By: Ahmed Nadym
        
      
  
        
        "އަމިއްލަ އަށް މިހެން އުޅޭއިރަކު އިހްސާސެއްނުވޭ މިއީ އެހެން ކުދިންނާ ނުވަތަ މީހުންނާ ތަފާތު މީހެކޭ. އެކަމަކު ދެން މީހަކު އަހަންނާ ދިމާލަށް ބަލަން ހުއްޓައި ފެނިއްޖެއްޔާމު ހަނދާންވާނީ އަހަރެން ހުންނަ ގޮތް. ނޫނިއްޔާމު މީހަކު އައިސް، ތިއީ ވިޓިލައިގޯ ދޯއޭ ކިޔާފައި އަހާލައިފިއްޔާމު ވަރަށް ބޭޑް ފީލްވާނެ،" ޝާޔާ ބުނެލި އެވެ.
       
  
  
      
    
  
        
        ގދ. ތިނަދޫގައި ދިރިއުޅޭ އުމުރުން 17 އަހަރުގެ މަރިޔަމް ޝާޔާ އިމްރާން ވިޓިލައިގޯ ނުވަތަ ހުދުބައްޔަށް ޑައިގްނޯސްކުރީ އޭނާގެ އުމުރުން ގާތްގަނޑަކަށް ދެ އަހަރުގަ އެވެ. އޭގެ ކުލަ ހަނދާނެއް ޝާޔާގެ ނެތަސް މިއަދު، އޭނާގެ ހަޔާތުގެ ކޮންމެ ދުވަހަކީ އެތައް ކުލަ ހަނދާނެއް އުފައްދަމުން އަންނަ ތަފާތު ދިރިއުޅުމެކެވެ.
       
  
  
  
            
        
        
                  ފޮޓޯގްރެފީ: މާނިޝްއެމްވީ | ރީޓަޗިން: އަބްދުﷲ އައުރަފް
              
      
  
  
        
        އެންމެ ފުރަތަމަ، އެއް ލޯ ކައިރިން ފެނުނު "ކުޑަކުޑަ ސްޕޮޓެއް" އެންމެފަހުން މުޅި ހަށިގަނޑަށް ފެތުރި އޭނާގެ ހަންގަނޑުގެ ކުލަ ބަދަލުކުރަމުން ދިޔަ ނަމަވެސް އެ ތަފާތެއް ޝާޔާ އަށް އޭނާގެ ދިރިއުޅުމަކުން އިހްސާސެއްނުވެ އެވެ. މުޅި ހަށިގަނޑަށް މަޑުމަޑުން ފެތުރެމުން އަންނަ "ހުދުކުލަ" އޭނާ ސިފަކުރަނީ އެތައް ކުލައެއް ޖެހިފައިވީ ބޮޑު އުފާވެރިކަމެއްގެ ގޮތުގަ އެވެ.
       
  
  
  
        
        "އެންމެ ފުރަތަމަ ފެނުނީ ލޯ ކައިރިން، ކުޑަ ވައިޓް ސްޕޮޓެއް ފެނުނީ. އޭރު ޝާޔާ އަށް ދެ އަހަރު ކަމަށްވަނީ. ދެން މަންމަމެން ފުރަތަމަ ހީކުރީ އެއީ ބިއުޓީ މާކެއް ކަމަށް،" ޝާޔާ ކިޔާލަދިނެވެ.
       
  
  
  
            
        
        
                  ފޮޓޯގްރެފީ: މާނިޝްއެމްވީ | ރީޓަޗިން: އަބްދުﷲ އައުރަފް
              
      
  
  
        
        "ދެން އަނެއް ލޯ ކައިރިން އޭގެ ވައިޓް ސްޕޮޓެއް ފެނުނީމަ ލަންކާ އަށް ގޮސް ޑޮކްޓަރަށް ދައްކައިގެން އެނގުނީ. އުމުރުން ދެ އަހަރުން ފެށިގެން ވިޓިލައިގޯއާ އެކީ މި އުޅެނީ. އޭރު ލަންކާ އަށް ގޮސްގެން ޓްރީޓްމަންޓް ނަގައިގެން ކޮންމެވެސް ވަރަކަށް ރަނގަޅުވެސް ވޭ."
       
  
  
  
        
        އެކަމަކު ވަކި ހިސާބަކުން ބޭސްނަގަށް ޝާޔާ ބޭނުމެއް ނުވީ އެވެ. ބޭސްނެގުން އަމިއްލަ އަށް ހުއްޓާލީ އެވެ.
       
  
  
  
        
        "ފަހުން ފަހުން އައިސް އެއްގޮތަކަށް ވެސް ޓްރީޓްމަންޓް ނަގަން ބޭނުންނުވީ. ބިކޯޒް އައި އޭމް އޯކޭ ވިތު ދިސް. އައި އޭމް ކޮމްފޯޓަބްލް ވިތު އިޓް ނައު،" ފަހުރުވެރި ރާގެއްގައި ޝާޔާ ބުނެލި އެވެ.
       
  
  
  
            
        
        
                  ފޮޓޯގްރެފީ: މާނިޝްއެމްވީ | ރީޓަޗިން: އަބްދުﷲ އައުރަފް
              
      
  
  
        
        އޯލެވެލްގެ ކިޔެވުން ނިންމާލުމަށް ފަހު ރަށު ސްކޫލެއްގައި ލެބް އެސިސްޓަންޓެއްގެ ވަޒީފާއެއް އަދާކުރަމުން އަންނަ ޝާޔާގެ "މޫނު" ރަސްމީކޮށް އާންމުކޮށްލަދިން ހުށަހެޅުމަކީ މަޝްހޫރު ޒުވާން ކުރެހުންތެރިޔާ އަޓިކޭގެ ހަމަ އެވަރަށް މަޝްހޫރުވި ކުރެހުން "ވިޓިލައިގޯ" އެވެ. އޭނާ މިދިޔަ އަހަރު "އަންވެއިލިން ވިޝަން" އާޓް އެގްޒިބިޝަންގައި ދައްކާލި އެ ކުރެހުމަކީ ޝާޔާގެ ވާހަކަ އާއި އޭނާގެ ތަފާތުކަން ހިތްތަކުގެ އެންމެފުނަށް ފާއްދާލި ހިތްގައިމުކަމެކެވެ. އެއަށް ފަހު ޝާޔާ އަށް ވަނީ "އޭނާގެ ގޮތުގައި" ކުރިއަށް ދާން ވެސް ވަރަށް ބޮޑު ހިތްވަރެއްލިބިފަ އެވެ.
       
  
  
  
            
        
        
                  ފޮޓޯގްރެފީ: މާނިޝްއެމްވީ | ރީޓަޗިން: އަބްދުﷲ އައުރަފް
              
      
  
  
        
        އޭގެ އެއް ހެއްކަކީ އުއްމީދުން ފުރިފައިވީ މޮޑެލްއެއްގެ ގޮތުގައި އޭނާ އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއަމްތަކުގައި ހޯދަމުން އަންނަ ސަމާލުކަމެވެ.
       
  
  
  
        
        "އެންމެ ފުރަތަމަ އިންސްޓަގްރާމަށް އަމިއްލަ (ސިފަ) ފެންނަގޮތަށް ފޮޓޯ ވެސް ނުލަން. އެއީ ކުރިން އެގޮތަށް އާންމުންނަށް ފެންނަން އަދި ފޮޓޯލާން ބޭނުންނުވީ އެގޮތަށް އެހާ ކޮމްފޯޓަބްލް ނޫން ވީމަ. އެކަމަކު (އެގްޒިބިޓްކުރި ކުރެހުމުގެ) ސަބަބުން ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔަ އަދި އެކި މީހުންގެ ފަރާތުން ވަރަށް ޕޮޒިޓިވް ފީޑްބެކް ލިބިގެންދިޔަ،" ޝާޔާ ބުންޏެވެ.
       
  
  
  
            
        
        
                  ފޮޓޯގްރެފީ: މާނިޝްއެމްވީ | ރީޓަޗިން: އަބްދުﷲ އައުރަފް
              
      
  
  
        
        "ދެން ހިތަށް އެރީ ވިޓިލައިގޯ ހުއްޓަސް، މޭ ބީ އައިއޭމް ބިއުޓިފުލްއޭ. ވިޓިލައިގޯ ހުރެގެން ލިބޭ ވަކި ދެރަކަމެއް ނެތޭ އަހަންނަކަށް."
       
  
  
  
        
        ހިތްވަރެއްލާފައި ޝާޔާ މިހެން ބުންޏަސް އޭނާ ބުނީ ކޮންމެ ދުވަހަކީ މީހުންގެ ފަރާތުން ލޯތްބާއި ތައުރީފު ލިބޭ ވަރަށް ފުރައްސާރައާ ވެސް ކުރިމަތިލާން ޖެހޭ ދުވަސްތަކެއް ކަމަށެވެ. ވަކިން ހާއްސަކޮށް ސޯޝަލް މީޑިއާގައި އުޅޭއިރު ކުރިމަތިލާން ޖެހޭ ފުރައްސާރަ ބޮޑު ކަމަށް ބުންޏެވެ.
       
  
  
  
            
        
        
                  ފޮޓޯގްރެފީ: މާނިޝްއެމްވީ | ރީޓަޗިން: އަބްދުﷲ އައުރަފް
              
      
  
  
        
        "ބައެއް މީހުން ބުނާނެ އަސްލު އެއްވެސް ރީއްޗޭ ނޫނޭ ވެސް. ރީއްޗޭ ބުނަނީ ޝާޔާ ދެރަވެދާނެތީ ޓު މޭކް މީ ފީލް ބެޓާއޭ ވެސް،" ޝާޔާ ބުންޏެވެ.
       
  
  
  
        
        "އެކަހަލަ މީހުންނަށް ބުނެލަން ބޭނުންވަނީ އައި ޑޯންޓް ނީޑް ދެއާ އޮޕީނިއަންއޭ. ބޭނުން ނަމަ މިކަން މިއަށް ވުރެން ރަނގަޅު ވެސް ކުރެވުނީސް ފުލް ކިޔޯއެއް އަދި ނެތަސް. އެކަމަކު ބޭނުންނުވާތީ ޓްރީޓްމަންޓް ވެސް ނުނަގާ މި ހުންނަނީ މި ގޮތް ވެސް އޯކޭވީމަ."
       
  
  
  
            
        
        
                  ފޮޓޯގްރެފީ: މާނިޝްއެމްވީ | ރީޓަޗިން: އަބްދުﷲ އައުރަފް
              
      
  
  
        
        ޝާޔާ ގަބޫލުކުރާ ހިތްވަނީ ވިޓިލައިގޯ އޭނާ އަށް ދެއްކި ދިރިއުޅުމުގެ ކުލަތަކެވެ.
       
  
  
  
        
        "ވިޓިލައިގޯ އިން އަސްލު އަހަރެން މިއީ ކާކުކަން ބުނެދެނީ މިއަދު. އެހެންވީމަ މިކަން ރަނގަޅުކުރެވެން ހުއްޓަސް އަހަރެން ބޭނުމެއް ނޫން ދެނެއް. ވިޓިލައިގޯ އަކީ ލިބުނު ދެރައަކަށް ވުރެން ބޮޑު މޮޅެއް. ބައިވަރު އެތައް ބައެއްގެ ލޯބި ކޮންމެ ދުވަހަކު ވެސް ލިބޭ،" ޝާޔާ ބުނެލި އެވެ.
       
  
  
  
            
        
        
                  ފޮޓޯގްރެފީ: މާނިޝްއެމްވީ | ރީޓަޗިން: އަބްދުﷲ އައުރަފް
              
      
  
  
        
        މިހުރިހާ ލޯތްބަކާއި ދިރިއުޅުމުގެ ހުރިހާ ކުލައަކާ އެކު އޭނާ މިހާރު ތައްޔާރުވަމުންދަނީ ސައިކޮލޮޖީގެ ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ފުރާށެވެ.
       
  
  
  
            
        
        
                  ފޮޓޯގްރެފީ: މާނިޝްއެމްވީ | ރީޓަޗިން: އަބްދުﷲ އައުރަފް
              
      
  
  
        
        "މޮޑެލްކުރުން އެއީ ހޮބީއަކަށް ކޮށްލާ ކަމެއް. އެގޮތަށް ވެސް މީހުން ހޭލުންތެރިކުރެވެންޏާ އެކަންކުރަން ބޭނުންވަނީ. މި ވެސް ވިޓިލައިގޯ އަށް މީހުން ހޭލުންތެރިކުރަން ކުރި ކަމެއް އަސްލު."
       
  
  
  
        
        
                  ޝާޔާ މޭކްއޯވާ. -- ވީޑިއޯ: އަމާން ޒުހައިރު | ވީޑިއޯ އެޑިޓްކުރީ: އަފްޝީން ނަސީރު