11 Jun 2019

By: Aishath Maaha

ފޮޓޯ ނަގަން ހަވާލުކުރާ މީހުންގެ އަތުން ފޮޓޯތައް ނުލިބިގެން އުޅެންޖެހޭ ހާލުގެ ވާހަކަ ވަރަށް ގިނައިން އިވެ އެވެ. އެކަމަކު މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޝަލަބީ އިބްރާހިމްގެ ފޮޓޯގްރާފަރު، އަދުހަމް މުހައްމަދު (އަދޫ) އާ ބެހޭ ގޮތުން ޝަލަބީއާ ސުވާލުކޮށްފި ނަމަ ޝަކުވާއެއް ނުކުރާނެ އެވެ.

މާލޭގައި އޮންނަ ޝަލަބީ އިބްރާހީމްގެ ކޮންމެ އިވެންޓެއްގައި އަދޫ ހުންނާނެ އެވެ. އިވެންޓު ނިމޭއިރު ހުރިހާ އޭންގަލްއަކުން ޝަލަބީގެ ފޮޓޯތައް ހުންނާނީ ތައްޔާރަށެވެ. އެހާ އަވަހަށް އެ ހުރިހާ ފޮޓޯއެއް އެޑިޓްކޮށް ޝަލަބީ އަށް ފޮނުވާނެ އެވެ. އަދޫ އަކީ ޝަލަބީ، ބަރިސްތާ މޯލްޑިވްސް އަދި ހައުސް އޮފް މިއުޒިކްގެ އޮފިޝަލް ފޮޓޯގްރާފަރެވެ. ތެލަސީމިއާގެ ސަބަބުން ދާއިމީކޮށް ލޭ އަޅަން ޖެހުނަސް، އުމުރުން 24 އަހަރުގެ އަދޫ ދައްކަނީ އާދަޔާ ހިލާފް ހިތްވަރެކެވެ.

ކޮންމެ މަހަކު ދެ ފަހަރު ލޭ އަޅަމުން، ޑެސްފަރޯލް ޖަހަމުން، ކޮންމެ ދުވަހަކު ކާން ޖެހޭ ބޭސްތައް ކަމުން ވެސް އޭނާގެ ޒިންމާ ބަރާބަރަށް އަދާކުރެ އެވެ.

"އޮފީހުގައި ވެސް އެއްވެސް މީހަކު ވަކި އަދޫއަކާ ތަފާތެއް ނުކުރޭ. އެންމެން ވެސް ވަރަށް ސަޕޯޓިވް. އަދޫ ލޭ އަޅަން ޖެހޭ ދުވަސްތަކަށް ބުރޫ ނާރާ ގޮތަކަށް ޝޫޓްތައް ވެސް ހަމަޖައްސައިދީފަ ހުންނަނީ. ލޭ އަޅާ ދުވަހާ ޝޫޓަކާ ދިމާވިޔަސް ޝޫޓު ޕޯސްޓްޕޯން ކޮށްދޭނެ،" އަދޫ ކިޔައިދިނެވެ.

އަދޫ ނަގާފައިވާ ފޮޓޯ: އަދޫ އަކީ ޝަލަބީގެ އޮފިޝަލް ފޮޓޯގްރާފަރު. --

މިހާރު ތިން ފަރާތެއްގެ އޮފިޝަލް ފޮޓޯގްރާފަރަކަށް އުޅުނަސް އެންމެ ފުރަތަމަ ވަޒީފާއަކަށް ކުރިމަތިލީމާ ލިބުނު ޖަވާބަކީ "ލޭ އަޅަމުން މިތަނަކަށް ނާދެވޭނެ" ކަމަށެވެ. އެ ޖަވާބުން އަދާ މާޔޫސްކޮށްލި އެވެ.

"އޭގެ ފަހުން އެއްވެސް ތަނަކަށް އެޕްލައިއެއް ނުކުރަން. ދެވަނަ ފަހަރަށް އެހެން މީހަކު އެހެން ބުނާ އަޑު އަހަން ބޭނުމެއް ނޫން. ވަރަށް ދެރަވި އެހެން ކިޔާފަ ޖޮބް ނުދިނީމަ."

އެއާޕޯޓުގައި ވަޒީފާ އަދާކުރަން ދެކެމުން ދިޔަ ހުވަފެނުގައި ކުލަ ޖައްސާނެ ހިތްވަރު މަރުވީ އެވެ.

އަދޫ ބަރިސްތާއަށް ނަގައިދީފައިވާ ފޮޓޯއެއް. --

ދެން ތިމަންނަ އަށް ކުރެވޭނީ ކީއްހޭ ހިތަށް އަރުވާ ވިސްނަމުން ދަނިކޮށް ދެބެއިންގެ ދެދަރި ކުއްޖަކު ގެންގުޅުނު ކެމެރާއެއް ފެނި، އަދޫގެ ހަޔާތުގެ މަންޒަރުތައް ކުރަހަން ފެށީ އެވެ.

"އޭގެކުރިން ލެބޯޓްރީ ޓެކްނީޝަން ހަދަން ފެށިން. އެކަމަކު އެ ކޯސް ވެސް ވަކި ހިސާބަކުން ހުއްޓުނީ."

އިރުއޮއްސޭ މަންޒަރާއި މަގުމައްޗާއި ފެންނަ ކޮންމެ އެއްޗެއް ފޮޓޯ ނަގަމުން ދަނިކޮށް ފޮޓޯގްރަފީ ކިޔެވުމުގެ ހިޔާލު ވެސް އައިސް ވަށާލީ އެވެ. އޭރު ނަގަމުން ދިޔަ ފޮޓޯތައް ރައްޓެހިންނާއި ގާތް މީހުންނަށް ކަމުގޮސް އެމީހުންގެ ފަރާތުން ލިބުނު ލޯބިން އާދަޔާ ހިލާފު ޖޯޝެއް އުފެދުނީ އެވެ.

އަދޫ: ބޮޑަށް ނަގާހިތްވަނީ އިންޑޯ ފޮޓޯ. --

އެހެންވެ ދެން ގޮސް ބައިވެރިވީ އޮންލައިންކޮށް ފޮޓޯގްރަފީ ކިޔަވައިދޭ ކޯހެއްގަ އެވެ. ހަމަނޭވާއެއް ލީ ޑިޕްލޮމާ ސެޓްފިކެޓް ހޯދާފަ އެވެ. ކެމެރާ އާއި ލެންސުތައް ވެސް އަދޫ ބޭނުންކުރަން ދީފައި ހުރުމުން އެންމެ ފުރަތަމަ ވެސް އަދޫ ނުކުތީ ފޮޓޯގްރްފާރެއްގެ ނަމުގަ އެވެ. މިހާރު އޭގެފަހުން ގާތްގަނޑަކަށް ތިން އަހަރުވީ އެވެ.

"އެހެން ފޮޓޯ ނަގަން އުޅެނިކޮށް ޝަލަބީއާ ވެސް ދިމާވީ. އެއީ މީގެ ދެ އަހަރު ކުރިން ތެލަސީމިއާ ސެންޓަރުގައި އޮތް އިވެންޓެއްގެ ފޮޓޯ ނަގަން އުޅެނިކޮށް. އެ ދުވަހު ނެގި ފޮޓޯތައް ފޭސްބުކަށް އަޕްލޯޑުކުރީމަ ޝަލަބީ އެޕްރޯޗްކުރީ."

"މާލޭގައި އޮންނަ ޝޯތަކާއި ހުރިހާ އިވެންޓަކަށް ދަން މިހާރު. އެގޮތަށް އުޅެނިކޮށް ހައުސް އޮފް މިއުޒިކާއި ބަރިސްތާ އިން ވެސް ލިބުނީ ފޮޓޯ ނަގަން."

އަދޫގެ ފޮޓޯއެއް: އަދޫ އަކީ މިހާރު ތިން ފަރާތެއްގެ އޮފިޝަލް ފޮޓޯގްރާފަރު. --

މިހާރު ވެސް ފުދޭވަރަކަށް ފޮޓޯ ޝޫޓުތައް އަދޫ އަށް ލިބެ އެވެ. އެކަމަކު އިންޑޯ ފޮޓޯ ޝޫޓެއް ނޫނީ އަދޫ ނުނަގަ އެވެ. ބޭރަށް ނުކުމެ އައުޓް ޑޯ ޝޫޓުތައް ނަގަން މާބޮޑު ޝައުގުވެރިކަމެއް ނުހުންނާތީ އެވެ.

"ބޭރުތެރެއަށް ނުކުމެ އެހާ އުޅޭހިތެއް ނުވޭ. ބޭރަށް ދާން ފެށީ ވަރަށް ފަހުން. ރަށުގަ އުޅޭ އިރު ވެސް ބަންދު ދުވަހެއްގަ ދަތުރެއް ކަހަލަ ތަނަކަށް ދާން ރައްޓެހިން ބުނިއްޔާ ދާނީ."

މަންމަ އާއި ބައްޕަ އަދި ދައްތަ އަކާއި އަންހެން ކޮއްކޮއެއް ހުންނަ އަދޫގެ އާއިލާގައި އަދޫ އަކީ އާއިލާގައި ތަފާތުވީ ލޭ އަޅަންޖެހޭ ކުއްޖަކަށް ވުމުން ކަމަށް ވިޔަސް މިހާރު އޭނާ ތަފާތު ދައްކަނީ ހުނަރުންނެވެ. އުމުރުން ދެ އަހަރުން ފެށިގެން ލޭ އަޅަމުން އަންނައިރު 2006 ވަނަ އަހަރާ ހަމައަށް، އުފަން ރަށް ހއ. އުލިގަމުން ލޭ ނޭޅޭތީ އޭރު އުޅެންޖެހުނީ ވަރަށް ހާލުގަ އެވެ.

View this post on Instagram

Coffee + music @shalabeeibrahim @raalhumariyambu What else do you need? (Eid celebration) Location: Barista henveyru outlet

A post shared by Adhuham Mohamed (@adhoo.mv) on

"އޭގެކުރިން ކޮންމެ ފަހަރަކު ދަނީ ލޭ އަޅަން ވީމަ ކުޅުދުއްފުއްޓަށް ނޫނީ ދިއްދު އަށް ނޫނީ ހޯރަފުއްޓަށް. އޭރު ވެސް ކޮންމެ ދެ ހަފުތާއަކުން ލޭ އަޅަން ޖެހޭނެ،" އެންމެ ކުޑައިރު ތަހަންމަލްކުރަން ޖެހުނު ކަންތައް އޭނާ ކިޔައިދިނެވެ.

ފަހުން ރަށުގައި ލޭ އެޅޭނެ އިންތިޒާމު ހަމަޖެހުނަސް ބައެއް ކަންކަމުގައި އުނދަގޫތައް ހުރުމުން ސްކޫލް ނިންމާފައި އަދޫ އައީ މާލެއަށެވެ. އަދޫ ކިޔައިދިން ގޮތުގައި ތެލަސީމިއާ ކުދިންނާ މެދު މުޖުތަމައުން ދެކެމުން ދިޔަ ގޮތުގެ ސަބަބުން ވެސް ވަރަށް ބޮޑެތި އުނދަގޫތައް އުފުލަން ޖެހުނެވެ. މިސާލެއްގެ ގޮތުން ބުނީ، ކޮންމެ ދުވަހަކު ގުޅަންޖެހޭ ޑެސްފަރޯލްގެ ވާހަކަ އެވެ. އޭރު ޑެސްފަރޯލް ގުޅައިގެން ބޭރަށް ނުކުމެ އުޅުމަކީ މީހުންގެ ބެލުންތަކާއި ސުވާލުތަކާ ހެދި ކުޅަދާނަ ކަމަކަށް ނުވެ އެވެ. އެކަން ނިމުމަކަށް އައީ އަދޫ ބުނި ގޮތުން ނަމަ 2017 ހިސާބުގަ އެވެ. އެ އަހަރު ހިންގި ހޭލުންތެރި ކުރުމުގެ ކޭމްޕަކާއެކު އާންމުން ވެސް ވަނީ ވަރަށް ބޮޑަށް ހޭލުންތެރިކުރުވާފަ އެވެ.

"ކުރިން ނުކެރޭ ނުކުންނާކަށް. ގޭގައި އުޅޭނީ ގަޑި ހަމަވަންދެން. ނޫނީ ރޭގަނޑު ގުޅާނީ. އެކަމަކު މިހާރު އުޅެން. އޭރު ވާގޮތަކީ މީހަކަށް ފެނިގެން ސުވާލުކޮށް ހަދާފާނެތީ ބޭނުންވެސް ނުވޭ. މީހުން ބައެއް ފަހަރު ސުވާލުކުރޭ މިހާރު ވެސް. އެކަމަކު މިހާރު އެއްވެސް އެއްޗެއް ހިތަކަށް ނާރާ."

އަދޫގެ ފޮޓޯއެއް: ފޮޓޯނެގުމަކީ މިހާރު އޭނާގެ ދިރިއުުޅުމުގެ އެއްބައި. --

ފޮޓޯގްރަފީ ކެރިއަރާއި ހިތްހަމަޖެހޭ ވަޒީފާއަކާ އެކު އަދޫގެ ދިރިއުޅުން މިހާރު ވަރަށް އުފާވެރި ކަމަށް އަދޫ ބުންޏެވެ. އެހެންވެ، ތެލަސީމިއާ ބަލި ރަނގަޅުކުރެވޭ ހަމައެކަނި ފަރުވާ ކަމަށްވާ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން އިތުރު ފުރުސަތެއް ހޯދާކަށް އަދޫ މަސައްކަތެއް ނުކުރެ އެވެ.

"ކުރިން ލިބުނު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފުރުސަތު. އެފަހަރު ޓެސްޓްކޮށްގެން މަންމަ އާއި މެޗުވީ 75 ޕަސަންޓު. އެވަރުން ޓްރާންސްޕްލާންޓު ނުހެދޭނޭ އެ މީހުން ބުނީ. ފަހުން ޓްރައިއެއްވެސް ނުކުރަން."

އަދޫ އަށް ލިބޭ ހިތްވަރަކީ އެތައް ބައެއްގެ ލޯތްބެވެ. އޭނާގެ ސިއްހީ ހާލަތު އެނގި، އޭނާ އަށް ކުރިއަށް ދާން މަގު ދައްކައި، އޭނާގެ ހުނަރު ސާބިތުކޮށްދޭން ފުރުސަތު ފަހިކޮށްދިނީ އެ ލޯތްބެވެ.

ފޮޓޯގްރަފީ ތެލެސީމިއާ ޝަލަބީ އިބްރާހިމް

Popular