެއްޗެއް ކަމެއް ގިނަ މީހުންނަކަށް ނޭނގެ އެވެ. އެނގުނަސް އެކަން ހަނދާން ނުހުންނަނީ ކަމަށް ވެސް ވެދާނެ އެވެ. އަބަދުވެސް ސަމާލުކަން ދެވެނީ ފޮޓޯތަކަށް އޮހޭ ލޯތްބަށެވެ. ފޮޓޯގެ ފަހަތުގައި ހިނގާ ކަންކަމެއް ނޭނގެ އެވެ. އޭގެ އެންމެ ބޮޑު މިސާލަކީ ގިނަ ބަޔަކު އައިޑަލައިޒް ކުރި ސޯޝަލް މީޑިއާ ކަޕްލް ސަލާމާ އާއި ހާލިދު ވަރިވުމެވެ. މިއީ ދިވެހިންގެ މެދުގައި ވެސް މަގުބޫލު, މަޖާ ލޯބި ވީޑިއޯތަކެއް އަހަރުމެންނަށް ގެނެސްދިން ކަޕްލްއެކެވެ. އެކަމަކު ފެނުނީ ކުއްލިއަކަށް ވަރިވި ތަނެވެ. މިއީ އެންމެ މިސާލެކެވެ. މިފަދަ ކިތައް ބަޔަކު ދިވެހިންގެ ތެރެއިން ވެސް ފެނިއްޖެ ހެއްޔެވެ؟ މިއިން ވެސް ސޯޝަލް މީޑިއާގައި އެ ފެންނަ ފޮޓޯގަނޑަކީ, ނުވަތަ ދެ މީހުން ކުޅެލާ ލޯބި މަންޒަރުތަކަކީ ހަގީގަތް ނޫންކަން ގަބޫލުކުރެވޭ ނޫން ހެއްޔެވެ؟
ސޯޝަލް މީޑިއާގެ ސަބަބުން ކުރިމަތިވާ ނަފްސާނީ މައްސަލަތައް އިތުރުވެފައި ވަނީ ވެސް އެންމެން ގެނެސްދޭ "ޕާފެކްޓް" މަންޒަރުތަކުންނެވެ. ސޯޝަލް މީޑިއާއިން ކުރާ ނެދޭވޭ އަސަރުތައް ކިޔައިދޭ އެތައް ދިރާސާއެއް އެބަ ހުއްޓެވެ. އަދި ސޯޝަލް މީޑިއާއިން އަންނަ ނަފްސާނީ މައްސަލަތައް ބޮޑުވެ، ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު މަދުކުރުމަށް ސައިކޮލޮޖިސްޓުން ވެސް ބާރު އަޅައެވެ. ހާއްސަކޮށް، ނިދުމުގެ ކުރިންނާއި ހޭލާ ގޮތަށް އަދި ދުވަހުގެ ބޮޑު ބައި، ކަމެއް ނެތި ސްކްރޯލުނުކުރަން ބުނެ އެވެ.
އެއް އުމުރެއްގެ ބަޔަކު ތިމާއަށް ވުރެ މާ ފުރިހަމަ ދިރިއުޅުމެއް އުޅޭ މަންޒަރު ފެނުމުން, ނުވަތަ އަމިއްލަ މީހާ އެދޭ ކަންތައްތައް އެހެން މީހުންނަށް ހާސިލްވާ ތަން ފެނުމުން މާ ބޮޑަށް ނާއުއްމީދު ވަނީ އެވެ. އަދި ބައެއް ފަހަރު އޮފީހަށް ދަމުން ގޭތެރޭގެ ކަންކަން ބަރާބަރަށް ނުނިމި އުޅޭއިރު އެހެން މީހަކު އެކަނި އުޅެމުން ހުރިހާ ކަމެއް ފުރިހަމައަށް ކުރާކަމަށް ދައްކާތީ އަމިއްލަ ނަފްސާ މެދު ފެއިލިއާއެއް ގޮތަށް ދެކެވެނީ އެވެ. ޖެހިގެން އޮތް ރަށަށް އެއް ދުވަހުގެ ދަތުރަކަށް ދާނެ ފައިސާ ނެތި އުޅެނިކޮށް އެއް ގައުމުން އަނެއް ގައުމަށް ޓުއާކުރާ މީހުންގެ ފޮޓޯ ފެނި ދެރަވެ, ހަސަދަވެރިކަން އުފެދެނީ އެވެ. އަބަދުވެސް ގްލޯވެފައި ހުންނަ ރީތި "ސަން ކިސްޑް" އޮމާން ހަންގަނޑާއި ރީތި ބައްޓަން ފެނި އިންސެކިއޯ ވަނީ އެވެ. މިފަހުން އެކި ޕޭޝަންޓުންގެ ކިބައިން ފާހަގަވާ ކަމަށް ސައިކޮލޮޖިސްޓުން ބުނާ ބައެއް ކަންތައްތަކަކީ މިއީ އެވެ.
މިއީ ސޯޝަލް މީޑިއާއިން ކުރާ އަސަރުގެ ކުޑަ މިންވަރެކެވެ. މިއީ އަބަދާއި އަބަދު އިންސާނުންގެ ފުށުގައި ހުންނަ އައިބުތައް އޮއްބައި ދައްކައިދޭ މަންޒަރުން ކުރިމަތިވާ ބައެއް ނަފްސާނީ މައްސަލަތަކާއި ސެލްފް އިމޭޖް އިޝޫތަކެވެ. މިކަމަށް އޮތް ހައްލަކީ ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތު ލިމިޓުކުރުމެވެ. ކިތަންމެ އުނދަގޫވިޔަސް ނަފްސާނީ ދުޅަހެޔޮކަމަށް މިއީ ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވެއްޖެ އެވެ.