11 Oct 2017

ލޯބިން 10 އަހަރު، ކައިވެންޏަށް އެންމެ ފަސް މިނިޓް!

ކައިވެންޏެއް ކާމިޔާބުވާނީ އެކުގައި ގިނަ ދުވަހު އުޅެ އެކަކު އަނެކަކު ދަސްވާން ފުރުސަތު ލިބިގެން ކަމަށް ބުނާ ނަމަ މިއީ އޭގެ ދިމާ އިދިކޮޅު

ކައިވެންޏެއް ކާމިޔާބުވާނީ އެކުގައި ގިނަ ދުވަހު އުޅެ އެކަކު އަނެކަކު ދަސްވާން ފުރުސަތު ލިބިގެން ކަމަށް ބުނާ ނަމަ މިއީ އޭގެ ދިމާ އިދިކޮޅު

By: Niumathullah Idhurees

ވަރި ކައިވެންޏާ ބެހޭ ގޮތުން ރާއްޖޭގައި ނުހިނގާ ކަމެއް އޮވެދާނެ ކަމަށް ބަލާކަށް ނުވާނެ އެވެ. އަދި އަމުދުން ވަރީގަ އެވެ. ކޫސަނި ކަންކަމުގައި ކައިވެނި ރޫޅާލާ ވާހަކަ ދައްކާއިރު ހަމަ އެއްވެސް ކަމަކާ ނުލައި ވެސް ވަރިކުރެ އެވެ. އެކަމަކު ލޯބީގެ ގޮތުން ގުޅި 10 ވަރަކަށް އަހަރު އެކުގައި އުޅެފައި ކައިވެނިކުރިތާ އެންމެ ފަސް މިނިޓް ތެރޭ ވަރިކުރުމަކީ އާދައިގެ ކަމެއް ނޫނެވެ.

އެއީ ރާއްޖޭގައި ހިނގި ހާދިސާއެކެވެ.

މީގެ އަހަރުތަކެއް ކުރިން ވެސް އެ ކައިވެނީގެ ވާހަކަ ނޫހުގައި ލިޔުނީމެވެ. އެކަމަކު ލޯތްބާއި ކައިވެނީގެ ގުޅުންތަކުގެ ވާހަކަ ދައްކަން ޖެހުމުން އެ ރެކޯޑް ވަރީގެ ވާހަކަ މިހާރުގެ ކުދިންނަށް ވެސް މި ކިޔާލަދެނީ އެވެ. ނަމަވެސް މި ކައިވެނީގައި ހިމެނޭ މީހުންނާ ހިސާބަށް ދާން ކުރި މަސައްކަތް ނާކާމިބު ވުމުން އެ މީހުންގެ ރުހުމެއް ނެތި ނަންތަކާއި އިތުރު ތަފްސީލުތައް ދެވެން ނެތުމުން މި ކިޔައިދެނީ މަތިމަތިންނެވެ. އެ ބަޔަކަށް މި ލިޔުން ފެނި، އެ ވާހަކަ ކިޔައިދޭން އަންނާނެ ނަމަ ވަރަށް ރަނގަޅެވެ.

އެއީ ހަމަ ނުލާހިކު ލޯބިން އުޅުނު ދެ ޒުވާނުންނެވެ. ނިކަން ގަދަޔަށެވެ. އަންހެން ކުއްޖާގެ އާއިލާއިން މި ގުޅުމަށް ދެކޮޅުހެދުމުން ވެސް ގަދަ ދައްކާފައި ގެންދިޔައީ ކުރިއަށެވެ. މިކަން ހުއްޓުވަން އާއިލާއިން ކުރި އެއްވެސް ކަމެއް ކާމިޔާބެއް ނުވި އެވެ. ކުރިމަތިވި ހުރިހާ ހުރަސްތަކާ އެކު ކައިވެންޏާ ހިސާބަށް ދިޔައީ ނިކަން ލޯބިން އެކުގައި ދިހަ ވަރަކަށް އަހަރު އުޅެފަ އެވެ.

ކައިވެންޏެއް ކާމިޔާބުވާނީ އެކުގައި ގިނަ ދުވަހު އުޅެ އެކަކު އަނެކަކު ދަސްވާން ފުރުސަތު ލިބިގެން ކަމަށް ބުނާ ނަމަ މިއީ އޭގެ ދިމާ އިދިކޮޅެވެ.

މާލޭގައި އުޅުނު މި ދެ މީހުން ކައިވެންޏަކާ ހިސާބަށް ދިޔައިރު ދިރިއުޅެމުން އައީ އެއް ގެއެއްގަ އެވެ. ބައްދަލުނުވާ ދުވަހެއް، ވާހަކަ ނުދެކެވޭ ދުވަހެއް ނެތެވެ. އެހެންވީމާ ހުންނާނީ ރަނގަޅަށް ދަސްވެފައި ކަމަށް ބަލަން ހިނގާށެވެ. އެހެންވެ ދެން އައީ ކައިވެންޏެވެ.

އަންހެން މީހާގެ އާއިލާއިން މި ކައިވެންޏާ ދެކޮޅުހެދި ނަމަވެސް މިއީ ހުއްޓުވެން އޮތް ކަމެއް ނޫނެވެ. ބޮޑު ރަސްމިއްޔާތެއްގައި ކައިވެނިކުރުމުގެ ބަދަލުގައި އެކަން އޮތީ ކޯޓުގަ އެވެ. އެތަނުގައި އެ އޮންނަ ކަންކަން ފުރިހަމަކޮށް އަނބި ގަބޫލުކޮށްގެން ފިރިމީހާ ނިކަން އުފަލުން ހުރެ އޭނާގެ އަލަތު އަނބިމީހާ ގޮވައިގެން ނިކުމެ ޓެކްސީއެއްގައި ދިޔައީ އެވެ.

ކައިވެނި އަގުދުކޮށްދެއްވި ގާޒީއަށް ހަމަޖެހިވަޑައިނުގެންނެވި އުޅެނިކޮށް އެއްކަލަ ދެ މީހުން އަނެއްކާ ކޯޓަށް ހިނގައްޖެ އެވެ. ފަސް މިނެޓެއްހާއިރު ކުރިން އުފަލުން ފޮޅިފައި ހުރި އަންހެން ކުއްޖާ ގިސްލާ ރޮނީ އެވެ. އޭނާ ބުނީ "ވަރިކުރީ" ކަމަށެވެ. ވަރިކޮށްފީމޭ ބުނީ ކައިވެންޏަށް ފަހު ގެޔަށް ދިޔަ މަގުމަތީ ޓެކްސީ ތެރޭގައި އިނދެފަ އެވެ.

ގާޒީއަށް ވެސް ލިބިވަޑައިގަތީ ހައިރާންކަމެވެ. ވަރިކުރުމުގައި ދިވެހިންނަށް ރެކޯޑް އޮތަސް މިވަރުގެ ކަމެއް ފެނިވަޑައިގެންފައި ނެތީމަ އެވެ.

މިވީ ކިހިނެއްތޯ ގާޒީ ސުވާލުކުރެއްވުމުން ފިރިހެން މީހާ ދިނީ ފަސޭހަ އެކަމަކު ޖަވާބަކަށް ނުވާ ޖަވާބެކެވެ. އޭނާ ބުނީ ލޯބި ނުވަނީ ކަމަށެވެ. ދެން މި ހުރިހާ ދުވަހަކު އެކުގައި އުޅުނު އިރު ވެސް ލޯބި ނުވާކަން އެނގުނީ އަދި ކިރިޔާތޯ އެހުމުން ވެސް ދިނީ ހަމަ އެ ޖަވާބެވެ. ކައިވެނި ރުޖޫއަ ކުރާކަށް ވެސް އޭނާ ބޭނުމެއް ނުވި އެވެ. އެ ހިސާބުން އެ ނިމުނީ އެވެ.

ވަރަށް ހުތުރެވެ. މި ދެ މީހުންނާ ގުޅޭ ގޮތުން ހިނގާފައިވާ ހުރި ކަންކަމަށް ބަލާއިރު މިއީ އަންހެން މީހާގެ އާއިލާގެ ކިބައިން ބަދަލެއް ހިފުމަށް ކުރި ކައިވެންޏެއް ކަމަށް ވެދާނެ އެވެ. އެކަމަކު އެހާ ދުވަހު އެކުގައި އުޅުނު ބައިވެރިޔާ އަކީ ބަދަލު ހިފުމުގެ ހަތިޔާރަކަށް ހަދައި ރޮއްވާލުމަކީ އަނިޔާ އެވެ. އަދި ރާއްޖޭގައި ކިތައްމެ ވަރި ގިނަ ނަމަވެސް މިފަދަ ގޮތަކަށް ރޫޅޭ ކައިވަނިތަކުން އެންމެންނަށް ވެސް ލިބެނީ ޝޮކެވެ.

ކައިވެނި

Popular