28 Sep 2024

By: Aishath Mihna Nasih

އަންގާރަ ދުވަހު މުޅި ސޯޝަލް މީޑިއާގައި ވައިރަލްވީ ރަންބީރު ކަޕޫރު އޭނާގެ ދަރިފުޅު ރާހާއަށް ކިޔައިދޭ ނާނާ " އުންނީ ވާވާ ވޯ" ގެ ވާހަކަ އެވެ. މި ނާނާގައިގެ ވާހަކަ ފެނިފައި ހަނދާންވަނީ އަހަރެމެންގެ ޅައިރުގެ ދުވަސްތަކެވެ. ގޭގެ ފެންޑާގެ އުނދޯލީގައި އޮށޯވެގެން އޮންނައިރު، މާމަމެން ނުވަތަ މަންމަ އާއި ބައްޕަ ކިޔައިދީ އުޅުނު ނާނާތަކެވެ. ހަނދާން އެބަހުރި ހެއްޔެވެ؟

ބޮޑު ބުޅަލާ ނާދޭ!

މިއީ އޭރު ވެސް އަދި މިހާރު ވެސް އެންމެ "ހިޓު" ނާނާ ކަމުގައިވުން އެކަށީގެންވެއެވެ.

"ބޮޑު ބުޅަލާ ނާދޭ، މިގޭ ދޮށުން ދާންދޭ

މިގެއަކު ނެތް ރޯކުއްޖެއް، އެގޭ ތިބީ ރޯދެކުދިން

މިގޭ ދޮށަށް ނާދޭ، ބޮޑު ބުޅަލާ ނާދޭ"

މި ނާނާ މުޅިން އެކުގައި ނޭނގުނަސް ނަމަވެސް، އަހަރެމެން ތެރޭގައި ކުދިން ނިންދަވަން ބޮޑު ބުޅަލެއްގެ ވާހަކަ ކިޔައިއުޅޭކަން ނޭނގޭ މީހެއް މަދުވާނެ އެވެ. މި ނާނާ އަކީ އަސްލު ބަންޖެކެވެ. ލިޔުންތެރިޔާ ނަސްމާ އަބްދުލް މުހްސިން އޭނާގެ ލިޔުމެއްގައި މި ބަންޖާއި ބެހޭގޮތުން މީހުން ދައްކާ އުޅޭ ސަޅި ވާހަކައެއް ވެސް ހިމަނާފައި އޮވެ އެވެ.

"މި ނާނާއާ ބެހޭގޮތުން ބުނެއުޅޭ އަޑު އެހީމެވެ. މިއީ ވަގު ފިރިއަކު ގެންގުޅޭ އަންހެނަކު ކީ ނާނާއެކޯލަ އެވެ. އެއްރޭ މި އަންހެނާ އޭނާގެ "ބިޓު" ގޮވައިގެން އިންދާ ފިރިމީހާ އަންނަކަން އެނގުމުން އޭނާގެ ބިޓު ފިލުވުމަށް ފަހު، އޭނާގެ ތުއްތު ދަރިފުޅު ނިންދަވާކަމަށް ހެދިގެން އޮވެ، މި ކިޔައިދެނީ، ބިޓު ކަލޭގެއަށް އޭނާގެ ފިރިމީހާއަށް ނުފެނި ފިލައިގެން ދެވޭނޭ ގޮތްތަކުގެ ވާހަކަޔޯލަ އެވެ." - ނަސްމާ

ފިސާރި ކުޅަދާނަ އެވެ. ވަގު "ބިޓަކަސް" ނޫނީ "ބުޅަލަކަސް" މި ނާނާ އިވި އޭގެ ހިތްހަމަޖެހުން ނުވަތަ ބިރާ ހެދި އަހަރެމެންގެ ލޮލަށް ނިދި އެބަ އާދެ އެވެ.

ބޮޑު މާލި، ބަޑި އެދުރު އަދި ހަންޑިތައް

މިއީ ނާނާތަކުގެ ހާއްސަ ޖޯންރާއެކޭ ވެސް ބުނެވިދާނެ އެވެ. ނާނާ އެކަންޏެއް ނޫނެވެ. ނިންދަވަން ކުޑައިރު ކިޔައިއުޅޭ ވާހަކަަތަކަކީ ވެސް މި ޒާތުގެ ކޮންމެވެސް ބިރުވެރި ފުރޭތައެެއްގެ ވާހަކައެވެ. މިފަދަ ނާނަތައް އިވެން ފަށާއިރަށް ބޭއިޙްތިޔާރުގައިވެސް އޮށޯވެ ލޯ މަރާލެވެެ އެވެ. ވާނީ ވެސް އެހެންތާ އެވެ. އޮށޯވެ އަޑު އަހަންޖެހެނީ ފުރޭތަ އަރާ ލޯ ކާލާނެ ވާހަކާ އާއި ނުނިދާ އުޅޭ ނަމަ ގެންގޮސްދާނެ ވާހަކަ އެވެ. އެއްގޮތަކީ މާ ބޮޑަށް ބިރުގަތުމެވެ. ނޫން ނަމަ ނާނާ ހިތްގައިމުވެފައި އަޑު އަހާލަން އަރާމީ އެވެ.

ދޮން ކަނބުލޮ ނިދާލާށޭ!

ދޮންކަނބުލޮ ނިދާލާށޭ!

މިއީ ހަމަގައިމު ވެސް 2000ގެ ކުރީކޮޅު އެންމެ ގިނައިން އިވޭނެ އެއް ނާނާއަކީ މި އެވެ. ފަހުގެ ލަވަކިޔުންތެރިންގެ ގިނަ ކަވާތަކެއް ވެސް މި ލަވައަށް ހެދިފައިވާއިރު، އަދިވެސް ހުޒާމްގެ އަޑުން ކިޔައިދީފައިވާ ލަވައިގެ އޮރިޖިނަލްއަކީ ހިތުގެ އެންމެ ހިމަ ނާރާ ވެސް ކުޅެލާ ފަދަ ހިތްގައިމު ނާނާއެކެވެ.

ޖަވާހިރު

އޭގެ ފަހުން އުނޫޝާގެ އަޑުން ކިޔައިދީފައިވާ ޖަވާހިރު މި ލަވައާއި، ދެރިޔާ ފިލްމްގެ މަގެ ލޯބި ދަރިފުޅާ، ފަދަ ލަވަތަކަކީވެސް ކުދިން ނިންދަވަން ނިކަން ފަސޭހައިން ކިޔާލެވޭ ނާނާތަކެކެވެ.

މި ލިސްޓުގައި ނުހިމެނުނަސް، އަދި މިފަދަ ކިތަންމެ ހިތްގައިމު ނާނާއެއް ވެސް އަހަރެމެންގެ ތެރޭގައި ހުންނާނެކަން ޔަގީނެވެ. ނާނާއަކީ ކޮންމެހެން މާ ގިނަ ލަފްޒުތެއް ވަކި ރާގަކަށް ކިޔައިގެން އެކަނި ކިޔޭ އެއްޗެއް ނޫނެވެ. ހަމައެކަނި އަޑުން އަޅުވާލާ ރާގެއް ވެސް ނާނާއަކަށް ފުދެ އެވެ.

ދަރިން ތަރުބިއްޔަތުކުރުން ކުޑަކުދިން

Popular